May 6, 2024 18:28
Advertisement

-Advertisement-

ކުރިމަގުގައި ލީޑަރުންނަށް ވުމަށް 41 ކުދިން ތަމްރީން ވަނީ!

'ލީޑަރސް އޮފް ޓްމޯރޯ' އަކީ، އުގެއިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށްގެންދާ 'ދަ ސާރކްލް' ގެ ޕްރޮގްރާމެކެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ފެށި މިޕްރޮގްރާމަކީ އުގެއިލް ފައުންޑޭޝަންގެ ރައީސް ޕްރޮފެސަރ ޑރ. ހަސަން އުގެއިލްގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނު ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ. އެއްއަހަރު ދުވަހުގެ މިޕްރޮގްރާމްގައި މިއަހަރު 41 ކުދިން ތަމްރީންވަމުންދާއިރު، މަޤްސަދަކީ ވިހި ތިރީސް އަހަރު ފަހުން ރާއްޖެއަށް އެކި ރޮނގުރޮނގުން ބޭނުންވާނެ ކުޅަދާނަ ލީޑަރުން އުފެއްދުމެވެ.

ޕްރޮގްރާމްގައި ބައިވެރިވާ ކުއްޖެއްގެ އުފެެއްދުމެއް

އުގެއިލް ފައުންޑޭޝަންގެ 'ދަ ސަރކްލް' އެކަޑަމީގެ ޑީން މަރްޔަމް ޝަޒުނާ ވަނީ މިފަހަރުގެ ޕްރޮގްރާމްގަ ބައިވެރިން ނެގުނުގޮތުގެ ތަފްސީލް ދެއްވާފައެވެ.

Advertisement

" 11 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިން އުޅެނީ މިޕްރޮގްރާމްގައި. މިދިޔަ އަހަރު ހިންގި 'ސަރކްލް ކިޑްސް' ކިޔާ ޕްރޮގްރާމެއް ފައުންޑޭޝަންގެ ފަރާތުން. ޕްރޮފެސަރ އުގެއިލް އެ ޕްރޮގްރާމްގެ ކުދިންގެ މަސައްކަތް ބެއްލެވުމަށްފަހު އަމިއްލަފުޅަށް ސިޓީ ފޮނުއްވީ ހޮވާލެވުނު ކުދިންގެ ބެލެނިވެރިންނަށް. މިގޮތުން ބަލައިފައިވަނީ ވަގުތަށް މަސައްކަތް ސަބްމިޓްކުރާ ކުދިން، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އަދި އުފެއްދުންތެރިކަން ހުރި މިންވަރު މިކަހަލަ ކަންތައްތަކަށް" ޝަޒުނާ ވިދާޅުވިއެވެ.

ކޮންމެ ހުކުރު އަދި ހޮނިހިރު ދެ ދުވަހު އޮންލައިންކޮށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ސެޝަން ނަންގަވައިދެއްވަނީ ޕްރޮފެސަރ އުގެއިލްއެވެ. އަދި ހުކުރު ދުވަހުގެ ސެޝަން އިނގިރޭސިވިލާތުގެ ތަޖުރިބާކާރު 2 ބޭފުޅަކު ނަންގަވައިދެއްވާއިރު، ކޮންމެ ހަފްތާއަކު ވެސް ކުދިންނަށް ޚާއްސަ އެކްޓިވިޓީސް ތަކެއް ދަނީ ދެމުންނެވެ.

" ޖާނަލް ލިޔުންތަކެއް އަމިއްލައަށް ކުދިން ލިޔާނެ. ތަފާތު ފޮތްތައް ލިޔުމުގެ މަސައްކަތް ކުރަމުންދާ ކުދިންވެސް އެބައުޅޭ. އަދި ޔޫޓިއުބް ވީޑިއޯ ތައްޔާރުކުރާ ކުދިންނާއި އަމިއްލައަށް އެޕެއް ތައްޔާރުކުރާ ކުދިންވެސް އުޅޭ" ޝަޒުނާ ފާހަގަކުރެއްވިއެވެ.

ޕްރޮގްރާމްގައި ބައިވެރިވާ ކުއްޖެއްގެ އުފެއްދުމެއް

ލީޑަރސް ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް އައި ބަދަލަށް ބަލާއިރު އެންމެބޮޑަށް ފާހަގަކުރެވެނީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވުމެވެ. އަދި ހުށަހެޅުމުގެ ހުނަރު ރަނގަޅުވެ، ވަގުތަށް ކަމޭހިތުމަށް ދަސްވެ ލިޔުންތެރިކަމުގައިވެސް ބައިވެރިންގެ ހުނަރު ވަނީ ފާހަގަވެފައެވެ. މިޕްރޮގްރާމްގެ ބައެއް ބައިވެރިން މިހާރުވަނީ ދަ ސާރކްލް ގެ ކޯޑިން ޕްރޮގްރާމެއްގައި ޕްރެޒެންޓޭޝަން ވެސް ނަގައިދީފައެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވެގެން ގިނަ އަދަދެއްގެ ބެލެނިވެރިންގެ މެސެޖު ދަނީ އެ ފައުންޑޭޝަނަށް ލިބެމުންނެވެ. އެހެންނަމަވެސް މިވަގުތަށް ފައުންޑޭޝަންގެ ވިސްނުން ހުރީ މިއަހަރު ކުރިއަށްދާ ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމްގައި ބައިވެރިވެގެން އުޅޭ ދަރިވަރުންގެތެރެއިން ފާހަގަކޮށްލެވޭ ކުދިން އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ލީޑަރސް އޮފް ޓްމޯރޯ ޕްރޮގްރާމްގައި ބައިވެރިކުރުމަށެވެ. އާކުދިން މި ޕްރޮގްރާމްގައި ބައިވެރި ކުރުމާއިމެދު އަދި ވަކިގޮތެއް ނުނިމޭކަމަށް ޝަޒުނާ ވަނީ ވިދާޅުވެފައެވެ.

ދަ ސާރކްލް އިން ކުރިއަށް ގެންދާ ދެވަނަ ޕްރޮގްރާމް ކަމުގައިވާ، ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ ޕްރޮގްރާމްގައި ބޮޑަށް ދަސްކޮށްދޭނީ ކޯޑިން ކުރާނެގޮތެވެ. ކްރިޓިކަލް ތިންކިންގ ވެސް ކިޔައިދޭއިރު އޭގައި ބޮޑަށް ކިޔައިދެނީ އެކިގޮތްގޮތަށް ކުދިންގެ ވިސްނުން ބަހައްޓާނެގޮތެވެ.

" އަމިއްލަ އެއްޗެހި އުފައްދައިގެން ވިސްނުން ރަނގަޅު ކުރަން ބޭނުންވަނީ. ކޯޑިންގެ އެންމެ ބޭސިކް ޕްރޮގްރާމްތައް ދަސްކޮށްދޭނެ. އަމިއްލަ އަށް ވެބްސައިޓާއި ބްލޮގް ތައްޔާރުކުރާނެ ގޮތް ދަސްކޮށްދޭނެ. އެކުދިން އަމިއްލައަށް ޢީދު ކާޑުވެސް ތައްޔާރުކުރޭ" ޝަޒުނާ ވިދާޅުވިއެވެ.

ޕްރޮގްރާމްގެ ބައިވެރިއެއްގެ މަސައްކަތް ދައްކުވައިދޭ ފޮޓޯ އެއް

މިޕްރޮގްރާމްގައި 500 އެއްހާ ކުދިން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 7 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނެވެ. އަދި މިއީ ބައިވެރިވާން ބޭނުންވާ ހުރިހާ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

" ކޯޑިން ޕްރޮގްރާމް އަކީ ވެސް 1 އަހަރު ދުވަހުގެ ޕްރޮގްރާމެއް. ދެން 2022 އަށް އަލަށް ކުދިން ނަގާނީ. މިއަހަރު ނޮވެމްބަރު ނުވަތަ ޑިސެންބަރު ހިސާބުގައި ފޭސްބުކް 'ދަ ސާރކްލް' ޕޭޖް މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ"

ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ވެސް ކިޔަވައިދެނީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. ޖޫނިއަރ ގުރޫޕެއްގެ އިތުރުން ސީނިއަރ ގުރޫޕެއްގެ ގޮތުގައި ދެބަޔަކަށް ކުދިން ބަހާލައިގެން ކުރިއަށްގެންދާއިރު ޖުމްލަގޮތެއްގައި މިއީ ވަރަށް ތަފާތު ޕްރޮގްރާމްތަކެއް ކަމަށް ޝަޒުނާ ފާހަގަކުރެއްވިއެވެ.

 

ނޯޓް: އިލްމާއި ހިލްމު ކެޓަގަރީ އަކީ އުގެއިލް ފައުންޑޭޝަނާއި ޒީޓައިމްސް ގުޅިގެން ކުރިއަށްގެންދާ ކެޓަގަރީއެކެވެ. މި ކެޓަގަރީގެ ދަށުން އުގެއިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށް ގެންދާ 'ދަ ސަރކްލް ބައި އުގެއިލް ފައުންޑޭޝަން' އިން އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ ދަރިވަރުންނާއި ޕްރޮގްރާމްތަކުގެ މައުލޫމާތު ހިމެނޭ ރިޕޯޓުތައް ދަނީ ގެނެސްދެމުންނެވެ.

+1
0
+1
7
+1
0
+1
1
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް