April 23, 2026 19:51
Advertisement

-Advertisement-

ވާހަކަ: އިހާ (ތޭރަވަނަބައި)

ރާނިޔާ މަންމައަށް ކާންދިނުމަށްފަހު އަޔާނަށް ގުޅޭތޯ ބަލާލިއެވެ. އަޔާންގެ ފޯނު ވަނީ އަދިވެސް ނިއްވާލާފައެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް މެސެޖެއް އައެވެ. އޭނާ ހީކުރީ އަޔާން ކަމަށެވެ. ދުވެފައިގޮސް މެސެޖް ބަލާލިއެވެ. އަޔާނުގެ މެސެޖެއް ނޫނެވެ. ހޮސްޕިޓަލުން ހެދި ރިޕޯޓްތަކުގެ ނަތީޖާއެވެ. އޭނާ ދެތިން ފަހަރަށް އެ ރިޕޯޓްތައް ބެލިއެވެ. އޭގައި ވާއެއްޗެއް ގަބޫލު ނުކުރެވިގެންނެވެ.

ރާނިޔާ ބަނޑު ބޮޑީއެވެ. ރާނިޔާއަށް ވީގޮތް ބުނާކަށްވެސް ނޭނގުނެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އަޔާނަށް މިޚަބަރު ދޭށެވެ. ނަމަވެސް އަދިވެސް އަޔާންގެ ފޯނު އޮތީ ނިވާލާފައެވެ. އޭނާ ދުވެފައި މަންމަ ކޮޓަރިއަށް ދިޔައެވެ. އޭނާ މަންމަގެ ގައިގާ އޮޅުލައިގަތެވެ.

"މަންމާ...އަހަރެން ބަނޑުބޮޑު.. އަލްޙަމްދު ލިﷲ.. އަޔާނަށް މިޚަބަރު ވީހާވެސް އަވަހަކަށް ދޭން ބޭނުން. އެކަމަކު އޭނާގެ ފޯނަކަށް ނުގުޅޭ." ރާނިޔާ މަންމައާއި ވާހަކަ ދައްކަމުން ދިޔައެވެ.

Advertisement

އޭނާގެ މަންމަގެ މޫނުމަތީން ފެންނަނީ އުފާވެރިކަމެވެ. ދޮރުމަތީގައި އަޔާން ހުރިތަން ސަހީމާއަށް ފެނެއެވެ. އަނގަމަތީ އަތްއަޅައިގެން ހުރެ ނުބުނާށޭ ބުނެ އިޝާރާތް ކުރަނީއެވެ. ނަމަވެސް ރާނިޔާއަކަށް އަޔާނެއް ނުފެނެއެވެ. މި އުފާވެރި މަންޒަރު ފެނުމުން ދުލުން ބުނަން ބޭނުންވާ ކިތަންމެ ބަހެއް ސަހީމާގެ އެބަހުއްޓެވެ. ނަމަވެސް އޭނާ ބުނާނީ ކީކޭހެއްޔެވެ؟ އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ.

"ރާނީ.... އަލްޙަމްދު ލިﷲ." އަޔާން ގޮސް ރާނިޔާ އުރާލިއެވެ.

"އަޔާން.. ކީއްވެ ނުގުޅީ." ރާނިޔާ ބޮޑާ ހާކާލިއެވެ.

"ނުގުޅާ އާދެވުނީމަ މާ ރަނގަޅެއްނު." އަޔާން ރާނިޔާ އުރާލައިގެންހުރެ ކޮޓަރިއަށް ގެންދިޔައެވެ. މިއީ އެމީހުންގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތުކޮޅެވެ. އަޔާނަށް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭނގެއެވެ.

އަޔާން ދުރަށް ޖެހިލިއެވެ. އަދި ފޯނުނަގާ މަންމައަށް ގުލާލިއެވެ. މިއީ މަންމަ އެންމެ އުފާވާނެ ވަގުތުކަން އޭނާއަށް އެނގެއެވެ. މަންމަގެ ހެޔޮ ދުޢާ ލިބޭނެކަން އޭނާއަށް ޔަޤީންވެއެވެ.

"މަންމާ.. ރާނީ ބަނޑުބޮޑު. މަންމަ މާމައަކަށް ވަނީ." އަޔާން ބުންޏެވެ.

"އަލްޙަމްދު ލިﷲ. މަންމަ ވަރަށް އުފާވެއްޖެ.. ދަރިފުޅުމެން ދުރުގައި އުޅޭތީ މަންމަ ހާދަ ދެރަވެޔޭ. މިހާރު ދެފަހަރަކު ބުނެފިން ދަރިފުޅުގާތަށް ގޮސްލަންވެސް. ބައްޕަ އަދިވެސް އެ ގޮތްދޫނުކުން ނިންމާކަށް ނޫޅޭ." ރަޙްމާ ބުންޏެވެ.

"މަންމަ ދެރަނުވޭ.. އަދި ހުރިހާކަމެއް ރަނގަޅުވާނެ. ބައްޕަ ކޮބާ؟" އަޔާން މަޑުމަޑުން އެހިއެވެ.

"ބައްޕަ ވާހަކަ ނުދައްކާ.. ސަޕްލައިދޯނީގެ ޖަމީލު ބައްޕައަށް ކިތަންމެ ފަހަރަކު ލަނޑުދީފި. އެކަމުވެސް ބައްޕަ އޭނާ ދޫކޮށްލާކަށް ނޫޅޭ. މިހާރުވެސް އެކަހަލަ ފައިސާގެ މައްސަލައެއްގެ އުޅެނީ. އަހަރެން އެއްޗެއް ބުނާއިރަށް ބުނޭ އަޔާނު މިކަމާއުޅޭނަމަ ތިމަންނާގެ ބޮލަށް ހާދަ ފަސޭހަ ވާނޭއޭ ވެސް. ބައެއްފަހަރު ދަރިފުޅުގެ ވާހަކަވެސް އަހާ. ﷲ ބައްޕައަށް ހެޔޮވިސްނުން ދެއްވާނެ. މަންމަ ހާދަ ދުޢާއެއް ކުރަމޭ." މަންމަ ބުންޏެވެ.

ރާނިޔާގެ ބަނޑަށް ފަސް މަސް ވެއްޖެއެވެ. މަންމަގެ ހާލު އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑު ވަމުންނެވެ. ރާނިޔާ ގިނަ ވަގުތު ހޭދަކުރަނީ މަންމަ ގާތުގައެވެ. އަޔާންވީ މިޝަންއަކަށް ގޮސްފައެވެ. ފަތިސް ނަމާދު ކޮށްލައިގެން ރާނިޔާ މަންމަގެ ހާލު ބަލާލަން ވަނެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިއަދު ރާނިޔާގެ ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވަންނަމުން ދެއެވެ. އޭނާ މަންމަގެ އެނދުކައިރީ މަޑުކޮށްލިއެވެ. އަދި މަންމައަށް ބަލާލިއެވެ. މަންމަގެ ދެލޯވަނީ ހުއްޓިފައެވެ. މޫނު މުޅިން ހުދުވެފައެވެ. ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ.

"މަންމާ.." ރާނިޔާ ގޮވަމުން ދިޔައެވެ.

ރާނިޔާ އަޔާނަށް ގުޅިއެވެ. އަޔާން ފޯނެއް ނުނަގައެވެ. އޭނާ ހުރީ ސެޝަންއެއްގައެވެ. ފޯނުނެގޭ ހާލަތެއްގައެއް ނޫނެވެ. އެންމެފަހުން އޭނާ ޒަމީރަށް ގުޅިއެވެ. އިސާހިތަކު ޒަމީރާއެކު ސިފައިންގެ ޑޮކްޓަރު  އަދި ބައެއް މީހުން މަންމަގާތަށް އައެވެ. މަންމަ މަރުވުމުގެ ޚަބަރު އެމީހުން ދިންވަގުތު ރާނިޔާ އަނބުރައި ނުގަތީ ކިރިޔާއެވެ. މަންމަގެ ވަޅުލުމާއި ކަށުކަމާކެމީގެ އެންމެހާ ކަމެއްގައި ހަރަކާތްތެރިވީ ސިފައިންނެވެ.

"ކަންބޮޑުވެ ނުލައްވާ.. އަޔާން ވަނީ ވަރަށް މުހިއްމު މިޝަންއެއްގައި ފ. އަތޮޅުގައި. މަންމަގެ ހުރިހާކަމެއް ބަލަހައްޓާދޭނީ ސިފައިންގެ ފަރާތުން." ޒަމީރު ބުންޏެވެ.

ފ. ނިލަންދޫގައި އެ އަތޮޅަށް ޚާއްސަކޮށްގެން ބާއްވާ ސެޝަންއެއްގައި އިސްކޮށް އުޅުނީ އަޔާނެވެ. ތިންދުވަހަށް ދެމިގެންމިދިޔަ ޝެޝަން ނިންމާލާފައި އޭނާ ބްރޭކެއް ނެގިއެވެ. އަޔާން ފުން ނޭވާއެއް ލިއެވެ. އޭނާ ފޯނަށް ބަލާލިއެވެ. ރާނީ ތިންފަހަރު ގުޅާފައި އޮތެވެ. އޭނާ އަވަހަށް ގުޅާލިއެވެ. ރާނީ އެހާ ގިނައިން ގުޅާނީ ކޮންމެވެސް ކަމެއް ވީމާކަން އޭނާއަށް ޔަގީނެވެ.

"މަންމަ ނިޔާވީ.." ރާނިޔާ ރޯންފެށިއެވެ.

"މިގުޅަނީ ޒަމީރަށް.." އަޔާން ބުންޏެވެ.

"ޒަމީރަށް ގުޅައިފިން.. އޭނާ ވަރަށް ރަނގަޅު. މިހާރު ކަށުކަމާކެމީގެ މަސައްކަތުގައި އެ އެންމެން އެބައުޅޭ." ރާނިޔާ ބުންޏެވެ.

އަޔާން ފޯނުގައި ހުއްޓާ ބާރު އަޑުފަށްގަނޑެއް އިވުނެވެ. ހީވީ މުޅި ރަށްވެސް ގުޑައިގެން ދިޔަހެންނެވެ. އެމީހުން ތިބި އިމާރާތުގެ ކުޑަދޮރުތައްވެސް ފުނޑުފުނޑުވެގެން ފޭބިއެވެ. މީހުންތައް ހަޅޭއްލަވައި ގަތެވެ.  އަޔާން ފޯނު ކަނޑާލިއެވެ. އޭނާ ހަނދާނަށް އައީ ސްކޫލުގައި އުޅުނު އިރު ހިނގި ހާދިސާއެވެ. ސަލްޓަންޕާކުގައި ގޮވި ބޮމެވެ. ވީނުވީއެއް ބެލުމަށް މިއަދުވެސް އޭނާ ދުވެފައި އެތެރެއަށް ދިޔައެވެ. އެދުވަހާއި މިއަދުގެ ތަފާތަކީ އޭނާއަށް އެންމެ އެތެރެއަށް ވަނުމުގެ ފުރުސަތު ލިބުމެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ. އެކަކަށްވެސް ވީގޮތެއް ނޭނގުނެވެ. އިރުކޮޅަކުން ބައެއް މީހުންނަށް ފޯން ކޯލްތައް އަންނަމުން ދެއެވެ.

ނުނިމޭ

+1
0
+1
0
+1
4
+1
0
+1
1
+1
0
+1
1

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް