ޒަމާނީ ވަސީލަތްތަކާއެކު ސާފުތާހިރުވުމުގެ ނަމުގައި ބައެއްފަހަރު ދީނީ އިންތަކުން ބޭރުވާތަން އެބަފެނެއެވެ. އޭގެތެރެއިން އެންމެ ނުރައްކާތެރި އެއްކަމަކީ، ސެލޫންތަކަށް ގޮސް "ވެކްސް" ކުރުމަށް ނުވަތަ "ލޭޒާ ޓްރީޓްމެންޓް" ހެދުމަށްޓަކައި ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމެވެ. މިއީ ދީނީ ގޮތުން ހުއްދަކަމެއް ނޫނެވެ. ސިއްހީ ފަރުވާއެއްފަދަ ޒަރޫރީ ހާލަތެއްގައި މެނުވީ މިކަން ހުއްދައެއް ނުވާނެއެވެ. ރީތިކަމާއި ސާފުތާހިރުކަން ހޯދަންވާނީ ހަރާމް މަގުތަކުން އެއްކިބާވެތިބެއެވެ.
ސާފުތާހިރުކަމަށް ބާރުއަޅައި ޚުޠުބާގައި އިތުރަށް ފާހަގަކޮށްފައިވެއެވެ. މިސްކިތްތަކަކީ މަލާއިކަތުން ހާޟިރުވާ ތަންތަނެވެ. އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވެއެވެ. ވީމާ ތިމާގެ ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވާށެވެ. ދުންފަތުގެ އިސްތިއުމާލު ކޮށްގެން ނުވަތަ ގައިން ދާވަސް ދުވާ ހާލުގައި ނުވަތަ އަނގައިން ނުބައިވަސް ދުވާ ހާލުގައި މިސްކިތުގެ ޖަމާއަތަށާއި މީސްތަކުން އެއްވެ ތިބޭ ތަންތަނަށް ދާއިރު އެ ވަސްތައް ކަނޑުވައިގެން މެނުވީ އެފަދަ ތަންތަނަށް ނުދާށެވެ. އެއީ އެހެން މީހުންނަށް ކުރެވޭ އުނދަގުލެކެވެ.
މިއަދުގެ މުޖުތަމައުން ފެންނަ ހިތާމަވެރި ބައެއް މަންޒަރުތަކަށް ބަލައިލާއިރު ބައެއްފަހަރަށް ނޭނގުމުގެ ތެރެއިން ނަމަވެސް ހެދުން އެޅުމުގައި ބޮޑެތި ކުށްތަކަށް އަރައިގަނެވެއެވެ. ބުރުގާ އެޅުމުގެ އަސްލު މަގުސަދަކީ ޢައުރަ ނިވައިކުރުމެވެ. ޢިއްފަތްތެރިވެ އަބުރުވެރިވުމެވެ. ބުރުގާއަޅައިގެން ތިބޭއިރު ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި ބޮލުގައި ފޮތިކޮޅެއް އޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ހިޖާބުގެ މަޤުސަދު ގެއްލޭކަމެކެވެ. އަދި ހަށިގަނޑުގެ ވަނާތައް އެނގޭގޮތަށް ގަޔަށް ބާރު ހެދުންލައި ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެކެވެ.
ހަމައެފަދައިން ފިރިހެނުންނަށްވެސް ހަނދާންކޮށްދެމެވެ. ކުޅިވަރުގެ މައިދާނުގައިވިޔަސް އަދި އެހެން ތަނެއްގައިވިޔަސް ޢައުރަ ހާމަނުކުރާށެވެ. ޢައުރަ ނިވައިނުވާވަރުގެ ފޭރާން ލައިގެން އުޅުމަކީ މުސްލިމުންގެ ކަމެއް ނޫނެވެ. ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރާއިރު ޢައުރަ ކަޝްފުވާފަދަ ހެދުން އެޅުމަކީ ނަމާދު ބާޠިލުވާނޭކަމެކެވެ.
ޒީނަތްތެރިވުމުގެ ނަމުގައި މާތްﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިތާނާގެ މަޅިތަކުގެތެރެއިން މަޅިއެކެވެ. މިގޮތުން ޓެޓޫޖެހުމާއި ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި ބުމަ ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަންކުރުމަކީ ﷲގެ ލައުނަތް ހުރި ކަންކަމެވެ.
މައުލޫމާތު: ހުކުރު ޚުޠުބާ













