އުމުރުން 6 އަހަރުގެ އިބްރާހީމް އަޒާން ސުހައިލް އަކީ 'ސެރެބްރަލް ޕަލްސީ' ތަހައްމަލު ކުރަމުންދިޔަ ކުއްޖެކެވެ. އަޒާންގެ ބަނޑަށް ކާއެއްޗެހި ފޮނުވަން ބޭނުންވާ ހޮޅި ހޯދުމަށް އާއިލާއިން މަސައްކަތްކުރާތާ އެތައް މަހެއް ހޭދަވީއެވެ. އެންމެފަހުން އެކުއްޖާގެ ބަލިހާލަތު ބޮޑުވެ ނިޔާވީ އިއްޔެގެ ވަގުތެއްގައެވެ.
އަޒާންގެ މަންމަ އާމިނަތު ޔަޝްފާ ސޯޝަލް މީޑިއާގައި މި މާރިޗް 16 ވަނަ ދުވަހު ހިއްސާކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

" ކާއެއްޗެހި ދެނީ ޕީއީޖީ ޓިއުބް މެދުވެރިކޮށް. 2025 ވަނަ އަހަރު އޮގަސްޓްމަހު އެސްޓީއޯ މެދުވެރިކޮށް 2 ހޮޅިކޮޅަށް އޯޑަރު ދިނިން. 8 މަސްހޭދަވިއިރު ނުލިބޭ. އެސްޓީއޯއަށް ގުޅާ ހުޅުމާލެ ބޭސްފިހާރައަށް އެތައްފަހަރަކު ދެވިއްޖެ. މިހާރުން މިހާރަށް ހޮޅިކޮޅު ބަދަލުކުރަންޖެހޭ. އެކަމަކު އިތުރުއެއްޗެއް ނެތް. މިއީ އެހެން ބޭސްފިހާރައިން ލިބެންހުންނަ އެއްޗެއް ނޫން. މިއަދު އެސްޓީއޯ ފާމަސީއިން ގުޅާފަބުނީ އެންސްޕާއިން ހުއްދަނުދޭތީ އޯޑަރު ނުކުރެވިވާކަމަށް. މިއޮށް ހުރިހާ ދުވަހު ކީއްވެތޯ އެސްޓީއޯއިން ޖަވާބު ނުދިނީ؟ އަދި އެންސްޕާއިން އެޕްރޫވް ނުކުރާ ސަބަބަކީ ކޮބައިތޯ؟ މިއީ މިކުއްޖާގެ ކެއިންބުއިން އެތެރެވާ ހަމައެކަނި މަގު.." އަޒާންގެ މަންމަ ލިޔެފައިވެއެވެ.
އަޒާން އަށް ބޭނުންވާ ހޮޅިކޮޅު ލިބުނުއިރު ވަގުތު ފާއިތުވެއްޖެކަމަށް އާއިލާއިން ވަނީ ބުނެފައެވެ. "ކުރީދުވަހު އައިޖީއެމްއެޗް ޕްރޮކިއުމެންޓްއިން ގުޅާފަބުނި ހޮޅިކޮޅު ލިބިއްޖޭ. އެކަމަކު މާލަސްވެއްޖެ ލިބުނުއިރު. ހާލުދެރަވީމަ އެ ނުއެއް ގުޅޭ".
އެންމެ ތުއްތުއިރުއްސުރެ ބަލިކޮށް އުޅުނު އަޒާންގެ ހާލު މާބޮޑަށް ގޯސްވެ އައިޖީއެމްއެޗްގައި އެޑްމިޓްކުރީ މިދިޔަ އާދީއްތަ ދުވަހުގައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަޒާންގެ ކަށުނަމާދު އޮތީ އިޝާނަމާދަށްފަހު އާސަހަރާގައެވެ.

މިމައްސަލައިގައި އެސްޓީއޯ އަދި އެންސްޕާއިންވެސް މައުލޫމާތު ލިބޭގޮތްވަނީ ނުވެފައެވެ. އިހުމާލުވިކަމުގެ ތުހުމަތު އާއިލާއިން ކުރާއިރު މިކަމުގައި ފުރިހަމަ ޖަވާބެއް ލިބެންޖެހެއެވެ. އަޒާންގެ މަރާއެކު ގިނަބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިހުމާލުވެފައިވާކަމުގެ ތުހުމަތުކޮށް ފިޔަވަޅުއެޅުމަށްވެސް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ.
25 މާރިޗް 2026 ގައި މ. ޗީޒް، އިބްރާހީމް އަޒާން ސުހައިލް ނިޔާވި ހާދިސާ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަމުން އަންނަކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި މައްސަލަ ބަލަންފަށާފައިވާކަމަށް މިނިސްޓްރީއިން ހާމަކުރުމާއެކު ސޯޝަލްމީޑިއާގައި އާންމުންގެ މީހަކު ފާޅުކޮށްފައިވާ ކަންބޮޑުވުމުގެ މެސެޖެއްގައިވެއެވެ. "މިފަދަ ކިތައް މައްސަލަތޯ ބަލަންފަށާފައިވަނީ. ކުށްވެރިވާ މީހަކު، އަދަބު ލިބޭމީހަކު ނޫނީ ވުޒާރާއެއް ނުހުރޭ. އަބަދުވެސް ބަލަމުންދަނީ".
މިފަދަ މައްސަލަތައް ތަކުރާރު ނުވާނެ ގޮތަކަށް އިދާރާތަކުގެ މަސައްކަތް ބައްޓަންވާންޖެހެއެވެ. ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލު ލިބެންޖެހެއެވެ.














ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު
މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލެނީ މައްސަލަބަލާލަ ބަލާލަ އަބަދު ތިބޭތީ. ޒިއްމާވާނެ، ކުރުވޭނެ މެކޭނިޒަމްއެއް ނެތް
ކިތައްމެ އަވަހަކަށް ކިތައްމެދުވަހެއްވަންދެން ބެލިޔަސް އެދަރިޔެއްދެނެއްނާންނާނެ..އެމަންމަޔާ ބައްޕަގެ އިހުސްސްތަކެއްވެސް ލުޔެއް ނުކުރެވޭނެ..ހިތަށް އަރުވާލަން އެހާލުގަ އެދަރިގޮވައިގެން އެމަންމަ އުޅުނުއިރު ހިތަށް ކުރާނެ އަސަރު..އެދަރިފުޅަށްއެހީތެރިނުވެވި ލުޔެއްހޯދަނުދެވޭތީ އެމަންމަ އަމިއްލަނަފުސަށް ކުރާނެ އަސަރު..
މަގާމުތަކާ އެކަށީގެންނުވާ މީހުން ލާފަތިބޭނަމަ ނިކަމެތިންގެޙާލު އިހުސާސެއް ނުވާނެ..
އިހުމާލުވެ ފަރާތްތަކަށް ހަރުކަށިއަދަބުދިނުމަށް ގޮވާކަށް..
ކޮމެންޓްސް ބަންދުކުރެވިފައި