May 20, 2024 22:25
Advertisement

-Advertisement-

ސައުތު އީސްޓް އޭޝިއާގައި ހުރި އެންމެ ރީތި އެއް މިސްކިތުގެ ވާހަކަ

ދުނިޔޭގެ އެކި ހިސާބުތަކުގައި ރީތި އަދި އެހާމެ ހައިރާން ކުރުވަނިވި ތަންތަން ހުރެއެވެ. ދުނިޔޭގެ 7 އަޖައިބުގެ ލިސްޓުގައި ނެތް ނަމަވެސް ފާހަގަކޮށްލަންޖެހޭ އާދަޔާޚިލާފު ރީތި ތަންތަން އެބަހުއްޓެވެ. މިގޮތުން މިފަހަރު މިލިޔެލަނީ ސައުތު އީސްޓް އޭޝިއާގައި ހުރި އެންމެ ފުރިހަމަ އެންމެރީތި އެއް މިސްކިތާއި ގުޅޭ މައުލޫމާތެވެ. މިރީތި މިސްކިތް ހިމެނިފައިވަނީ ދުނިޔޭގައި ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ.

މިއީ ޖަޕާނުގައި ހުންނަ އެންމެބޮޑު މިސްކިތްވެސް މެއެވެ. މިމިސްކިތް ފުރަތަމަ ބިނާކުރެވުނީ 12 މެއި 1938 ވަނަ އަހަރުއެވެ. މިމިސްކިތް ބިނާކޮށްދެއްވައިފައިވަނީ ރަޝިއާއިން ހިޖުރަކުރި ދެރައްޔިތެއް ކަމަށްވާ ބަޝީރު އަދި ތަރަތު ނަމަކަށް ކިޔާ ދެބޭފުޅުންނެވެ. އެހެންނަމަވެސް މިސްކިތް ހެދުމުގެ ހުރިހާ އިރުޝާދެއް ދެއްވީ މިމިސްކިތުގެ ފުރަތަމަ އިމާމު އަބުއްރަޝީދު އިބްރާހިމެވެ. އެއަށްފަހު މިމިސްކިތް ހަލާކުވާން ފެށުމުން، ތުރުކީގެ ދީނީ ކަންކަމާއި ބެހޭ މަޖިލީހުގެ ޑައިރެކްޓަރގެ އިރުޝާދުގެ ދަށުން 1986 ވަނަ އަހަރު މިމިސްކިތް ތަޅާލިއެވެ.

އަލުން މިމިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށިފައިވަނީ 1998 ވަނަ އަހަރުއެވެ. މިމިސްކިތް ޑިޒައިން ކުރެއްވީ ތުރުކީގެ ހިލްމީ ސެނަލްޕް ނަމަކަށްކިޔާ ބޭފުޅެކެވެ. މިމިސްކިތަކީ ތުރުކީގެ ސަގާފަތާއި އެއްގޮތަށް އަދި "އޮޓޮމަން އާކިޓެކްޗަރ" ގެ އަސްލަކަށް ބަލައިގެން ހަދާފައިވާ މިސްކިތެކެވެ. ތުރުކީއިން މިމިސްކިތް އިމާރާތްކުރުމަށް 70 މީހުން ގެނެވުނެވެ.

Advertisement

މިސްކިތް ހެދުމަށް ބޭނުންވާ ތަކެއްޗަކީ ތުރުކީއިން އިމްޕޯރޓް ކޮށްގެން ގެނެސްފައިވާ ތަކެއްޗެވެ. މިމިސްކިތަކީ ވަރަށްގިނަ މާބްލް ބޭނުންކޮށްގެން ހެދިފައިވާ ވަރަށް ރީތި މިސްކިތެކެވެ. މިމިސްކިތުގެ މަސައްކަތްނިމި އަލުން ހުޅުވައިފައިވަނީ 2000 ވަނަ އަހަރުއެވެ. މިމިސްކިތް ބިނާކުރުމަށްޓަކައި 1.5 ބިލިޔަން 'ޔެން' ޚަރަދުވިކަމަށްވެއެވެ. މިމިސްކިތުގެ ބޮޑުމިނަކީ 734 ސްކްޔާ މީޓަރެވެ. އެއް ބޭސްމެންޓް އާއި އަދި އިތުރު ތިންބުރި ހިމެނޭގޮތަށް މުޅި މިސްކިތްހުރި އިމާރާތުގެ ބޮޑުމިނަކީ 1477 ސްކްޔާ މީޓަރ އެވެ. މައި ފެންޑާގެ އުސްމިނުގައި 23.25 މީޓަރު ހުރެއެވެ. ހަތަރު ބުރިއަށް އިމާރާތް ކުރެވިފައިވާ މިމިސްކިތް ހުންނަ އިމާރާތުގައި ތުރުކީގެ ސަގާފީ މަރުކަޒެއް ހުރެއެވެ.

މިސްކިތް ޑިޒައިން ކުރުމަށް މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ހުދުކުލައެވެ. ހުދުކުލަ ރަމްޒުކޮށްދެނީ ވަރަށް މާތް ކުލައެއްގެ ގޮތުގައެވެ. ދެން މީގެ އިތުރަށް ފާޅުކަންބޮޑުކޮށް ފާހަގަކޮށްލެވޭ ކުލައަކަށް ހުރީ ޓާކުއިޝް ކުލައެވެ. "މިންބަރ" އަދި "މިހްރާބް" ގެ ވަށައިގެން ބޭނުންކޮށްފައިވަނީ ހުދު ކުލައިގެ ސަންގުމަރުމަރު ހިލައެވެ. ކައިރިފަށުގައި ވަށައިގެން ރަންކުލަ ކޮންމެވެސް ވަރަށް ބޭނުންކޮށްފައިވެއެވެ. މިސްކިތުގެ ކުޑަދޮރުގައި ބޭނުންކޮށްފައިވަނީ ވަރަށްމޮޅު ބިއްލޫރިއެކެވެ. މިސްކިތުގެ އެތެރޭގައި އެލުވާލާފައި ހުރި ޗާލު ބޮކިތަކުން މިސްކިތުގެ ރީތިކަމާއި ހައިބަތު އިތުރަށް ދައްކުވައިދެއެވެ. މިމިސްކިތާއި އެންމެ ވައްތަރު މިސްކިތެއްކަމުގައި ފާހަގަ ކުރެވިފައިވަނީ ތުރުކީގައި ހުންނަ މަޝްހޫރު މިސްކިތެއް ކަމުގައިވާ "ބުލޫ މޮސްކް" އެވެ. މިމިސްކިތުގެ ރީތި ކަމުގެ ވާހަކަ އަކީ ހަމަ ލޮލަށް ބަލާލުމުން ނޫނީ ނޭންގޭހާ ރީތި މިސްކިތެކެވެ. މިމިސްކިތަށް ޒިޔާރަތް ކޮށްލުމުން ހީވަނީ މެދު އިރުމަތީގެ ހިސާބެއް ހެންނެވެ.

2014 ވަނަ އަހަރު ޖަޕަނީސް ދަރިވަރުންނަށާއި އެހެނިހެން ސްކޫލްތަކުގެ ދަރިވަރުން ޒިޔާރަތްކޮށް ބަލާލުމަށާއި އަދި ޓުއަރިސްޓުންނަށް ހިލޭ ވަނުމުގެ ފުރުސަތު ހުޅުވާލެވުނެވެ. މިކަމުގެ މަގްސަދަކީ އެހެން ދީން ތަކުގެ މެދުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމާއި އިސްލާމީ ރީތި އާދަކާދަތަކަށް ހިތްޖެއްސުމެވެ. އަދި ހަމައެއާއެކު އިސްލާމީ ރިވެތި އުސޫލުތަށް އުގަންނައި ދިނުމުގެ މަގުސަދުގައިވެސް މެއެވެ. ޖަޕާނު ފަދަ އިސްލާމުން މަދު ގައުމެއްގައި މިކަހަލަ ރީތި މިސްކިތެއް ބިނާކުރުމުގެ މަގްސަދަކަށްވީވެސް އެގައުމުގެ މީހުންގެ މެދުގައި އިސްލާމް ދީނަށް ލޯބި ޖެއްސުމެވެ. މިމިސްކިތަކީ ޖަޕާނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގްބޫލު މިސްކިތެކެވެ. މިމިސްކިތުގެ ރީތިކަން ފެނިފައި އަޖައިބުވާ މީހުންވެސް މަދެއް ނޫނެވެ. މިމިސްކިތަކީ ވަރަށްގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މިސްކިތެކެވެ.

 

ނޯޓް: މައުލޫމާތު އަދި ފޮޓޯ ނަގާފައިވަނީ ޓްރިޕްޒިއްލާ އިންނެވެ. ވީޑިއޯ އަކީ ޔޫޓިއުބްގައި އާންމުކޮށްފައިވާ މިމިސްކިތުގެ ވީޑިއޯއެކެވެ.

+1
0
+1
2
+1
3
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް