May 28, 2026 17:24
Advertisement

-Advertisement-

އަނދިރި ހިޔަންޏެއް: މަސްތުގެ ވަބާއިން ބަނޑުގައިވާ ތުއްތު ފުރާނައަށް ހުރި ނުރައްކާ

މައިވަންތަކަމުގެ މާތް އަދި މުޤައްދަސް ގުޅުމަކީ އިންސާނަކަށް މި ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތެވެ. އަމިއްލަ ހަށިގަނޑުގެ ތެރޭގައި އާ ފުރާނައެއް އުފެދި، ބޮޑުވަމުންދާ ދުވަސްތަކަކީ ކޮންމެ މައެއްގެ ހިތްވެސް ލޯތްބާއި އުއްމީދުން ފުރާލަދޭ ދުވަސްތަކެކެވެ. ނަމަވެސް، މި ނާޒުކު ދަތުރުގެ ތެރެއަށް މަސްތުވާތަކެތީގެ ނުބައި ވަބާ ވަދެއްޖެނަމަ، އެ ފޮނި އުއްމީދުތަކުގައި ކަޅު ސާލެއް އޮޅި، ބަނޑުގައިވާ ތުއްތު ފުރާނަ ބިރުވެރި ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދެއެވެ. މިއީ ހަމައެކަނި އަންހެނެއްގެ ދިރިއުޅުން ހަލާކުކޮށްލާ ކަމެއް ނޫނެވެ. އެއާޚިލާފަށް، ދުނިޔޭގެ އަލިކަން ދެކެން ތައްޔާރުވަމުންދާ، އެއްވެސް ކުށެއް ނެތް މައުސޫމް ދަރިފުޅުގެ މުޅި މުސްތަޤުބަލު ބަދަލުކޮށްލާ ހިތާމަވެރި އަމަލެކެވެ.

މަހުގެ ޒަރީޢާއިން ދަތުރުކުރާ ވިހަ: ބަނޑުގައިވާ ދަރިފުޅުގެ ހާލަތު

​މާބަނޑު ދުވަސްވަރު މަސްތުވާތަކެތި ބޭނުންކުރުމުން، އެ ތަކެތީގައި ހިމެނޭ ވިހަ މާއްދާތައް މައިމީހާގެ ލޭގެ ތެރެއިން ގޮސް، މަހުގެ (placenta) ޒަރީޢާއިން ސީދާ ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ދަތުރުކުރެއެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ހަށިގަނޑު ހެދިބޮޑުވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެންދެއެވެ.

Advertisement

މި ނުރައްކާތެރި ހާލަތާ ބެހޭގޮތުން މަޝްހޫރު އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގެ މާހިރެއް ކަމަށްވާ ޑރ. ސްޓީވް ކެރިޓިސް ވިދާޅުވެފައިވަނީ، މާބަނޑުއިރު ހަށިގަނޑަށް އެތެރެވާ ކޮންމެ ނުރައްކާތެރި މާއްދާއަކީ ކުއްޖާގެ ސިކުނޑިއާއި ހަށިގަނޑުގެ ގުނަވަންތައް އުފެދެމުންދާ ނާޒުކު ދަނޑިވަޅުގައި ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ޚާއްސަކޮށް ބަނޑުގައިވާ ދަރިފުޅަށް ލޭ ފޮނުވައިދޭ މިންވަރު މަދުވެ، މައިމީހާގެ ހަށިގަނޑު ބަލިކަށިވުމަކީ ދަރިފުޅު ބަނޑަށް މަރުވުން ނުވަތަ ދުވަސް ނުފުރާ ވިހެއުމަށް މަގުފަހިވާ ކަމެއްކަން ދިރާސާތަކުން ދައްކައެވެ. ދުވަސް ނުފުރާ ވިހެއުމަކީ ކުއްޖާގެ ފުއްޕާމެޔާއި އެހެނިހެން ގުނަވަންތައް ފުރިހަމައަށް ނުއުފެދެނީސް ދުނިޔެއަށް އުފަންވާންޖެހުމެވެ. މީގެ ސަބަބުން އެ ކުދިން ދިރިއުޅުމުގެ ފުރަތަމަ ނޭވާލާން ޖެހެނީވެސް މަރުގެ ތުންފަތްމަތީގައި ތިބެގެންނެވެ.

އުފަންވާ ފުރަތަމަ ސިކުންތުން ފެށޭ ހިތްދަތި ރިހުން

​މަސްތުވާތަކެތީގެ އަސަރު ބަނޑުގައިވާ ދަރިފުޅަށް ކުރުމުން ކުރިމަތިވާ އެންމެ ހިތްދަތި އެއް ބައްޔަކީ "ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމް" (Neonatal Abstinence Syndrome) އެވެ. މިއީ އާންމު ބަހުން ބުނާނަމަ، މައިމީހާ ބޭނުންކުރި މަސްތުވާތަކެއްޗަށް ބަނޑުގައިވާ ކުއްޖާވެސް ދެވިހިފާފައި ހުރުމުގެ ސަބަބުން، އުފަންވުމަށްފަހު އެ ދިމާވާ "މަސްތުކެނޑުމުގެ" ވޭނެވެ.

މި ބަލި ތަހައްމަލުކުރާ ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ކާނާއެއް ނުވަތަ މާއްދާއެއް ލިބުމުގެ ކުރިން، ދިމާވަނީ މާބޮޑަށް ތުރުތުރުލުމާއި، ހުއްޓުމެއްނެތި ބާރަށް ރޮވުމާއި، ހުންއައުމާއި، އަދި ހޮޑުލުމާއި ބޭރަށްހިންގުން ފަދަ ވޭނީ ކަންތައްތަކާއެވެ. އަމިއްލަ އިޚްތިޔާރެއް ނެތް އެ މައުސޫމް ފުރާނަ، އުފަންވާ ފުރަތަމަ ސިކުންތުން ފެށިގެން ތަހައްމަލުކުރަން މިޖެހޭ ރިހުމަކީ އިންސާނެއްގެ ހިތް ކުދިކުދިވެގެންދާނެ ފަދަ އަސަރުގަދަ މަންޒަރެކެވެ.

މުޅި ހަޔާތަށް އެޅޭ ކަޅު ހިޔަނި: އުމުރަށް ދެމިގެންދާ ނޭދެވޭ އަސަރުތައް

​މިކަމުގެ ނޭދެވޭ އަސަރު ހަމައެކަނި ވިހާ ދުވަސްވަރަކުން ނުނިމެއެވެ. މަސްތުވާތަކެތީގެ ސަބަބުން ކުއްޖާގެ ސިކުނޑީގެ ނާރުތަކަށް ލިބޭ ގެއްލުންތަކުގެ ހިޔަނި، އެ ކުއްޖާގެ މުޅި ހަޔާތަށް އެޅިގެންދެއެވެ. ކުޑަކުދިންގެ ބަލިތަކުގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މިފަދަ ހާލަތްތަކުގައި ބޮޑުވާ ކުދިންގެ ކިބައިން "އޭ.ޑީ.އެޗް.ޑީ" (ADHD) ނުވަތަ ސަމާލުކަންދޭން އުނދަގޫވުމާއި މާބޮޑަށް ހަލަބޮލިވުމުގެ މައްސަލަތައް ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މީގެ އިތުރުން، ވިސްނުމުގެ ބާރު ދެރަވުމާއި، އުނގެނުމަށް ހުރަސްތަކާ ކުރިމަތިވުމަކީވެސް މި ވަބާގެ ހިތްދަތި ނަތީޖާތަކެވެ. ދަރިފުޅު ބޮޑުވަމުން އަންނައިރު، މުޖުތަމައުގެ ތެރޭގައި އުޅުމާއި، އަދި އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގައި އެހެން ކުދިންނަށްވުރެ ގިނަ ގޮންޖެހުންތަކާ އެކުދިން ކުރިމަތިލާންޖެހެނީ، އެއްވެސް ހާލެއްގައި އެކުދިންގެ އަމިއްލަ ކުށަކުންނެއް ނޫނެވެ.

ނިންމުން: ދިއްކޮށްލާ އަތުގައި ބާރަށް ހިފަހައްޓަމާ

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ އިންސާނަކީވެސް ތަފާތު އިމްތިޙާންތަކަކާއި ހިތްދަތި ދަތުރުތަކެއް ކަޑައްތު ކުރަމުންދާނެ މީހެކެވެ. މި ލިޔުމުގެ މަޤްސަދަކީ މަސްތުގެ އަނދިރި ކަނޑަށް ފެތިގެންދާ މީހުން ކުއްވެރިކޮށް ނުރުހުމުގެ އިނގިލި ދިގުކުރުމެއް ނޫނެވެ. ނަމަވެސް، މިއަދު މުޖުތަމައެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ވާޖިބަކީ އެ ކަނޑުގެ ގަދަ ބާނީތަކުގެ ތެރޭގައި ބެހެމުންދާ މީހުންނަށް، އައްސޭރި ދައްކައިދޭ ދިއްލިފައިވާ ބައްތިއަކަށްވުން ކަމުގައި އަޅުގަނޑު ދެކެމެވެ. އެމީހުންގެ ވާހަކަތައް ކަނުލާ އަޑުއަހައި، އޯގާތެރިކަމާއެކު ނަސޭހަތްތެރިވެ، މި ވަބާއިން ސަލާމަތްވުމަށް ދިއްކޮށްލާ އަތުގައި ބާރަށް ހިފަހައްޓައި، ދުވަހަކުވެސް އެ އަތުން ދޫކޮށްނުލާނެކަމުގެ ޔަގީންކަން ދޭންޖެހޭކަމަށް ދެކެމެވެ.

​ހަމައެއާއެކު، މަސްތުގެ ވަބާގައި ޖެހިފައިވާ އަންހެނުންވެސް، އަމިއްލަ ބަނޑުގައި އެ އުފެދެމުންދާ މައުސޫމް ދަރިފުޅަށްޓަކައި އަމިއްލަ ނަފްސު އިސްލާހުކުރުމުގެ ޢަޒުމް ކަނޑައަޅައި މަސްއޫލިއްޔަތު އުފުލަން އެބަޖެހެއެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލާ ކޮންމެ ދަނޑިވަޅެއްގައި، އެ އަތުގައި ފަސްޖެހުމެއްނެތި ހިފާށެވެ. ހިތްދަތިވެ، ހާލަތްތައް އިންތިހާއަށް އުނދަގޫވާ ވަގުތުތަކުގައިވެސް ހިތްވަރު އެލުވާނުލައި، ބަނޑުގައިވާ ތުއްތު ފުރާނައާ މެދު ވިސްނާލާށެވެ. މައިންނަކީ ހަމައެކަނި ދަރިން އުފަންކުރާ ބައެއް ނޫނެވެ. އެއީ ސާލިޙު މުޖުތަމައެއްގެ ބިންގަލެވެ. މިއީ އަޅުގަނޑުމެން ހެއްދެވި ރައްބު، އަންހެނުންނަށް މިންވަރުކުރައްވާފައިވާ ނުހަނު މާތް، އަދި އެހާމެ ބަރުދަން ހުރި ޒިންމާދާރު ޝަރަފެކެވެ. ވުމާއެކު، އެ ފޮނި އުއްމީދަށްޓަކައި، ކެތްތެރިކަމާއެކު ހިތްވަރު ކުރިއަށް ނެރެ، ދަރިފުޅުގެ މުސްތަޤުބަލު އުޖާލާކޮށްދިނުމަށް މިއަދު އަޒުމް ކަނޑައަޅަމާ ހިންގާށެވެ.

މައުލޫމާތު: އެމެރިކަން ކޮލެޖް އޮފް އޮބްސްޓެރިސިއަންސް އެންޑް ގައިނެކޮލޮޖިސްޓްސް، އެންއައިޑީއޭ، ސީޑީސީ، ޑަބްލިއުއެޗްއޯ

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް