މިއަހަރުގެ މިހާތަނަށް ރާއްޖެއިން ވަނީ ހިމަބިހި (މީސްލްސް) ގެ 5 ކޭސް ފެނިފައިކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ. އަދި މިހަފްތާތެރޭގައި މާލެ ސަރަހައްދުން 2 މީހުން ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ.
" ހުންއައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން މުހިންމު. ހިމަބިހީގެ ކޭސް ފެނުމާއެކު އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލިޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި ކޮންޓެކްޓުން ދެނެގަތުމާއި ކޮންޓެކްޓުންނަށް ވެކްސިންދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން" އެޗްޕީއޭ
ރާއްޖެއިން ފެނުނު 5 ކޭސް ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި 2 މީހުން ވެސް ހިމެނެއެވެ. މިދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަވަށްޓެރި ޤައުމުތަކުގައިވެސް ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއްކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.
ހިމަބިހި ޖެހިއްޖެނަމަ ފެނިދާނެ ކަންތައް:
- ހުންގަދަވުން
- ރޯގާޖެހި ކެއްސާ ކިބިހިއެޅުން
- ލޯރަތްވެ ލޮލުން ފެންއައުން
- ގައިން ރަތްކުލައިގެ ކުދިބިހިތަކެއް ފެނުން
ރައްކާތެރިކަމަށް ކުރެވިދާނެކަންތައް:
- ގިނަގިނައިން އަތްދޮވުން
- ބަލިޖެހިއްޖެނަމަ ފަރުވާނިމި ރަނގަޅުވަންދެން އެހެންމީހުންނާއި އެކަހެރިކޮށް އުޅުން
- ވެކްސިން ޖެހުން













