May 11, 2024 01:06
Advertisement

-Advertisement-

ޞާބިރާ

ޞާބިރާ: ވަރުބަލިކަމެއް ނެތި ހިނިތުންވުމާއިއެކު ކުރިއަށް

އެއީ ދިވެހިންނަށް އައު މޫނެއް ނޫނެވެ. 1994 އިން ފެށިގެން ޓެލެވިޜަން މޯލްޑިވްސްގެ ޚަބަރުތަކާއި އެކި ޕްރޮގްރާމްތަކުން ފެނުނު މޫނެކެވެ. އަދި މިހާރުވެސް އެ މޫނަށް އެއްވެސް ބަދަލެއް ނާންނަ، އެ ހިނިތުންވުމާއިއެކު ވީޓީވީން ފެންނަމުންދާ ޞާބިރާ އަޙްމަދެވެ.

ޞާބިރާ، އޭނާގެ ދޮށީދަރިފުޅު އަދި އެދަރިފުޅުގެ އަނބިމީހާއާއެކު

25 އަހަރުން މަތީގެ ދެ ފިިރިހެން ކުދިންގެ މަންމަ، ޞާބިރާ އަކީ ޚަބަރުކިޔުމުގެ އިތުރަށްވެސް ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރައްވާ ފަރާތެކެވެ.

އެގޮތުން ކިޔަވައިދިނުމުގެ ދާއިރާއާއި ދަރުމަވެރިއެއްގެ ގޮތުގައިވެސް ޞާބިރާ ދަނީ މަސައްކަތް ކުރައްވަމުންނެވެ. މިހުރިހާކަމެއް ކުރައްވާއިރުވެސް އެއްވެސްކަހަަަލަ ވަރުބަލިކަމެއް އޭނާގެ މޫނުމަތިން ނުފެންނަނީ އެކުރާ މަސައްކަތަކަށް ހުންނަ ޝައުގަަކުންކަން، ވާހަކަތަކުން ފާހަގަވިއެވެ.

Advertisement

''އަބަދުވެސް ކޮންމެ ކަމެއްވެސް ކުރަނީ ވަރަށް ކުރާހިތުން. އެއްވެސްކަމެއް ނުވާނެއޭ ހިތަށް ނުގެންނަން. އަބަދުވެސް ވަރުބަލިވިޔަސް، ކުޑަ ބްރޭކެއް ނަގާފައި އަލުން ފަށަނީ. އެއީ ކޮންމެ ދާއިރާއެއްގައިވެސް މިކުރާ ކޮންމެ ކަމަކީ މުހިންމު ޒިންމާތަކެއްކަން ގަބޫލުކުރެވޭތީ އެގޮތަށް އެކަންކުރަން ބޭނުންވާތީ.''

ހުރިހާ ގޮތަކުން ބަލާއިރުވެސް ޞާބިރާއަކީ ދިރިއުޅުމުގެ ކަންކަމާއި ވަޒީފާގެ މާޙައުލުގައިވެސް ވަރަށް ''ޕޮޒިޓިވް'' މީހެކެވެ.

ކޮންމެ ވަޒީފާއަކަށް ކުރިމަތިލައްވަނީވެސް އެ ''ޕޮޒިޓިވް''ކަމާއިއެކު އެތަނަކަށް ކުރިއެރުން ގެނައުމަށެވެ.

ޞާބިރާ (ވ) އޭނާ ކިޔަވައިދިން ކުދިންތަކަކާއެކު

ކިޔަވައިދިނުމުގެ ދާއިރާއަށް ވަދެވުން

އޯލެވެލް ނިންމުމަށްފަހު 1992ގައި އޭރު ކަންތައް އޮންނަ ގޮތުން ޖެހުނީ ސަރުކާރުގެ އޮފީހެއްގައި މަސައްކަތް ކުރާށެވެ. އެހެންކަމުން ޓްރޭޑް މިނިސްޓްރީން ލިބުނު ސެކްރެޓަރީއެއްގެ ވަޒީފާ އަދާކުރައްވަން ފެއްޓެވިއެވެ. ނަމަވެސް އޭރުވެސް އެއީ ޞާބިރާ އެހާ ކުރާހިތްވާ ކަމެއް ނޫނެވެ. އަބަދު މޭޒެއްގެ ކައިރީ އިނުމަކީ އޭނާ ހިތްހަމަޖެހޭކަމަކަށް ނުވިއެވެ. އެހެންކަމުން އެދުވަސްވަރު އަޙްމަދިއްޔާ ސްކޫލުން ލިބުނު ފުރުޞަތުގެ ބޭނުންކޮށްގެން އެ ސްކޫލުގައި މަސައްކަތްކުރަން ފެއްޓެވިއެވެ.

'' ސްކޫލުން ލިބުނީ ބޭބީ ނާސަރީ އަދި ނާސަރީ ކުދިންގެ އާންޓީއަކަށްވާން ފުރުސަތު. އެފުރުސަތުގެ ބޭނުންކުރީ އޭރު. އޮފީހަށް އޭރު ދާންޖެހެނީ ހެނދުނު. ސްކޫލަށް ދާންޖެހެނީ މެންދުރުފަހު. އެދުވަހު އަޅުގަނޑު އޮފީހަށް ގޮސްފައި ގެއަށް އައިތަނުން ސީނިއަރ ސްޓާފަކު ގުޅުއްވާފައި ވިދާޅުވީ ވަޒީފާއިން ވަކިކޮށް، ރައީސް އޮފީހުން ޗިޓް އައިސް އެބަ އޮތޭ. އެއީ ހަމަ ހަގީގަތުގައިވެސް ވަރަށް އުފާވި ދުވަހެއް '' ޞާބިރާ ފާހަގަކުރައްވާ ގޮތުން އޭނާގެ ވާޒިފާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހަކީ ފުރަތަމަ އަދާކުރި ވަޒީފާއިން ވަކިކުރި ދުވަހެވެ. އެއީ އެ ވަޒީފާއަކީ އެހާ އޭނާ އަދާކުރައްވަން ބޭނުންވާ ވަޒީފާއަކަށް ނުވާތީއެވެ.

އަހްމަދިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި

އަޙްމަދިއްޔާ ސްކޫލުގައި އުޅުއްވި ދުވަސްވަރު، ވަކި ހިސާބަކުން ދިރިއުޅުން މެލޭޝިއާ އަށް ބަދަލުކުރަން ޖެހުނެވެ. ދަރިން ލިބި، ދިރިއުޅުން އެއްކޮށް ބަދަލުކުރެއްވި ހިސާބުން މެލޭޝިއާގައި ކިޔަވަން ފެެއްޓެވިއެވެ. ހަމަ އެދުވަސްވަރު ދަރިންނަށްވެސް ކިޔަވައިދެއްވުމުގެ ކަންކަން ކުރިއަށް ގެެންދެވިއެވެ. ޑިޕްލޮމާ އިން މޮންޓަސޫރީ ކިޔަވައި ނިންމަވައި އެހިސާބުން ކިޔަވައިދިނުމުގެ ދާއިރާއަށް ވަނުމުގެ ޝައުގު އިތުރުވިއެވެ. އެހެންކަމުން ފަހުން ރާއްޖެ ވަޑައިގެން މާފަންނު މަދަރުސާއިން ލިބިލެއްވި ފުރުސަތުގެ ބޭނުންކުރައްވައި އެ ސްކޫލުގައި މަސައްކަތްކުރައްވަން ފެއްޓެވިއެވެ. އޭރުވެސް ބައްލަވަމުންދިޔައީ އޭނާ އެންމެ ބޭނުންވާ ސްކޫލު، އަޙްމަދިއްޔާ ސްކޫލުން ފުރުސަތު ލިބޭތޯއެވެ. ނަސީބު ދިމާވިިގޮތުން އެ ފުރުސަތު ފަހިވެ، އަޙްމަދިއްޔާ ސްކޫލުގައި ކިޔަވައިދެއްވުގެ ފުރުސަތު 2002 ވަނަ އަހަރު ފަހިވިއެވެ.

މި ލިބުނު ފުރުސަތާއިއެކު އަޙްމަދިއްޔާ ސްކޫލުގައި މަސައްކަތްކުރައްމުންދަނިކޮށް 2009ގައި ސްކޫލު ލީޑިންގ ޓީޗަރުކަން ލިބިލެއްވިއެވެ. 

އަހްމަދިއްޔާ އަކީ ޞާބިރާގެ ވަރަށް ބޮޑު ގަދަރެއް ދެވިފައިވާ ސްކޫލެކެވެ. އެ ސްކޫލަށް އޭނާގެ ގިނަ ގުނަ ޚިދުމަތްތައްވެސް ކޮށްދެއްވާފައިވެއެވެ. އޭގެ ތެރޭގައި ސްކޫލުުގެ ނަން ރީތިކުރުމަށް ކުރެއްވި މަސައްކަތާއި މުވައްޒަފުންނާއި އޮންނަ ގުޅުން ވަރުގަދަކުރުމާއި، ޓީޗަރުން ވަޒީފާއިން ވަކިވާ ވަކިވުން ކުޑަކުުރުމަށް ކުރެވުނު މަސައްކަތްތަކާއި، ބެލެނިވެރިންނާއި ޓީޗަރުން އަދި މެނޭޖްމަންޓާ އޮންނަ ގުޅުން ބަދަހިކުރެއްވުމާއި، ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް އައުކަމެއް ތަޢާރަފްކުރައްވައި ބެލެނިވެރިންނާއި ޓީޗަރުންނަށް ޚާއްސަކޮށްގެންނާއި، އަދި ދަރިވަރުން ގަޔާވާގޮތަށް ކިޔަވައިދިނުމާއި، އެކުދިންގެ ތަރައްގީއާއި ތަރުބިއްޔަތަށް، ޚާއްސަކޮށްގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދެވިއެވެ. 

ސްޓަރ ހަރަކާތުގައި އުޅޭ ދަރިވަރުންނާއެކު ޞާބިރާ

 '' ސްކޫލުގެ ނަން އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރެވުނު. ސްޓާފުން ވަކިވާ ވަކިވުން މަދުކުރުމަށް ގިނަ މަސައްކަތްކުރެވުނު. އެގޮތުން ބެލެނިވެރިންނާ އޮންނަ ގުޅުންވެސް ބަދަހިކުރުމަށް މަސައްކަތްތަކެއް ކުރެވުނު. ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް އައުކަމެއް ތަޢާރަފްކުރެވުނު. އެގޮތުން ދަރިވަރުންނަށް ޚާއްސަކޮށްގެން ފެށި ޝެފްޑޭ އަކީވެސް އެގޮތަށް ފެށުނުކަމެއް، ހަމަ އެހެން ވޯޓަރ ޑޭވެސް. އެގޮތަށް ކޮންމެ އަހަރަކު ތަފާތު ގޮތަކަށް ކުރިއަށް ގެންދެވުނު.  ބެލެނިވެރިންނާއި ޓީޗަރުންނަށް ޚާއްސަކޮށްވެސް އެކިކަންކަން ކުރިއަށް ގެެންދެވުނު''.

ޞާބިރާ އަޙްމަދިއްޔާ ސްކޫލަށް ޚިދުމަތް ކުރެއްވުމުގައި ކުރިއަށް ދިޔަ ދުވަސްވަރު ދިމާވި އެންމެ ބޮޑު ފިލާވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޓީޗަރުންގެ ހިތްހަމަ ނުޖެހުމާއިއެކު ހުށަހެޅި ޕެޓިޝަނެވެ. އޭނާ އެކަން ބަލައިގަތީވެސް ޕޮޒިޓިވްކޮށްނެވެ. އެއީ ކޮންމެ މީހަކީވެސް ކުށްކުރެވޭނެ މީހެއްކަން ގަބޫލުކޮށް ރަނގަޅު ކުރަންޖެހުނު ކަންކަން ރަނގަޅު ކުރުމެވެ.

'' ލީޑިންގ ޓީޗަރެއްގެ ގޮތުގައި ހުރިއިރު ބޭބީ ނާސަރީއާއި ނާސަރީގެ ކްލާސްތަަކަށް ސަމާލުކަން ނުދެވުނީ. އެކަމުގެ ސަބަބުން ހުރިހާ ޓީޗަރުންހެން ހިތްހަމަ ނުޖެހި ޕެޓިޝަނެއް ހުށަހެޅީ އެޑިޕާޓްމަންޓްގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައި ނުބަހައްޓަން. އެކަން ބަލައިގަތިން. އަޅުގަނޑުގެ ފަރާތުން ''ލެކްވި'' ކަންތައް ރަނގަޅު ކުރަން ލިބުނު ފިލާވަޅެއް އެއީ. އެހެންކަމުން އެކަން ޤަބޫލުކޮށް އިތުރު ހިތްވަރެއްލާފައި، ނާސަރީއަށާއި އެލްކޭޖީއަށް ވަގުތުދީ އެކަމަށް ވަރަށް މަސައްކަތް ކުރުމުން އެ ''ލެކްވި'' ތަން ރަނގަޅުުކުރެވުނު''.

ޓީޗަރުންގެ ކުރިއެރުމަށްވެސް ގިނަ މަސައްކަތްތަކެއް ސާބިރާ ކުރެއްވިއެވެ. އެގޮތުން ޓީޗަރުންނަށް ކުރިއަށް ގެންދެވުނު އެކި ހަރަކާތްތަކުގެ އެކި ކަންކަމުގައި އިސްނަގަން ފުރުސަތުދެއްވައި، ޓީޗަރުން ކިޔެވުމަށް ހިތްވަރުދީ، ކިޔަވަން ފޮނުވުން ހިމެނެއެވެ.  އޭގެ ސަބަބުން މިއަދު ކިޔަވައިދިނުމުގެ ދާއިރާގައި އިސް ސަފުގައި އެ ޓީޗަރުންނާއި ކިޔަވައިދެއްވި ދަރިވަރުން ތިބިތަން ފެނުމުން އޭނާއަށް ލިބެނީ ހިތްހަމަޖެހުމެކެވެ.

ބެޗެލަރސް އިން އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން، އަދި މާރސްޓަރސް އޮފް އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓްވެސް ކިޔަވާ ވިދާޅުވެފައިވާ ޞާބިރާ ޕްރޮފެޝަންއެެެއްގެ ގޮތުގައި އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން އިޚްތިޔާރު ކުރެއްވީ އެ ދާއިރާއަކީ މުޖުތަމަޢެއް ބިނާކުރުމަށް އެންމެ އެކަށޭނެ ދާއިރާކަމަށް ދެކޭތީއެވެ. ފައުންޑޭޝަން ލެވެލްއަކީ އެންމެ ނާޒުކު އެންމެ މުހިންމު މަރުޙަލާއަށްވާތީ މި މަރުހަލާގެ ޓީޗަރުންނަކީ ވަރަށް ހުށިޔާރު އެކަމަށް ޤާބިލު ބަޔަކަށް ވާންޖެހެއެވެ. ފެންވަރު ރަނގަޅު މޮޅު ޓީޗަރެއް ބިނާކުރެވުމަކީ މުޖުތަމައެއް ބިނާކުރުމުގައި ތަފާތު ގެނެސްދޭނެ ކަމެެއްކަން ޞާބިރާ ޤަބޫލުކުރައްވައެވެ.

މާސްޓަރސް ފުރިހަމަ ކުރުމަށްފަހު ގްރެޖުއޭޓްވުމުގެ ރަސްމިއްޔާތުގައި

ޓީޗަރުންނާއި ޓީޗަރުންނަށް ވާން ބޭނުންވާ ދަރިވަރުންނަށް ޞާބިރާ އަބަދުވެސް ދެއްވާ ނަސޭހަތަކީ އެއީއެވެ. މި ދާއިރާއަކީ ބުރަ، ބޮޑު މަސައްކަތްތަކެއް ކުރަންޖެހޭ ދާއިރާއެކެވެ. އެހެންކަމުން ކްލާހަކަށް ވަންނަންވާނީ އެ ކްލާހުގައި ތިބޭ ދަރިވަރުންގެ ކުރިއެރުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމުގެ ޢަޒުމް އޮވެގެންނެވެ.  

17 އަހަރު ވަންދެން އަޙްމަދިއްޔާ ސްކޫލަށް ޚިދުމަތް ކުރެއްވުމަށްފަހު އަނެއްކާވެސް ކެރިއަރއަށް ވިސްނައި ނެންގެވީ އިތުރު ފިޔަވަޅެކެވެ. 

2016ގައި އަހްމަދިއްޔާ ސްކޫލުން ކެނޑިގެން އެކަޑަމިކް މެނޭޖަރއަކަށް އެވިޑް ކޮލެޖަށް ބަދަލުވިއެވެ. އެތަނުގައި އެޑްމިން މަސައްކަތުގެ އިތުރަށް ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އެވިޑް ކޮލެޖްގައި 1 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށްފަހު މައިކޮލެޖާއި، ވިލާކޮލެޖް އަދި ޕޮލިޓެކްނިކްގައިވެސް ޞާބިރާ މަސައްކަތް ކުރެއްވިއެވެ. އެވިޑް އަދި މައިކޮލެޖްގައި ފުލްޓައިމް ލެކްޗަރައަކަށް މަސައްކަތް ކުރެއްވިއިރު ޕޮލިޓެކްނިކްގައި މަސައްކަތްކުރެއްވީ ޕާޓްޓައިމްކޮށެވެ. އަދި މިހާރުވެސް ވިލާކޮލެޖާއި އެވިޑް ކޮލެޖްގައި ޕާޓްޓައިމްކޮށް ކިޔަވައިދެއްވާ ޞާބިރާ ވަނީ ބްރޫޖް ޕްރީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމާއި ކޮއްކޮމެންގެ ޕްރީ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

2022 އިން ފެށިގެން ކޮންސަލްޓޭޝަން މަސައްކަތްކުރައްވާތީ، ރަށްރަށުގެ ސްކޫލުތަކަށް ޒިޔާރަތްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ކިޔައިދީ، ޓީޗަރުން ތަމްރީނުކޮށް، ބެލެނިވެރިންނަށް ހޭލުންތެރި ކުރުމުގެ ސެޝަންތައް ކުރިއަށް ގެންދަވައެވެ. މިފަދަ ދަތުރުތަކުގައި އެ ސްކޫލުތަކުގެ ތުއްތުކުދިންނާއި ބައްދަލުވެ، ވާހަކަދެކެވޭތީ ޞާބިރާ ހިތަށް އުފާވެރިކަން ލިބިދެއެވެ. ސަބަބަކީ އެއީ މިދާއިރާ އިޚްތިޔާރުުކުރި މައިގަނޑު ސަބަބުކަމަށްވާތީއެވެ. އެކުދިންނާއިއެކު ހޭދަވެގެންދާ ކޮންމެ ސިކުންތަކީވެސް ޞާބިރާއަށް އުފާވެރި އިޙްސާސްތަކެއް ގެނެސްދޭ ވަގުތުތަކެކެވެ. އަދި އެންމެ ދެރަވަނީވެސް އެ އުމުރުގެ ތުއްތުކުދިންނާއިއެކު މަސައްކަތްކޮށްލުމުގެ ފުރުސަތު މިހާރު ނެތީތީއެވެ.

ވީޓީވީ ސްޓޫޑިއޯގައި ނަގާފައިވާ މިފޮޓޯ ޞާބިރާ އަށް ޚާއްސަވަނީ މި ސެޓުގައި ދެން އިނީ ނާސަރީގައި ކިޔަވައިދިން ދަރިވަރަކަށްވާތީ

ޚަބަރުކިޔުން

1993 ގައި ލިބުނު ފުުރުސަތަކީ ޚަބަރު ކިޔުމުގެ ފުރުސަތެއް ނޫނެވެ. ލިބުނީ ލަވައެއް ކުޅެލުމުގެ ފުރުސަތެވެ. އެކަަމަށް ވާންޖެހޭ ތައްޔާރީތައްވެ ނިމުނުފަހުން ރައްޓެއްސެއް ބުނި ބުނުމަކަށް އެކަން ނުކޮށް ހުއްޓާލިއެވެ. އެއީ ޚަބަރުކިޔަން ފުރުސަތު ލިބުނު ދުވަސްވަރުވެސް މެއެވެ.

''އެދުވަސްވަރު ޚަބަރުކިޔަން ފުރުސަތު ލިބުނީމަ ފުރަަތަމަވެސް ބުނިން  ނޫނެކޭ. އެއީ އެ ހުނަރު ހުރިކަމަށް ގަބޫލު ނުކުރެވޭތީ އަދި ހަޔާތުގެ ބައިވެރިޔާވެސް އެކަމަށް ނުރުހޭތީ އޭރު. އެކަމަކު ޓީވީއެމްގެ އޭރުގެ އިސް ދެފަރާތެއްގެ އެދުމުގެ މަތިން އިންޓަރވިއުއަށް ދިޔައީ. އިންޓަރވިއުއަށް އައިސްފައި ގޮތް ނިންމަން ބުނީމަ އެހެން ކަންތައް ކުރީ. އެއަށްފަހު އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭރު ފިިރިމީހާގެ ފަރާތުން. އެދުވަހު އިންޓަރވިއުއަށް ދެވުނީތީ މިއަދު އުފާކުރަން''.

އެހިސާބުން އެކަމަށް ޚާއްސަ ތަމްރީނުތައް ހަދައި، ސްކްރީން ޓެސްޓް ހެދުމަށްފަހު ފާސްވެގެން ޚަބަރުކިޔަން ފެށިއެވެ. އެ މަސައްކަތަކީ ޕާޓްޓައިމްކޮށް ކުރާ ކަމަކަށްވާތީ ރާއްޖެއިން ބޭރުގައި އުޅުނު ދުވަސްވަރުވެސް، ރާއްޖެއަށް އާދެވޭ ދުވަސްވަރު ޚަބަރު ކިޔުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. ދާއިމީ ވަޒީފާގައި މަސައްކަތްކުރަމުން ދިޔައިރުވެސް ޚަބަރު ކިޔުމަށް ވަގުތު ހުސްކުރެވުނީ ވަޒީފާ އަދާކުރި ތަންތަނުގެ އިސްވެރިން ދިން އެއްބާރުލުމާއި އެކުގައިކަން ޞާބިރާ ފާހަގަކުރެއްވިއެވެ.

ދަރުމަވެރިއެއްގެ ގޮތުގައި 

ދަރުމައަށް މަސައްކަތް ކުރުމަކީ ކިހާވަރެއްގެ ހިތްހަމަޖެހުމެއް ލިބޭ ކަމެއްކަން އެނގުނީ 2008ވަނަ އަހަރު އަޙްމަދިއްޔާ ސްކޫލުގެ ގިނަ ޓީޗަރުން ބައިވެރިވި ގާލްގައިޑް ލީޑަރސް ޓްރެއިނިންގ ހެދުމަށްފަހު އެ ޙަރަކާތުގައި އުޅުމުގެ ތެެރެއިންނެވެ. ހަމައެކަނި ކޭމްޕަކަށްގޮސް މަޖާކޮށްލުމުގެ ބޭނުމުގައި ކުރި މިކަމުން، އެ ހަރަކާތުގެތެރެއިން މުުޖުތަމައަށް ބޭނުންވާ ކެރޭ ހީވާގި އަންހެން ދަރިން ބިނާކުރުމަށް ކުރާ މަސައްކަތްތަކަކީ ކިހާ މުހިންމު ކަމެއްކަން އެނގި، އަމިއްލަ ނަފްސު ބިނާކުރުމަށް އެކި ހުނަރުތައް ލިބި، އެކި ގޮތްގޮތަށް އެހީތެރިކަން ލިބިގެން ދިޔައެވެ.

އަޙްމަދިއްޔާ ސްކޫލުގައި މަސައްކަތްކުރެއްވިއިރު ގާލްގައިޑަށް ވަދެވުނުގޮތަށް އެކަމުގައި އުޅުއްވަނިކޮށް ލިބިލެއްވި ފުުރުސަތާއިއެކު މިއަދު ޞާބިރާއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ދަރުމަވެރިއެކެވެ. ރެޑްކްރެސެންޓުގައި މަސައްކަތްކުރައްވަން ފެއްޓެވިއިރުވެސް އެކިއެކި ތަމްރީނުތައް ހައްދަވައި، ދަރުމަވެރިއެއްގެ ގޮތުގައި ވަނީ މަސައްކަތްކުރައްވާފައެވެ. އެގޮތުން ކޮވިޑް ޕެންޑަމިކްގެ ތެރޭގައި ބަލިމީހުންނާއިއެކުވެސް މަސައްކަތް ކުރެއްވިއެވެ.

'' ރެޑްކްރެސެންޓްގައި މަސައްކަތް ކުރަން ފެށުނީ 2011ވަނަ އަހަރު ގާލްގައިޑް ލީޑަރެއްގެ ހައިސިއްޔަތުން ލިބުނު ފުރުސަތެއްގައި. އެއީ ފުރަތަމަވެސް ފަސްޓްއެއިޑް ޓްރެއިނަރއަކަށްވުމަށް ތަމްރީންވީ. އޭގެފަހުން އެމަޖެންސީ ރެސްޕޮންސް ޓީމް ޓްރެއިނިންގ، އޭއީޑީ ޓްރެއިނިންގ އޮފް ޓްރެއިނަރސް، ސައިކޮލޮޖިކަލް ފަސްޓްއެއިޑް/ ސައިކޯ ސޯޝަލް ސަޕޯޓް ޓްރެއިނިންގ އޮފް ޓްރެއިނަރސް ހެދުނު. އޭރުކުރެވުނު އެންމެ ބޮޑު ތަޖުރިބާއަކީ، ކިޔަވާފައިހުރި އެއްޗެއްގެ ބޭނުން ކުރެވުނުކަން. އެގޮތުން ބަލިމީހުން ތިބި ފެސިލިޓީތަކަށްގޮސް އެމީހުންނަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓްދީ އެމީހުންނަށް ވިސްނުވައިދީ އެހީތެރިވެދިނިން''.

މުޅި ދުނިޔެ ބިރުވެރިކަމެއްގައި ވަނިކޮށް އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ދަރުމަވެރިއެއްގެ ގޮތުގައި ޞާބިރާ ކުރައްވާފައިވަނީ އާދަޔާ ޚިލާފު މަސައްކަތެކެވެ. އެނޫން އެހެން ގޮތްގޮތުންވެސް އެކި ކަންކަމުގައި ޞާބިރާ ދަނީ ދަރުމަވެރިއެެއްގެ ގޮތުގައި ޙަރަކާތްތެރިވަމުންނެވެ.

ދަރުމަވެރިއެއްގެ ގޮތުގައި ޞާބިރާ މަސައްކަތްކުރައްވަނީ އެ މަސައްކަތްކުރުމުން ހިތަށް ލިބޭ އަގުނުކުރެވޭވަރުގެ ހިތްހަމަޖެހުުމުގެ ސަބަބުންނެވެ. ލިބިފައިވާ ޢިލްމާއި ހުނަރު އެހެންމީހަކަށް ހިއްސާކުރެވުމަކީ އެކަމުގެ ސަބަބުން އަމިއްލަ ނަފްސަށްވެސް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

ރެޑްކްރެސެންޓްގެ މަސައްކަތުގައި ޞާބިރާ

ވަޒީފާ އަދާކުރާ ޒުވާނުންނަށް ހިތްވަރެއް

ކޮންމެ ވަޒީފާއެއް އަދާކުރިނަމަވެސް އެކަމެއްގައި ތެދުވެރިކަމާއެކު މަސައްކަތްކުރުމަކީ އެމީހާގެ ކާމިޔާބީއެވެ. ޞާބިރާގެވެސް ވާހަކައަކީ މިއީއެވެ. ކިޔެވި އެއްޗެއްގެ ބޭނުންކޮށް، ކުރިން ލިބިފައިވާ ތަޖުރިބާއާއި ތަމްރީނުތަކުގެ އަލީގައި ތިމާއަކީ ކާމިޔާބު މީހަކަށް ވެވިދާނެއެވެ. އެކަމުގައި އާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ޞާބިރާއަށް ލިބިލެއްވިއިރު، ހަމައެކަނި ގަޑި ފުރަން ދާތަނެއްގެ ގޮތުގައި ވަޒީފާނުދެކި އަމިއްލަ ޒިންމާއެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ދާން އޭނާ ނަސޭހަތްތެރިވެއެވެ. ހަމައެހެންމެ އެއްބައިވަންތަކަމާއިއެކު ''ޓީމް ވޯކެއް''ގެ ގޮތުގައި މަސައްކަތްކޮށްފިނަމަ ކިތަންމެ ބޮޑުކަމެއްވެސް ފަސޭހަކަމާއެކު ނިންމާލެވިދާނެއެވެ.

ކޮންމެ ވަޒީފާއަކީވެސް ތިމާ އަމިއްލައަށް އެއްޗެއް ދަސްކުރަން ކުރާ މަސައްކަތަކަށް ހަދައި، ތިމާގެ ދަށުން މަސައްކަތް ކުރާ މީހުންގެ ޚިޔާލާ މަޝްވަރާ އަބަދުވެސް ހޯދަން ޖެހެއެވެ. އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަ ނުުޖެހޭކަމެއް ދިމާވިނަމަވެސް ވާހަކަދައްކައިގެން ކަންކަން ހައްލުކުރަން މަސައްކަތް ކުރަންޖެހޭކަން ޞާބިރާ ފާހަގަކުރެއްވިއެވެ. ހަމައެއާއިއެކު ކުރަންބޭނުންވާ ކަންކަން ނުވާނެއޭ ނުކުރެވޭނޭ ނުބުނެ އެކަމެއް ކުރުމަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

ޞާބިރާ އޭނާގެ މަންމައާއި ދަރިފުޅު އަދި އާއިލާގެ މެންބަރަކާއެކު

ޝުކުރު

ޞާބިރާ އަށް މިއަދު އެހުރި ހިސާބަށް އާދެވިފައިވަނީ އެތައްބައެއްގެ އިރުޝާދާއި އެހީތެރިކަމާއި އެކުގައެވެ. 

އެންމެ ޚާއްސަ ޝުކުރެއް އޭނާ އަދާ ކުރައްވަނީ ކުދިންގެ ބައްޕައަށެވެ. އެއީ އެ ހުރިހާ ކަމެއްގައި އުޅުމަށް ކުދިންގެ ބައްޕަގެ ފަރާތުންނާއި ކުދިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ހިތްވަރަށެވެ. އެއްވެސް ޝަކުވާއެއްނެތި ކެތްތެރިކަމާއިއެކު އެ ''ބިޒީ ޝެޑިއުލް'' ބަލައިގަތީތީއެވެ.

އޭގެ އިތުރުން މިހާރު ދުނިޔޭގައި ނެތް، އޭނާގެ ބައްޕަ، އަންހެން ދަރިންގެ ތަޢުލީމަށް ކޮށްދެއްވި ބުރަ މަސައްކަތެވެ. އެފަދަ މަސައްކަތްތެރި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެފަދަ ދަރިއަކަށްވުމަށް ބައްޕަ ދެއްވި ހިތްވަރެވެ. އަދި އޭރާއި މިހާރުވެސް، ޚާއްސަކޮށް މިހާރު އެންމެ ގާތުން ހުރިހާ ދަތި އުނދަގުލެއް ފަސޭހަކޮށްދެއްވާތީ އޭނާގެ މަންމައަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި މިޝުކުރުގެ ލިސްޓުގައި ފިރިމީހާގެ ނަންވެސް ފާހަގަކުރެއްވިއެވެ. 

އަދި  އެންމެ ގާތް ރަޙްމަތްތެރިންނާއި ހަމައެހެންމެ ވަޒީފާ އަދާކުރި ތަންތަނުގެ އިސްވެރިންގެ އެހީތެރިންވެސް ފާހަގަ ކުރެއްވިއެވެ.

ރިވެތި އަޚްލާޤެއްގައި ވަކި އުސޫލުތަކެއް ހިފަހައްޓައިގެން މިހިސާބަށް އާދެވުމުން ދިވެހިންގެ ތެރޭގައި އޭނާއަށް އޮތް އިޚްތިރާމާއި ލޯބި ޝުކުރުވެރިކަމާއިއެކު އޭނާ ފާހަގަކުރައްވައެވެ.

މިހުރިހާ ކަމަކާއިއެކުވެސް ޞާބިރާ އެންމެ އުފާވަނީ ހެޔޮލަފާ، ޒިންމާދާރު އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރަށް ދެ ދަރިން ބިނާކުރެވުނީތީއެވެ.

''އަލްޙަމްދުލިﷲ. މި ގޮތުގައި ކުރިއަށް މި ދެވެނީ އެކަލާނގެ އަޅުގަނޑަށް ދެއްވާ ނިޢުމަތްތަކުގެ ސަބަބުން. ހަޔާތުގައި ވެއްޓޭ ކޮންމެ ފަހަރަކު އަލުން އެއަށްވުރެ ހުށިޔާރުކަމާއެކު ޖޯޝުގައި ތެދުވެ، ސާބިތުކަމާއިއެކު ކުރިއަށް ދިއުމުގެ ހިތްވަރު އެކަލާނގެ ހަޟްރަތުން ލިބޭތީ. އެކަނިވެރިވާ ޙާލު އެކަނިވެރިއެއް ނޫންކަން އިޙްސާސްވޭ. އިމްތިހާންތަކާ ކުރިމަތިވަނީ މީހާގެ ކެތްތެރިކަމާއި ޤާބިލްކަން އިތުރުކުރެއްވުމަށްކަން ޤަބޫލުކުރަން.'' އިންޓަވިއު ނިންމާލަމުން ފާހަގަކުރެއްވިއެވެ. 

+1
0
+1
15
+1
3
+1
3
+1
2
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ސާބިރާ މުޖުތަމަޢަށް ތިކޮށްދެއްވި މިންނެތް އަގުހުރި މަސައްކަތްތަކަށް
    ތިބުރަބޮޑު ބިޔަ މަސައްކަތުގާ ޙަޔާތުން
    ހޭދަކޮށްލެއްވިއަގުނުކުރެވޭ ވަގުތުތައް
    ޝަވްގުުވެރިކަމާއި، ހީވާގިކަމާއެކު ކޮށްދެއްވީތީ ދިވެހި ފަރުދެއްގެ ޙައިޘިއްޔަތުން ވަރަށްބޮޑަށް އުފާކުރަން
    ވަރަށްބޮޑަށް ޝުކުރިއްޔާ!!
    މިހާރުގެ ޒުވާންކުދިންނަށް ޢިބުރަތްތެރި
    ފިލާވަޅަކަށް ވާނެކަމަށް ހީކުރަން!
    އަދިވެސް އެއްފަހަރު ޝުކުރިއްޔާ!!!

    12
    2

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް