May 20, 2024 23:58
Advertisement

-Advertisement-

އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ

ސާމިޔާ: ތަޢުލީމު ހާސިލުކުރެއްވުމަށް ކުރެއްވި ބުރަ ދަތުރުން ލިބުނު ކާމިޔާބީއިން ދައްކަވާ ހިތްވަރު!

އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ، މިނަމަކީ ވަރަށް ގިނައިން ރޭޑިއޯ ޕްރޮގްރާމްތަކުން އިވޭ ނަމެކެވެ. ޓީވީ ޕްރޮގްރާމްތަކުން ވެސް ސާމިޔާ ފެނެއެވެ. އެންމެ ފާހަގަކުރެވެނީ އިސްލާމްދީނާއިމެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުރައްވާ މަސައްކަތެވެ. ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ރަށްރަށަށް ވަޑައިގެން ދަރުސް ދިނުމުގެ އިތުރުން ޖަލުތަކުގައި ތިބި ގައިދީންނަށްވެސް ދަނީ މައުލޫމާތު ދެމުންނެވެ.

ކުޑަކުދިންތަކަކާއެކު ޕްރޮގްރާމެއް ކުރިއަށްގެންދަވަނީ

ސާމިޔާ އަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ލެކްޗަރަރ އެކެވެ. ސާމިޔާގެ ދަރިވަރުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ.

'ޒީޓައިމްސް' އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ސާމިޔާ ވަނީ ދީނީ ޢިލްމު އުނގެނުމަށް ކުރެއްވި ބުރަމަސައްކަތުގެ ތަފްސީލް ދެއްވާފައެވެ.

Advertisement

ތައުލީމް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވިއަސް ތައުލީމު ލިބުމުން ލިބޭ ހިތްހަމަޖެހުން ބޮޑުކަން ސާމިޔާގެ ވާހަކައިން ވެސް ވަނީ ޔަގީންވެފައެވެ.

އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ

ކ.އަތޮޅު މާފުއްޓަށް އުފަން ސާމިޔާ އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލްކުރެއްވީ މާފުށީ މަދަރުސާ އިންނެވެ. އެންމެ ފުރަތަމަ މާލެއަށް އައީ މާލޭގައި ކިޔަވަން ހުރުމުގެ ވިސްނުމެއްގައެއް ނޫނެވެ. އެއިރު ދައްތަ މާލޭގައި ހުރުމުން ދައްތައަށް ކުރި ޒިޔާރަތުގައި، އެގޭ މީހުން ސާމިޔާ ބަހައްޓަން ބޭނުންވުން އެއީ މާލޭގައި ހުރެ ތަޢްލީމު ޙާޞިލުކުރުމަށް މަގުފަހިވި ގޮތެވެ. އޭރު އުމުރަކީ އެންމެ 10 އަހަރެވެ. ނަމަވެސް ފުރަތަމަ މަދަރުސާއަކަށް ނުވައްދައެވެ. ދެ އަހަރެއް ވަންދެން ކިޔަވައިދިނީ ގޭގައެވެ.

އަލްމަދަރުސަތުލް ޢަރަބިއްޔާ ހުޅުވީ 1987 ގައެވެ. ޖެހިގެން އައި އަހަރު 1988 ގައި ސާމިޔާ މަދުރަސާއަށް ވެއްދިއެވެ. އެއީ 'ތަމްހީދީ' އަށެވެ. އެއަށް ފަހު 'އިޢްދާދީ' ނިންމާލީ ޢަރަބިއްޔާގައެވެ. އެއީ ގްރޭޑް އަށެކެވެ.

ސާމިޔާ ފުރަތަމަ ކިޔަވަން އުޅެން ޖެހުނީ ވަރަށް ދަތިހާލުގައެވެ. އުމުރުން އެހާ ޅައިރު އެކި ގޭގޭގައި ބުރަ މަސައްކަތް ކޮށްގެންނެވެ. އެހެން އުޅެން ޖެހުމުން ސާމިޔާ އަށް އެހީވީ އެއްކުލާހުގައި ކިޔެވި ކުއްޖެކެވެ. އޭނާގެ ގެޔަށް ދެވުމުން ސާމިޔާ އަށް ކިޔަވަން ފަސޭހަވެގެން ދިޔައެވެ. އެމީހުން ސާމިޔާ އާއި އެމީހުންގެ ދަރިންނާ ތަފާތެއް ނުކުރެއެވެ. އެހެންކަމުން ހ.ބާދިރީގޭ ޢާއިލާގެ ހެޔޮކަން ޝުކުރުވެރިކަމާއިއެކު ސާމިޔާ ފާހަގަކުރެއެވެ.

މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން ގްރޭޑު 8 ނިންމުމަށްފަހު، ސާނަވީ ތަޢްލީމް (ގްރޭޑް 12) އާއި ހަމައަށް ޙާސިލްކުރީ މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާ އިންނެވެ. ސާމިޔާ ކިޔެވީ ސައިންސް ސްޓްރީމް އެވެ. މައުހަދުގެ ސާނަވީ އިމްތިޙާން ނިންމިއިރު ކުލާހުގައި އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި ސާމިޔާ ހިމެނެއެވެ. އެންމެ ކިޔަވާހިތްވީ މެތަމެޓިކްސްއެވެ.

މަތީ ތަޢުލީމުގެ ފެށުން

އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ އަމީނިއްޔާ ސްކޫލްގެ ޢަރަބި ޓީޗަރެއްގެ މަޤާމުގައެވެ. 

ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންނަށް ޢަރަބި ޤައުމުތަކުން ކިޔެވުމަށް އޭރު ސްކޮލަރޝިޕް ލިބެއެވެ. ވަކިން ޚާއްޞަކޮން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމަށް މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ފުރުސަތު ލިބެއެވެ. އެގޮތުން އެއަހަރުވެސް 10 ފުރުސަތު އަލްއަޒްހަރުން ލިބުނެވެ.

"ކުލާހުން ރަނގަޅު ނަތީޖާ ހޯދި 5 ދަރިވަރުންގެ ތެރޭގައި އަޅުގަނޑު ހިމެނުނުކަމުގައި ވިޔަސް، އެހެން ހުރިހާ ކުދިންނަށް ސްކޮލަރޝިޕް ލިބުނުއިރު އަޅުގަނޑަކަށް ނުލިބުނު. އެއީ ވަރަށް ދެރަވި ދުވަހެއް.  ކޯހަށް ކުރިމަތިލިން. ޝަރުޠު ހަމަނުވާކަމަށް ބުނެ ބާކީވި. ޢާއިލާގައި 11 ކުދިން ތިބުމާއިއެކު އަމިއްލަ ގޮތުން ކިޔަވަން ފޮނުވާނޭ ތަނަވަސްކަމެއް މައިންބަފައިންގެ ކިބާގައި ނެތް. އެއިރު އެކުވެރިން ފުރާ ދުވަސް ވެސް ހަމަޖެހިއްޖެ. އަމީނިއްޔާގައި އެކުގައި ވަޒީފާ އަދާކުރި ބައެއް އެކުވެރިން ހިތްވަރު ދިނުމުން، ޕްލޭނިންގ މިނިސްޓްރީއަށް ގުޅާފަ ސްކޮލަރޝިޕް ނުލިބުނު ސަބަބު ބުނެދިނުމަށް އެދުނިން. ލިބުނު ޖަވާބަކީ، ސާމިޔާ ސަރުކާރުގެ ވަޒީފާގައި ނޫޅޭތީ ކޯސް ނުލިބުނީ ކަމަށް. އަޅުގަނޑު ދެންނެވިން، ތިހެން ކިހިނެއްތޯއޭ ވާނީ ސްކޫލް ނިމުނުގޮތަށް އަމީނިއްޔާގެ ޓީޗަރަކަށޭ މިއުޅެނީ. ސްކޫލުން ދިން ލިޔުމުގައި އޮތީ ރިސޯސް ޓީޗަރެއްގެ ވަޒީފާގައި ހުރިކަމަށް. އެލިޔުން ހޯދިއިރު ވަޒީފާ ދާއިމީ ކުރަން އޮތީ ފޮނުވާފަ. ކޯސްތަކަށް ކުދިން ހޮވިއިރު ވަޒީފާ ވަނީ ދާއިމީ ވެފަ. އަޅުގަނޑު ދެންނެވިން ރައީސް އޮފީހުގައި ރިކޯޑު ހުންނާނޭ. ތިގޮތަށް ކަންތައްކުރައްވާކަށް ނުވާނެނޫންހޭ. އަސްލު ވަރަށް ބިރުން ހުރެ ގުޅީވެސް، ނަމަވެސް ޙައްޤު ހޯދަން ފުރަތަމަފަހަރަށް ހިތްވަރުލާފައި ތެދުވި ދުވަސް އެއީ" އެއިރުގެ ހަނދާންތައް އާކުރަމުން ސާމިޔާ ވިދާޅުވިއެވެ.

ޓީވީއެމްގެ ޕްރޮގްރާމެއްގައި ސާމިޔާ

ސްކޫލުގައި އެކުގައި މަސައްކަތްކުރި މުދައްރިސުން ދެއްވި ހިތްވަރާއެކު ސާމިޔާ އެއިރު ކުރެއްވި ފޯނުކޯލުގެ ނަތީޖާ ވަރަށް ފޮންޏެވެ. ޕްލޭނިންގ މިނިސްޓްރީން އިތުރަށް މައުލޫމާތު ސާފުކުރީ އެ ފޯނުކޯލަށްފަހުގައެވެ. ހަމަ އެދުވަހު ގުޅާފައި ބުނީ އޮޅިގެން ކަމަށާއި، އަވަހަށް ފުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށެވެ. އެއްހަފްތާތެރޭގައި ފުރުމުގެ އިންތިޒާމު ހަމަޖައްސާފައި، މަތީ ތަޢުލީމު ހާސިލުކުރުމަށް މިސްރަށް ދިޔައީ ސަރުކާރުން ލިބުނު ސްކޮލަރޝިޕްގައެވެ.

ސާމިޔާ ކުރިމަތިލީ އާކިޓެކްޗަރގެ ދާއިރާއިން ކިޔެވުމަށެވެ. ނަމަވެސް އަލްއަޒްހަރުގައި އަންހެން ކުދިންނަށް އެފުރުސަތެއް ނޯވެއެވެ. އެހެންކަމުން ފުރަތަމަ ކިޔެވީ 'ބެޗްލަރ އޮފް ސައިންސް އިން ފިޒިކްސް އެންޑް މެތަމެޓިކްސް' ގެ ދާއިރާއިންނެވެ. އެކޯހުގައި ކުރިއަށްދާން ގޮންޖެހުންތައް ދިމާވިއެވެ. ދެވުނު އިރުވެސް ކިޔެވުން ފެށިގެން ދުވަސްތަކެއް ފާއިތުވެފައި ވުމާއި، ފުރަތަމަ އަހަރު ދާކުދިންގެ ޔުނިވަރސިޓީއަށް ވަނުމަށް ކުރަންޖެހޭ ކަންކަން ކުރަން ދާން ޖެހުމުން ކުލާސްތައް ގެއްލި އެއަހަރުގެ ކިޔެވުން ރަނގަޅަށް ކުރިޔަކަށް ނުގެންދެވުނެވެ.

"އެ ކޯހުގައި އަރަބި ނޫން ގައުމެއްގެ ކުއްޖަކަށް އުޅުނީވެސް އަޅުގަނޑު އެކަނި. ދެވުނުއިރުވެސް ކިޔެވުން ފެށި ފިލާވަޅުގެ ވަރަށްބޮޑު ބައެއް ވަނީ ގެއްލިފަ. އެހެންވެ އެކޯހުން ފާހެއް ނުވި. ކިޔަވައިދޭގޮތް ވެސް އުދަގޫ. އަދި އެ ކޯހަކީ ހަމައެކަނި މިސްރު ކުދިންނަށް ޚާއްޞަ ކޯހަކަށް ވުމުން އިތުރަށް ކިޔަވަންޏާ ވަރަށް ބައިވަރު ފައިސާ ދައްކަން ޖެހޭ. އެކޯހުގައި ކިޔަވަން ފަންސަވީސް ހާސް ޕައުންޑު ދައްކަން ޖެހޭ".

