May 20, 2024 19:46
Advertisement

-Advertisement-

ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާ!

ދިވެހިންގެ މަދުބަޔަކު، ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް ޖަމާއަތް) ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ތިންވަނަ ދުވަހު މާލެއަށް ދިން ހަމަލާގަ ދިވެހިންގެ ތެރެއިން 19 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގަ ހިތްވަރުގަދަ ސިފައިންގެ 8 ބޭކަލަކާ އާންމުންގެ 11 މީހަކު ހިމެނެއެވެ. އާންމުންގެތެރެއިން 7 މީހުން ޝަހީދުވީ ޓެރެރިސްޓުން ފިލަން ދަތުރުކުރި ޕްރޮގްރެސް ލައިޓް ބޯޓުގަ ރަހީނުކޮށްފަ ވަނިކޮށެވެ. އަނިޔާވެރި މިހަމަލާގައި 39 ދިވެހިން ވަނީ ޒަހަމްކޮށްލާފައެވެ. ޝަހީދުވި ދިވެހިންގެ ދަނާވަތި ހެންވޭރު ސަހަރާގަ ފެންނަން އެބަހުއްޓެވެ.

މި ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އެވެ. އޭނާ އާއިއެކު ދިވެހިންގެ އިތުރު 6 މީހަކު އެކިގޮތްގޮތުން މިކަމުގައި އެހީތެރިވެދީފައިވެއެވެ.

މިފަހުގެ ތާރީޚުގަ ދިވެހިން ދުށް އެންމެ ނުރައްކާތެރި އުދުވާނީ ހަމަލާ ދިވެހިރާއްޖެއަށް އަމާޒުވީ ކޮންސަބަބަކާ ހުރެތޯ ބަލާއިރު، މިދުވަހާ ގުޅުވައިގެން ލިޔެފަވާ ބައެއް ރިޕޯޓުތައް ބުނާގޮތުން ޕްލޯޓު ޖަމާއަތުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގެ ރަށެއް އެމީހުންގެ ކޮންޓްރޯލުގެ ދަށުގައި ބޭއްވުމެވެ.

Advertisement

އަދި މިހަމަލާ ދިނުމުގަ ދިވެހިންގެ ތެރެއިން އެންމެ އިސްކޮށް އުޅުނު އަބްދުﷲ ލުތުފީގެ ބޭނުމަކަށް އޮތީ ރައީސް އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމްގެ ދިހަ އަހަރުވީ ސަރުކާރު ނިމުމަކަށް ގެނައުމެވެ. މިކަމުގައި ޕްލޯޓުން އެހީތެރިވެދިނުމުން ރާއްޖޭގެ ރަށެއް އެމީހުންނަށް ދޭން ނިންމާފަވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހަމަލާ ޓެރަރިސްޓުން ދީފަވަނީ ދިވެހިރާއްޖޭގަ ކަންހިގާ ގޮތް ވަރަށް ރަނގަޅަށް ބަލާ ވަރަށް ގިނަ މައުލޫމާތު ހޯދުމަށްފަހުކަމަށް ބެލެވެއެވެ. އެހެންނަމަވެސް ހަމަލާދޭން ފެށުމާއެކު ކަންތައް ފުރޮޅެމުން ދިޔައީ ޓެރަރިސްޓުން ހީކުރި ގޮތަކަށްނޫނެވެ. މިގޮތުން ޓެރަރިސްޓުން ސިފައިންގެއަށް ފުރަތަމަ ދިން ހަމަލާއާއެކު ދިވެހި ސިފައިންނާ ޓެރެރިސްޓުންނާ ދެމެދު ހަމަލާ ބަދަލުކުރެވެން ފެށުނެވެ.

އެވަގުތު ސިފައިންގެ މައިދޮރޯށީގަ ސެކިޔުރިޓީ ބަލަހައްޓަން ހުރި އެކަކީ ކުޅުދުއްފުށީ ހުސެއިން އާދަމް އެވެ. ޓެރަރިސްޓުންގެ ހަމަލާތަކަށް ހުސެއިން އާދަމް ރައްދު ދެމުންދިޔައިރު ދެންތިބި ސިފައިން ދިޔައީ ޓެރަރިސްޓުންގެ ހަމަލާތަކަށް ރައްދުދިނުމަށް ތައްޔާރުވަމުންނެވެ. މިހަމަލާ ނާކާމިޔާބު ކޮށްލުމުގެ އެންމެ ކުރީ ސަފުގައި ހުންނެވީ ޝަހީދު ކޯޕްރަލް ހުސައިން އާދަމް އެވެ. އުމުރުން އެންމެ 20 އަހަރުގެ މިޒުވާނާ އެދުވަހު އެދެއްކި ހިތްވަރަކީ، ދިވެހިންގެ މި ލޮބުވެތި ވަޠަނަށްޓަކައި ވެދެއްވި މަތިވެރި ގުރުބާނީއެކެވެ.

ޝަހީދު ކޯޕްރަލް ހުސައިން އާދަމް

މި ހަމަލާތަކަށް ނިމުމެއް އައި އެއްސަބަބަކީ ޓެރަރިސްޓުންގެ ޖަމާއަތުގެ ބޮޑު މީހަކަށް ހުރި ވަސަންތީ މަރުވުން ކަމަށް ބުނެވެއެވެ. ދިވެހި ސަރުކާރުން އަސްކަރީ އެހީއަށް އެދުނީ އިންޑިއާ ސަރުކާރުގައެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން އިންޑިއާ ސިފައިންގެ 1600 މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައިސް ހަރަކާތްތެރިވާން ފެށިއިރު ހަނގުރާމަ ވަނީ މައިތިރިވެފައެވެ. ބާޣީން ބަލިވުމާއި ގުޅިގެން ރާއްޖޭން ފިލުމަށްޓަކައި މާލެ ބަނދަރުގައި އޮތް ބޯޓެއް ކަމަށްވާ ' ޕްރޮގްރެސް ލައިޓް' އަށް އަރައިގެން ދިޔައީ ދިވެހިންގެތެރެއިން ބަޔަކު ރަހީނުކޮށްގެންނެވެ. ރަހީނުކުރި މީހުންގެ ތެރޭގައި އެއިރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނެއެވެ.

ޓެރަރިސްޓުން ރަހީނުކުރި ދިވެހިން ސަލާމަތްކުރުމުގަ ދިވެހި ސިފައިންނަށް ކުރިއެރުން ލިބުނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަން ލިބިގެންނެވެ. މިގޮތުން ރަހީނު ކުރި ދިވެހިން ގޮވައިގެން ޓެރަރިސްޓުން ފުރި ޕްރޮގްރެސް ލައިޓް ބޯޓު ލަންކާއަށް މިސްރާބު ޖަހާފަވަނިކޮށް އިންޑިއާ ސިފައިންގެ މަނަވަރުން ބާޣީންގެ މީހުން އަތުލައިގަތްއިރު ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހިން ވަނީ ޝަހީދުކޮށްފައެވެ. އިންޑިއާ ސިފައިން ކުރި މަސައްކަތުން ވަނީ ރަހީނުކުރި ބައެއް ދިވެހިން ސަލާމަތްކޮށްފަ އެވެ.

ދުޝްމަނުން އެދުވަހު ވަނީ ސިފައިންގެ ހެޑްކްއާޓަރަށް ތިން ދިމާއަކުން ހަމަލާދީފައެވެ. އެއީ ސިފައިންގެ ކުރިމަތިން މައިގޭޓަށާއި، ސިފައިންގެ އިރުއުތުރު ކަންމަތިންނާއި، ސިފައިންގެ ހުޅަނގު ދެކުނު ކަންމަތިންނެވެ. ޓެރަރިސްޓުންގެ މިހަމަލާ ނާކާމިޔާބުވުމުގެ އަސްލަކަށް ޓެރަރިސްޓުން އުއްމީދު ކުރި ގޮތަށް ކަންތައްވެގެން ނުދިއުންވެސް ހިމެނެއެވެ. މިގޮތުން ދިވެހި ސިފައިންގެ ފަރާތުން ޓެރަރިސްޓުންނަށް ކުރިމަތިކުރުވި ހަމަލާތަކާ، އާންމުންގެ ފަރާތުން ދިވެހި ސިފައިންނަށް ލިބިގެންދިޔަ އެހީތެރިކަމަކީ ވެސް މިކަމުގަ ޓެރަރިސްޓުން ބަލިވި އެއްސަބަބެވެ. 

ބާރުގަދަ ހަތިޔާރުގެ ބޭނުންކޮށްގެން 17 ވަރަކަށް ގަޑިއިރު މާލޭގައި ޓެރަރިސްޓުން ދިން ހަމަލާތަކުގަ ސަރުކާރުގެ އިމާރާތްތަކަށާ އަމިއްލަ ގޭގެއަށްވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނުއިރު އެންމެފަހުން ކުރި ލިބުނީ ދިވެހި ރައްޔިތުންނަށެވެ.

 

މައުލޫމާތު: މިނިސްޓްރީ އޮފް ހޯމް އެފެއާޒް އަދި ބައެއް ރިޕޯޓްތައް

+1
1
+1
4
+1
6
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް