May 20, 2024 18:23
Advertisement

-Advertisement-

އުތީމު ގަނޑުވަރު/ ފޮޓޯ: ފޭސްބުކް ޕޭޖް އުތީމު ގަނޑުވަރު

ތާރީޚް: ދިވެހިރާއްޖޭގަ ހުރި އެންމެ ފާހަގަކުރެވޭ ދުވަސްވީ ގެ!

ހއ. އުތީމުގައި ހުރި އެންމެ މުހިންމު ތަނެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ، 1573މ. ގައި ޕޯޗުގީޒުންގެ އަތުން ރާއްޖެ މިނިވަންކޮށްދެއްވި އުތީމު ތިންބެއިންގެ އާއިލީ ގެ އެވެ. މި ގެ އަޅުއްވައިފައިވާ ކަމަށް ލަފާކުރެވެނީ މީލާދީން 16 ވަނަ ޤަރުނުގެ ކުރީކޮޅުއެވެ. އުތީމު ގަނޑުވަރުގެ ނަމުން ނަންދެވިފައިވާ މި ގެ އަކީ މިހާރު ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވަނީ ހާމަކޮށްފައެވެ. 

އުތީމު ގަނޑުވަރު/ ފޮޓޯ: ފޭސްބުކް ޕޭޖް އުތީމު ގަނޑުވަރު

" އެ ޒަމާނުގެ ވަރަށްގިނަ ތަކެތި ވަނީ މި ގަނޑުވަރުގައި ރައްކާކުރެވިފަ. ގަނޑުވަރުގެ ދިގުމިނަކީ 38 ފޫޓު 1 އިންޗި. ފުޅާމިނަކީ 14 ފޫޓު 8 އިންޗި ބައި. މަތީ ބުރަފަތީ ވަކަރުން ގާފޮޅު މަތީ ވަކަރަށް ހުރި އުސްމިނަކީ 6 ފޫޓު ¼ އިންޗި. އުތުރު ބިތް ހުރީ އެނދުބައި ލާފައި ދަމާދޮރެއް ބަހައްޓާފަ. އިރުމަތީ ބިތް ހުރީ ފުށުއަރުވައި ފިލާޖަހައިފައި. ބޭރުގެކޮޅު ނިމުނުތާ ވިހެލާ ދޮރުފަތެއް ހުރޭ". ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މައުލޫމާތުދެއްވިއެވެ.

އުތީމު ގަނޑުވަރު/ ފޮޓޯ: ފޭސްބުކް ޕޭޖް އުތީމު ގަނޑުވަރު

އުތީމު ގަނޑުވަރުގައި ހުރި ފޮށިކޮޅުތަކުގައި ހުރީ މާލޫދުކިޔާއިރު ދަމާން ގެންގުޅޭ ފޮތި، ތުނޑުކުނާ، ދާންމަތިކޮޅުގެ ތަކެތި، ނަދުރަށް މީހުން ގެންނަ ފަންތޮށިދަޅު، ލޯކުރަޑި، ލާޖެހި ދަޅު ފަދަ ތަކެއްޗެވެ. އަދި ފަރިއްކުޅުއްވަން ގެންގުޅުއްވި ކަމުގައި ބުނެވޭ ދެ ސީނުތަށި ހުރިއިރު މީގައި ހުރީ ނޫކުލައިގެ ފަތްތަކަކުން ވަރަށް ރީތި ކުރެހުންތަކެއް އަޅާފައެވެ.

Advertisement
އުތީމު ގަނޑުވަރު/ ފޮޓޯ: ފޭސްބުކް ޕޭޖް އުތީމު ގަނޑުވަރު

ނޯޓް: 'ޒީޓައިމްސް' ތާރީޚް ކެޓަގަރީގައި ދަނީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ތާރީޚީ ތަންތަނުގެ މައުލޫމާތު ގެނެސްދެމުންނެވެ. ތާރީޚީ ތަންތަނުގެ ފޮޓޯ ހިއްސާކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 'ޒީޓައިމްސް' ފޭސްބުކް ޕޭޖަށް ފޮޓޯ ފޮނުވައިދެއްވުން އެދެމެވެ. 

+1
0
+1
3
+1
2
+1
0
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް