ކުޑަކުޑަ އޮށެއް މަޑު ފަސްގަނޑެއްގައި އިންދުނެވެ. އެ އޮށް ބޭނުންވީ ހަމަ އެދުވަހު ގަހަކަށް ބަދަލުވެ ގިނަ ފަތްތަކާއި ގޮފިތަކެކެވެ.
އެއޮށް ފަސްގަނޑާއި ސުވާލުކުރިއެވެ. "މިހާރު އަހަރެން މިއީ ގަހެއްތަ؟"
"އަދި ތީ ގަހެއް ނޫން ގަހަކަށް ބަދަލުވާން ފެނާއި ވަގުތު ބޭނުންވޭ" ފަސްގަނޑު ބުންޏެވެ.
މާގިނައިރުތަކެއް ނުވެ ވާރޭ ވެހެންފަށާ ބިންގަޑު ތެމުނެވެ. އޮށަށް ފެން ލިބެން ފެށުމުން އޭގެ ހަރު ތޮށިގަނޑު މަޑުވެ، އެތެރެއިން ގަސް ފަޅަން ފެށިއެވެ.
އޭގެ ދެތިން ދުވަސް ފަހުން އަނެއްކާވެސް އޮށް އަހާލިއެވެ.
"އަހަރެން މީ ގަހެއްތަ؟"
ފަސްގަނޑު ބުންޏެވެ. "ބަލަ އަދި އެންމެ މުލެއް ތިއޮށް ފެޅީ".
އެ އޮށުގެ ތެރެއިން ކުޑަކުޑަ މުލެއް ފަސްގަނޑުގެ ތެރެއަށް ނުކުމެފައި އޮތެވެ.
އަނެއްކާވެސް އޮށް ބުނެލިއެވެ. "އަހަރެން ބޮޑުވާން ބޭނުން!"
ފަސްގަނޑު ބުންޏެވެ. "ތިޔަ ނުކުތީ އެންމެ މުލެއް އެ މުލަށްވެސް ފެން ބޭނުންވާނެ ހެދެން އަދި އެ މޫ އޮށް ގަހަކަށް ބަދަލުވާއިރު ބިންމަތީގައި ސާބިތުކަމާއެކު ހުރުމަށް އެހީތެރިވެދޭނެ"
ނަމަވެސް އޮށް ބޭނުންވީ ގޮފިތަކާއި ފަތްތައް ހުންނަ ގަހަކަށް ވާށެވެ. އެފަހުން އެކި ދިމަދިމާލުން ކުދި މޫތައް ނުކުންނަން ފެށިއެވެ.
މާގިނަ ދުވަސްތަކެއް ނުވެ، ކުޑަ ފަތްކޮޅެއް ބިމުން މައްޗަށް ނުކުމެ ބޮޑުވާން ފެށިއެވެ.
އަނެއްކާ އޮށް އަހާލިއެވެ. "އަހަރެން މީ ގަހެއްތަ؟"
"ތިޔަ ބޮޑުވަނީ. ކެތްތެރިވެލާ" ފަސްގަނޑު ބުންޏެވެ.
އިރުގެ އަލިކަން ލިބުމުން ބިމުން މައްޗަށް ނުކުމެފައިވާ ދެފަތް ހުޅުވިގެން ދިޔައެވެ.
“މިހާރު އަހަރެން މީ ގަހެއްތަ؟” ގަސް ތަކުރާރުކޮށް ސުވާލު ކުރިއެވެ.
އެވަގުތު އެފަތްތަކުގައި ޖައްސާލި ފަތްމިނި ބުނެލިއެވެ.
"ތިއީ ކުޑަކުޑަ ގަހެއް އަދި ފަހުން ގިނަ ފަތްތަކާއި ގޮފިތައް ފަޅާނެ"
ދެފަތް ދެ ފަތަށް ބަލާލިއެވެ. ކުދި ނަމަވެސް އެ ފަތްމިންޏަށް ވުރެން ފަތްތައް ބޮޑެވެ. އެކަމާ ފަތްތައް އުފާވިއެވެ.
އިރުކޮޅަކުން ވާރޭވެހި މޫތަކަށް ފެންލިބުނެވެ. އަވި ދިނުމުގެ ސަބަބުން ގަސް ހެދިބޮޑުވަމުން ދިޔައެވެ.
ބިމުގައި ގަހުގެ މޫތައް އިތުރުވެ ފަތްތައް ބޮޑުވެ ވަރުގަދަވަމުން ދިޔައެވެ.
ކޮންމެ ދުވަހަކުވެސް ގަސް ސުވާލުކުރެއެވެ.
ޖެހިގެން އައި ދުވަހު އާފަތެއް ފެޅިއެވެ. އެފަހުން ކޮންމެ ދުވަހެއްގެ ހެނދުނު އާ ފަތެއް ފަޅަމުން ގަސް ވަރުގަދަވަމުން ދިއައެވެ.
މިގޮތަށް މަސްތަކެއް ފާއިތުވަމުންގޮސް އެ ގަސް ބޮޑުވިއެވެ.
އެއްދުވަހަކު ކުޑަ ދޫންޏެއް މި ގަހުގެ ގޮފިގަނޑެއްގައި ޖައްސާލިއެވެ. ގަސް ފަތްތަކަށް ބަލާލުމަށްފަހު ދޫންޏާ ސުވާލުކުރިއެވެ. އަހަރެންމީ މިހާރު ގަހެއް ހެއްޔެވެ؟
ދޫނި ބުންޏެވެ. " ތީ ބޮޑު ގަހެއްގެ ކައިރީގައި ހުރި ބޮޑުވަމުންދާ ކުޑަ ގަހެއް. އަހަރެންވެސް މީ ބޮޑުވަމުންދާ ޅަ ދޫންޏެއް"
ކުޑަ ގަސް އިސްއުފުލާ ބޮޑު ގަހުގެ އުސް ގޮފިތަކަށް ބަލާލުމަށްފަހު ހިތާހިތާ ބުނެލިއެވެ. އަހަރެންވެސް ކޮންމެވެސް ދުވަހަކުން އެހާ ބޮޑުވާން ބޭނުމެވެ.
އެކަމަކު ޖެހޭނީ އެހާ ދުވަސް ވަންދެން މަޑުކޮށްލާށެވެ.
ދޫންޏެއް ގަހުގެ ގޮފިގަނޑުގައި އަރާމުކޮށްލިއެވެ. ވާރޭވެހި ފެންލިބި އިރުގެ އަވި ލިބި ގަހުން އައު ފަތްތައް ފަޅާ ގަސްހެދި ބޮޑުވަމުން ދިޔައެވެ.
ނިމުނީ.
އިބުރަތް: ކޮންމެެ ކަމެއްވެސް ވާނީ އެކަމަކަށް ޚާއްސަ ވަގުތު ޖެހުނީމައެވެ. ކެތްތެރިވާން ދަސްކުރަންޖެހެއެެވެ.









