May 20, 2024 20:39
Advertisement

-Advertisement-

ދިޔަމިގިލީ ގަނޑުވަރު/ ފޮޓޯ: އަޒުވަރު، ޓްވިޓަރ އެކައުންޓް

ތާރީޚް: ދިޔަމިގިލީ ގަނޑުވަރު ވީރާނާވާން ދޫކޮށްލަނީތަ؟

ދިޔަމިގިލީ ގަނޑުވަރަކީ މީލާދީން 1704 އިން 1757 އާއި ހަމައަށް ރަސްކަންކުރި ދިޔަމިގިލީ ދަރިކޮޅުގެ ރަސްރަސްކަލުން ދިރިއުޅުއްވި ގަނޑުވަރެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތުދިންގޮތުގައި މިއީ، ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުގެ އާސާރުތަކުގެ ތެރެއިން މިހާރު ފެންނަންހުރި، އެރަސްކަމުގެ އެންމެ މުހިންމު ރަމްޒެވެ. ދިޔަމިގިލީ ގަނޑުވަރު ހުންނަ ގޯތީގެ ދިގު މިނަކީ 34 ފޫޓެވެ. އަދި ފުޅާ މިނުގައި ހުންނަނީ 30 ފޫޓެވެ. ހިރިގަލާއި އުވަ ބޭނުންކޮށްގެން ރާނާފައިވާ މިއިމާރާތުގެ ފާރުތަކުގައި ވެސް ޖަހާފައިވަނީ އުވައެވެ. ބެލެވޭގޮތުގައި މި ގަނޑުވަރު އިމާރާތްކުރިތާ 300 އަހަރު ވެދާނެއެވެ.

ދިޔަމިގިލީ ގަނޑުވަރު

ދިޔަމިގިލީ ގަނޑުވަރު ވަރަށް ބޮޑަށް ވީރާނާވެފައިވާއިރު، ކުރިން މި ގަނޑުވަރުގެ ގޯތި ވަށައިގެން އަތްތެރި މަސައްކަތް ފެންނަންހުރި ފާރެއް ހުރިކަމަށް ބުނެވެއެވެ. ވަށައިގެން ހުރި މިފާރުގެ ބައެއް މީގެ އަހަރުތަކެއް ކުރިން ތަޅާލުމަށްފަހު އާ ފާރެއް ވަނީ ރާނާފައެވެ. މިހާރުވެސް ކުރީގެ އެއްފާރު ފެންނަން އެބަހުއްޓެވެ. ދިޔަމިގިލީ ރަށު އޮފީސް މިގަނޑުވަރުގައި ކުރިން ވަނީ ހިންގާފައެވެ. އެއަށްފަހު ގަނޑުވަރު ބޭނުންކުރީ ގުދަނެއްގެ ގޮތުގައެވެ.

Advertisement

މި ގަނޑުވަރު ތާރީޚީ ގޮތުން ބަލަހައްޓާ މުހިންމު އިމާރާތަކަށް ހެދުމުގެ ވާހަކަތައް 2009 ވަނަ އަހަރުން ފެށިގެން ވަނީ ދެކެވިފައެވެ. ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ވަގުތީ ދަފްތަރު 2019 ވަނަ އަހަރު އާންމުކުރިއިރު އެ ދަފްތަރުގައި ވަނީ ދިޔަމިގިލީ ގަނޑުވަރުވެސް ހިމަނާފައެވެ. މިފަދަ ތަންތަން އަސްލު ނުގެއްލޭގޮތަށް ބެލެހެއްޓުން މުހިންމުކަމަށާއި، އެހެންނަމަވެސް މިތަން އެކަށީގެންވާގޮތަކަށް ނުބެލެހެއްޓޭކަމަށް ބުނެ ސޯޝަލްމީޑިއާގައި ބައެއް މީހުން ވަނީ ޚިޔާލު ފާޅުކޮށްފައެވެ.

ގަނޑުވަރުގެ އެތެރޭ ފާރެއްގައި ހުރި ލިޔުން

ދިޔަމިގިލީ ކައުންސިލްގެ ފަރާތުން 2016 ވަނަ އަހަރު މީޑިއާއަށް މައުލޫމާތު ދީފައިވާގޮތުގައި ހެރިޓޭޖް ޑިޕާޓްމެންޓުން މިރަށުގެ ދުވަސްވީ މީހުންނާ އިންޓަވިއުކޮށް ގަނޑުވަރު ކުރިން ހުރިގޮތުގެ ކުރެހުމެއް ކުރަހާފައިވެއެވެ. މި މަސައްކަތް މިހާރު ގޮސްފައިވާގޮތާއި ގުޅޭގޮތުން ދިޔަމިގިލީ ކައުންސިލްގެ ރައީސް އަޙްމަދު މޫސާ 'ޒީޓައިމްސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގަނޑުވަރު ކުރިން ހުރިގޮތަށް މަރާމާތު ކުރުމަށް ވަރަށްބޮޑު ޚަރަދެއް ހިނގާނެ ކަމަށެވެ.

" މިއިމާރާތް ކުރިން ހުރިގޮތަށް އަލުން މަރާމާތު ކުރުމަށް 2.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ. ހެރިޓޭޖް މިނިސްޓްރީ އިން ވަނީ މިދިޔަ އަހަރު ސެޕްޓެންބަރު މަހު ރައީސް އޮފީހަށް ގަނޑުވަރާއި ގުޅޭ ޕްރޮޕޯސަލް ފޮނުވާފަ މަރާމާތުކުރުމަށް އެހީ ހަމަޖެހޭތޯ ބެލުމަށް. ކައުންސިލްގެ ތަރައްގީގެ ޕްލޭނުގައިވެސް ވަރަށްބޮޑަށް ސަމާލުކަންދީގެން ހިމަނާފަވާނެ މި ގަނޑުވަރު މަރާމާތުކުރުމުގެ މަސައްކަތް އަދި ކައުންސިލުން ޚަރަދުކުރެވޭނެ މިންވަރުވެސް. ކައުންސިލުން ބޮޑު ޚަރަދެއް ކުރެވެން ނެތް. ގަނޑުވަރުގެ ވާހަކަ އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ އަށް ދެންނެވުމުންވެސް ވަނީ އުންމީދީ ޖަވާބެއް ދެއްވާފަ" އަޙްމަދު މޫސާ ވިދާޅުވިއެވެ. 

ދިޔަމިގިލީ ގަނޑުވަރާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފޮޓޯ އަދި މައުލޫމާތު

ދިޔަމިގިލީ ގަނޑުވަރު ކުރިންހުރިގޮތަށް ބަދަލުކޮށް އަލުން ހެދުމަށް ކުރަންހުރި ބައެއް މަސައްކަތްތަކުގެތެރޭގައި:

  • އިމާރާތުގެ ވަށާފާރު ކުރިންހުރި ފާރާއި އެއްގޮތަށް ބަދަލުކުރުން.
  • ގަނޑުވަރުގެ އަސްލު އިމާރާތާއި ގުޅުވައިގެން ފަހުން ހަދައިފައިވާ ތަންތަން ނެގުން.
  • ގަނޑުވަރުގައި ކުރިން ކުޑަދޮރާއި ބޮޑުދޮރު ހުރިތަންތަނުގެ ތެރެއިން ދޮރުނަގައި ބައްދާފައިވާ ތަންތަނުގައި ކުރިންހުރިގޮތަށް ދޮރުހަދައި ބެހެއްޓުން.
  • ގަނޑުވަރުގެ ގޯތިތެރޭގައި ހުރި ވަޅުތައް ކޮނެ ކުރިންހުރިގޮތަށް ހެދުން.
  • ގަނޑުވަރުގެ އިމާރާތް ގިނަދުވަހު ދެމެހެއްޓުމަށް މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުން.
  • ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނަގޮތަށް ބަނދަރު ކައިރީގައާއި ގަނޑުވަރު ކައިރީގައި ގަނޑުވަރު ނިސްބަތްވާ ދިޔަމިގިލީ ބަންޑާރައިންގެ އާއިލާއާބެހޭ މައުލޫމާތާއި ގަނޑުވަރާއިބެހޭ މައުލޫމާތު ލިޔެ ބޯޑު ބެހެއްޓުން. 
ގަނޑުވަރުގެ ފާރު ފެންނަން ހުރިގޮތް

ދިޔަމިގިލީ ރައްޔިތުންގެ އިތުރުން ތާރީޚަށް ލޯބިކުރާ އެންމެންގެ ވެސް އުންމީދަކީ މި ގަނޑުވަރު ވީރާނާނުވެ އަންނަން އޮތް ޖީލަށް ވެސް ފެންނަން ހުންނަގޮތެއް ވުމެވެ. މިހާތަނަށް މާބޮޑު ބެލެހެއްޓުންތެރިކަމެއް ނެތި ދޫކޮށްލެވިފައިވާ މިތަން ވީހާވެސް އަވަހަކަށް މަރާމާތުކުރުމަކީ މުހިންމުކަމެކެވެ. މިއީ މިހާރުވެސް އެރަށަށް ޒިޔާރަތްކުރާ ފަތުވެރިންނާއި މެހުމާނުންގެ މެދުގައި މަގުބޫލު ތަނެކެވެ.

+1
0
+1
2
+1
6
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް