April 23, 2026 17:43
Advertisement

-Advertisement-

ނަފްގެ ލިޔުންތެރިކަމުގެ ދަތުރާއި 'އަންޑައުޓް އަ ލެގަސީ' ފޮތް!

މަރިޔަމް ނަފާ (ނަފް) އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފައިތިލަ ސާބިތުކުރަމުން އަންނަ، އާޓިސްޓިކް ހުނަރުވެރި ކަނބަލެކެވެ. އޭނާއަކީ ލިޔުންތެރިކަމުގެ ރޮނގުން ތަމްރީނުވަމުން އަންނަ، އަމިއްލަ ތަޖުރިބާތަކުގެ އަލީގައި ހިތްވަރުގަދަ މެސެޖުތަކެއް ފަތުރަމުންދާ އުންމީދީ މުސައްނިފެކެވެ. ނަފްގެ ލިޔުންތެރިކަމުގެ ދަތުރު ފެށިގެން އައީ މާޒީގެ ހިތްދަތި ތަޖުރިބާތަކުގެ ތެރެއިންނެވެ.

ހިތުގެ އުދާސްތަކުން ފެށުނު ދަތުރު

ނަފް އެންމެ ފުރަތަމަ ލިޔަން ފެށީ އުމުރުން އެންމެ 13 އަހަރުގައެވެ. އޭރު ގަލަމާއި ފޮތުގެ ސަފުހާތައް ވެގެންދިޔައީ އޭނާއަށް އާ ދިރުމެއް ދިން ކަމަކަށެވެ. ނަމަވެސް، އެ ވަގުތު ކައިރީގައި ތިބި ބޮޑެތި މީހުންނަށް ފެނުނު ގޮތުގައި އެއީ ކިޔެވުމަށް ބުރޫއަރާނެ އަދި ވަގުތު ބޭކާރުކުރެވޭ ކަމެކެވެ. އެހެންކަމުން ގިނަ އަހަރުތަކެއް ވަންދެން އޭނާގެ އިހުސާސްތައް ހިތުގެ އަޑީގައި ފޮރުވަން މަޖުބޫރުވިއެވެ. އެ ހިމޭންކަމުގެ ތެރެއިން އާ ފެށުމަކަށް މަގުފަހިވީ އުމުރުން 25 އަހަރުގައެވެ. މެޓިކިއުލަސް ކޮންސަލްޓެންސީއިން ހިންގަމުންދާ ޑިއުޑްރޮޕް ލީޑަރޝިޕް ސަރޓިފައިޑް ކޯޗް ޕްރޮގުރާމުގެ ތެރެއިން އަލުން ގަލަން ނަގައި އާ ސަފުހާއެއް ހުޅުވާލިއެވެ. އެ ހިސާބުން ހިތާއި ސިކުނޑީގައި  ފޮރުވިފައިވާ އިހުސާސްތައް ސަފުހާތަކަށް ބަންޑުންކޮށްލެވުނެވެ. މިކަމުގެ ސަބަބުން ނަފްސަށް ބޮޑު ލުއިކަމެއް ލިބި، އަމިއްލަ ހަޔާތާމެދު ދެކޭ ގޮތް މުޅިން ބަދަލުވެގެން ދިޔައެވެ.

Advertisement

އަމިއްލަ ނަފްސަށް ދިން ފަރުވާ

ނަފްގެ ފުރަތަމަ ފޮތަކީ 'އައި އޭމް މައި ތެރަޕިސްޓް' އެވެ. ސެލްފް ހެލްޕް ފޮތްތަކުގެ ތެރެއިން އެންމެ މޮޅު ފޮތްތަކަކީ އަމިއްލަ ނަފްސަށްޓަކައި ލިޔެވޭ ފޮތްތައްކަން އޭނާ ގަބޫލުކުރެއެވެ. މި ފޮތުގައި އޭނާ ބާރުއަޅާފައިވަނީ އަމިއްލަ ނަފްސަށް ގެއްލުންދޭ ބޭކާރު ވިސްނުންތައް ދޫކޮށްލުމަށެވެ. މި ފޮތުގެ ޒަރީއާއިން ނަފް ވަނީ އޭނާއަކީ ކަންކަމާ ކުރިމަތިލާން ކެރޭ، ހިތްވަރުގަދަ އަދި ގާބިލު އަންހެނެއްކަން ސާބިތުކޮށްދީފައެވެ. ކަންކަމާ ކުރިމަތިލާއިރު ހިތްބުރަ ނުކޮށް، ހަމަހިމޭންކަމާއެކު ކުރިއަށް ފިޔަވަޅު އަޅާނެ ގޮތްތައް މި ފޮތުގައި ކިޔައިދީފައިވެއެވެ.

"އަންޑައުޓް އަ ލެގަސީ" އާއި ބަސްތަކުގެ ބާރު

މި އޭޕްރީލްމަހު ޤައުމީ ކުތުބުޚާނާގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި ވަނީ ނަފްގެ ދެވަނަ ފޮތް ކަމަށްވާ "އަންޑައުޓް އަ ލެގަސީ" ބާޒާރަށް ނެރެ، ޤައުމީ ކުތުބުޚާނާގެ އަރުޝީފަށް ފޮތް ހަދިޔާކޮށްފައެވެ. މި ފޮތް ނެރެދެއްވުމުގެ ޝަރަފުވެރިކަން އަދާކޮށްދެއްވީ ހެޕިނެސް ކޮންސަލްޓެންޓް އަލްފާޟިލް މުޙައްމަދު ޝިހާބެވެ.

"އަންޑައުޓް އަ ލެގަސީ" މި ފޮތުގައި އަމިއްލަ ނަފްސާމެދު އުފެދޭ ޝައްކުތަކާއި ފޮރުވިފައިވާ ތަދުތަކުން ސަލާމަތްވެ، ތިމާގެ އެންމެ އަސްލު އަދި ޙަޤީޤީ ސިފަ ހޯދައިގަތްނާނެ ގޮތް ދަސްކޮށްދީފައިވެއެވެ. އަދި އުނދަގޫ ގުޅުންތަކާއި މާހައުލުތަކުގައި ސާބިތުކަމާއެކު ކުރިއަށްދާން ދަސްކޮށްދީ، ތިމާއަށް އަނިޔާދިން މީހުންނަށާއި އަމިއްލަ ނަފްސަށް މާފުކުރުމަށް މި ފޮތް މަގުދައްކައިދެއެވެ. ހަމަ މިއާއެކު އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ވަކި އަމާޒަކަށް މަސައްކަތްކޮށްގެން ތިމާގެ އަގު ހާމަކޮށް ފަޚުރުވެރި ތަރިކައެއް (ލެގަސީއެއް) ބިނާކުރުމަށް މި ފޮތް ބާރުއަޅާދެއެވެ.

ފޮތް ނެރުމުގެ މި ހާއްސަ ހަފްލާގައި ވާހަކަދައްކަމުން ނަފް ވަނީ އެތަނަށް ހާޒިރުވި މެހެމާނުންނާ ވަރަށް ފުން ސުވާލެއް ކޮށްފައެވެ. "އެންމެ ބަހަކުން ތިބާ ހުރި ހާލަތުން ސަލާމަތްވެ، ހިތަށް ހިތްހަމަޖެހުމާއި ހިތްވަރު ލިބޭނެ ނަމަ، އެ ބަހަކީ ކޮބައި ހެއްޔެވެ؟

މެހެމާނުންގެ ފަރާތުން ލިބުނު ޖަވާބުތަކުގެ ތެރޭގައި 'ލޯބި'، 'އީމާންތެރިކަން'، އަދި 'ﷲއަށް ވަކީލުކުރުން' ފަދަ ބަސްތައް ހިމެނެއެވެ. ނަފް ފާހަގަ ކުރިގޮތުގައި މިއިން ކޮންމެ ބަހަކީވެސް ކޮންމެވެސް މީހެއްގެ ދިރިއުޅުމުގައި ވަރަށް މުހިންމު މާނައެއް އެކުލެވޭނެ ބަހެކެވެ. އަދި އެފަދަ ބަސްތައް ގިނައިން ބޭނުންކޮށް، އޭގެ މާނަ ދިރިއުޅުމުގައި އާލާކުރުމަށް އޭނާ ނަސޭހަތްތެރިވިއެވެ.

ނަފްގެ މި ދަތުރަކީ ބަސްތަކުގެ ބާރުން އަމިއްލަ ނަފްސު ބައްޓަންކުރެވިދާނެކަމުގެ ދިރިހުރި މިސާލެކެވެ. ނަފްގެ ފޮތް ކިޔާލާ ކޮންމެ މީހަކަށްވެސް އެންމެ ބަހަކުން ކުރާނެ އަސަރުގެ ބޮޑުމިން އިހުސާސްކުރެވޭނެއެވެ. އެހެންކަމުން، އަޅުގަނޑުމެން ދުލުން ބޭރުކުރާ ކޮންމެ ބަހަކީވެސް އަނެކާއަށް ހިތްވަރަކަށް ވާނެ ފަދަ ހެޔޮ ބަހަކަށް ހަދަމާ ހިނގާށެވެ.

+1
0
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް