May 20, 2024 18:50
Advertisement

-Advertisement-

ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރު: އެންމެ އުފާވެރި ހަނދާނަކީ އިންތިހާބުގެ ކާމިޔާބީ!

ހއ. ހޯރަފުށިން މާލެ ބަދަލުވީ މަތީ ތަޢުލީމު ހާސިލު ކުރުމަށެވެ. މާލެ އައިސް އެމް.އީ.އެސް ސުކޫލުން ތަޢުލީމު ހާސިލްކޮށް ނިމުނު ވަގުތާ ދިމާވީ ސިފައިންގެއަށް ސުކޫލުނިންމާ ކުދިން ރެކްރޫޓް ކުރުމަށް ސަރުކާރުން ފާރަލަމުން އައި ދަނޑިވަޅެއްގައެވެ. އޭރު ޝައުގުވެރިވީ އިންޖިނިއަރިންގެ ދާއިރާއިން ކުރިޔަށް ދިއުމަށެވެ. އެހެންނަމަވެސް މައިންބަފައިންގެ އެދުމުގެ މަތިން ސުކޫލު ނިންމި ގޮތަށް 1992ވަނަ އަހަރު ނޭޝަނަލް ސެކިއުރިޓީ ސާވިސް އާއި ގުޅިވަޑައިގެންނެވިއެވެ.

މިއީ، ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަޙްމަދު ސައުދީގެ ވާހަކައެވެ. އެބޭފުޅާއަކީ ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ހޭދަކުރެއްވި ސާވިސްމަނެކެވެ. ފުލުހުންގެ ޔުނިފޯމް ބާލުއްވައިގެން ހުންނެވިނަމަވެސް މިއަދުވެސް ހުންނެވީ އާންމުންނާ ވަރަށް ގާތުގައެވެ. ސިއްހީ ޚިދުމަތްދޭ އެލީޓް މެޑިކަލް ސެންޓަރުގެ ޗީފް އޮޕަރޭޓިން އޮފިސަރގެ މަޤާމުގަ އެވެ.

ސައުދީ ވިދާޅުވީ "އަޅުގަނޑު މީ 1 ފެބުރުއަރީގެ އަމުރާއި ގުޅިގެން ޕޮލިހުން ވަކިކުރި މީހެއް. ވަޒީފާއެއް ނެތި އުޅެނިކޮށް މި ކްލިނިކްގެ އެމް.ޑީ ޢަލީ އިހުސާން އާއި މަގުމަތިން ދިމާވި. ކޮންކަމެއްހޭ މިހާރު ކުރަނީ އެހުމުން ބުނިން އެއްކަމެއްވެސް ނުކުރަމޭ. އިހުސާން ވިދާޅުވި ތިހެން ކަމަކު ނުދާނެއޭ. މިތަން ހިންގައިދޭން ވީ ނޫންހޭ. އަޅުގަނޑު މިވަޒީފާ ޤަބޫލުކުރީ އާސްކިލްއެއް ދަސްކުރުން މިއީ ރަނގަޅު ފުރުސަތެއްކަމަށް ދެކިގެން."

Advertisement

ފުލުހުންގެ ޚިދުމަތުގައި އުޅުއްވިއިރުގެ އެންމެ އުފާވެރި ހަނދާނަކަށް ސައުދީ ފާހަގަ ކުރެއްވީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ހުންނަވާ އެ އިންތިޚާބުގައި ބޮޑެތި ހަމަނުޖެހުންތަކެއް ނުހިނގާ ކާމިޔާބުކަމާއެކު މެނޭޖް ކުރެއްވުމުގެ ހިތްހަމަޖެހުމެވެ.

"ޚާއްސަކޮށް ފެބުރުއަރީ 2012ގައި އޭރުގެ ވެރިކަންކުރާ ފަރާތް ބަދަލުވުމާއި ގުޅިގެން މުޅިރާއްޖޭގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން 2013ގެ އިންތިޚާބަކީ ވަރަށް ހަމަނުޖެހުންބޮޑު ރައްޔިތުންނަށް އަމާންކަމާއި އޮމާންކަން ގެއްލި  ފުރާނައަށާއި މުދަލަށް ގެއްލުންދޭނެ ވަރުގެ ބޮޑެތި އިންސިޑެންޓްތައް ހިނގާފާނެ އިންތިޚާބަކަށް ވެދާނެ ކަމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މޮނިޓަރުންވެސް ސުވާލު އުފައްދަމުން ދިޔަ. އެއީ ދެން ޕޮލިހުގެ ވަރަށް މުހިންމު ޓީމެއްގެ ވަރަށް ބުރަ މަސައްކަތެއް. ޕްލޭންކޮށް އިމްޕްލިމެންޓްކޮށް ގެންދެވުނީ ޕޮލިހުގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަމާއެކު. އަސްލު އިންތިޚާބު ނިންމާލާފަވެސް ކޮމަންވެލްތް އޮބްޒާވާއެއްގެ ގޮތުގައި ޓީމް ލީޑްކުރައްވަން ހުންނެވި މޯލްޓާގެ ކުރީގެ ބޮޑުވަޒީރު އަޅުގަނޑާއި ވަކިން ބައްދަލުކޮށްފަ ދެންނެވި ޕޮލިސްއިން ނޫނީ ނެތޭ ރިއަލް ޕިކްޗާއެއް ދެއްކި މުވައްސަސާއެއް. ޕޮލިސް އިން އޭރު އަޅުގަނޑުމެން ބުނަމުން ދިޔައީ އަސްލު ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި މީހުންނަށް ރެސްޕެކްޓް ކުރާ ބައެކޭ. ބަޔަކު ކަންތައްތައް ކުރަން އުޅުނަސް އެގޮތަކަށް އެއްވެސް ކަމެއް ނުދާނެއޭ. އެބޭފުޅާ ވަރަށް އެޕްރިޝިއޭޓްކުރެއްވި. އެ ދެން ވަރަށް ހަނދާން ހުންނަ ކަމެއް" ކަމަށް ސައުދީ ވިދާޅުވިއެވެ.

ސައުދީ ވިދާޅުވީ ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވި އިރު ފުރަތަމަ ޓްރޭނިންގެ ކުރިން ބައްދަލުކުރެއްވީ އިނގިރޭސިވިލާތުގެ އޮފިސަރެއް ކަމަށާއި، ފުލުހުންގެ ވަޒީފާއަކީ މީހުން ރުހޭނެ ވަޒީފާއެއް ނޫންކަމާއި މިއީ މީހުންގެ ފަރާތުން ހެޔޮބަސްތައް ލިބޭނެ ވަޒީފާއެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އޭނާ ވިދާޅުވި ކަމަށެވެ. އަދި އެދުވަހުން ފެށިގެން އެކަން ޤަބޫލުކޮށްގެން ފުލުހުންގެ ވަޒީފާއާއި ކުރިމަތިލިއިރު މީހުންގެ ފަރާތުން އަންނަ ނުރުހުމުގެ ބަސްތަކަށް ރައްދުދީ ދެކޮޅަށް ބަސްބުނެ އުޅުމަކީ ސައުދީގެ ހުންނަ ސިފައެއް ނޫން ކަމަށެވެ.

އެންމެ އާދައިގެ ލެވެލްއިން ފުލުހުންގެ ހިދުމަތާއި ގުޅިވަޑައިގެންނެވި ދުވަސްވަރަކީ ރާއްޖޭގެ ފުލުހުންގެ ހިދުމަތް ބަދަލުކޮށް ޚިދުމަތް ފުޅާކުރުމަށް ޕްލޭންތައް ހަދަމުންދިޔަ ދުވަސްވަރެއް ކަމަށާއި، އޭރު ކޮންމެ ދުވަހަކީވެސް އާ ޓްރޭނިންއެއް ލިބޭ ދުވަހެއް ކަމަށް ސައުދީ ދެކެވަޑައިގެންނެވިއެވެ. ފުލުހެއްގެ ކިބައިގައި ހުންނަންވާ ސުލޫކީ ރިވެތި ސިފަތަކާއި ގަޑިއަށް ފަރުވާތެރިވުމާއި އެހެންމީހުންނަށް އިހްތިރާމް ކުރުންފަދަ ސިފަތައް ދަސްކޮށްދެއްވީ އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އާދަމް ޒާހިރު ކަމަށް ސައުދީ ވިދާޅުވިއެވެ. ސައުދީ ރޯލް މޮޑެލް އެއްގެ ގޮތުގައި ނެންގެވީ އާދަމް ޒާހިރެވެ.

"އަޅުގަނޑު ވަޒީފާއާއި ގުޅުނުއިރު ހިތަކަށްނާރާ ސާޖެންޓަކާއި ހަމައަށްވެސް ދާނެއެކޭ. އެކަމަކު އަޅުގަނޑަށް ފުލުހުންގެ އެންމެމަތީ މަޤާމްތަކާއި ހަމައަށް ދެވުނީ ޢާއިލާގެ އެއްބާރުލުން ލިބުނީމަ. އަންހެނުންނާއި ދަރިފުޅު އެއްވެސް ޝަކުވާއެއްނެތި އެ މަސައްކަތަށް އެއްކޮށް ހުސްކޮށްފަ އަޅުގަނޑު ބެހެއްޓީ. ބައެއް ފަހަރު އަންހެނުން ބުނާނެ ގޭގަ ހުއްޓަސް ސިކުނޑި ހުންނާނީ އެތަނުގައޭ" ސައުދީ ޢާއިލާގެ އެއްބާރުލުން ފާހަގަ ކުރައްވަމުން ވިދާޅުވިއެވެ.

ބައެއް ފަހަރު ޒިންމާގެ ގޮތުން ގެއަށް ވަޑައިގަންނަވާއިރުވެސް ޓޯކީ ގެންދަވާ ކަމަށާއި، ދަންވަރުވެސް ޓޯކީން އަޑުއަހަން ޖެހިދާނެ ކަމަށް ވިދާޅުވިއެވެ. ސައުދީ އިޝާރާތް ކުރެއްވީ ޓްރެފިކް ޕޮލިހުގެ އިސްވެރިއަކަށް ހުންނެވި އިރުގެ ހަނދާންތަކެވެ. ބައެއް ފަހަރު މަގުމަތީގެ ޓްރެފިކް ބޮޑުވެ، ވީއަޕީ ޕެޓްރޯލިން އާއީ މަގުމަތި ޕެޓްރޯލް ކުރުމުގައި ދިމާވާ ކުއްލި މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމާންޑް ސެންޓަރަށް އަންނަ ކޯލްތަކުގެ ވާހަކައެވެ. މި ޒިންމާތަކާއިއެކު ސައުދީ ވިދާޅުވީ އާއިލާއަށް ދެއްވަން ބޭނުންފުޅުވި މިންވަރަށް ވަގުތުވެސް ނުދެވުނު ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވިއިރު ފުލުހުންގެ ތެރޭގައި ހުރިހާ ކަމެއް ދަންނަ ތަމްރީން ލިބިފައިވާ ފުލުހުން މަދުވުމުގެ ސަބަބުން 12 ވަރަކަށް އަހަރު ކޮންމެ 6 މަހަކުން 6 މަހަކުން ކަހަލަ ގޮތަށް އަތޮޅު ތެރޭގައި މަސައްކަތް ކުރަން ޖެހިވަޑައިގެންނެވުމުން ފުލުހުންގެ ޚިދުމަތުގެ ކުރީކޮޅުވެސް ޢާއިލާއާއިއެކު ވަގުތު ހޭދަކުރެއްވުމަށް ގިނަ ވަގުތެއް ލިބިވަޑައި ނުގެންނެވި ކަމަށެވެ.

ސައުދީ ވިދާޅުވީ އޭނާ އަބަދުވެސް ނިންމަވައިގެން ހުންނެވީ 2001 ގައި ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރެއްވުމަށްފަހު ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

"ބޭރު ޤައުމުތަކުގައި އޮންނަ ޓްރޭނިންތަކާއި ސެމިނާތަކަށް ވަރަށް ގިނައިން ދެވިފަ ހުންނާނީ، އެ ޓްރޭނިންތަކުގައި ވަރަށްބޮޑަށް އެންކަރޭޖް ކުރާނެ އާލީ ރިޓަޔާމެންޓަކަށްދާން، ރާއްޖޭގައި ނުވިޔަސް ބޭރު ތަންތަނުގައި ފެމިލީ ބްރޭކްވުމާއި އަމިއްލައަށް ސުއިސައިޑްވުމާއި މިކަހަލަ ކަންކަން ހުންނާނެ. އަޅުގަނޑު ނިންމާފަ އޮންނާނީ އާލީ ރިޓަޔާމެންޓަކަށްދާން".

އެހެންނަމަވެސް އަދާކުރައްވަން ޖެހިވަޑައިގެންނެވި ޒިންމާތަކާއި ފުލުހުންގެ ޚިދުމަތަށް އޮތް ލޯތްބާއި ޝައުގުވެރިކަމެއްގެ ސަބަބުން އެކަން ދޫކޮށެއް ނުލެވުނެވެ.

ފުލުހުންގެ ޚިދުމަތް ސިފައިންގެއާއި މުޅިން ވަކިވެ ރީސްޓްރަކްޗާވި އިރު އެހުރިހާ ކަމެއްގައި ޢަމަލީގޮތުން އުޅުއްވުމުގެ ފުރުސަތު ސައުދީއަށް ލިބިވަޑައިގެންނެވިއެވެ. ސައުދީގެ ވިސްނުންފުޅުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މި ރީޖަނުގައި އެންމެ ކުރިއަރާފައިވާ ޕޮލިސިން ސިސްޓަމެއް އެބައޮތެވެ. އާ ޤާނޫނުއަސާސީ އާއި އެކު 2004 ގައި މޯލްޑިވްސް ޕޮލިސް ސާވިސް ބަދަލުވެގެން އައި ގޮތަށް ބަލާއިރު މި ރީޖަނުގެ ޕޮލިސިންއެއް ރާއްޖެއަށްވުރެ ބޮޑަށް ކުރިއަރާފައެއް ނޯންނާނެ ކަމަށް އޭނާ ދެކެވަޑައިންނަވައެވެ. "ރާއްޖޭގެ ގިނަ އޮފިސަރުން އެމެރިއާއި އެހެނިހެން ތަންތަނުން ޓްރޭނިން ހަދާފަ ތިބޭނީ. އެހެންވީމަ އަބަދުވެސް އެދަނީ ޑިވެލޮޕް ކުރަމުން ރަނގަޅު ކުރަމުން. އެންމެ ރަނގަޅު އެންމެ ޕްރެކްޓިކަލް ޕޯޝަންތަކެއް ލައިގެން ބިލްޑް ކުރަމުން އަންނަ މުވައްސަސާއެއްމީ"

ސައުދީ ވިދާޅުވީ ޔުނިފޯމް އަޅައިގެން ނިކުންނަ ކޮންމެ ސާވިސްމަނެއްގެ ވަޒީފާއަކީ ވަރަށް އަގުބޮޑު އެއްޗެއް ކަމަށާއި، ކޮންމެވެސް ބަޔަކު ޤައުމަށްޓަކައި ކޮށްދޭންޖެހޭ ޚިދުމަތެއް ކަމަށެވެ. ފުލުހަކަށްވެވުނީތީ ދެރަވާން ނުޖެހޭ ކަމަށާއި، ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދައިގެން މަސައްކަތްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ ސާވިސްމަނެއްގެ ޒިންމާއެއް ކަމަށް ސައުދީ ގަބޫލުފުޅު ކުރައްވައެވެ.

+1
1
+1
2
+1
0
+1
0
+1
1
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ސައުދީއަކީ ވަރަށް މަޑުމައިރިތި މިޒާޖެއް ގެންގުޅުއްވި ބޭކަލެއް. ޑިސިޝަން މޭކިންގ ގައި އެހާ އެހާއެއް ނޫން. ޖުމްލަގޮތެއްގައި ހައިޑްވެ ހުންވައިގެން އުޅުއްވިކަން ގާތުން ފެނިފައިވޭ.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް