May 7, 2024 00:09
Advertisement

-Advertisement-

ދިވެހިބަހާއިމެދު ފަޚުރުވެރިވާނެ ޖީލެއް ބިނާކުރުމުގެ މަސައްކަތް އުގެއިލް ފައުންޑޭޝަނުން ފެށުން!

ތަފާތު އެކި ދާއިރާތަކުގެ ތަމްރީން ޕްރޮގްރާމްތައް ހިންގަމުންދާ އުގެއިލް ފައުންޑޭޝަނުން މިފަހަރު ފެށުމަށް ހަމަޖެހިފައިވަނީ ދިވެހި ދަރިވަރުންނަށް ވަރަށް މުހިންމު ތަމްރީން ޕްރޮގްރާމެކެވެ. ސްކޫލުތަކުގަ ތަޢުލީމް ހާސިލުކުރާ ދަރިވަރުންގެ ތެރެއިން ބައެއް ކުދިންނަށް ދިވެހި މާއްދާއިން ދަށުން ނަތީޖާ ލިބޭ ވާހަކައަކީ ފަހަކަށް އައިސް ބެލެނިވެރިން ފާހަގަކުރާ ކަންބޮޑުވުމެކެވެ. އެފަދަ ކުދިންނަށް ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު އެހީތެރިކަން ބޭނުންވެއެވެ.

'ދިވެހި ދަސްކުރަމާ' ގެ ނަމުގައި ކުރިއަށް ގެންދާ ކޯހަކީ 7 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ކޯހެކެވެ. ޕްރޮފެސަރ ޑރ. ހަސަން އުގެއިލް ވިދާޅުވިގޮތުގައި މިއީ ކުޑަކުދިން ދިވެހިބަހަށް އަހުލުވެރިކުރުވައި، ބަހަށް ލޯބި ޖެއްސުމުގެ މަގުޞަދުގައި ކުރިއަށްގެންދާ ކޯހެކެވެ.

އުގެއިލް ފައުންޑޭޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެތެރެއިން

" މިއީ ދިވެހިބަހަށް ދަރިވަރުންދޭ ސަމާލުކަން އިތުރުކޮށް ބަހާމެދު ފަޚުރުވެރިވާފަދަ ޖީލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް. މިކޯހުގައި ދަރިވަރުންނަށް އަޑުއެހުމާއި ވާހަކަދެއްކުން، ކިޔުމާއި ބެލުން، އަދި ބައްޓަންކުރުމާއި ލިޔުންތެރިކަން ފަދަ މުހިންމު އުކުޅުތައް ދަސްކޮށްދެވޭނެ. މީގެ ތެރެއިން އުމުރާއި ގުޅޭތަކެތި ކިޔުމާއި ބަލައި، އެތަކެތި ދޭހަވާކަން ދައްކައިދިނުމާއި، ކިޔުމާއި ބެލުމުގެ ހުނަރާއި އުސޫލުތައް ބޭނުންކުރުމާއި، ބަހުގެ ގަވާއިދުގެ ތެރެއިން ތާނައިގެ އަކުރުތަކާއި ފިލިތައް ދެނެގަނެ، ތިމާގެ އަމިއްލަ ތަޖުރިބާއާއި ހިޔާލާއި އިހުސާސްތައް ހިމެނޭ ލިޔުންތައް ލިޔުމާއި، ކުރެހުމުން ހިޔާލު ފާޅުކުރުމަށް ބާރުއެޅުމުގެ އިތުރުން އަކުރާއި ފިލި ލިޔަންވާ ބައްޓަމާއި ހަމަތަކާއި އުސޫލުތައް ދަސްކޮށްދިނުން ހިމެނޭ". އުގެއިލް ފައުންޑޭޝަނުން މައުލޫމާތު ދިނެވެ.

Advertisement

ދިވެހި ދަސްކުރަމާ ކޯހުގައި ކިޔަވައިދެއްވާނީ އަހްމަދު ޝަކީބު (ޝަކީބްބެ) އަދި މީސަމް މުސްތަފާ އެވެ. 6 މަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގައެވެ. ފީއެއްގެ ގޮތުގައި މަހަކު 500 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް ކޮންމެ ހޯމަ ދުވަހެއްގެ އިރުއޮއްސި 6:30 އިން 7:00 އަށެވެ. 30 މިނިޓަށް ކުލާސްތައް ކުރިއަށްގެންދިޔަ ކަމުގައިވިއަސް ބައިވެރިވާ ކުދިން ކޮންމެ ހަފްތާއަކު އެއްފަހަރު އޮންލައިންކޮށް ހުށަހަޅަންޖެހޭ މަސައްކަތް ހަވާލުކުރެވޭނެއެވެ. އަދި އެމަސައްކަތްތައް ބެލުމަށްފަހު ރަނގަޅުކުރަންޖެހޭ ކަންތައްތައް ވަކިވަކިން ދަރިވަރުންނަށް ކިޔައިދެވޭނެއެވެ.

އުގެއިލް ފައުންޑޭޝަންގެ މަގުސަދަކީ ދިވެހި މާއްދާއަށް ފޫހިވާ ދަރިވަރުން އެ މާއްދާ ޝައުގުވެރިކަމާއެކު ދަސްކުރާނެ ގޮތެއް ހޯދައިދިނުމެވެ. އަދި ދިވެހިބަސް ކުރިއަރުވައި އަންނަން އޮތް ޖީލަށް މިބަސް ގެންގޮސްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވަނީ މައުލޫމާތުދީފައެވެ.

ރެޖިސްޓްރޭޝަން ފޯމް ލިންކް

+1
0
+1
0
+1
3
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް