April 27, 2026 21:54
Advertisement

-Advertisement-

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހުން ނިޔާވެއްޖެ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ 5 މީހުން ނިޔާވެފައެވެ. ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ޖުމްލަ 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ވަނީ ތަފްސީލު ހާމަކޮށްފައެވެ. އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މާރިޗް 12 ވަނަ ދުވަހުގެރޭ 1:57 ހާއިރުގައެވެ. މިރިޕޯޓާއި ގުޅިގެން ފުލުހުން ވަގުތުން އެސަރަހައްދަށް ދިޔައިރު އެ ގޭގެ ބަދިގެތެރެއިން ވަރަށްބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވުނުކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

" ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން ގޭގެ ބިތްދޮށު ފަރާތު ފާރު ތަޅާލައިގެން ވަދެ ހަބަރު ހުސްވެފައިތިބި 7 މީހަކު އެތަނުން ނެރެ ސިއްހީ މަރުކަޒަށް ގެންގޮސްފައިވޭ، ސިއްހީ މަރުކަޒަށް ގެންދިޔައިރު އޭގެ ތެރެއިން 5 މީހަކު ވަނީ ނިޔާވެފައި. ދުމުގެ އަސަރު ކުރުމުގެ ސަބަބުން 2 މީހެއްގެ ހާލު ސީރިއަސްކަން ކަށަވަރު ކުރެވުނު. ހާލު ދެރަ ދެމީހުންނަށް އިތުރު ފަރުވާދިނުމަށް ވަނީ މާލެ ގެނެސްފައި. މިހާދިސާއާއި ގުޅިގެން ނަފްސާނީގޮތުން އަސަރުކުރި މީހަކަށް އެރަށު ސިއްހީ މަރުކަޒުން ފަރުވާދީފައިވޭ". ފުލުހުންގެ ބަޔާނުގައިވެއެވެ.

Advertisement

މިހާދިސާގައި އަނިޔާވި އަދި ނިޔާވި އެންމެނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ. އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ދަންވަރު 2:30 ހާއިރުގައެވެ. 

ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ތަހުގީގު ޓީމު ދިގުރަށަށް ގޮސް ތަހުގީގު ދަނީ ކުރަމުންނެވެ. 

މީހުން ސަލާމަތްކުރުމާއި އަލިފާން ނިއްވުމުގެ އިތުރުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިގުރަށު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެހީތެރިކަން ފާހަގަކޮށް ފުލުހުންގެ މުއައްސަސާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. 

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް