May 20, 2024 19:03
Advertisement

-Advertisement-

އެންމެ ދުވަސްވީ މިސްކިތްތައް: އިސްލާމީ ހަޟާރަތުގެ މުއްސަނދިކަން ހާމަވޭ

ދުނިޔޭގެ އެންމެ ދުވަސްވީ މިސްކިތްތަކަށް ބަލާލުމުން އިސްލާމީ ހަޟާރަތުގެ މުއްސަނދިކަން ހާމަވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިނާކޮށްފައިވާ އެ މިސްކިތްތަކަކީ އިސްލާމީ އުންމަތުގެ ޒަމާންވީ ވަރުގަދަ ތަނބުތަކެވެ. މި ލިޔުމުގައި މި ހިމަނާލަނީ ދުނިޔޭގެ އެންމެ ދުވަސްވީ 10 މިސްކިތެވެ. 

1. މަސްޖިދް އަލް ހަރަމް

ދުނިޔޭގެ އެންމެ ދުވަސްވީ މިސްކިތަކީ މައްކާގައި ހުންނަ މަސްޖިދް އަލް ހަރަމް އެވެ. މުސްލިމުންގެ އެންމެ މުގައްދަސް ބިނާތަކުގެ ލިސްޓުން އެއްވަނައިގައިވާ ކައުބާއެވެ. މިއީ ދުނިޔޭގައި އެންމެ ފުރަތަމަ ބިނާ ކުރެވުނު މިފަދަ މިސްކިތެވެ.

Advertisement

ދުނިޔޭގެ ހުރިހާ ގައުމެއްގެ މުސްލިމުން ދުވާލަކު 5 ފަހަރު ނަމާދު ގާއިމު ކުރުމަށް ކުރިމަތިލާ މުސްލިމުންގެ ޤިބްލައެވެ. މިއީ އަޅުކަން ކުރުމަށް ދުނިޔޭގައި ބިނާ ކުރެވުނު މިފަދަ ފުރަތަމަ އަޅުކަމުގެ ގޮވައްޗެވެ.    

2. އަލް މަސްޖިދް އައް ނަބަވީ 

ދުނިޔޭގެ ދެވަނަ އަށް އެންމެ ދުވަސްވީ މިސްކިތަކީ އަލްމަސްޖިދު އައް ނަބަވީ އެވެ. ސައުދީއަރަބިއްޔާގެ މަދީނާގައި ހުންނަ މި މިސްކިތަކީ ކީރިތި ރަސޫލާ މުހައްދު (ﷺ) މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު އެންމެ ފުރަތަމަ ބިނާކުރެއްވި މިސްކިތެވެ. މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު އެކަލޭގެފާނު ބިނާކުރެއްވި މި މިސްކިތަކީ މުސްލިމުންގެ ދެވަނައަށް އެންމެ މުގައްދަސް ބިނާއެވެ. މިއީ 1400 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިސްކިތެކެވެ. އެކި ފަހަރު މަތިން މަރާމާތުތައް ކުރެވިފައިވާ އައް ނަބަވީ އަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. 

3. މަސްޖިދް އަލް އަގްސާ

ދުނިޔޭގެ އެންމެ ދުވަސްވީ މިސްކިތްތަކުގެ ލިސްޓުގެ ތިން ވަނައިގައި ހިމެނެނީ އަލް އަގްސާ އެވެ. ފަލަސްތީނުގެ ޖެރުއްސަލާމްގައި ހުންނަ އަގްސާ މިސްކިތަކީ 750 ވަނަ އަހަރުގެ ވަރަށް މުހިންމު ބިނާއެކެވެ. މިއީ އިސްލާމުންގެ ތިންވައަށް އެންމެ މުގައްދަސް ބިނާއެވެ. އެ މިސްކިތުގައި ކުރާ އެންމެ ނަމާދެއްވެސް 1000 ނަމާދާއި އެއްފަދަ ކަމަށް އަބޫހުރައިރާ ރިވާކުރެއްވި ހަދީޘް އެއްގައިވެއެވެ. މި މިސްކިތަކީ މިއުރާޖްގެ ރޭގައި ރަސޫލާ މުހައްދު (ﷺ) ނަމާދުކުރެއްވި މިސްކިތެވެ. ކުރިން މުސްލިމުންގެ ގިބްލައެއް ކަމުގައިވެސް އެމިސްކިތް ކަނޑައެޅިއެވެ. އަލް އަގްސާއަކީ އެތައް ބިންހެލުންތަކާއި ހަނގުރާމަތަކަށްފަހުވެސް ރައްކާތެރިކުރައްވާފައިވާ މާތް ބިނާއެކެވެ. ނަމަވެސް މި މިސްކިތަށް ޔަހޫދީން އަތްގަދަކޮށް މިސްކިތް ބަންދުކުރުމާއި މިސްކިތައް ހަމަލާދިނުން ފަދަ ކަންކަން ކުރުން މިވަނީ އާންމުވެފައެވެ. 

4. ދަ ގްރޭޓް މޮސްކް އޮފް ސަންއާ

ދަ ގްރޭޓް މޮސްކް އޮފް ސަން އާ އަކީ ޔަމަނުގެ ސަންއާގައި ހުންނަ މިސްކިތެކެވެ. މިއީ 7-8 ވަނަ ގަރުނުގެތެރޭގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ. ވަރަަށް ރީތި ޑިޒައިންތަކާއި ކުރެހުންތައް ހިމެނޭ މި މިސްކިތަކީ ޔުނެސްކޯއިން ހިމާޔަތްކޮށްފައިވާ އާސާރީ ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ މިސްކިތެވެ. 

5. އުޤުބާ މިސްކިތް

އުޤުބާ މިސްކިތަކީ ޓިއުނީޝިއާގައި ހުންނަ މިސްކިތެކެވެ. އެ މިސްކިތް ހުންނަނީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ޓައުން ހުންނަ ސިޓީގައެވެ. އެމިސްކިތަކީ އަރަބި ޖެނެރަލެއްކަމުގައިވާ އުޤުބާ އިބުނު ނާފީ 670 ގައި ބިނާކުރެއްވި މިސްކިތެކެވެ. ޓިއުނީޝިއާގައި މަދަރުސާތަކާއި ޔުނިވާސިޓީތައް ބިނާކުރުމުގެ ކުރިން އިސްލާމްދީނާ ސައިންސްގެ އިލްމު އުގަންނައި ދިން ސެންޓަރެއްގެ ގޮތުގައިވެސް އެ މިސްކިތް ބޭނުން ކުރިއެވެ.  

6. އުމައްޔަދު މިސްކިތް

މިއީ ސީރިޔާގައި ހުންނަ މިސްކިތެކެވެ. އުމައްޔަދު މިސްކިތަށް ’ދަ ގްރޭޑް މޮސްކް އޮފް ދަމަސްކަސް‘ ވެސް ކިޔައެވެ. މިއީ ސިރިޔާގެ ދިމިޝްޤުގައި 634 ގައި ބިނާ ކުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ. އެތައް ދަރިކޮޅުތަކަކަށްފަހު މިއަދުވެސް ފެންނަން ހުރި އެ ރީތި މިސްކިތަކީ ސީރިއާއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި އެންމެ މަގްބޫލު ތާރީހީ ބިނާއެވެ. އެގައުމުގައި އެންމެ ގިނަ މީހުން އެތަނެއް ބަލާލުމަށް ޒިޔާރަތްކުރާ ތަނަކީ އުމައްޔަދު މިސްކިތެވެ. މިއީ އެންމެ ފުރަތަމަ އިމާރާތްކުރި މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑެތި މިސްކިތްތަކުގެ ތެރޭގައިވެސް ހިމެނޭ މިސްކިތެކެވެ. 

7. ޤުބާ މިސްކިތް

ހަތްވަނައަށް އެންމެ ދުވަސްވީ މިސްކިތަކީ މަދީނާގައި ހުންނަ ޤުބާ މިސްކިތެވެ. މި މިސްކިތް ބިނާކުރެއްވީ 622 ވަނަ އަހަރުއެވެ. މައްކާއިން މަދީނާއަށް ކީރިތި ރަސޫލާ މުހައްދު (ﷺ) ހިޖުރަކުރެއްވުމަށްފަހު ބިނާކުރެއްވި މި މިސްކިތް  އިމާރާތް ކުރެއްވުމަށް އެންމެ ފުރަތަމަ ގާކޮޅު ބޭންދެވީވެސް ރަސޫލާ (ﷺ) އަމިއްލަފުޅަށެވެ. ސަހީހް ބުހާރީ ރިވާކުރެއްވި ހަދީޘްއެއްގައި ވެއެވެ. ހޮނިހިރު ދުވަހު ކީރިތި ރަސޫލާ (ﷺ) ހިންގަވާފައި ނުވަތަ ސަވާރީ ކޮޅުގައި ވަޑައިގެން ޤުބާ މިސްކިތުގައި ދެރަކްއަތް ނަމާދެއް ކުރައްވައެވެ. 

8. ކިލަކަރައި ޖުމްއަ މަސްޖިދް 

'ދަ އޯލްޑް ޖުމްއަ މަސްޖިދް އޮފް ކިލަކަރައި' އަކީ އިންޑިއާގެ ޓެމިލްނާޑޫގައި ހުންނަ ދުވަސްވީ މިސްކިތެކެވެ. ދުނިޔޭގެ އަށްވަނައަށް އެންމެ ދުވަސްވީ މިސްކިތެވެ. އެ މިސްކިތަކީ ރަސޫލު ޒަމާނުގައި ޔަމަނުގެ އެމްޕެރާ އިސްލާމްދީން ޤަބޫލުފުޅު ކުރެއްވުމަށްފަހު ޔަމަނުގެ ވިޔަފާރިވެރިންނަށް އަމުރު ކުރައްވައިގެން 628 ވަނަ އަހަރު ބިނާކުރެއްވި މިސްކިތެކެވެ. އެއީ އިންޑިއާގައި އުޅުނު ޕާންޑިޔާ ދަރިކޮޅުގެ މީހުންގެ ޒަމާނުގައެވެ. އަދި 11 ވަނަ ގަރުނުގައި އެމިސްކިތް ވަނީ ދެވަނަ ފަހަރަށް އިމާރާތް ކޮށްފައެވެ.

9. ދަ ގްރޭޓް މޮސްކް އޮފް ކޫފާ

އިރާޤްގެ ކޫފާގައި ހުންނަ މި މިސްކިތަކީ 670 (އޭޑީ) ގައި ބިނާކުރެވިފައިވާ މިސްކިތެކެވެ. މިއީ ޝީއާ މުސްލިމުންގެ މެދުގައި ވަރަށް މަޝްހޫރު މިސްކިތެކެވެ. 

10. ދަ ގްރޭޓް މޮސްކް އޮފް ޝިއަން

މިއީ ޗައިނާގައި ހުންނަ މިސްކިތެކެވެ. އެހެން މިސްކިތްތަކާއި ވަރަށް ތަފާތު ޑިޒައިނަކަށް ހަދާފައި ހުންނަ މި މިސްކިތަކީ ޗައިނާގައި ހުރި އެންމެ ދުވަސްވީ މިސްކިތެވެ. މިތަން އިމާރާތްކޮށް ނިންމާލެވުނީ 742 ވަނަ އަހަރުކަމަށް ވެއެވެ. ގުއްބަކާއި މުންނާރެއް ފެންނަން ނެތް މި މިސްކިތަކީ (ޗައިނީޒް ޕެގޮޑާ އާކިޓެކްޗަރަލް ސްޓައިލް އަށް އިމާރާތްކޮށްފައިވާ) މިސްކިތެކެވެ. ޗައިނާގެ ގަދީމީ ފައްޅިތަކުގައި ހުންނަ ސިފަތައް ހިމެނޭހެން ޑިޒައިން ކޮށްފައިވާ މި މިސްކިތަކީ ޗައިނާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް މަޤްބޫލު އާސާރީ އިމާރާތެކެވެ. 

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް