May 29, 2026 19:59
Advertisement

-Advertisement-

މުދަލަކީ އަމާނާތެއް، ލިބިފައިވާ މުދަލުގައި ބޭނުންޖެހިފައިވާ މީހުންގެ ޙައްޤުތައް ވާކަން ދަންނާށެވެ!

ދުނިޔޭގައި މާތްﷲ ލައްވައިފައިވާހައި ތަކެއްޗަކީ އެކަލާނގެ ރަހުމަތްފުޅުން އަހަރެމެންގެ ޚިދުމަތުގައި ލައްވައިފައިވާ ތަކެއްޗެވެ. ބިމުގައި ލައްވައިފައިވާ ތަކެތީގެ ތެރެއިން މުދަލަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ވަރަށް ބޮޑު ނިޢުމަތެކެވެ. މުދަލަކީ އަހަރެމެންނަށްޓަކައި ލައްވައިފައިވާ ތަކެތި ކަމުގައިވިޔަސް އޭގެ ހަޤީޤީ މިލްކުވެރި ފަރާތަކީ މާތް ﷲ އެވެ. އެއީ އަހަރެމެން އިމްތިހާނު ކުރެއްވުމަށްޓަކައި އަހަރެމެންނާއި ހަވާލުކުރައްވާފައިވާ އަމާނާތެކެވެ.

މުދަލަކީ އަހަރެމެންނާއި ހަވާލުކުރައްވާފައިވާ އަމާނާތަކަށް ވީތީ އެ މުދާ ހޯދުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރަންވާނެއެވެ. ހަމައެހެންމެ އެމުދާ ލިބުމަށްފަހު އެ މުދާ ހޭދަކުރުމުގައި ވެސް ޝަރުޢީ މިންގަނޑުތަކަށް ރައްކާތެރިވާންޖެހޭނެ އެވެ. މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތުދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތުކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަންކަމެވެ. މުދާ ލިބުމަށްފަހު މުދަލަށް ގެއްލުންދިނުމާއި، މުދާ ހަލާކުކުރުމާއި، ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީވެސް ހުއްދަ ކަންކަމެއް ނޫނެވެ.

މުދާ ހޯދުމަށްފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެއެވެ. ހަމައެހެންމެ ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވާންޖެހޭނެއެވެ. ބޭނުންވާ ވަރަށްވުރެ އިތުރަށް ގަންނަ މުދާ، ބޭނުންނުކޮށް ހުރެ މުއްދަތުހަމަވެ އުކައިލާންޖެހެނީ ކިތައް ފަހަރުތޯއެވެ. މިފަދަ ކަންކަމާއިމެދު ވިސްނައި، އަހަރެމެންގެ އަމަލުތައް މާތް ﷲގެ އަމުރުފުޅުތަކާއި އެއްގޮތަށް ސީދާކުރާށެވެ. މުދަލަކީ އަހަރެމެންނާއި ހަވާލުކުރެވިފައިވާ އަމާނާތަކަށްވީހިނދު އޭގައި އެހެން މީހުންގެ ޙައްޤުތަކެއްވެސް ﷲ ސުބުހާނަހޫ ވަތަޢާލާ ލައްވައިފައިވެއެވެ. ތިމާއަށް ދެއްވައިފައިވާ މުދަލުގައި، ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ޙައްޤުތައް ވާކަން ދަންނާށެވެ! އެ ޙައްޤުތަކުން އެބައިމީހުން މަޙުރޫމުކޮށްގެން ނުވާނެއެވެ. އަހަރެމެންނަށް ދެއްވާފައިވާ ނިޢުމަތްތަކާއިމެދު ޤިޔާމަތް ދުވަހުން ސުވާލުކުރެއްވޭނެއެވެ.

Advertisement

އިސްރާފު ކުރުމަކީ ހުއްދަ ކަންކަމުގައި ބޭނުންވާ މިންވަރަށްވުރެ އިތުރަށް ޚަރަދު ކުރުމެވެ. އަދި މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންކަމުގައި ހޭދަކުރުން ހުއްދަވެގެންނެއް ނުވެއެވެ. އިސްރާފު ކުރުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެކެވެ.

ދިރިއުޅުމުގެ ކަންތައްތަކާއި އާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤްތިސާދީ ވިސްނުމަކުން ވިސްނާން ޖެހެއެވެ. އަތްމަތި ދަތިވުމުގެ ސަބަބުތަކުގެތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނެއެވެ. ދަރަނި ނަގައިގެން ޚަރަދުކުރާންޖެހޭ ހާލަތެއް މެދުވެރިނުވަނީސް ދަރަނި ނެގުންފަދަ ނުރަނގަޅު އާދަތަކާ ދުރުވާންޖެހެއެވެ.

އިޤުތިސާދުކުރުމާ މެދު ފުންކޮށް ވިސްނާންޖެހެއެވެ. ލިބޭ އެއްޗަކުން އާއިލާގެ ކަންކަން ހަމަޖައްސާނަމަ އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ މުޅި އާއިލާއަށް އުފާވެރިކަން ގެނެސްދޭނެއެވެ. އެހެންކަމުން ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށް ނުލައި އެއިން ބައެއް ފަހަށް ރައްކާކުރާށެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް