August 5, 2026 03:51
Advertisement

-Advertisement-

ޒީޓައިމްސް ބަދިގެ: ޕޮޓޭޓޯ އޯޓްސް ޕޭންކޭކް

ހަވީރު ސަޔަށް ސިއްޙަތަށް ފައިދާހުރި ތަފާތު ބާވަތެއް ހަދަން ބޭނުންވާނަމަ، މި ރެސިޕީ އިޚްތިޔާރުކޮށްލައްވާށެވެ. މިއީ އޯޓްސް އާއި މީރު ތަރުކާރީ ބޭނުންކޮށްގެން ތައްޔާރުކުރެވޭ، ރަހަ މީރު އަދި ހަށިގަނޑަށް ވަރަށް ފައިދާހުރި ޕޭންކޭކެކެވެ. މި ރެސިޕީއިން 8 ނުވަތަ 10 ޕޭންކޭކް އެޅޭނެކަމަށް ބެލެވެއެވެ.

​ބޭނުންވާ ތަކެތި:

​މައިގަނޑު ބައިތައް:

Advertisement

4 ​އަލުވި (ތޮށިނޮޅައި ގާނާފައި)

½ ޖޯޑު ​ރޯލްޑް އޯޓްސް (ބްލެންޑަރަކުން މުގުރާފައި) ނުވަތަ އޯޓް ފުށް

​2 ބިސް

​ތަރުކާރީ އާއި ފަތުގެ ބާވަތްތައް:

1 ​ފިޔާ (ހިމުންކޮށް ގާނާފައި ނުވަތަ ކޮށާފައި)

½ ޖޯޑު ކެރެޓު (ގާނާފައި)

​1 ޖޯޑު ކެބެޖް (ތުނިކޮށް ކޮށާފައި)

1 ޖޯޑު ​ތާޒާ ފަތް (ސްޕިނެޗް، ކަންކުން، ނުވަތަ މުރަނގަފަތް): ހިމުންކޮށް ކޮށާފައި

​ރަހަމީރުކުރާ ތަކެއްޗާއި ތެޔޮ:

1 ސސ ​ލޮނު: (ރަހަލާވަރަށް)

½ ސސ ​އަސޭމިރުސް

½ ސސ ​ލޮނުމެދު ޕައުޑަރ (ބޭނުންނަމަ)

3 މސ ​ތެޔޮ (ތަވާގައި ތެލުލުމަށް)

​ތައްޔާރުކުރާނެ ގޮތް:

​1. ތަރުކާރީގެ ފެންކަން ފިލުވާލުމަށްޓަކައި، ގާނާފައި ހުރި އަލުވި، ކެރެޓް އަދި ކެބެޖް ސާފު ފޮތިގަނޑަކަށް އަޅައިގެން ނުވަތަ އަތުން ބާރުކޮށް ފިއްތާލައިގެން އޭގައި ހުރި ދިޔަތައް ނެރެލާށެވެ.

​2. ފެން ފިލުވާލި ތަރުކާރީތައް ބޮޑު ތައްޓަކަށް ބަދަލުކުރާށެވެ. އެއަށްފަހު ކޮށާފައި ހުރި ފަތް (މުރަނގަފަތް، ކަންކުން، ނުވަތަ ސްޕިނެޗް) އާއި ފިޔާ އަޅާށެވެ. ދެން މުގުރި އޯޓްސް، ބިސް، ލޮނު، އަސޭމިރުސް އަދި ލޮނުމެދު ޕައުޑަރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު 3 އިން 5 މިނެޓު ވަންދެން ބަހައްޓާލާށެވެ. އޭރުން އޯޓްސްތަކަށް ބާކީ ހުރި ފެންފޮދު ދަމައިގަނެ، ތަކެތި އެކުވެދާނެއެވެ.

​3. ތަވާއަކަށް ތެޔޮ އަޅައި މެދުގިނީގައި ހޫނުކުރާށެވެ. ކޮންމެ ޕޭންކޭކަކަށް 1/4 ޖޯޑަށް ވާވަރަށް ތަވާއަށް އަޅައި، ސަމުސަލަކުން މަޑުމަޑުން ފިއްތާލާށެވެ. ކޮންމެ ފަރާތެއް 4 ނުވަތަ 5 މިނެޓު ވަންދެން މަޑުގިނީގައި ތެއްލާށެވެ. އަޑިއަށް ރަންކުލަ އަރައި ހަރުވުމުން އަނެއްފަރާތަށް ފުރޮޅާލާށެވެ.

​4. ތެލުލެވުމުން ޓިޝޫ ކޮޅެއްގެ މައްޗަށް ނަގައި އޭގައި ހޭކިފައިވާ ތެޔޮފޮދު ފިލުވާލާށެވެ.

​ކެއްކުމުގައި ބޭނުންކުރާނެ މުހިންމު އިރުޝާދުތައް!

ޕޭންކޭކްތައް މަޑުނުވެ، މައްޗަށް ރަންކުލަ އަރައި ބޭރުފަށަލަ މުރަނަކޮށް ހުންނާނީ ތަރުކާރީގައި ހުންނަ އިތުރު ފެންފޮދު ރަނގަޅަށް ފިލުވާލައިގެންނެވެ.

½ ޖޯޑު އޯޓްސް ފުށް ހެދުމައްޓަކައި ⅔ ޖޯޑުގެ ރޯލްޑް އޯޓްސް މިކްސަރަށް އަޅައި 5 މިނިޓް ވަންދެން ފުނޑާލާނީއެވެ.

ފުށްގަނޑު މާ ހިކިހެން ހީވާނަމަ، ކުޑަ ފެންފޮދެއް ނުވަތަ އިތުރު ކުކުޅުބިހެއް އަޅާލެވިދާނެއެވެ. އަދި މާ ދިޔާނަމަ، އިތުރު ސަމުސަލެއްގެ އޯޓްސް އެޅުއްވުމުން ރަނގަޅުވާނެއެވެ!

ކާނާގެ މާއްދާތައް (ކޮންމެ ޕޭންކޭކަކަށް - 10 ޕޭންކޭކުގެ ހިސާބުން):

​ކެލޮރީސް: ~75 kcal

​ކާބްސް: ~11 g

​ފައިބަރު: ~2 g

​ޕްރޮޓީން: ~2.5 g

​ފެޓް: ~2.5 g

​(ނޯޓު: ބޭނުންކުރާ ފަތުގެ ބާވަތާއި ތެލުލުމަށް ބޭނުންކުރާ ތެލުގެ މިންވަރަށް ބަލައި މި އަދަދުތަކަށް ކުޑަ ބަދަލެއް އަތުވެދާނެއެވެ).

ސިއްހީ ފައިދާތައް:

​ފައިބަރުން މުއްސަނދިވުން: މި ޕޭންކޭކުތަކުގައި ހިމެނޭ އޯޓްސް އަދި ތަރުކާރީގެ ސަބަބުން ގިނައަދަދަކަށް ފައިބަރު ލިބިގެންދެއެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށްދީ، ގިނައިރު ބަނޑުފުރިފައި ހުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

​ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް: އޯޓްސްއަކީ ސިއްޙަތަށް ފައިދާހުރި ކާބޯހައިޑްރޭޓްސް އެކުލެވޭ އެއްޗަކަށްވުމުން، ހަށިގަނޑަށް ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށްދެއެވެ.

​ވިޓަމިންސް އާއި އެންޓިއޮކްސިޑެންޓްސް: ކެރެޓް، އަލުވި އަދި އެކި ބާވަތްތަކުހެ ފަތްތަކުން ވިޓަމިން އޭ، ވިޓަމިން ސީ އަދި އަޔަންގެ މާއްދާތައް ގިނައިން ލިއްބައިދެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދޭނެ މާއްދާތަކެކެވެ.

​ނިންމާލަމުން ދަންނަވާނަމަ، މިއީ މުޅި އާއިލާގެ ސިއްހަތަށް ފައިދާހުރި، ހެނދުނުގެ ނާސްތާއަށާއި ހަވީރު ސަޔާއި ގުޅޭނެ ފުރިހަމަ އަދި މީރު ކެއުމެކެވެ!

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް