ކުޑަކުދިންނަކީ އަހަރެމެންގެ ލޮލުގެ ފިނިކަމެވެ. އެ ކުދީންގެ ހިނިތުންވުންތަކަކީ އިންސާނީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އަދި މޫނުތަކަށް އުޖާލާކަން ގެނެސްދޭ ހިނިތުންވުން ތަކެކެވެ. ހަމައެހެންމެ ކުޑަކުދީންނަކީ މާތްﷲ އެ ކުދީންގެ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ އަގުހުރި އަމާނާތާކެވެ. ހުރިހާ ހާލެއްގައި އަދި ހުރިހާ ވަގުތެއްގައި މި މަތިވެރި އަމާނާތަށް ރައްކާތެރިވުން މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވެއެވެ.
މި ވޭތުވެގެން މިދާ ހަފްތާގެތެރޭގައި ލިބުނު ޚަބަރުތަކަކީ ހިތާމައިން ފުރިގެންވާ ހިތްދަތި ޚަބަރުތަކެކެވެ. ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު މައުސޫމު ކުއްޖަކަށް ފަރުވާކުރަމުންދަނިކޮށް ނިޔާވި ޚަބަރާއި، އިމާރާތެއްގެ މަތީން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ޚަބަރެވެ.
ކުޑަކުދީންގެ ހައްޤުތައް ރައްކާތެރިކުރުމުގެ މުއާހަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރީން، މާތް ﷲ އެކަލާނގެ ޝަރީޢަތުގައި ކުޑަކުދީންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރި ކޮށްދެއްވައިފައިވެއެވެ.
ކުޑަކުދީންނަށް ލިބިދޭންވާ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ އާއިލާއެއްގެ ތެރެއިންނެވެ. އަދި އެފަދަ އާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢަކުންނެވެ. އެހެންކަމުން އާއިލާއެއް ބިނާކުރުމުގައި މާތް ނަބިއްޔާ ﷺ ގެ އިރުޝާދުތަކަށް ބޯލަނބާށެވެ. އާއިލާއެއްގެ ތެރެއަށް ކުއްޖަކު އުފަންވުމުން އެކުއްޖާއަށް ރިވެތި ނަމެއް ކިޔުމަކީ، ކުއްޖާހެ ޙައްޤުތަކުގެ ތެރޭގައިވާ ކަމެކެވެ.
ކުދީންނަށް ލިބިދޭންޖެހޭ ޙައްޤުތަކުގެތެރޭގައި އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން އެ ކުދީން ރައްކާތެރިކުރުން ހިމެނެއެވެ.
ކުޑަކުދީންނަކީ މާތް ރަސްކަލާނގެ ދެއްވި އަގުހުރި ހަދިޔާއެކެވެ. އެކަލާނގެ ރިޢާޔަތުގެ ދަށުގައިވާ ޠާހިރު ނަފްސުތަކެކެވެ.
މައުލޫމާތު: ހުކުރު ޚުޠުބާ









