"މަންމާ.. މީ ރާނީ." އަޔާން ލަދުން ހުރެ ބުންޏެވެ.
ރަޙްމާ ރާނީއަށް ކުރިއަށްވުރެވެސް ގާތުން ބަލާލިއެވެ. ރީތި ކަޅިރަވައެކެވެ. އޮމާން ސާފު މޫނެކެވެ. ކިތަންމެހާވެސް ރީތި ކުއްޖެކެވެ. އޭނާގެ ދަރިފުޅުގެ ހޮވުން މާބޮޑަށްވެސް ފުރިހަމަވެފައި ނަލައެވެ.
"ސިފައިންގެ މީހަކާއި ކައިވެނިކޮށްގެން އުޅުމަކީ ވަރަށް ކެތްތެރިންނަށް ކުރެވޭނެ ކަމެއް. ކޮންމެ ހާލެއްގައިވެސް އަޔާނާއިއެކު ވާތި! މީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު. މަންމަ މި ބުނިއެއްޗެއް ދަރިފުޅަށް އެނގޭނީ ފަހުން." ރަޙްމާ ނުހަނު ލޯބިން ބުންޏެވެ.
"އަޔާން ބޭނުންނަމަ ކައިވެނި ކުރަންވީ. އެކަމަކު ތިޔަ ކައިވަންޏަކަށް އަހަންނެއް ނުދާނަން. ރަޙްމާވެސް ގޮސްގެން ނުވާނެ." ވާހިދު އެންމެ ފަހުން ކައިވެންޏަށް އެއްބަސްވިއެވެ. އަދި މަޑުކޮށްވެސް ނުލާ ބޭރަށް ނިކުމެގެން ދިޔައީއެވެ.
"ދަރިފުޅު ދެރަނުވޭ. ކުރިން ބައްޕަ ތިޔަކައިވެންޏަށް މުޅިން ދެކޮޅެއްނު. މިހާރު އެއްބަސްވީތާ. އަދި ހުރިހާކަމެއްވެސް ރަނގަޅުވާނެ." ރަޙްމާ އަޔާންގެ ބޮލުގައި ފިރުމާލިއެވެ.
ރާނިޔާމެންގެ ގޯތިތެރެ ވަނީ އެކިއެކި ކަހަލަ އަލިތަކުން ޖަރީވެފައެވެ. މަދު މީހުން ކޮޅަކާއިއެކު ކުޑަކުޑަ ހަފްލާއެއް ހިނގަމުން ދަނީއެވެ. މުއްސަނދި އާއިލާއެއްގެ އަޔާންގެ އާދައިގެ ކައިވެނި ޕާޓީއެއް ބާއްވަނީއެވެ. މަންމައާއި ބައްޕައާއި ނުލާ ކުރެވޭ ކައިވެންޏެއް ފެންނާނީ މިފަދަ ގޮތަކަށްކަން އޭނާ ގަބޫލުކުރެއެވެ. އަޔާންގެ އެއްވެސް ޝަކުވާއެއް ނެތެވެ. މަންމައާއި ބައްޕަގެ ރުހުން ލިބުންވެސް އެއީ އޭނާއަށް ވަރަށް ބޮޑުވަރެކެވެ. ކައިވެނީގެ ހެދުމުގައި އަޔާނާއި ރާނިޔާ ނުހަނު ރީއްޗެވެ. ރަށުގައި އުޅޭ ސިފައިންގެ މީހުންނާއި ބައެއް ޓީޗަރުން މި ކުޑަކުޑަ ހަފްލާގައި ބައިވެރިވިއެވެ.
"މި ކައިވެނި މިދިޔައީ ވަރަށް ސިންޕަލްކޮށް. ރާނީ ބުނިހެން... ރާނީގެ ކައިވެނީގައި "ކައިވެނިމައްޗަށް" ދިއުމެއްވެސް ނެތް. އެކަމާ އަހަރެން ވަރަށް މާފަށް އެދެން." އަޔާން ދެރަވިއެވެ.
"ކައިވެނި މައްޗަށް ދިއުމުގެ އުފަލަކީ މި އަތޮޅުގެ ކޮންމެ ކުއްޖެއްގެވެސް އެންމެ ބޮޑު އުންމީދު. އެކަމަކު އަހަރެން ދެރައެއް ނުވަން. ހަމައެކަނި އަޔާން ލިބުމުންވެސް ފުދޭ. އެހެންވީމާ.. އިތުރު އެހެންކަމެއް އަހަރެން ބޭނުމެއް ނޫން." ރާނިޔާ ހިނިތުންވެލިއެވެ.
"ލާމުން ކުއްޖަކު ހޯދަން އައީ އަހަރެން. އެކަމަކު ކަން މިވީ އެހެންމީހަކަށް." ޒަމީރު އައީ އެވަގުތެވެ.
ޒަމީރުގެ ސަމާސާއިން އެންމެން ހިނިއައެވެ. އޭނާ އަޔާންގެ ކަންފަތްދޮށުގައި ސިއްރު ވާހަކައެއް ބުންޏެވެ. އަޔާނަށް އެއީ ވަރަށް މުހިއްމު ވާހަކައެއްކަމަށް ރާނިޔާއަށް ޔަގީންވީ އަޔާން މޫނުން ފެނުނު ސީރިއަސް ކަމެވެ.
"ވަރަށް ބޮޑަށް ސޮރީ ރާނީ. ވަރަށް އަވަހަށް އަންނާނަން." އަޔާން ނިކުންނަމުން ބުންޏެވެ.
"ތި ދަނީތަ؟" ރާނިޔާ ބިރުންހުރެ އެހިއެވެ.
"މިހާރަކު ނޫން. އެކަމަކު އިރުކޮޅަކުން އެބަޖެހޭ ދާން. ރާނިޔާ މިރޭ މަންމަގާތު މަޑުކޮށްލާ." އަޔާން ވަރަށް ލޯބިން ބުންޏެވެ.
ސައިޕާޓީ ނިމުމާއެކު އަޔާން ދިޔައެވެ. އެހެން ފަހަރުތަކާއި އެއްގޮތަށް މިފަހަރުވެސް ވީގޮތެއްވެސް ނުބުނެއެވެ. ރާނިޔާ ކޮޓަރީގައި އަޔާންގެ އިންތިޒާރުގައި އޮތެވެ. ކައިވެނީގެ ފުރަތަމަ ރޭވެސް އަޔާން ނެތުމުން ރާނިޔާ ވަރަށް ދެރަވިއެވެ. ކެތްތެރިކަމާއިއެކު އަޔާނަށް އިންތިޒާރު ކުރަމުން ދިޔައެވެ. އެންމެ ފަހުން އޭނާ ދެތިން ފަހަރަކު އަޔާންގެ ފޯނަށް ގުޅިއެވެ. އަޔާން ފޯނެއް ނުނަގައެވެ.
އަޔާންއާއި ބައެއް ރަހްމަތްތެރިން އުޅުނީ ގަމުން ރީތި ގެއެއް ހޯދާށެވެ. ތިން ކޮޓަރީގެ މި ރީތި ގެ އިތުރަށް ރީތިކޮށްލާ އިންތިޒާމް ކުރަނީއެވެ. ގޯތިތެރޭގައި ރީތި ގަސްތަކެއްވެސް އިންދަނީއެވެ. އުނދޯޔެއް އެލުވާ ރާނިޔާ ބޭނުންވާނެހެން ހީވާ އެންމެހާ ކަމެއް ކުރަނީއެވެ. ސިފައިންގެ ތެރޭގައި އުޅޭ ގިނަކުދިން މިކަމުގައި ބައިވެރިވިއެވެ. އެމީހުންގެ އެހީތެރިކަމަށް އަޔާންގެ ހިތުގެ ފުންމިނުން ޝުކުރު އަދާކުރެއެވެ.
"ދެން ގޮޅަ ރިހަ ކާން ލިބިދާނެ. ފަހަރި ދައްތައެއް ލިބުނީތާ. މައްސަލައަކީ އަދިވެސް އަހަންނަށްވެސް... އެކަހަލަ (ލާމުން) ކުއްޖެއް ނުލިބުން." ޒަމީރު ހުރީ ވަރަށް އުފަލުންނެވެ.
ރާނިޔާއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އޭނާ އަވަސް އަވަހަށް ފޯނު ބަލާލިއެވެ. އަޔާންގެ މެސެޖެއް ނަމަވެސް އައިތޯއެވެ. ނެތެވެ. އޭނާ އަވަހަށް ތެދުވެ ފާހާނާއަށް ވަނެވެ. ފެންވަރައިގެން ނިކުމެ ތައްޔާރުވެލިއެވެ. މަންމަގެ ކަންކަން ނިންމުމަށްފަހު ބަދިގެއަށް ވަނެވެ. އަޔާން އަންނާނޭ ކަމަށް ކެއުން ތައްޔާރު ކުރަން ފެށިއެވެ. މެންދުރުވާން އުޅެނިކޮށް އަޔާންގެ ކޯލެއް އައެވެ. ރާނިޔާ އަވަހަށް ފޯނު ނެގިއެވެ.
"ހަލޯ.. އަޔާން ރަނގަޅުތަ؟" ރާނިޔާ ބުންޏެވެ.
"ރަނގަޅު. މަންމަ ކިހިނެއް؟" އަޔާން ފުރަތަމަވެސް އެހީ މަންމަގެ ވާހަކައެވެ.
"މަންމަ ރަނގަޅު. އަދިވެސް ބިޒީތަ؟ ކޮންއިރަކުން އާދެވޭނީ؟" ރާނިޔާ އެހިއެވެ.
"އިރުކޮޅަކުން އެބަދަން. ބޭރަށް ނިކުމެވޭގޮތަށް ވަރަށް.. ވަރަށް ރީތިވެލައިގެން ހުންނާތި؟" އަޔާން ބުންޏެވެ.
އަޔާން ފޯނު ބޭއްވިއެވެ. ރާނިޔާ އަވަސް އަވަހަށް ތައްޔާރުވެލިއެވެ. އޭނާ ލީ އޭނާ އަތުގައި އޮތް އެންމެ ރީތި ހެދުމެވެ. އަޔާނަށް އެންމެ ރީތިވާގޮތަށް އިސްތަށިގަނޑު ހަދާލިއެވެ. އަދި އަޔާންގެ އިންތިޒާރުގައި ހުއްޓެވެ.
ކުއްލިއަކަށް މީހުންގެ އަޑުތައް އިވެން ފަށައިފިއެވެ. މިއުޒިކާ ބެރުގެ އަޑެވެ. މީހުންގެ ހުނުމުގެ އަޑާއި އުފާވެރިކަމުގެ އަޑެވެ. މިއީ ރާނިޔާއަށް އާ އަޑުތަކެއް ނޫނެވެ. މިކަހަލަ ކިތަންމެ ހަރަކާތެއްގައި އޭނާ ބައިވެރި ވެފައިވެއެވެ. އެއީ ކައިވެނި ކުރެވޭ އަންހެން ކުއްޖާ ބަލާ އައުމަށްޓަކައި މައިދައިތަ ބާއްވާ ޚާއްސަ ހަރަކާތެވެ. ލާމު އަތޮޅުގެ މަޝްހޫރު ކައިވެނި މައްޗަށް ދިއުމެވެ.
"އަންނާނުހޭ ކަނބުލޮ އަންނާނުހޭ.. މައިދައިތަމެން މިތިބީ ބަލާއައިސް..." އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ލަވަކިޔާ ނަށަނީ ފިރިހެނުންނެވެ.
ރާނިޔާ ދުވެފައި ބޭރަށް ނިކުތެވެ. އޭރު އަޔާނާއިއެކު ސިފައިންގެ މީހުންތަކެއް މަގުމަތީގައި ތިއްބެވެ. ހަސަން ޓީޗަރާއި ނާހި އަދި ބައެއް ޓީޗަރުންވެސް ތިއްބެވެ. ރާނިޔާ ފެނުމާއެކު އެންމެންހެން ހަޅޭއް ލަވައިގަތެވެ. ދުވެފައި އައިސް މާފަތިތައް ކަރަށް އަމުނާލިއެވެ. ފައިސާގެ މާފަތިތަކެކެވެ. ރާނިޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ އަޔާނަށް ބަލާލިއެވެ. އަދި ދުވެފައި ގޮސް އަޔާންގެ ގައިގާ އޮޅުލައިގަތެވެ.
އަޔާން ރޭގައި ދެއްކީ މިވާހަކައެވެ. އޭނާ ހީކުރީ މިއީ އޭނާއަށް ނުފެންނާނޭ ކަމެއް ކަމަށެވެ. އެއީ އަޔާންގެ މައިންބަފައިންގެ ފުރިހަމަ ރުހުމެއް މި ކައިވެންޏަށް ނުލިބޭތީއެވެ. ރާނިޔާ އަޔާނަށް ބަލާލިއެވެ. މިއަދު އޭނާ އަޔާނަށް ކުރާ އިހްތިރާމް އެތައް ގުނައަކަށް ބޮޑުވިއެވެ. އަޔާންދެކެ ވާ ލޯބި އިތުރުވެގެން ދިޔައެވެ. އަޔާން ކިހާ ރަނގަޅު ހެއްޔެވެ؟ އޭނާއަކަށް އެއްވެސްކަމެއް އުނި ވިޔަކަ ނުދެއެވެ. ރާނިޔާ އުފަލުން އަޔާނަށް ބަލަމުން ދިޔައެވެ. އަޔާން އެއްލޯ މަރާލިއެވެ. އަދި އަތުގެ އިޝާރާތުން ތީ އަހަރެންގެ މީހެކޭ ބުންޏެވެ.
ނުނިމޭ..











ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު
V.V. reethi vaahaka thankolheh dhigu kohla dhevidhaa netha
Wow Varah salhi