March 14, 2026 14:48
Advertisement

-Advertisement-

ވާހަކަ: އިހާ (ހަތްވަނަބައި)

"އަލް ޙަމްދު ލިﷲ.." ސިފައިންގެ ޑޮކްޓަރަށް ބުނެވުނެވެ.

އަޔާން މަޑުމަޑުން ޑޮކްޓަރާއި ގާތްވެލިއެވެ. ތުއްތު ކުއްޖާއަށް ބަލާލެވުނެވެ. ޑޮކްޓަރު އެ ތުއްތު ކުއްޖާ އަޔާނާއި ހަވާލުކޮށް އަންހެން މީހާގެ ފަރުވާއަށް ފެށިއެވެ. އަޔާން އެ ކުއްޖާ ނުހަނު އޯގާތެރިކަމާއެކު އުރާލިއެވެ. އަދި އޭނާގެ ފޯނުން ބަންގިޖަހާލިއެވެ. ﷲ އަކްބަރުގެ ނަޣުރާއިން މުޅިތަނަށް ދިރުން ގެނުވިކަހަލައެވެ. އެންމެންގެ ހިތްތައް އުންމީދުގެ ހުޅުކޮޅުން އުޖާލާވި ކަހަލައެވެ.  

ވާރޭ އޮހިގަތެވެ. ރާނިޔާ ދުވެފައި ގޭތެރެއަށް ވަނެވެ. އެންމެ ފަހުން އެނދުގައި އޮށޯވެލިއެވެ. އަދި ފޯނަށް ބަލާލިއެވެ. އެގާރަ ޖެހީއެވެ. އަޔާނެއް ނާދެއެވެ. އޭނާ ދެލޯ މަރާލިއެވެ. ނިދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަކަށް ނުނިދުނެވެ. ވަރަށް ހިތްވަރުކޮށްފައި އަޔާންގެ ފޯނަށް ގުޅާލިއެވެ. އަޔާން ފޯނު ބިޒީ ކޮށްލީއެވެ. ރާނިޔާގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. މީހަކު ހަމަ އެއްޗެއް ބުނެލާއިރަށް ގަބޫލު ކުރެވޭތީ އޭނާގެ މޮޔަކަމާއިމެދު ފޫހިވެސް ވިއެވެ.

Advertisement

"އަހަރެން ހާ ބޮޑު މޮޔައެއް މިރަށަކުވެސް ނުހުންނާނެ." ރާނިޔާއަށް ބުނެވުނެވެ.  

އިރު އުދަރެހުން ފާއްދާލީ އާދުވަހަކަށް ޖާގަ ދިނުމަށެވެ. ރޭގެ ވިއްސާރައިގެ އެންމެ އަސަރެއްވެސް އުޑުމަތީގައެއް ނެތެވެ. ޖައްވު ސާފުކަމުން ހީވަނީ އެއީ ދުވަހަކުވެސް ބޯވިލާއާއި ވިއްސާރަ އުފެދިފައި ނުވާ ތަނެއް ހެންނެވެ. ރާނިޔާއަށް ހޭލެވުމާއެކު އަވަދިނެތި އުޅެމުންދިޔައީ އޭނާގެ ރަހްމަތްތެރި ފިރިހެން ޓީޗަރެއް ކައިވެނިކުރާތީއެވެ. ފިރިހެންކުއްޖާގެ އާއިލާ ފަރާތުން ކައިވެނިވެވޭ އަންހެންކުއްޖާ އަށް ތައްޔާރުކުރާ ޚާއްސަ ހަރަކާތަކަށެވެ. ލ. އަތޮޅުގައި އޮންނަ މަޝްހޫރު "ކައިވެނި މައްޗަށް" ދިއުމަށް އޮތް ބުރަ މަސައްކަތުގައެވެ. ހެދުން ތައްޔާރުކުރުމާއި އާއިލާ ފަރާތުން ގެންދާ ތަކެތި ތައްޔާރުކުރުމާއި ނަށާކުދިންނާއި ބެރުޖަހާ ކުދިންތަކުން މުޅިތަނަށް ވެރިވެފައިވަނީ އުފާވެރިކަމާ ތަނަވަސްކަމުގެ އަސަރުތަކެވެ. ސަމާސާކުރުމާއި ހިނިތުންވުގެ އަޑުންތަކުން މުޅި ފަޒާ ވަނީ ގުގުމާލާފައެވެ. އުފާވެރިކަމާއި ސަކަރާތުން މުޅިސަރަހަށްދު ވަނީ އެއްގޮތް ވެފައެވެ.

ރާނިޔާ ފިޔަވައެވެ. އަޔާން އަންނާނެކަމަށް ބުނެ ނައުމުން އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން އެއްގޮތަކަށްވެސް ފިލައިގެނެއް ނުދެއެވެ. އޭނާއަށް އިރުއިރުކޮޅާ ފޯނަށް ބަލާލެވެއެވެ. އަޔާން ގުޅާފާނެކަމުގެ އުންމީދުގައެވެ. މި ބޭގަރާރުކަމާއި ނުތަނަވަސްކަން އޭނާއަށް އުޅެން ދަތިކޮށްފިއެވެ. ކައިވެނިމައްޗަށް ދާ މީހުން ފޯރިއާއިއެކު ހަރަކާތްތެރި ވަނީއެވެ. މަޖަލާއިއެކު ބެރު ޖަހާ ނަށަމުން އަންހެން ކުއްޖާގެ ގެއަށް ދަނީއެވެ. ރާނިޔާ ހުރީ ރަތްކުލައިގެ ކުރު ހެދުމެއް ލާފައެވެ. ވިހުރެމުންދާ އިސްތަށިގަނޑު ތެރޭން އޭނާގެ މޫނު ފެންނަނީ ފިސާރި ނަލަކޮންނެވެ.

ރާނިޔާގެ ތުނިތުނި ހަށިގަނޑުގެ ފަރިފަރި ހަރަކާތްތަކުން އަޔާން އާޝޯޚް ވިއެވެ. އޭނާ ކަޅިޖަހާނުލާ ރާނިޔާއަށް ބަލަމުން ދިޔައެވެ. ނަށަމުންދިޔަ ރާނިޔާއަށް އަޔާން ފެނުނީ ކުއްލިއަކަށެވެ. އޭނާގެ ދެފައި ގަނޑުވި ކަހަލައެވެ. އަޔާން ހަމައެކަނި ހިނިތުންވެލީއެވެ.

އެންމެންހެން ކެއުމުގެ ފޯރީގައި އުޅެމުން ދެއެވެ. ރާނިޔާ އިނީ ކައިވެނި ކުރާ ފިރިހެން ކުއްޖާ ކަމަށްވާ ހަސަނާއި އަދި އަންހެން ކުއްޖާ ނާހީއާއިއެކު ކާމޭޒު ކައިރީގައެވެ. އަޔާން ފެނޭތޯ ދޭތެރެއިން ވަށައިގެން ނަޒަރު ހިންގާލައެވެ. ނަމަވެސް އަޔާން ފެންނަގޮތެއް ނުވިއެވެ.

" މިހާރުދެން އެންމެން ކަހަލަގޮތަކަށް މިކަންވެސް މި ނިންމީވިޔަ. ދެން އޮތީ މައިދައިތަމެން ރާނިޔާ ބަލާ އަންނާނޭ ދުވަސް." ޓީޗަރ ހަސަން ބުންޏެވެ.

"ތި ދުވަސް އަންނާނެބާ؟ އަހަރެންނަކީ އެހާ ނަސީބު ރަނގަޅު މީހެއް ހެނެއް ހިއެއްނުވޭ." އަނގަޔަށް ލާންއުޅުނު ކޭކުކޮޅު ބާއްވަމުން ރާނިޔާ ބުނެލިއެވެ. އެދިމާއަށް އަންނަމުންދިޔަ އަޔާނަށް މި އަޑުއިވުނެވެ. ރާނިޔާގެ އަޑުގައި ހުރި ކެކުޅުން އޭނާއަށް އެނގުނެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ. ސަރ ނެތްނަމަ އަޅުގަނޑުގެ އަންހެނުންނާއި ތުއްތުދަރިފުޅުގެ ފުރާނަ ނުލިބުނީސް ކަންނޭނގެ." އަޔާން ފެނިގެން ރޭގައި ކޯސްޓްގާރޑްގައި ވިހޭ މީހާގެ ފިރިމީހާ ބުންޏެވެ.

"ނޫން އެއީ ﷲގެ މިންވަރުފުޅު. އަހަރެމެން ހަމައެކަނި ޒިންމާ އަދާކުރީ." އަޔާން ބުންޏެވެ.

އެމީހުން ދިރިއުޅެނީ ޖެހިގެން ހުރި ގޭގައިކަމުން އަޔާން އެގެއަށް ދިއުމަށް އެ ފިރިހެންމީހާ އެދުނެވެ. އަޔާންގެ ފަހަތުން އައި ޒަމީރާއި އަދި ސިފައިންގެ އިތުރު ދެމީހުންވެސް ދިޔައެވެ.

"ރޭގައި ނަސީއްތަ ފުރާނަ ސަލާމަތް ކުރެވުނީ މިހާރު އައިސްގެން އެ އުޅޭ އަޔާން ސަރގެ ކުޅަދާނަ ކަމުންނޯ. ނަސީއްތަ އަބަދު އެ ދައްކަނީ އެވާހަކަ." ނާހީ ބުންޏެވެ.

"އާނ. މުއްސަނދި އާއިލާއެއްގެ އެންމެ ފިރިހެން ކުއްޖެއް އެހެން އުޅޭނެއެކޭ މީހަކު ހިތަކަށްވެސް ނާރާނެ." ހަސަނު ބުންޏެވެ.

"އެއީ އަސްލު ކާކުތަ؟" ރާނިޔާއަށް ބުނެވުނެވެ.

"އެއީ މަޝްހޫރު "ދިވެހި ހޮޓެލް ގުރޫޕް" ގެ ވެރިޔާ ވާހިދުގެ ހަމައެކަނި ދަރި. ވިޔަފާރީގައި ނޫޅެ އެމް.އެން.ޑީއެފްގައި އުޅޭތީ ވާހިދު ވަރަށް ރުޅިއައި ވާހަކަ މީހުން ކިޔާ." ހަސަނު ބުންޏެވެ.

އަޔާން ފެނިގެން ރާނިޔާއަށްވެސް އެދިމާއަށް ބަލަން ހުރެވުނީއެވެ. ހަސަނު އެހެން ބުނުމުން ރާނިޔާއަށް އިސް ޖަހާލެވުނެވެ. އަޔާނާމެދު އޭނާއަށް ނުބައިކޮށް ވިސްނެވުނީމައެވެ. ހަގީގަތަކީ އަޔާނާއި އޭނާ އަރާއަރަފޯދޭނީ ކިހިނެއް ހެއްޔެވެ؟ އަޔާންގެ ވާހަކައިން ނުބައިމާނައެއް އޭނާއަށް ނެގެންވީ ކީއްވެހެއްޔެވެ؟ އަޔާން އެބުނިހެން އެވަގުތު "އޭނާގެ ވަޒީފާ" އަދާކުރީއެވެ. ނުބައިމާނައެއް ރާނިޔާއަށް ނެގުނީއެވެ. އަޔާން ދުވަހަކުވެސް އޭނާގެ މީހަކަށް ނުވާނެއެވެ. އެއީ ރާއްޖޭގެ މަހުޖަނެއްގެ ދަރިއެކެވެ. ސިފައިންގެ އޮފިސަރެކެވެ. ރާނިޔާއަކީ ފަގީރެކެވެ. ބަލި މަންމައެއް ބަލަމުންދާ ނިކަމެތި ކުއްޖެކެވެ.

އަޔާން ހުރީ ވަރަށް ވަރުބަލި ވެފައެވެ. އޭނާ ކޮޓަރީގައި ޖައްސާލީ އަރާމު ކޮށްލާށެވެ. ނަމަވެސް އޭނާގެ ޚިޔާލުތަކުގައިވަނީ "ރާނީ"އެވެ. ރާނިޔާގެ ރީތި ހިނިތުންވުމެވެ. ބަނިޔާދަން ހަށިގަނޑު ބަނޑިބަނޑި ލަވާލާ ގޮތުގެ ފަރިކަމެވެ. ރާނިޔާ ގާތަށް ދާން ވަޢުދުވެފައި ނުދެވުމުން އޭނާ ހުރީ ރާނިޔާއަށް ގުޅަން ޖެހިލުންވެފައެވެ. އެންމެ ފަހުން އޭނާ ރާނިޔާއަށް ގުޅިއެވެ. އަދި މަންމަގެ ހާލު އޮޅުން ފިލުވިއެވެ.

ޓީޗަރުންގެ ދުވަހަށް ޚާއްސަކޮށްފައިވާ ޑިނަރނައިޓަށް ދާން ރާނިޔާ ތައްޔާރުވެލިއެވެ. އޭނާ ލީ މަޑު ނޫކުލައިގެ ރީތި ހެދުމެކެވެ. އަދި ވަރަށް ރީތި މޭކަޕެއް ކޮށްލިއެވެ. އޭނާއަށް ދެވުނީ ހަފްލާ ފެށިފަހުންނެވެ. ކުލަބޮކިތަކުން ޒީނަތްވެފައިވާ މާހައުލުގައި ވަނީ އުފާވެރިކަމެވެ. ހަފްލާގައި ޓީޗަރުންނަށް ސެޓްފިކެޓް ހަވާލުކުރަން ހުރީ އަޔާނެވެ. ސްކޫލުގެ ފަރާތުން ދަޢުވަތު ފޮނުވައިގެންނެވެ.

ރާނިޔާގެ ނަން ގޮވާލުމާއެކު އޭނާ ހަތަރެސްފައި ފިނިވިއެވެ. މިއީ ދުވަހަކުވެސް އޭނާއަށް ވީގޮތެއް ނޫނެވެ. ކޮންމެ ފަހަރަކު އޭނާ ސްޓޭޖަށް އަރަނީ އިތުބާރާ ޖެހިލުން ކުޑަކަމާއެކުއެވެ. ރާނިޔާ އަންނަ މަންޒަރު ބަލަން އަޔާން ކަޅިޖަހާނުލާ ހުއްޓެވެ. ރާނިޔާއަކީ ޔަގީނުންވެސް އެ ޙަފްލާގެ އެންމެ ރީތި ކުއްޖާކަން އެންމެންވެސް ޤަބޫލު ކުރާނެއެވެ.

"މަރްޙަބާ.. މިރޭ ..ރާނީ ވަރަށް ވަރަށް ރީތި" އަޔާން ސެޓްފިކެޓް ހަވާލުކުރަމުން ބުންޏެވެ.

"ޝުކުރިއްޔާ." ފޮޓޯގަނޑަށް ހުއްޓެމުން ރާނިޔާ ބުންޏެވެ.

ނުނިމޭ

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް