އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން މި ހާލަތާއި ކުރިމަތިވެފައިވާ މީހެކެވެ. ރޭގަނޑުގެ ހޭލަމޭލަކަން ފިލައި، މުޅި ދުނިޔެ ނިދާ މަރުވެފައިވާއިރު، އަޅުގަނޑުމެންގެ އިނގިލިތައް ހުންނަނީ ފޯނުގެ ސްކްރީން މަތީގައި ހުއްޓުމެއްނެތް ދަތުރެއްގައެވެ. މިއީ ހަމައެކަނި ވަގުތު ބޭކާރުވުމެއް ނޫނެވެ. މިއީ ސޯޝަލް މީޑިއާގެ ދުނިޔޭގައި ފަރުމާކޮށްފައިވާ، ނިމުމެއްނެތް ކަނޑެއް ފަދަ "ޑޫމް ސްކްރޯލިންގް" (Doomscrolling) އެވެ.

ޑޫމް ސްކްރޯލިންގް އަކީ ކޮބައިބާ؟
ޑޫމްސްކްރޯލިންގް އަކީ، އެއްވެސް އަމާޒެއް ނެތި، ސޯޝަލް މީޑިއާގެ ޕޯސްޓް ތަކާއި ކުރު ވީޑިއޯތަކާއި ސްޓޯރީތައް މަތިމަތިން ބަލަން ހޭވެރިކަމެއް ނެތި އެތަކެއް ވަގުތުތަކެއް ދުއްވާލުމެވެ. މިއީ އެލްގޮރިދަމްގެ މަގުފުރެއްދުމަށް އަމިއްލަ ނަފްސު ދޫކޮށްލައިގެން، ވަގުތުތައް ބޭކާރުވަމުންދާކަން އެނގޭއިރުވެސް ފޯނާ ވަކިނުވެވޭ ނަފްސާނީ މަޖުބޫރުކަމެކެވެ. މި ކުޑަކުޑަ ސްކްރީނުގެ ތެރެއަށް އަޅުގަނޑުމެން ގެނބެމުންދާއިރު، ހަގީގަތުގައި އަޅުގަނޑުމެންގެ ހަށިގަނޑާއި، ސިކުނޑިއާއި، އަދި މުޅި މުޖުތަމައަށް ވަމުންދަނީ ކިހިނެއް ހެއްޔެވެ؟
ހަށިގަނޑާއި ހިތުގެ ހަމަޖެހުން ހީނަރުވުން: ޖިސްމާނީ ގޮތުން ކުރާ ނޭދެވޭ އަސަރުތަށް
ފޯނުގެ ސްކްރީނުން ފޮނުވާ ނޫކުލައިގެ އަލި ދުނިޔެއަށް ފެތުރެމުންދާއިރު، އަޅުގަނޑުމެންގެ ހަށިގަނޑު އެދިގޮވަނީ އަރާމު ނިދިކޮޅަކަށެވެ. ނަމަވެސް، މި ނިމުމެއްނެތް އާދައިގެ ސަބަބުން ނިދަން އެހީތެރިވާ މެލަޓޮނިން ހޯމޯން އުފެއްދުން މަދުވެ، އަރާމު ނިދިން ތިބާގެ ސިކުނޑިއާއި ހަށިގަނޑު މަޙްރޫމުކޮށްލައެވެ. މިކަމުގެ ސަބަބުން ލޮލަށް ބާރުބޮޑުވެ، ބޮލުގައި ރިއްސުން އާންމުވެ، ހަށިގަނޑުގެ ދިފާއީ ބާރު ދެރަވެގެންދެއެވެ. މީގެއިތުރުން، އެހެން މީހުންގެ ދިރިއުޅުމުގެ އުފާވެރި ވަގުތުކޮޅުތަކާއި ހިތާމަޔާއި އެހެނިހެން ޚަބަރުތެރޭ އުޅުމުގެ ސަބަބުން، އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރު ކުޑަވެ، އެންޒައިޓީ އާއި މާޔޫސްކަމުގެ ފުން ވަޅަކަށް ހިތް ވެއްޓިގެންދިއުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.
މިކަމާ ބެހޭގޮތުން ސައިންސްވެރިންގެ ބޮޑު މެޓާ-އެނަލިސިސް ދިރާސާއެއްގައި ބުނެފައިވެއެވެ: "އަމިއްލަ ނަފްސާ އަޅާކިޔޭ ފަދަ މައުލޫމާތުތައް ހުއްޓުމެއްނެތްގޮތަށް ބެލުމަކީ ނުރައްކާތެރި ދައުރެއްގެ ތެރެއަށް ސިކުނޑި ވައްދާލާ ކަމެކެވެ. މީގެ ސަބަބުން ސިކުނޑި އަބަދު ހުންނަނީ ތިމާގެ ހަމަޖެހުމަށް ނުރައްކަލެއް ކުރިމަތިވެފައިވާ ފަދަ ބިރުވެރި ހާލަތެއްގައެވެ."

ސިކުނޑީގެ ނާރުތަކަށް އަންނަ ބަދަލުތައް
ޑޫމް ސްކްރޯލިންގް އަކީ ހަމައެކަނި ނުބައި އާދައެއް ނޫނެވެ؛ މިއީ އަޅުގަނޑުމެންގެ ސިކުނޑީގެ އޮނިގަނޑު ބަދަލުކޮށްލާ ކަމެކެވެ. ކޮންމެ ފަހަރަކު އިނގިލި މައްޗަށް ޖައްސާލާ ފަހަރަކު، ސިކުނޑިން ޑޯޕަމީން (Dopamine) ކިޔާ ކެމިކަލެއް ދޫކުރެއެވެ. މިއީ ސިކުނޑިއަށް ލިބޭ ކުއްލި ހަދިޔާއެކެވެ. ސިކުނޑި މިފަދަ އަވަސް "އުފާވެރިކަމަށް" ހޭނުމުން، ދިރިއުޅުމުގެ ލަސް، ހަމަޖެހޭ ކަންކަމަށް ސަމާލުކަން ދޭން ސިކުނޑި ދެކޮޅު ހަދައެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ސަމާލުކަންދޭ މުއްދަތު (Attention Span) ވަރަށް ބޮޑަށް ކުރުވެގެންދެއެވެ.
ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ ޕްރޮފެސަރ ގްލޯރިއާ މާރކްގެ ދިރާސާގައި ލިޔެފައިވެއެވެ: "2004 ވަނަ އަހަރު، އިންސާނަކަށް އެއް ސްކްރީނަކަށް މެދުކެނޑުމެއްނެތްގޮތަށް 2.5 މިނެޓް ވަންދެން ބަލަހައްޓައިގެން އިނދެވުނެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މިހާރު އެވްރެޖްކޮށް އެ މުއްދަތު ވަނީ 47 ސިކުންތަށް ދަށަށް ގޮސްފައެވެ. އަޅުގަނޑުމެންގެ ސަމާލުކަމަކީ ހުސްވާ އެއްޗެކެވެ. އަބަދު ކަންކަން ބަދަލުކުރާނަމަ، ސިކުނޑީގެ 'ބެޓެރީ' ހުސްވެ، ވަރުބަލިވެގެންދެއެވެ."
މި ސިކުނޑީގެ ވަރުބަލިވުމަށް ސައިންސްވެރިން ކިޔަނީ "ކޮގްނިޓިވް ފަޓީގް" (Cognitive Fatigue) އެވެ. ސިކުނޑީގެ ހަކަތަ މިގޮތަށް ހުސްވުމުން، އެންމެ ފުރަތަމަ ބަލިކަށިވަނީ އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލްކުރުމުގެ ބާރެވެ. ނަތީޖާއެއްގެ ގޮތުން، ފޯނުން ބޭރުގައިވާ ހަގީގީ ދިރިއުޅުމުގެ ކަންކަމާ ދިމާވުމުން ފަސޭހައިން ފޫހިވެ، ކެތްތެރިކަން ކުޑަވެ، ކައިރީގައި ތިބޭ ލޯބިވާ މީހުންނަށް ކުދِިކުދި ކަންކަމުގައި ހިތްހަމަނުޖެހޭގޮތް މެދުވެރިވެގެންދެއެވެ.

ގުޅުންތަކަށް އަންނަ ހީނަރުކަމާއި މުޖުތަމައުގެ ރޫހު ގެއްލުން
މި ކަމުގެ އެންމެ ހިތްދަތި އަސަރަކީ އަޅުގަނޑުމެންގެ ގާތް ގުޅުންތަކަށް ކުރާ އަސަރެވެ. އެއް ކޮޓަރިއެއްގައި، އެއް އެނދެއްގައި ތިބޭއިރުވެސް، ކޮންމެ މީހަކު އިންނަނީ އެމީހެއްގެ އަމިއްލަ ފޯނުގެ ދުނިޔެއަށް ގެނބިފައެވެ. މިއީ "ފަބިންގް" (Phubbing) ނުވަތަ ފޯނަށްޓަކައި ކުރިމަތީގައި ހުންނަ މީހާއަށް އިހުމާލުވުމެވެ. މީގެ ސަބަބުން ދެމަފިރިންގެ ދެމެދުގައާއި، މައިންބަފައިންނާއި ދަރިންގެ ދެމެދުގައި އޮންނަންޖެހޭ ހަގީގީ ލޯތްބާއި މުއާމަލާތް ކެނޑި، އެކަނިވެރިކަމުގެ އިހުސާސްތަށް އިތުރުވެގެން ދާތަން އާދެއެވެ.
މުޅި މުޖުތަމައަށް ބަލާއިރު، ޑޫމް ސްކުރޯލިންގެ ސަބަބުން ކެތްތެރިކަން ކުޑަ، ފަސޭހައިން ރުޅިއަންނަ ޖީލެއް ވަނީ އުފެދިފައެވެ. މީހުންގެ މެދުގައި އޮންނަންޖެހޭ އިޖުތިމާއީ ރޫހާއި، އެކަކު އަނެކަކަށް އަޅާލުމުގެ ސިފަ މަޑުމަޑުން ވަނީ ފަނޑުވެފައެވެ.
މިއުނިކް ޔުނިވަރސިޓީގެ ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި: "15 ސިކުންތުގެ ވީޑިއޯތަކުން އެނބުރި ހަގީގީ ދިރިއުޅުމަށް ސަމާލުކަން ބަދަލުކުރުމަކީ ސިކުނޑިއަށް ދެވޭ ވަރަށް ބޮޑު އަދަބެކެވެ. މީގެ ސަބަބުން ސިކުނޑީގެ ހަކަތަ ހުސްވެއެވެ. ނަތީޖާއެއްގެ ގޮތުން، ދިރިއުޅުމުގެ އާދައިގެ ކަންކަމުގައި ކެތްތެރިކަން ކުޑަވެ، ފަސޭހައިން ރުޅިއާދެވެއެވެ."

ހިތުގެ ހަމަޖެހުން އަލުން ހޯދާނީ ކިހިނެއް؟
މިކަމުން މިންޖުވުމަށް ކުރާ މަސައްކަތަށް ކިޔަނީ "ޑިޖިޓަލް ޑިޓޮކްސް" ނުވަތަ "ސޯޝިއަލް މީޑިއާ ޑިޓޮކްސް" އެވެ. މިއީ ހުއްޓާލަން އުނދަގޫ އާދައެއް ނަމަވެސް، އަމިއްލަ ނަފްސަށް ބާރުބޮޑުނުކޮށް، ދުނިޔަވީ ގޮތުންނާއި އުޚްރަވީ ގޮތުން މަޑުމަޑުން ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަމެކެވެ.
އެންމެ ފުރަތަމަ ކަމަކަށް، ފޯނު ބޭނުންކުރާނެ ވަކި ވަގުތެއް ކަނޑައަޅައި، އެ ވަގުތު ހަމަވުމުން ފޯނު ބޭއްވުމުގެ އާދަ އަށަގަންނުވަން ޖެހެއެވެ. އަމިއްލަ ދަރިންނަށް "ސްކްރީން ޓައިމް" އެއް ހަމަޖައްސާ އުސޫލުން އަމިއްލަ ނަފްސަށްވެސް އެ އުސޫލަށް ހުށަހަޅަންވީއެވެ.
ދެވަނަކަމަކަށް، ނިދަން އޮށޯންނައިރު ފޯނު އެނދާ ދުރުގައި ބެހެއްޓުމާއި، ހެނދުނު ހޭލާ ގޮތަށް ފޯނު ނެގުމުގެ ބަދަލުގައި، ފުންކޮށް ނޭވާލާ، ފެންފޮދެއް ބޯލާ، ސިކުނޑިއަށް ލަސް، ހަމަޖެހޭ ފެށުމެއް ދިނުން މުހިންމެވެ. މީގެއިތުރުން، ދަރިންނާ ނުވަތަ އާއިލާއާ ވާހަކަދައްކާއިރު ފޯނު ބާއްވައި ހަގީގީ ގުޅުންތަކަށް ވަގުތު ދިނުމަކީ ހިތުގެ ހަމަޖެހުން އަލުން ގެނެސްދޭނެ ކަމެކެވެ.
މި ދަތުރުގައި އަޅުގަނޑުމެންގެ އަގުބޮޑު ނަފްސު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ރޫހާނިއްޔަތުގެ ބޭނުން ހިފިދާނެއެވެ. ނިދުމުގެ ކުރިން ފޯނުގެ ސްކްރީނަށް ގެނބުމުގެ ބަދަލުގައި، ސާބިތުވެގެންދާ ޛިކުރުތަކާއި ދުޢާތައް ކިޔުމަކީ ހިތަށް ބަޔާންކުރަންދަތި ފިނިކަމެއްދީ، ނިދި ހަމަޖައްސައިދޭނެ ކަމެކެވެ. ފޯނު ނަގައި "ސްކްރޯލް" ކޮށްލަން ހިތަށްއަރާ ކޮންމެ ފަހަރަކު ސިކުނޑީގެ ވިސްނުން ކީރިތި ޤުރުއާނުގެ އާޔަތެއް ކިޔަވާލުމަށް ނުވަތަ ދީނީ އިލްމީ ޕޮޑްކާސްޓް ނުވަތަ ދަރުހެއް އަޑުއަހާލުމަށް ބަދަލުކޮށްލެވިދާނެއެވެ. ދުވާލަކު 10 މިނިޓް ހެޔޮ މަޢުލޫމާތުން ފުރިގެންވާ ފޮތެއް ކިޔާލުމުން ނުވަތަ ހަމަހިމޭން ވަގުތުކޮޅެއް ހޭދަކޮށްލުމުން ވެސް ސިކުނޑީގެ ކެތްތެރިކަމާއި ދުޅަހެޔޮކަން އަލުން ބިނާކުރެވޭނެއެވެ.

ނިންމުން: ވަގުތާއި ޒުވާންކަމުގެ އަގު
ހަނދާންބަހައްޓަވާށެވެ، ހަގީގީ ދިރިއުޅުމަކީ ފޯނުގެ ސްކްރީނެއް ނޫނެވެ. ދިރިއުޅުމުގެ ރީތިކަމާއި، އާއިލާއަށް ދޭންޖެހޭ އަޅާލުމާއި، އަމިއްލަ ނަފްސުގެ ހަމަޖެހުން ލިބޭނީ ސިކުނޑިއަށް ފައިދާކުރަނިވި ގޮތަކަށް ދިރިއުޅުން ބައްޓަން ކޮށްގެންނެވެ. އަޅުގަނޑުމެންގެ ދީނުގައި "ވަގުތަކީ" އެންމެ އަގުބޮޑު އެއް އަމާނާތެވެ. ޚާއްޞަކޮށް، އިންސާނާގެ ޒުވާންކަމުގެ ދުވަސްތަކަކީ ހަކަތައާއި ބާރު ހުންނަ، އަދި އެ ދުވަސްތައް ހޭދަކުރި ގޮތާ މެދު قيامة ދުވަހުން ސުވާލުވެވޭނެ މުހިންމު ވަގުތުތަކެވެ.
މި ނިމުމެއްނެތް ސްކްރޯލިންގްގެ ތެރޭގައި ވަގުތު ބޭކާރުކޮށްލުމަކީ ހަމައެކަނި ގަޑިއިރުތަކެއް ގެއްލުމެއް ނޫނެވެ. އެއީ ތިމާގެ ދިރިއުޅުމުގެ ބަރަކާތާއި، އާޚިރަތް ބިނާކުރަން ލިބޭ ރަންގަނޑެއް ފަދަ ފުރުޞަތުތައް ނޭނގި ހުރެ އުކާލުމެވެ. އަމިއްލަ ނަފްސަށް އޯގާތެރިވާށެވެ. ތިބާގެ ހަމަޖެހުމާއި، ތިބާގެ ވަގުތަކީ އެންމެ އަގުބޮޑު ރަހުމަތެވެ.
މައުލޫމާތު: މާރކް ޖީ، ނިއުރޯއިމޭޖް، ފްރޮންޓައަރސް އިން ސައިކޮލޮޖީ













