April 23, 2026 19:40
Advertisement

-Advertisement-

ވާހަކަ: އިހާ (ފަނަރަވަނަބައި)

އަޔާން ފޯނު ބޭއްވިއެވެ. މަންމަ ގާތު އަދިވެސް އަޔާން ބޮޑެއް ނުވެއެވެ. އަޔާންނާއި ރާނިޔާ ދިޔައީ ކާރު ދުއްވާލާށެވެ. ދެމީހުން އެކުގައި އަތިމަތީގައި ހިނގާލިއެވެ. އަދި ތަނަކަށް ވަދެ ރޭގަނޑުގެ ކެއުން ނިންމިއެވެ. އަޔާންގެ ހުރިހާ ސަމާލުމަކެއް ހުރީ ރާނިޔާ އަށެވެ. ރާނިޔާއަށް އެކަން އިހުސާސްވެއެވެ. އެހެންކަމުން އޭނާ އެންމެ ވަގުތުކޮޅެއްވެސް އަޔާނަކާއި ދުރަކަށް ނުދެއެވެ.

ރަޙްމާ އިނީ ސިޓިން ރޫމުގައެވެ. ވާހިދު އައުމުން ރަޔާން ގާތަށް ދިއުމަށް އެދޭވާހަކަ ބުނަން އޭނާ ހުރީ ނިންމައިގެންނެވެ. ވާހިދު ނުގަބޫލަސް މިހާރު އޭނާ އަޔާންގެ ދަރިފުޅު ވިހޭގެއަށް ދާނެއެވެ. ވާހިދު ގެއަށް ވަންއިރު މުޅިމީހާ ހުރީ ދާހިތްލާ ފޯވެފައެވެ. އޭނާގެ ފިރިމީހާ މިހާ ހާސްވެފައިވަނިކޮށް ރަޙްމާ ދުވަހަކުވެސް ނުދެކެވެ. ގައިމު ކައިވެންޏަށް ތިރީސް އަހަރު ވެއްޖެއެވެ. ކަމެއް ވަރަށް ގޯސްކަން ރަޙްމާއަށް އެނގުނީ ވާހިދު އައިސް ރަޙްމާގެ އަތުގައި ހިފާ ރޮއިގަތީމައެވެ.

"ޖަމީލު... ހުރިހާ ފައިސާއެއް ބަހައްޓާފައި ހުރީ މަގޭ ގުދަނުގައި.. ފައިސާއޭ ބުންޏަސް ކޮންޓެއިނަރއެއްހާ ފައިސާ.. ފުލުހުންނަށް ފެނިއްޖެއްޔާ ޖަލަށް ގެންދާނީ އަހަރެން. އަހަންނަށް ޔަގީން އޭނާ ނުބައިކަމެއް ކުރަނީކަން." އެ ވަރުގަދަ ވާހިދު ތުރުތުރު އަޅައެވެ. ކަމުގެ ނުރައްކާތެރިކަން އޮތް މިންވަރު އެނގެނީ އޭނާއަށެވެ. ރަޙްމާ އުޅުނީ ވާހިދު ހަމައަކަށް އަޅުވާށެވެ.

Advertisement

"އަޔާނަށް ގުޅާ.. އެ ސޮރާނުލާ އަހަރެން ސަލާމަތެއް ނުވާނެ." ވާހިދު ރޮމުން ބުންޏެވެ.

"އެސޮރަށް ގުޅަން މާ ދަންވެއްޖެ. މާދަމާ ގުޅާނީ." ރަޙްމާ އުޅުނީ ވާހިދު ހަމައަކަށް އަޅުވާށެވެ.   

އެ އިވުނީ ގަޑިން ދަންވަރު ދޭއް ޖެހި އަޑެވެ. ރާނިޔާއަކަށް ނުނިދުނެވެ. ބުނެދެން ނޭނގޭ އުދަނގޫތަކެއް ރާނިޔާއަށް ވަނީއެވެ. އޭނާ ކަޅި ޖަހާނުލާ އަޔާނަށް ބަލަން އޮތެވެ. އަޔާން ނިދާފައި އޮންނައިރު ހާދަ ލޯތްބެއެވެ. މިއީ އޭނާގެ ނަސީބެއެވެ. ނުހަނު ނިކަމެތި ހާލުގައި ވަނިކޮށް އޭނާގެ އަތުގައި ހިފީއެވެ. ރައްކާތެރިކަމާއި ލޯތްބާއި އަޅާލުން ދިނީއެވެ. މައިންބަފައިންނާ ދެކޮޅަށް އަޔާންގެ މީހެއްގެ ގޮތުގައި ބަލައިގަތީއެވެ. މައިންބަފައިން ދުރުގައި އޭނާއާއިއެކު ދިރިއުޅެނީއެވެ. މިއީ ކޮންފަދަ މާތް އިންސާނެއް ހެއްޔެވެ؟

ރާނިޔާގެ އުނަގަނޑަށް ތަދެއް އަރަނީއެވެ. ނަމަވެސް އޭނާ އަޔާނަށް ގޮވާކަށް ބޭނުމެއް ނޫނެވެ. އޭނާ އަޔާނުގެ މޫނަށް ބަލަން އޮތެވެ. ކުއްލިއަކަށް އަޔާނުގެ ފޯނަށް ކޯލެއް އައެވެ. އަޔާން ލޯ ހުޅުވާލިއިރު ރާނިޔާ އޭނާޔާ ދިމާއަށް ބަލަނީއެވެ.

"ކިހިނެއްވީ؟ ގޯސްވީތަ؟. ޑޮކްޓަރަށް ގުޅަންވީތަ؟" އަޔާން ހާސްވިއެވެ.

"ނޫން.. ހަމަ ނުނިދިގެން އަޔާނަށް ބަލަން އޮތީ." ރާނިޔާއަށް ވާ އުނދަގޫ ބުނެ އަޔާން ހާސްކުރުވާކަށް އޭނާ ބޭނުމެއް ނޫނެވެ.

ރާނިޔާ ބަލަން އޮތްގޮތުން އަޔާން ވަރަށް އުފާވިއެވެ. އަދި ރާނިޔާ ގެނެސް ކަނާއަތް މަތީ ބާއްވާލިއެވެ. ދެން ފޯނަށް ޖަވާބު ދިނެވެ. އޭނާ ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ.

"ރާނީ... ކަމެއް ވަރަށް ގޯސްވެއްޖެ.. ކޮންމެހެންވެސް ދާންޖެހިއްޖެ. ނުގޮސް ނުވެގެން މިދަނީ." އޭނާ ފާޚާނާއަށް ވަނެވެ. ދެން އަވަސް އަވަހަށް ޔުނީފޯމު އެޅިއެވެ.

"ކަމެއް ދިމާވެއްޖެއްޔާ ޒަމީރަށް ގުޅާ.." އަޔާން ރާނީގެ ނިތްކުރިއަށް ދޮނެއް ދިނެވެ.

"ބައްޕަ އަންނާނަން ވަރަށް އަވަހަށް.. މަންމައަށް އުނދަގޫ ނުކުރާތި!" ރާނިޔާގެ ބަނޑުގައި ފިރުމާލަމުން އަޔާން ބުންޏެވެ. ރާނިޔާ ހިނިތުންވިއެވެ. އަޔާން ދާނީ ކޮންމެހެންވެސް ދާން ޖެހުނީމާކަން އޭނާއަށް އެނގެއެވެ. އޭނާއަށް މިވަގުތު ދާން އަންގާނީވެސް ވަރަށް މުހިއްމުވީމާކަން މިހާރު ރާނިޔާއަށް އެނގެއެވެ. އެހެންވެ އޭނާގެ އުނަގަނޑުގައި އަޅަމުންދާ ވޭން ސިއްރުކޮށްގެން އަޔާން ގޮސް އޮބާލާތަން ބަލަން ހުރީއެވެ.  އަޔާން ވެހިކަލަށް އަރާ ދުއްވާލުމުން ރަމީޒަށް ގުޅިއެވެ. އަޅަމުންދާ ވޭނަށް ކެތްކުރަން ދަތިވެގެންނެވެ.

އަޔާން ދާން ޖެހުނީ ވަރަށް އާދަޔާ ޚިލާފު މިޝަނަކަށެވެ. ލ. އަތޮޅު ބޭރުން ޑްރަގް ޓްރެފިކް ކުރާކަމުގެ މަޢުލޫމާތު ލިބިގެންނެވެ. ކޯސްޓްގާރޑް ގެ ހަލުވި ދުވެލީގައި އެ ދޯނި ކައިރިއަށް ދެވިއްޖެއެވެ. "ރަހުމް" ދޯނީގެ ނަންބޯޑު ފެނުމުން އަޔާން ބޮލަށް އެނބުރުން އަރައިގަތެވެ. އެއީ އޭނާގެ ބައްޕަ ގެންގުޅޭ ސަޕްލައި ދޯންޏެވެ. އެ ބޮޑު ދޯނި ކައިރީގައި އެހެން ލޯންޗެއް އޮތެވެ. އެއީ ރާއްޖޭގެ ލޯންޗެއް ނޫނެވެ. ހީވާގޮތުން އެހެން ބޮޑު ދޯންޏަކުން އެއްޗިހި ނަގައިގެން އައިސް ރަހުމް ދޯންޏަށް އެއްޗެއް އަރުވަނީއެވެ. ކޯސްޓްގާރޑުގެ އަލިތައް ދިއްލާލީ ރަހުމް ދޯންޏާ ވަރަށް ގާތްކޮށްފައެވެ. ވަގުތުން އެނައުންސްމަޓް ފޮނުވިއެވެ.

"ހަތިޔާރެއް ހުރިނަމަ ބަހައްޓާ... އަހަރެމެން މީ ދިވެހި ސިފައިން.. ދެކޮޅުވެރިވެއްޖެނަމަ ދެ އުޅަނދުވެސް ފައްތާ ލެވިދާނެ.. ކަލޭމެން ތިތިބީ ދިވެހި ކަނޑުގައި. މި ކަނޑު ޙިމާޔަތްކުރުމުގެ ޤާބިލުކަން އަހަރުމެންގެ އެބަހުރި." ކޯސްޓް ގާޑުން މަޢުލޫމާތު ދެމުން ދިޔައެވެ. ކުޑަ ލޯންޗް، ކޯސްޓްގާރޑުގެ އަޑަށް ބެލުމެއްނެތި ކުރިއަށް ދުއްވާލައިފިއެވެ. ލޯންޗްގައި ތިބީ ބޭރު މީހުންނެވެ. އަޔާން އެ ލޯންޗަށް ބަޑި ޖެހިއެވެ. މަޑުމަޑުން އެ ލޯންޗް އަޑިއަށް ދާން ފެށިއެވެ.

ރާނިޔާ ހީކުރިވަރަށްވުރެ އަވަހަށް ޒަމީރު އަތުވެއްޖެއެވެ. ސިފައިންގެ ވެހިކަލުގައި ރާނިޔާ ހޮސްޕިޓަލަށް ގެންދެވުނެވެ. ރާނިޔާ އެޑްމިޓް ކުރެވި އެންމެ ރަނގަޅު ފަރުވާ ދެމުން ދިޔައެވެ. ނަމަވެސް ރާނިޔާގެ ހާލު އަންނަނީ ގޯސް ވަމުންނެވެ. ބައެއް ސިފައިން ހޮސްޕިޓަލުގައި ތިއްބެވެ. އެމީހުން އިންތިޒާރު ކުރަމުން ދަނީ ޑޮކްޓަރު އަންނާނެ އިރަކަށެވެ.

"ބޭބީގެ ވިންދު ވަރަށް ދަށްވެއްޖެ. ދެން މަޑުކުރީމަ ފުރާނައަށް ގެއްލުން ވެދާނެ." ޑޮކްޓަރު ވާހަކަ ދެއްކީ ޒަމީރާއެވެ.

"ޑޮކްޓަރަށް ފެންނަ އެންމެ ރަނގަޅަކަށް ކަންތައް ކުރައްވާ." ޒަމީރު ހުރީ ބިރުންނެވެ. ވިހެއުމުގެ ކަމެއްގައި ހަވާލުވުމަކީ އޭނާ ވަރަށް ޖެހިލުންވާކަމެކެވެ. އޭގެ ނުރައްކާތެރިކަން ހުރި މިންވަރު އޭނާއަށް ވަނީ ކުރިންވެސް ފެނިފައެވެ. އަޔާން ބޮޑު މިޝަންއެއްގައި އުޅޭއިރު ރާނީއަށް ނުވަތަ ދަރިފުޅަށްވެސް ގެއްލުމެއް ވުމަކީ އޭނާ އަދި އަމްދުން އެދޭނެ ކަމެއް ނޫނެވެ. އެހެންކަމުން ހުއްޓުމެއްނެތި އޭނާ ދަނީ ﷲއަށް ދުޢާ ދަންނަވަމުންނެވެ.

ވާހިދު ހޭލެވުމާއެކު ފަތިސް ނަމާދަށް އެރިއެވެ. އޭނާ ދުޢާގައި އެތައް ވަގުތެއް ހޭދަކުރިއެވެ. ދެން އެތައް ފަހަރަކު އަޔާނަށް ގުޅިއެވެ. އެންމެ ފަހުން އޭނާ ރަޙްމާއަށް ގޮވިއެވެ. ރަޙްމާވެސް އުޅެނީ ވާހިދުގެ ހާސްކަން ފިލުވޭތޯއެވެ. އެ ދެމައިންގެ ހާލު ދެނެވޮޑިގެންވަނީ ﷲއެވެ.

"ރާނީގެ ނަންބަރު އެނގޭތަ؟ އެ ދަރިއަށް ގުޅާބަލަ." ވާހިދު ބުންޏެވެ.

"އެ މަންޖެ ފޯނެއް ނުނަގާ. މަށަށް ފެންނަނީ އަވަހަށް އެރަށަށް ދާން." ރަޙްމާ ބުންޏެވެ.

އަޑިއަށް ދަމުން ދިޔަ ލޯންޗުގައި ތިބި މީހުން ދެން ސަލާމަތް ނުވާނެހެން ހީވުމުން ކަނޑަށް ފުންމާލިއެވެ. އެ ތިން މީހުންނާ ދިމާއަށް ކޯސްޓް ގާޑުން ލައިފްޖެކެޓް އުކަމުން ދިޔައެވެ. އަދި ވާންވީ ގޮތުގެ އެނައުންސްމަޓް ދެމުންދެއެވެ. އެންމެ ފަހުން އެ އުޅަނދު އެއްކޮށް އަޑިއަށް ހިނގައްޖެއެވެ. ޑްރަގް އެތެރެކުރި ލޯންޗް އަޑިއަށް ފައްތާލިއެވެ.

ނުނިމޭ

+1
0
+1
0
+1
6
+1
0
+1
0
+1
0
+1
1

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް