މުޖުތަމައުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީގޮތުން އަސަރުކުރުވާފަދަ ހިތާމަވެރި ހާދިސާތަކާއިމެދު ކަންބޮޑުވާކަމަށާއި މި ދަނޑިވަޅުގައި އެކަކު އަނެކަކަށް ހަމްދަރުދީއާއި ޒިންމާދާރުކަމާއި އޯގާތެރިކަމާއެކު މުއާމަލާތް ކުރުމަށް ހެލްތް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.
" ކޮންމެ އިންސާނެއްގެ ފުރާނައަކީ މަތިވެރި އަގުހުރި އަމާނާތެއް. ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކަށްވެސް އުފަލާއި ހިތާމައިގެ ވަގުތުތަކާއި ކުރިމަތިލާންޖެހޭ. މީސްމީޑިއާގައި ފަތުރާ ވާހަކަތަކާއި ހިއްސާކުރާ މައުލޫމާތުތަކަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ފޫނުބެއްދޭފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަންކަން. މިފަދަ ނާޒުކު ވަގުތުތަކުގައި ހަގީގަތާއި ޚިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ނުވަތަ ކަށަވަރުނުވާ މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އާންމުންނަށާއި މީޑިއާތަކަށް އިލްތިމާސްކުރަން. އޭގެ ބަދަލުގައި އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރު ދިނުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މެސެޖުތައް އިސްކުރައްވާ" މިނިސްޓްރީއިން ނެރުނު ބަޔާނުގައިވެއެވެ.
އެކަކު އަނެކެއްގެ ހާލުބަލައި އެއްވެސް ތަފާތުކުރުމެއް ނެތި އަޅާލުމަށް ވަނީ ބާރުއަޅައިފައެވެ. އަދި އަނެކާގެ ވާހަކަ ކަނުލާ އަޑުއަހާލުމަކީ ނުވަތަ ދެވޭ ކުޑަ އޯގާތެރިކަމަކީވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ހަގީގަތެއް ނެތް ވާހަކަތަކުގެ ބަދަލުގައި ހަމްދަރުދީ އިސްކޮށް ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން، އަދި ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު ކުރިއަށް ނެރުމަށް ވަނީ މިނިސްޓްރީއިން އެދިފައެވެ. ނަފްސާނީގޮތުން ދަތި އުނދަގޫ ހާލަތެއް ތަހައްމަލު ކުރަމުންދާ ފަރާތެއްނަމަ އެކަނިވެރިއެއް ނޫންކަން ގަބޫލުކޮށް ލަސްނުކޮށް އެހީތެރިކަން ހޯދުމަށް ވަނީ އެދިފައެވެ.
އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ބިނާކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.













