ދެ މީހުން އަނެއްކާވެސް ހިނގަން ފެށިއެވެ. މިފަހަރު އެ ދެ މީހުން ދިޔައީ މާ ބާރަށެވެ. ކޮންމެ ހިނދުކޮޅަކުން އެއްފަހަރު ފަހަތަށް ބަލަމުންނެވެ. ކުއްލިއަކަށް، އެ ދެ މީހުންނަށް ދުރުން މީހެއްގެ ހިޔަނި ފެނުނެވެ.
"އަޝްރަފް، ބަލަ! އެއީ އޭނާތަ؟" އަމީނާ ބިރުން ވަރަށް މަޑުމަޑުން ބުންޏެވެ.
އަޝްރަފްމެން ހިނގަމުން ދިޔައިރު، ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށިއެވެ. އެ އަޑު ގާތްވަމުން އަންނަހެންވެސް ހީވެއެވެ. އަމީނާއާއި އަޝްރަފްގެ ހިތް މިހާރު ވަނީ ގަދައަށް ތެޅެން ފަށާފައެވެ.
އަމީނާއާއި އަޝްރަފް ބާރު ސްޕީޑެއްގައި ދުވަމުން ދިޔައެވެ. ފަހަތުން އަންނަ ފިޔަވަޅުތަކުގެ އަޑު އިތުރަށް ގާތްވަމުން އައެވެ. ކުއްލިއަކަށް، އެ ދެ މީހުންގެ ކުރިމަތީގައި ދެ މަގު ވަކިވާ ހިސާބެއް ފެނުނެވެ.
"އަމީނާ، އަހަރެމެން ވަކިވާން އެބަޖެހޭ. އޭރުން އޭނާއަށް އަހަރެމެން ހޯދަން އުނދަގޫވާނެ" އަޝްރަފް އަވަސް އަވަހަށް ބުންޏެވެ.
"ނޫން! އަހަރެން ބިރުގަނޭ. އަހަރެން ބޭނުމެއް ނޫން އެކަނި އުޅޭކަށް" އަމީނާ ބިރުވެރިކަމާއެކު ޖަވާބު ދިނެވެ.
އަޑުއަހާ، އަހަރެމެންނަށް އެހެން ގޮތެއް ނެތް. އަހަރެން ކަނާތްފަރާތުގެ މަގުން ދާނަން. އަމީނާ ވާތްފަރާތުގެ މަގުން ދޭ. ފަހުން ހޮޅުއަށީގައި ބައްދަލުވާނީ. ރައްކާތެރިވޭ!" އަޝްރަފް އެހެން ބުނެ، އަމީނާގެ އަތުގައި ބާރަށް ހިފާލުމަށްފަހު، ކަނާތްފަރާތުގެ މަގަށް އެނބުރުނެވެ.
އަމީނާ ހިތްވަރު ކޮށްލައިގެން ވާތްފަރާތުގެ މަގުން ދުވަން ފެށިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަމާއި ކަންބޮޑުވުން އޮތްނަމަވެސް، އަޝްރަފްގެ ބަސްތަކުން ކުޑަ ހިތްވަރެއް ލިބުނެވެ.
އަމީނާ ދުވަމުން ދަނިކޮށް، ކުއްލިއަކަށް އޭނާގެ ފަހަތުން ވަރުގަދަ އަޑެއް އިވުނެވެ. ހީވަނީ ބަޑިޖެހިހެންނެވެ. އަމީނާގެ ހިތް ހުއްޓުނެވެ. އޭނާ ވަގުތުން މަޑުކޮށް، ފަހަތަށް ބަލާލިއެވެ. އެހެންނަމަވެސް، އެއްވެސް އެއްޗެއް ނުފެނުނެވެ.
"އަޝްރަފް!" އަމީނާ ހިތުގެ އަޑިން ގޮވާލިއެވެ. އޭނާގެ ލޮލުން ކަރުނަ އައިސް، މޫނުމަތިން ފައިބައިގަތެވެ.
އަމީނާ ދެން ހުރި ހުރިހާ ބާރެއް ލައިގެން ދުވަން ފެށިއެވެ. އޭނާގެ ހިތުގައި އޮތީ އެންމެ އެދުމެކެވެ. އެއީ އަޝްރަފް ރައްކާތެރިކަމާއެކު ހުރުމެވެ. އަމީނާ ދުވަމުން ދިޔައިރު، އޭނާގެ ސިކުނޑީގައި އެތައް ސުވާލުތަކެއް އުފެދެމުން ދިޔައެވެ. އެ ބަޑި ޖެހީ ކާކު ހެއްޔެވެ؟ އަޝްރަފަށް ވީ ކިހިނެއް ހެއްޔެވެ؟ މި ހުރިހާ ކަމެއް ދިމާވީ ކީއްވެ ހެއްޔެވެ؟
ވަގުތުކޮޅެއްގެ ތެރޭގައި، އަމީނާއަށް ހޮޅުއަށި ފެނުނެވެ. އޭނާ އެތަނަށް ވަދެ، ކަންމަތީގައި ފޮރުވުނެވެ. އޭނާގެ ނޭވާ ހާސްވެފައި ހުއްޓެވެ. އަޝްރަފް އަންނާނެ ކަމަށް އުއްމީދުކުރަމުން، އަމީނާ އެތާ މަޑުކުރިއެވެ.
މިނެޓުތަކެއް ފާއިތުވެގެން ދިޔައެވެ. އެހެންނަމަވެސް އަޝްރަފްގެ ޚަބަރެއް ނުވެއެވެ. އަމީނާގެ ހިތުގައި ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ. ކުއްލިއަކަށް، އޭނާއަށް ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. އަމީނާ ވަރަށް މަޑުމަޑުން ބޭރަށް ބަލަލިއެވެ. އޭނާގެ ލޮލަށް ފެނުނު މަންޒަރުން އަމީނާގެ ހިތް ހުއްޓުނެވެ. އެއީ އަޝްރަފެއް ނޫނެވެ. އެ މީހާގެ އަތުގައި ވަޅިއެއް އޮތެވެ. އަމީނާ އަވަހަށް ފިލިއެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެ މީހާ ކައިރިވަމުން އަންނަ އަޑު އިވެމުން ދިޔައެވެ. އަމީނާ ވީހާވެސް މަޑުމަޑުން ނޭވާ ލަމުން ދިޔައެވެ.
"އަހަރެންނަށް އެނގޭ ކަލޭ މިތާ ކޮންމެވެސް ތަނެއްގައި ވާކަން. ބޭރަށް ނުކުމޭ. އަހަރެން ކަލެއަށް ގެއްލުމެއް ނުދޭނަން" އެ މީހާގެ ހަރުކަށި އަޑު އިވުނެވެ.
އަމީނާގެ ހިތުގެ ވިންދު އިތުރަށް އަވަސްވެގެން ދިޔައެވެ. އޭނާ ހުރީ ބިރުގެންފައެވެ. އެ މީހާގެ ބަސްތަކަކީ ދޮގެއްކަން އަމީނާއަށް ޔަގީނެވެ. އަމީނާ ވިސްނަން ފެށިއެވެ. އޭނާއަށް ސަލާމަތްވެވޭނީ ކިހިނެއްބާއެވެ؟ އަޝްރަފް ކޮބައިބާއެވެ؟
އަމީނާގެ ހިތުގައި ބިރުވެރިކަން އިތުރުވެގެން ދިޔައެވެ. އަމީނާއަށް ވިސްނުނީ ފިލާނެ ގޮތެއް ނެތްކަމެވެ. އެހެންނަމަވެސް، އަމީނާ ހިތްވަރު ދޫކޮށްނުލިއެވެ. އަމީނާ ވަށައިގެން ބަލާލިއެވެ. ކުއްލިއަކަށް، އަމީނާގެ ލޮލަށް ފެނުނީ ދަގަނޑު ހޮޅިއެކެވެ. އަމީނާ އަވަހަށް އެ ހޮޅި ނަގައި، ތައްޔާރަށް ހުއްޓެވެ.
"ބޭރަށް ނުކުމޭ!" އެ މީހާ ގޮވާލިއެވެ. އޭނާ މިހާރު ވަނީ ހޮޅުއަށީގެ ދޮރާ ހަމައަށް އައިސްފައެވެ.
އަމީނާ ނޭވާ ހިފަހައްޓައިގެން ހުއްޓެވެ. އަމީނާގެ އަތަށް ދަގަނޑު ހޮޅި ހެޔޮވަރުކޮއްލައިގެން ހުއްޓެވެ. އެ މީހާ ހޮޅުއަށްޓަށް ވަދެއްޖެނަމަ، އަމީނާ ޖެހޭނީ އޭނާއާ ކުރިމަތިލާށެވެ.
އެ މީހާ ހޮޅުއަށްޓަށް ވަދެ، އަމީނާއާ ދިމާއަށް އައިސް ހުއްޓުނެވެ. އޭނާގެ މޫނުމަތީގައި ނުބައި ހިނިތުންވުމެއް ފެނުނެވެ.
"އަހަރެން ބުނިން ނޫންތަ ބޭރަށް ނުކުންނާށޭ. މިހާރު ދެން ކަލެއަށް ސަލާމަތެއް ނުވެވޭނެ" އެ މީހާ ބުންޏެވެ.
އަމީނާ ފަހަތަށް ޖެހިލިއެވެ. އެހެންނަމަވެސް އޭނާގެ ބުރަކަށި ފާރުގައި ޖެހުނެވެ. އިތުރަށް ފަހަތަށް ޖެހިލެވޭނެ ޖާގައެއް ނެތެވެ. އަމީނާގެ ހިތުގެ ވިންދު އިތުރަށް އަވަސްވެގެން ދިޔައެވެ.
"އަޝްރަފަށް ކިހިނެއްވީ؟ އޭނާ ކޮބާ؟" އަމީނާ ސުވާލުކުރިއެވެ.
"އަޝްރަފް ނެތް. ދެން އޮތީ ކަލޭގެ ފުރުސަތު" އެ މީހާ ހިނިތުންވެލިއެވެ.
އަމީނާގެ ހިތަށް ބޮޑު ހިތާމައެއް ކުރިމަތިވިއެވެ. އެހެންނަމަވެސް އަމީނާ އަދިވެސް ހިތްވަރު ދޫކޮށްނުލިއެވެ. އަމީނާ އަތުގައި އޮތް ދަގަނޑު ހޮޅި މައްޗަށް އުފުލާލިއެވެ.
"ކައިރި ނުވާތި! އަހަރެން މި ހޮޅިން ޖަހާނަން!" އަމީނާ ބުންޏެވެ.
"ކަލޭ އަތުގައި ތިއޮތް ހޮޅިކޮޅަކުން އަހަރެންގެ ގަޔަކު ނުޖެހޭނެ" އެހެން ބުނެ، އަމީނާއާ ދިމާއަށް ދުވެފައި އައެވެ.
އަމީނާ ހަޅޭއްލަވާލިއެވެ. އެ މީހާ އަމީނާގެ ކައިރިއަށް އައިސް، އަމީނާގެ އަތުން ދަގަނޑު ހޮޅި އަތުލަން އުޅުނެވެ. އަމީނާ ވަރުގަދައަށް ދަގަނޑު ހޮޅި ހިފަހައްޓައިގެން ހުއްޓެވެ. ދެ މީހުންގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ފެށުނެވެ.
ކުއްލިއަކަށް، ބޭރުން އަޑުތަކެއް އިވުނެވެ. އެ މީހާ ހުއްޓުނެވެ. އަމީނާ އެ ފުރުސަތުގައި ދަގަނޑު ހޮޅިން އެ މީހާގެ ބޮލުގައި ޖެހިއެވެ. އެ މީހާ ތެޅިތެޅިފައި ވެއްޓުނެވެ. އަމީނާ އަވަހަށް ބޭރަށް ނުކުތެއެވެ. ބޭރުގައި ހުރީ އަޝްރަފެވެ.
"އަހަރެން ހީކުރީ އަޝްރަފް މަރުވެއްޖެ ކަމަށް" އަމީނާ ބުންޏެވެ.
"ނޫން، އަހަރެން ސަލާމަތްވީ. އެ މީހާ އަހަރެން މަރާލަން އުޅުނީ. އެކަމަކު އަހަރެންނަށް ސަލާމަތްވެވުނު. ދެން އަހަރެން އަވަހަށް ފިލީ" އަޝްރަފް ބުންޏެވެ.
އަމީނާ އަޝްރަފްގެ ގައިގައި ބައްދައިލިއެވެ. އެ ބިރުވެރި ހާދިސާ ނިމުނު ކަމުގެ އުފާ އޭނާގެ ހިތަށް ވަދެގެން ދިޔައެވެ.
އަހަރެމެން މިތަނުން އަވަހަށް ދާންވީ. އެ މީހާ އަދި ސަލާމަތުން ހުރެދާނެ" އަމީނާ ބުންޏެވެ. "
ކުއްލިއަކަށް، އެމީހުންގެ ފަހަތުން ފިޔަވަޅުގެ އަޑު އިވުނެވެ. އަމީނާ ފަހަތަށް ބަލާލިއެވެ. އޭނާގެ ލޮލަށް ފެނުނީ ހިނގަމުން އަންނަ ހިޔަންޏެކެވެ.
"އަޝްރަފް! އަވަހަށް!" އަމީނާ ގޮވާލިއެވެ. ދެމީހުން ދުވަން ފެށިއެވެ. ވަކި ހިސާބަކުން އެހިޔަނި ގެއްލުނެވެ.
އަމީނާއާއި އަޝްރަފްގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. އެމީހުން ދެން ރައްކާތެރިކަމާއެކު ގެއަށް ދެވޭނެކަން ޔަގީންވިއެވެ.
އަމީނާއާއި އަޝްރަފް ގެއާ ދިމާއަށް ދުވަމުން ދިޔައެވެ. އެމީހުންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ކޮންމެ ފަހަރަކު ފަހަތަށް ބަލާލާއިރު، އެ ބިރުވެރި ހިޔަނި ފެންނަ ކަހަލައެވެ.
ގެއާ ކައިރިވަމުން ދިޔަވަރަކަށް އެމީހުންގެ ހިތަށް އުފާވެރިކަން ވަދެގެން ދިޔައެވެ. ނަމަވެސް، އަދިވެސް އެ ބިރުވެރި ހާދިސާގެ ހަނދާންތައް އެމީހުންގެ ހިތުގައި އެބަހުއްޓެވެ.
ގެއަށް ވަދެވުމާއެކު، އަމީނާއާއި އަޝްރަފް ދޮރު ތަޅުލައި، ކުޑަދޮރުތައް ބަންދުކުރިއެވެ. އެމީހުން ބިރުން ތުރުތުރުއަޅަމުން، އެކަކު އަނެކަކަށް ބަލަމުން ދިޔައެވެ.
ކުއްލިއަކަށް، ބޭރުން އަޑެއް އިވުނެވެ. އަމީނާއާއި އަޝްރަފް ސިހިގެން ދިޔައެވެ. އެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ.
"އެއީ ކޮން އަޑެއްބާ؟" އަމީނާ ވަރަށް މަޑުއަޑަކުން ސުވާލުކުރިއެވެ.
"އަހަރެންނަކަށް ނޭނގެ. އެކަމަކު އަހަރެމެން ވަރަށް ފަރުވާތެރިވާން ޖެހޭނެ" އަޝްރަފް ޖަވާބުދިނެވެ.
އެމީހުން ވަރަށް މަޑުމަޑުން ކުޑަދޮރާ ދިމާއަށް ދިޔައެވެ. އަޝްރަފް ވަރަށް މަޑުމަޑުން ފަރުދާ ކަހާލާ، ބޭރަށް ބަލާލިއެވެ. އެވަގުތު އޭނާގެ މޫނުމަތިން ބިރުވެރިކަން ފެނުނެވެ.
"ކިހިނެއްވީ؟ ކީކޭ؟" އަމީނާ ސުވާލުކުރިއެވެ.
"އެ މީހާ... އޭނާ މިތާ ބޭރުގައި އެބަހުރި" އަޝްރަފް ބުންޏެވެ.
އަމީނާގެ ހިތުގެ ވިންދު އަނެއްކާވެސް އަވަސްވެގެން ދިޔައެވެ. އޭނާގެ މުޅި ހަށިގަނޑުން ދާހިއްލައިގަތެވެ.
"ކިހިނެއް ހަދާނީ؟" އަމީނާ ސުވާލުކުރިއެވެ.
އެހެންނަމަވެސް، ކުއްލިއަކަށް ދޮރުގައި ތަޅާ އަޑު އިވުނެވެ. އަމީނާއާއި އަޝްރަފް ވަރަށް ބިރުގަތެވެ.
"ދޮރު ހުޅުވާ! އަހަރެންނަށް އެނގޭ ކަލޭމެން ތިތާ ތިބިކަން!" އެ މީހާގެ އަޑު އިވުނެވެ.
އަމީނާއާއި އަޝްރަފް އެކަކު އަނެކަކަށް ބަލާލިއެވެ. އެމީހުންގެ ލޮލުގައި ބިރުވެރިކަން ފެންނަން ހުއްޓެވެ. އެހެންނަމަވެސް، އެމީހުން ހިތްވަރު ދޫކޮށްނުލިއެވެ.
ދޮރުގައި ތަޅަމުންދާ އަޑު ގަދަވަމުން ދިޔައެވެ. އަމީނާއާއި އަޝްރަފް ބިރުން ތުރުތުރުއަޅަމުން، އެކަކު އަނެކަކުގެ އަތުގައި ހިފަހައްޓައިގެން ތިއްބެވެ. އެމީހުންނަށް އިވެނީ އެމީހާގެ ހަޅޭއްލެވުމާއި ދޮރުގައި ތަޅާ އަޑެވެ. ކޮންމެ ސިކުންތަކީވެސް އަހަރެއްހާ ދިގު ވަގުތެއް ކަހަލައެވެ.
= ނުނިމޭ =