May 21, 2024 03:08
Advertisement

-Advertisement-

ވަހީދު: ތަފާތު ހުނަރެއް ދައްކަމުން އަންނަ ފާހަގަކުރެވޭ މަސައްކަތްތެރިއެއް!

އުމުރުން ވަރަށް ކުޑައިރުއްސުރެވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް ޝައުގުވެރިކަން ހުންނަ ބ. އޭދަފުށީ އުމުރުން 79 އަހަރުގެ އިސްމާއީލް ވަހީދަކީ ނަމޫނާ މީހެކެވެ. މަންމަ އާއި ބައްޕަގެ އުފަން ރަށަކީ ރ. އިގުރައިދޫއެވެ. އެހެންނަމަވެސް ވަހީދަކީ އޭދަފުށީގައި ރަޖިސްޓްރީ އޮންނަ އޭދަފުށީ މީހެކެވެ.

ތައްޔާރުކޮށްފައިވާ ތަކެތި

މިއީ އެލްމިނިއަމް ވިރުވައިގެން ތަކެތި ހެދުމުގައި ހުނަރުވެރި މީހެކެވެ. އަދި މީގެ އިތުރުން 'ސަތޯ ބުޅި' ހެދުމާއި 'ތިމަރަ ބުޅި' ހެދުމުގައިވެސް ކުޅަދާނަ މީހެކެވެ. ކުރިން ކެޔޮޅުކަމުގައި ވަރަށް ބުރަކޮށް އުޅެ ބުޅި ހަދައިގެން ވިއްކުމަކީވެސް ވަހީދު ކޮށްއުޅުނު މަސައްކަތެކެވެ. ފަރުމަހުގެ މަސްވެރިކަމުގައި އެތައް ދުވަހެއް ހޭދަކޮށް މުޅި ހަޔާތް ވޭތުކުރީ ބުރަމަސައްކަތުގައެވެ.

ވަހީދު، އޭނާގެ މަސައްކަތުގައި އެހީތެރިވެދޭ އަނބިމީހާއާއެކު

ވަހީދުގެ 3 އަންހެން ކުދިންނާއި 3 ފިރިހެން ކުދިން ބަލައި ބޮޑުކުރީ އަމިއްލަ މަސައްކަތުން ލިބުނު އާމްދަނީން ކަމުގައި ވަހީދު ފާހަގަކުރެއެވެ. ވަރަށް ކުޑައިރު މަންމަ ނިޔާވުމުން ދޮންމަންމަ ކައިރީގައި އުޅެން އުދަގޫވުމުން އަމިއްލައަށް މަސައްކަތެއް ދަސްކުރަން ބޭނުންވީއެވެ. ކުޑައިރުއްސުރެވެސް އޭދަފުއްޓަށް ދިރިއުޅުން ބަދަލުކޮށް އޭދަފުށީގައި ދިރިއުޅެން ފެށީއެވެ.

Advertisement

ވަހީދުގެ ހުރިހާ ކުދިންނަކީވެސް މިމަސައްކަތުގައި ހުނަރުވެރި ކުދިންނެވެ. އަދި ޚާއްސަކޮށް އަނބިމީހާ އައިސާފުޅަކީވެސް މިމަސައްކަތުގައި އެހީތެރިވާ މީހެކެވެ. ހިތްވަރާއެކު މިމަސައްކަތުގައި ދެމިހުރި ވަހީދަކީ އަބަދުވެސް ހިތްވަރުގަދަ މީހެއް ކަމުގައި އޭދަފުށީ މީހުން ފާހަގަ ކުރެއެވެ. ކެޔޮޅެއް، މާވަޑިއެއް އަދި ކަނބުރެއްގެ ގޮތުގައި މުޅި އުމުރު ހޭދަކުރި ވަހީދުގެ އަމިއްލަ ގޭގައި ހުރި ގޮނޑި، މޭޒުފަދަ ތަކެއްޗަކީ ވަހީދު އަމިއްލައަށް ހަދާފައިހުރި ތަކެއްޗެވެ.

ޝައުގުވެރިވި ގޮތް

ވަހީދު ކިޔައިދިން ގޮތުގައި ރައީސް ނާސިރު ދައުރުން ފެށިގެން އަމިއްލައަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދަން ބޭނުންވިއިރު ކުރާނެ ތަފާތު މަސައްކަތެއް ދަސްކުރުމަކީ އަބަދުވެސް ޝައުގުވެރިވާ ކަމެކެވެ. މިމަސައްކަތަކީ މީހަކާއި އިނުމަށްފަހު ކުދިން ލިބި އާމްދަނީ ހޯދަން ކުރަން ފެށި މަސައްކަތެއް ކަމުގައި ވަހީދު ބުންޏެވެ. އެގޮތުން އެލްމިނިއަމް ވިރުވައިގެން ތަކެތި ހެދުމަކީ ވަރަށް ތަފާތު ވަރަށް ބުރަ މަސައްކަތަކަށް ވާތީ އެކަމަށް ޝައުގުވެރިކަން އުފެދި އެމަސައްކަތް ދަސްކުރަން ބޭނުންވީއެވެ. މިމަސައްކަތް ދަސްކުރީ އޭދަފުށީގައި އުޅުނު 'މާލެ ހުސެއިން' ކިޔާ މީހެއްގެ ކައިރިންނެވެ. އޭރު ސްކޫލުން އަންނަގޮތަށް އޭނަ ކައިރީގައި މަސައްކަތް ދަސްކުރަން ގޮސް އެތައް ވަގުތެއް ހޭދަކުރާކަމަށް ވަހީދު ފާހަގަކުރިއެވެ. ފެންވަރާ ވަޅުގެ ދާނި އަދި ފުޅިބައްތީގެ ތައްގަނޑު ހެދުން ކަހަލަ އެތައްކަމެއް އޭނާ ދަސްކުރީ 'މާލެ ހުސެއިން' ގާތުންނެވެ.

މަސައްކަތުގެ ތައާރަފް

މި މަސައްކަތަކީ ބުރަ މަސައްކަތެއް ކަމުގައިވިޔަސް އެޒަމާނުގައި ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެކެވެ. އެއިރު މިމަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދަން އުދަގޫވެ މަސައްކަތުގައި ގިނައިރު ހޭދަވި ނަމަވެސް މިހާރު މިމަސައްކަތަށް ހޭދަވާ ވަގުތު ވަރަށް މަދެވެ.

" އޭރު ތާހެއް ވިރުވަން ގިރުބާ އަނބުރައިގެން ފުދޭވަރަކަށް ވަގުތު ހޭދަކުރަން ޖެހޭ. އެހެންނަމަވެސް މިހާރު 15 ވަރަކަށް މިނިޓުން ތާހެއް ވިރުވައިލެވޭ. އެސްއެސް ކަތިވަޅި، ރޮށި ފިހާ މުށިގަނޑު ނުވަތަ ތަވާ، ހުނިގޮނޑި އަދި މަސްކައްކާ އެކި ސައިޒުގެ ތާސްފަދަ ތަކެއްޗަކީ އެންމެ އާއްމުގޮތެއްގައި ހަދާއުޅުނު ތަކެތި. މިހާރު އެންމެ ބޮޑަށް ޑިމާންޑް އޮންނަނީ ތާސް". ޒީޓައިމްސް އަށް މައުލޫމާތުދެމުން ވަހީދު ފާހަގަކުރިއެވެ. 

ޒަމާން ބަދަލުވަމުންދާވަރަށް ހުނިގޮނޑިން ހުނި ގާނާ މީހުން މަދުވުމާއެކު ކުރިން ހުނިގޮނޑިއަށް އޮންނަ ޑިމާންޑްވެސް ދަށްވެގެން ދިޔައެވެ. އެހެންނަމަވެސް މަސްކައްކާ ތާހަކީ ޚާއްސަކޮށް އޭދަފުއްޓަށް އެކަނި ބަލާލިއަސް ފައިދާވާ އެއްޗެކެވެ. އަލަށް ހަދަންފެށި އެއްޗެހީގެ ތެރޭގައި މަސްބާނާއިރު އެއްލާ ބަރު އަޅާ ތައްގަނޑު ހިމެނެއެވެ. އެއީ މިހާރަކަށް އައިސް އާއްމުކޮށް ވިކޭ އެއްޗެކެވެ.

ޒީޓައިމްސްގެ ލިޔުންތެރިޔާ މަމްދޫދާ (ކ) އަދި ވަހީދު އާއި އޭނާގެ އަންހެނުން

ވަހީދު އެއްމެބޮޑަށް ފާހަގަކުރީ މަސައްކަތަށް އައި ބަދަލާއި ވީ ފަސޭހަތަކެވެ.

" ގޭގައި ތާސްއަޅައިގެން އޭރު ރަށުގައި ކަރަންޓް ލިބެން ހުުންނަ ޔަންމާ ސެންޓަރަށް ދަނީ ތާސް ގާނަން. ބައިސްކަލުގެ ބުރެއް ލައިގެން ގިރުބާ އަބުރައިގެން މަސައްކަތްކުރި ނަމަވެސް މިހާރު މިމަސައްކަތުގައި ހުރި ފަސޭހަ ވަރަށްވެސް ބޮޑު. މިހާރު ކަރަންޓުން ވިރުވައިގެން ތައްގަނޑު އަޅާއުޅެނީ. އެޒަމާނުގައި ފީރު ގާނައިގެން އުޅުނު ކަމުގައި ވިޔަސް މިހާރު ގްރޭންޑަރުން ގާނައިގެން ކުރެވޭ.  އޭރު ކަރަންޓެއް ނުހުރޭ، ވަރަށް އުދަގޫވެސްވޭ". ވަހީދު ފާހަގަކުރިއެވެ.

ތައްގަނޑު އަޅަން ގެންގުޅޭ ކިސަޑަކީ ޑައިވިންއަށް ގޮސްގެން ނަގާ އެއްޗެކެވެ. އެއީ ވަރަށް ބުރަ ކަމެކެވެ. ކުރީޒަމާނުގައި އެކަން ކޮށް އުޅެނީ ފީނައިގެންނެވެ. ކުރީގައި ޑައިވިންއަށް ދާއިރު ފުޅި ނާޅާ އެކަން ކުރެވުނަސް މިހާރު ޑައިވިންއަށްދާ މީހުން ލައްވާ އެކަން ކުރަން ވަރަށް ބޮޑު އަގެއް ދެއެވެ.

" ގާތްގަނޑަކަށް 25 ހާސް ރުފިޔާއަށް އެ ކިސަޑު ނަގައިދެނީ". ވަހީދުގެ އެއް ފިރިހެން ދަރިފުޅު ފާހަގަކުރިއެވެ. މުޅި ދުވަހު ފަތިހުން ފެށިން މަސައްކަތުގައި ހޭދަކުރާއިރު ހަމައެކަނި މަސައްކަތް ނުކުރާ ވަގުތަކީ ނަމާދު ވަގުތެވެ. އެއްޗެހި ވިއްކަނީ ވައިބަރ ގްރޫޕްތަކަށް ލައިގެންނެވެ.

މަސައްކަތްކުރާ ތަން

ފަޚުރުވެރިވާ ކަންކަން

މަސައްކަތުގައި އެންމެ އުފާވަނީ އެއްވެސް މީހަކަށް ނުވެގެން އަންނަ ކަންކަން ކޮށްދެވޭތީއެވެ.

" ކުދިކުދި ޓެކްނިކަލް ކަންކަން ކޮށްލަދެވޭތީ ވަރަށް އުފާވޭ، މިސާލަކަށް އިންޖީނެއްގެ ވަރަށް ކުޑަކުޑަ ތަންކޮޅެއް ހަލާކުވެގެން އައިމަވެސް އެއްޗެހި ހަދާލަދޭން އެނގޭތީ އެކަމަށްޓަކައި އުފާވޭ. މިސާލަކަށް ކުދި ކުދި ސްޕެއަރަ ކަހަލަ އެއްޗެހި ރާއްޖެއިން ލިބެން ނުހުރޭ އެހެންވީމާ މީހުން އާދޭ އެކަހަލަ އެއްޗެހި ހަދާލަން". މަސައްކަތުގައި ގިނަދުވަހު އުޅުމުގެ ސަބަބުން އެކަހަލަ ކަންކަން ކުރަން އެހާ އުދަގޫ ނުވާ ކަމަށް ވަހީދު ފާހަގަކުރިއެވެ. 

ދެކެން ބޭނުންވާ ދުވަސް

މިމަސައްކަތުގައި އެންމެ ދެކެން ބޭނުންވަނީ މިކަހަލަ މަސައްކަތް ދިރުވައި އާލާކޮށްދޭނެ ޖީލެއް އޮތުމެވެ. އެގޮތުން ވަހީދުގެ ކުދިންނަކީވެސް މިމަސައްކަތް ދަސްކޮށް މިމަސައްކަތުގައި އަމަލީގޮތުން ޝާމިލްވާ ކުދިންނެވެ. މިމަސައްކަތް ކުރާ ވަހީދުގެ އެއް ފިރިހެން ދަރިފުޅު މިމަސައްކަތުގައި އުޅެނީ ބައްޕަގެ ގައިބާރުދެރަވެ މަސައްކަތުގައި ގިނަވަގުތު އުޅޭން އުދަގޫވާތީ އެވެ. މިމަސައްކަތަކީ އަމިއްލައަށް އާމްދަނީ ހޯދަން ކުރާ މަސައްކަތެއްކަމުގައި ވަހީދުގެ ކުދިންވެސް ދެކެއެވެ. ވަޑާމުގެ މަސައްކަތުގައި އިތުރު ދެކުއްޖަކު އުޅެއެވެ. ވަހީދު އެއްމެ އުފާވަނީ ވަހީދުގެ މިހުނަރު އޭނާގެ ކުދިންނަށް ދަސްކޮށްދެވި މިކަމުގެ ބޭނުން އެކުދިން ކުރާތަން ފެންނާތީއެވެ.

+1
9
+1
13
+1
4
+1
6
+1
0
+1
0
+1
0

Advertisement

ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު

  1. އަސްލު ވ ހިތްވަރުގަދަ ހުނަރުވެރި ބޭކަލެއްކަން އެނގިގެން މިދިޔައީ މި ލިޔުން ކިޔާލީމަ އުއްމީދަކީ ތިޔަފަދަ ބޭކަލުންގެ ކިބައިން ހިތްވަރު ލިބިގެން ތިޔަފަދަ ގިނަ ބަޔަކު އުފެދި ޤައުމުގެ އުފެއްދުންތެރިކަމަށް އިތުރު ކުރިއެެރުންތަކެއް ލިބިގެންދިޔުން.
    ވަހީދުއަށް އައްސަރިބަހާއި ސާބަސް ދުޢާއަކީ ވަހީދުގެ މަސައްކަތުގައި ބަރަކާތްލައްވާ އިތުރު ކުރިއެރުން ލިބިގެންދިޔުން.🤲

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް