ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ހިނގާބިނގާވެ ނުއުޅެވޭ ފަރާތްތަކަށް އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގަމުންދާ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފިއެވެ.

2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ފޯރުކޮށްދެވިފައެވެ. ބޭންކުން މިފަހަރުވެސް ވަނީ އެކި ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް، މި ޕްރޮގްރާމް އިތުރަށް ފުޅާކޮށްފައެވެ. މިގޮތުން، އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާގެ އިތުރުން، ބީއެމްއެލް އިން ވަނީ ހާއްސަ 'މެނުއަލް' ވީލްޗެއާތަކެއްވެސް ހަދިޔާކޮށްފައެވެ.

ބީއެމްއެލްއިން ހަދިޔާކުރި ވީލްޗެއާތަކަކީ އަމިއްލައަށް ހިނގާބިނގާވެ އުޅުމުގައި އާއިލާގެ ނުވަތަ އެހީތެރިންގެ އެހީތެރިކަން ބޭނުންވާ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ވީލްޗެއާތަކެކެވެ.
މި ޕްރޮގްރާމަކީ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ދުޅަހެޔޮކަމަށް ބީއެމްއެލްއިން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. މީގެ މައިގަނޑު މަގުސަދަކީ މި އެހީ ލިބޭ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް ބީއެމްއެލްއިން ވަނީ މައުލޫމާތުދީފައެވެ.













