ދުޅަހެޔޮ ސިއްހަތަކީ މާތްﷲ ދެއްވައިފައިވާ މަތިވެރި ނިޢުމަތެކެވެ. އެއްވެސް އިޚުތިޔާރަކާއި ނުލައި ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި އަބަދުވެސް ހިނގަހިނގައި ހުރެއެވެ. އެކަމުގެ އަގު ވަޒަން ކުރެވެނީ، އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުންނެވެ.
އިންސާނާގެ ނަފުސަކީ މާތް ﷲ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެކެވެ. ހިތް އެދޭހައި ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ހައްޤެއް އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ.
މާތް ﷲ ވަހީކުރައްވާފައިވެއެވެ. މާނައީ: "އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ނުހަނު އޯގާވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ".
މާތް ﷲ ދުޅަހެޔޮކަމުގެ ނިޢުމަތް ދެއްވުމަށްފަހު އެ ނިޢުމަތާ މެދު ރައްކާތެރިވުމުގެ ޒިންމާ ހަވާލުކުރެއްވިއެވެ. ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ސިއްހަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ.
މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނޭ ކަމެއް ނޫނެވެ. ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާނެ ދުވަހެއް އަންނާނެއެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ސިއްހަތަށް ރައްކާތެރިވުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުމެއް ނޫނެވެ. އެއީ މާތް ﷲ އަށް ކުއްތަންވުމަށާއި ހެޔޮ ޢަމަލުކުރުމަށް ދެއްވައިފައިވާ އަމާނާތެކެވެ. ނަމާދުގައި ކޮޅަށް ހުރުމާއި މިސްކިތަށް ހިނގައިފައި ދިޔުމާއި މުސްކުޅި މައިންބަފައިންނަށް އޯގާތެރިވުމާއި ބަލިމީހުންނަށް ގޮވާލަންދިޔުމާއި ހަލާލު ރިޒުޤު ހޯދުމަށް ކުރާ މަސައްކަތަކީ މާދަމާ ގެއްލި ހިނަގއިދާނޭ އަގުހުރި ފުރުސަތުތަކެކެވެ.
މައުލޫމާތު: ހުކުރު ޚުޠުބާ









