ކީޓޯ ޑައިޓް ނުވަތަ ކީޓޯޖެނިކް ޑައިޓަކީ ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ ކެއުމުގެ ނިޒާމެކެވެ. މިއީ މައިގަނޑު ގޮތެއްގައި ކާބޯހައިޑްރޭޓްސް މަދުކޮށް، ހެލްތީ ފެޓްސް ގިނަކޮށްގެން ކާކެއުމެކެވެ. މި ޑައިޓުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން ލުއިވުމުގެ އިތުރުން، އަންހެނުންނާއި ފިރިހެނުންގެ ދަރިމައިވުމުގެ ސިއްހަތަށް (Fertility) ކުރާ އަސަރުތަކަކީ މިހާރު ސައިންސްވެރިން ވަރަށް ބޮޑަށް ދިރާސާކުރަމުންދާ ކަމެކެވެ.

ކީޓޯ ޑައިޓާއި އަންހެނުންގެ ދަރިމައިވުން
އަންހެނުންގެ ދަރިމައިވުމުގެ މައްސަލަތަކުގެ ތެރެއިން އެންމެ އާންމު އެއް މައްސަލައަކީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (PCOS) އެވެ. PCOS ހުންނަ ގިނަ އަންހެނުންނަކީ އިންސިއުލިން ރެސިސްޓެންސް ނުވަތަ ހަށިގަނޑުގައި އިންސިއުލިން މަސައްކަތް ކުރާ މިންވަރު ދަށްވުމުގެ މައްސަލަ ކުރިމަތިވާ ބައެކެވެ. މީގެ ސަބަބުން ހޯމޯންތަކަށް ބަދަލު އައިސް، ބިސް ދޫވުމަށް (Ovulation) ހުރަސްއެޅެއެވެ.
ކީޓޯ ޑައިޓުގައި ކާބޯހައިޑްރޭޓްސް މަދުވުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެ، އިންސިއުލިންގެ މިންވަރު ކޮންޓްރޯލް ކުރެވެއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ހޯމޯންތައް ހަމައަކަށް އެޅުން: ޓެސްޓޮސްޓީރޯން ފަދަ އެންޑްރޯޖަން ހޯމޯންތައް މަދުވެ، އެސްޓްރޯޖަން އަދި ޕްރޮޖެސްޓަރޯންގެ ބެލެންސް ރަނގަޅުވެއެވެ.
ބިސް ދޫވުމުގެ ނިޒާމު ރަނގަޅުވުން: ހޯމޯންތައް ހަމައަކަށް އެޅުމުން، ގަވާއިދުން ބިސް ދޫވާން ފަށައި، ދަރިމައިވުމުގެ ފުރުސަތު ބޮޑުވެއެވެ.
ބަރުދަން ލުއިވުން: މާބޮޑަށް ބަރުދަން އިތުރުވުމަކީ ބިސް ދޫވުމަށް ހުރަސްއަޅާ ކަމެކެވެ. ކީޓޯ ޑައިޓުން ބަރުދަން ލުއިކޮށްދިނުމަކީ ދަރިމައިވުމުގެ ސިއްހަތަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

ކީޓޯ ޑައިޓާއި ފިރިހެނުންގެ ދަރިމައިވުން
ފިރިހެނުންގެ ދަރިމައިވުމުގެ ސިއްހަތަށް ބަލާއިރު، ކީޓޯ ޑައިޓުގެ ސަބަބުން ސްޕާމް ނުވަތަ ދަރިފަނި އުފެދޭ މިންވަރަށާއި އޭގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް އަންނަކަން ދިރާސާތަކުން ދައްކައެވެ.
އިންފްލެމޭޝަން ކުޑަވުން: ކީޓޯ ޑައިޓަކީ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ "އެންޓި-އިންފްލެމެޓަރީ" ޑައިޓެކެވެ. މީގެ ސަބަބުން ދަރިފަނީގެ ދުވެއްޔާއި ބައްޓަން ރަނގަޅުވުމަށް އެހީތެރިވެދެއެވެ.
ޓެސްޓޮސްޓީރޯން އިތުރުވުން: ސަރުބީން މުއްސަނދި ކެއުންތަކަކީ ފިރިހެން ހޯމޯން އުފެއްދުމަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދޭ ކެއުންތަކެކެވެ.

ސަމާލުވާންޖެހޭ ކަންތައްތައް
ކީޓޯ ޑައިޓަކީ ފައިދާތަކެއް ހުރި ޑައިޓަކަށް ވިޔަސް، ދަރިމައިވުމަށް މަސައްކަތްކުރާ އިރު ބައެއް ކަންކަމަށް ސަމާލުވާންޖެހެއެވެ.
ނިއުޓްރިޝަންގެ މުހިންމުކަން: ހަމައެކަނި ހެލްތީ ފެޓްސް ކެއުމުގެ ބަދަލުގައި، ޕްރޮޓީންގެ މިންވަރު އިތުރުކޮށްދޭފަދަ ކެއުންތަކާއި ފައިބަރާއި މުހިންމު ވިޓަމިންތައް ލިބޭނެހެން ފެހިކުލައިގެ ފަތާއި ތަރުކާރީ (ކެބެޖް، ކޯލީފްލާވާ ފަދަ) ކެއުމުގައި ހިމަނަންވާނެއެވެ.
މާބޮޑަށް ކެލަރީ މަދުނުކުރުން: ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ މާބޮޑަށް ކެލަރީ މަދުކުރުމަކީ ހަށިގަނޑު "ސްޓްރެސް" ވެ، ހޯމޯންތަކަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ.
ނިންމުން
ކީޓޯ ޑައިޓަކީ ހާއްސަކޮށް PCOS ފަދަ މައްސަލަތައް ހުންނަ ފަރާތްތަކަށް ދަރިމައިވުމުގެ ފުރުސަތު އިތުރުކޮށްދޭ އެއްޗެއްކަން ދިރާސާތަކުން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިއީ ކޮންމެ މީހެއްގެ ހަށިގަނޑާވެސް ގުޅޭނެ ގޮތެއްތޯ ބެލުމަށް ޑައިޓް ފެށުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
މައުލޫމާތު ނަގާފައިވަނީ: ކެޓޮޖެނިކް ޑައިޓް އެންޑް ފާޓިލިޓީ، މެޑިކަލް ނިވްސް، ޑައިޓް ޑޮކްޓަރ، ޕަބްމެޑް