ދީނީ ތަޢްލީމްގެ ފެށުން އަދި ކުރިމަތިވި ބޮޑު ގޮންޖެހުން

ކުރިން ފެށި ކޯހުގައި އިތުރަށް ކިޔެވެން ނެތުމުން ޔުނިވަރސިޓީއިން ސާމިޔާ އަށް ފުރުސަތު ލިބުނީ ދީނީ ނުވަތަ ޢަރަބި ބަހުގެ ރޮނގުން ހިލޭ ކިޔެވޭނެ ދާއިރާއަކަށް ބަދަލުވުމަށެވެ.

" ކޯސް ބަދަލުކުރުމުގެ ހުއްދައަށް އެދި އަޅުގަނޑު ސަރުކާރަށް ސިޓީ ފޮނުވިން. ޝަރީއާ އިސްލާމިއްޔާގެ ދާއިރާއިން ކިޔަވަމުންދަނިކޮށް ސެމިސްޓަރގެ މެދުތެރޭގައި އޭރުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެންގީ 'ޝަރީޢާ އިސްލާމިއްޔާ' އަކީ ދިވެހިރާއްޖެއަށް މީހުން ބިނާކުރުމަށް ބޭނުންވާ ދާއިރާއެއް ނޫނޭ. އެހެންވީމަ ކޯހުގެ ކިޔެވުން ހުއްޓާލާފަ އަންނާށޭ. ތިހިރީ ކޯސް ކެންސަލް ކޮށްފައޭ. ސަރުކާރުން އޭރު މިޞްރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދެނީ މަހަކު 100 ޑޮލަރުގެ ޕޮކެޓްމަނީ އެއް. އެފައިސާ ވެސް އަޅުގަނޑުގެ ކަނޑާލި. އެއީ 1998 ވަނަ އަހަރު އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަސް. ނަމަވެސް އަލް އަޒުހަރު ޔުނިވަރސިޓީ އިން އަޅުގަނޑުގެ ކޯސް އަސްލު ކެންސަލެއް ނުކުރޭ. ކިޔަވަން ހިލޭ ފުރުސަތު ދިން. އަޅުގަނޑު ނުހަނު ބޭނުންވި ކިޔަވަން، އޭރު ސަރުކާރުން ބޭނުމެއް ނުވި އަޅުގަނޑު ޝަރްޢީ ދާއިރާއިން ކިޔަވާކަށެއް. އޭރު މިސްރުގައި ތިބޭ ކުދިންގެ ކަންކަން ބައްލަވަން ހުންނެވި ބޭފުޅާ ވިދާޅުވީ އަޒްހަރު ޔުނިވަރސިޓީ އިން ކޯސް ދިނަސް ކިޔަވާކަށެއް ނުހުރެވޭނެޔޭ، ރާއްޖެ ދާށޭ ޖެހޭނީ އެހެންނޫނީ ޑީޕޯޓްކޮށްލާނަމޭ ކިޔައި ބިރު ދެއްކި".

ސާމިޔާގެ ކައިވެނީގެ ރަސްމިއްޔާތުގައި ފިރިމީހާ އަދި އެކުވެރިންނާއެކު

ސާމިޔާ އޭރު ދިޔައީ ކާވެންޏަށް ތައްޔާރުވަމުންނެވެ. ހެދުން ފަހާ ހުރިހާ ކަމެއް ވަނީ ނިމިފަ ކަމަށް ފާހަގަކުރި އެވެ. ކައިވެނި ކުރީ ޖެހިގެން އައި (31.10.1998) ދުވަހުގަ އެވެ.

" މާތް ﷲ ގެ ވާޤިފުޅާއި އެކު ކިޔެވުމުގެ ހިތްވަރަކަށް ވީ އަޅުގަނޑުގެ ފިރިމީހާ، ޑރ. މޫސާ އަންވަރު ޙަސަން، އަދި އަޅުގަނޑުގެ ރަޙްމަތްތެރިން. ފިރިމީހާ އޭރު ދިޔައީ އަޒުހަރުގައި ކިޔަވަމުން. އަޅުގަނޑަށް އަޒުހަރުން ލިބެނީ 50 ޑޮލަރުގެ ކުޑަ ޕޮކެޓްމަނީ އެއް. ފިރިމީހާއަށް ލިބެނީ އެންމެ 100 ޑޮލަރު. އަޅުގަނޑުމެން ދެމީހުންގެ ހުރިހާ ކަމެއް ހަމަޖެއްސީ އެ މަދު ފައިސާ ކޮޅުން. ކޮޓަރި ކުއްޔާ ކެއިންބުއިމާ ދަތުރުފަތުރާ އަސާސީ ބޭނުންތައް ދިޔައީ ގިނަފަހަރަށް ނުފުއްދެމުން. އެވަގުތު އެންމެ ބޮޑު އެހީއެއް ލިބުނީ ފިރިމީހާ އާއި އެކުގައި ކިޔަވަމުންދިޔަ ދިވެހި އެކުވެރިންގެ ފަރާތުން" ސާމިޔާ އެއިރުގެ ހަނދާންތައް އާކުރެއްވިއެވެ.

ކާވެންޏަށްފަހު އަމިއްލަ އަށް ކިޔަވަން ބޭނުންވެގެން އެޑިއުކޭޝަން މިނިސްޓްރީއަށް އެކަން އަންގާ ރާއްޖެ ނުގެންގޮސް ބަހައްޓަ ދިނުމަށް އެދުނެވެ. " ޕޮކެޓްމަނީ ނުދިނަސް އެންމެ ރަނގަޅޭ ބުނިން. އެގޮތަށް ހުއްދައެއް ނުދިން. ކޮންމެހެންވެސް ރާއްޖެ ދާންޖެހޭނެކަމަށް ބުނި. އަޅުގަނޑު އެދުނިން ސެމިސްޓަރ ނިމުމުން ލިބޭ ބަންދުގައި ދާގޮތަށް ދަތުރު ލަސްކޮށްދޭށޭ". އެއިރު މިޞްރުގައި ދިވެހި ކިޔަވާ ކުދިންގެ ކަންކަމާ ހަވާލުވެ ހުރި ފަރާތުން އެފުރުސަތު ނުލިބޭނެ ކަމަށް ވިދާޅުވުމުން ސަރުކާރުގެ ނިންމުމާއި އެއްގޮތަށް ސާމިޔާ ރާއްޖެ އައީ ކޯސް ފުރިހަމަނުކޮށް ފުރަތަމަ ސެމިސްޓަރއަށް ފަހުއެވެ.

ސާމިޔާގެ ދެމަފިރިން އެންމެ ޒުވާން ދުވަސްވަރު

" މާލެ އައުމަށްފަހު ޖެހިގެންއައި ދުވަހު ހެނދުނު ހެނދުނާ އަޅުގަނޑާއި އެހެން ދަރިވަރަކު އެޑިޔުކޭޝަން މިނިސްޓްރީއަށް ދިޔައީ. މިނިސްޓަރާ ބައްދަލުކުރުމަށް އެޕޮއިންޓްމެންޓަކަށް އެދިގެން މިނިސްޓްރީގެ ރިސެޕްޝަން ކައިރީގައި މަޑުކޮށްގެންތިބޭތާ ދެތިން ގަޑިއިރުފަހުން، މިނިސްޓްރީގެ އެހެން އިސްވެރިޔަކު ބައްދަލުކުރައްވާފައި ވިދާޅުވީ، މިނިސްޓަރާއި ބައްދަލެއް ނުވާނޭ، ކިޔަވަން ބޭނުމިއްޔާ ރާއްޖެ ނުގެނެސް   ބައިތިއްބާށޭ އަންގާފައޭ ވާނީ. އޭރު މިސްރުގައި މިހާލަތުގައި ދަރިވަރުން ތިބި ނަމަވެސް މިގޮތަށް އެންމެ ފުރަތަމަ ކޯސް ކެންސަލް ކުރީ އަޅުގަނޑާއި އެކުވެރިއެއް ކަމަށްވާ ނާދިޔާގެ. އެހެން ކުދިންނަށް މިފަދަ އެންގުމެއް ނާންގާ. އޭރު އެދިމާވި ދަތިކަން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ". މިސްރަށް ދިޔަތާ ދެއަހަރު ނުވަނީސް ދިމާވި ގޮންޖެހުން ކިޔައިދިންއިރު ސާމިޔާގެ އަޑުގައި ހިތްދަތިކަން އެކުލެވިގެން ވިއެވެ.

"ވަރަށް ހިތްވަރުލާފައި ކިޔެވީ. الحمد لله ފުރަތަމަ އަހަރުވެސް ވަރަށް ރަނގަޅު ނަތީޖާއެއް ލިބުނު. ދެން ފަހުން އެޑިޔުކޭޝަނުން ސްކޮލަރޝިޕް އަލުން ދިން. އެކަމަކު ޕޮކެޓްމަނީގެ ފައިސާ އަތަށް ލިބުނީ ނަތީޖާ ހުށަހެޅިތާ 10 މަސް ފަހުން، އެއްފަހަރާ. އެހާ ހިސާބުން ކޮންމެވެސް ވަރެއްގެ ފަސޭހަކަމެއް ލިބިގެންދިޔަ. އަޅުގަނޑު ފިރިމީހާގެ އެހީ ނުލިބުނުނަމަ ނުކިޔެވުނީސް. އަޅުގަނޑަށް ކިޔަވައިދިނީ ފިރިމީހާ". ކިޔެވުން ފުރިހަމަކުރިގޮތުގެ ތަފްސީލް ދެއްވިއެވެ.

ސާމިޔާ އަދި ފިރިކަލުން ޑރ. މޫސާ އަންވަރު ޙަސަން އާއި ދެކުދިން

ކުއްލިއްޔާގެ ވަޒީފާ އަދި އެންމެފަހުގެ ޓެސްޓު ހަދަން ކުރި ދަތުރު

ސާމިޔާ އަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކިޔަވަން ހުރިއިރުވެސް ކުއްލިއްޔާއިން ވަޒީފާ ލިބޭނެކަމުގެ ޔަގީންކަން ލިބުމެވެ. ޝަރީއާގެ ޑިގްރީ 4 އަހަރުން ފުރިހަމަކުރުމަށްފަހު ވަޒީފާއަށް ދާންފެށީ ކުއްލިއްޔާއަށެވެ. އޭރު އަދި ނަތީޖާ ނުލިބެއެވެ.

"ކޯހުގެ ނަތީޖާ ލިބުނުއިރު ބަނޑުބޮޑުވުމުން 'ބެޑްރެސްޓްގަ' އޮތީ، ފަހު އަހަރުގެ ޤުރުއާނުގެ މާއްދާ ދެވަނަ ފަހަރަށް ޓެސްޓުހަދަން ދާންޖެހުނު. ދަތުރުކުރަން ޑޮކްޓަރ ހުއްދަ ނުދިނުމުން އެއަހަރު ނުދެވުނު. ވިހައިގެން 2 މަހުގެ ތުއްތު ދަރިފުޅު ގޮވައިގެން މިސްރަށް ދިޔައީ. ކުއްލިއްޔާގެ ރަސްމީ ވަޒީފާ އާއި ގުޅުނީ 2004 ވަނަ އަހަރު ޖެނުއަރީ 1 ގައި".

މާސްޓަރސް އަށް ކިޔަވަން މެލޭޝިއާ އަށް

ޤުރުއާން އަދި ސުންނަތުގެ ދާއިރާއިން ސާމިޔާ މާސްޓަރސް ފުރިހަމަކުރެއްވީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. ސްކޮލަރޝިޕް ލިބުނު ކަމުގައިވިޔަސް މާސްޓަރސް ކޯހުގަވެސް ވަކި ހިސާބަކުން ކިޔެވުން ކުރިއަށްގެންދިޔައީ އަމިއްލަ ޚަރަދުގައެވެ. ކުޑަކުޑަ ދެކުދިންނާއެކު މިއީ އަދި މާއުދަގޫ ދުވަސްތަކެއްކަމަށް ފާހަގަކުރެއްވިއެވެ.

"ރާއްޖެއިން ފޮނުވީ ދެއަހަރަށް މާސްޓަރސް އަށް. ކިޔަވަން ފެށީ މުސާރައާއި އެއްވަރެއްގެ އެލަވަންސް ލިބިގެން. ކުރިން އަރަބި މީޑިއަމް އަށް ކިޔެވީމަ މެލޭޝިއާގައި އިނގިރޭސި ބަސް ކިޔަވަންޖެހުނު. ޝަރީޢާ ޑިގްރީ އޮތް މީހަކު ޤުރުއާން އަދި ސުންނަތުގެ ދާއިރާއިން މާސްޓަރސް ހަދަން ދިޔުމުން ސުންނަތުގެ ދާއިރާގެ އިތުރު މާއްދާތަކެއް ކިޔަވަން ޖެހުމުން ކޯސް ނިންމުމަށް އިތުރު މުއްދަތެއް ހޭދަވީ".

ސާމިޔާ އަށް ދިމާވި ގޮންޖެހުންތަކުން ހިތްވަރު ހޯދީ ތަޢުލީމު އުނގެނި އަދި އެތަޢުލީމު އެހެންމީހުންނަށް އުނގަންނައި ދިނުމުގެ ބޭނުމުގައެވެ. މާސްޓަރސް ނިންމުމަށްފަހު ރާއްޖެ އައިސް ދުވަސްތަކެއްފަހުން މެލޭޝިއާއަށް ދިޔައީ ޕީއެޗްޑީ ފުރިހަމަ ކުރެއްވުމުގެ ބޭނުމުގައެވެ. 

ގުރެޖުއޭޝަން އަށް ފަހު

ކުއްލިއްޔާގެ ވަޒީފާއިން ޕްރިންސިޕަލް ކަމަށް އަދި ކުއްލިއްޔާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް

2015 ވަނަ އަހަރު ސާމިޔާ ހުންނެވީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލުގެ މަޤާމުގައެވެ. އެއީ އެޑިޔުކޭޝަނުން ބޭނުންވެގެން އެއަހަރު ނިމެންދެން ކުއްލިއްޔާއިން ދޫކުރުމުންނެވެ. ކުއްލިއްޔާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރު މެދުތެރޭގައެވެ. އެހެންކަމުން 2016 ފެށުމާއިއެކު ސާމިޔާ އިސްލާމީ ޔުނިވަރސިޓީ އާއި ގުޅުނީ މަތީ ތަޢުލީމަށް ލޯބިކުރާތީ އާއި އެކަޑަމިކް މީހެއްގެ ގޮތުގައި ޔުނިވަރސިޓީގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އޮތުމާއި، އަދި ޔުނިވަރސިޓީއިން ޢަރަބިއްޔާގައި އިތުރަށް ނުބެހެއްޓޭނެކަމަށް އެންގުމުން ކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ.

ޕީއެޗްޑީ ސްކޮލަރޝިޕް ގައި މެލޭޝިއާ އަށް

"ޕީއެޗްޑީ ސްކޮލަރޝިޕް އަށް އަނެއްކާ ދިޔައީ މެލޭޝިއާ އަށް. ޕްރޮޕޯސަލް ނިންމާފައި ތީސިސް ލިޔަނިކޮށް ކޮވިޑް އައިސްގެން މެލޭޝިއާގައި އުޅެން އުދަގޫވެ، އަދި ޔުނިވަރސިޓީއަށް ނުވަދެވި ޢާއިލާ އާއި ވަކިން އުޅެންޖެހުމުން ރާއްޖެ އައީ. ރާއްޖޭގައި ހުރެގެން ތީސިސް ލިޔެފައި ސްޕަވައިޒަރ އަށް ފޮނުވީ".

ޕީއެޗްޑީ ފުރިހަމަކުރުމަށް ތީސިސް ލިޔަމުން ދަނީ ' ދިވެހި ޒުވާނުން ކުށްކުރާ ސަބަބުތަކާއި، އަދި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ހައްލުތައް ' މި މައުޟޫއަށެވެ. މިއީ ދިވެހިރާއްޖެއަށް ނުހަނު ބޭނުންތެރި މައުޟޫއެކެވެ.

ސާމިޔާގެ އާއިލާ/ ރަނގަޅު ތަރުބިއްޔަތުގައި ދެކުދިން ބޮޑުވުން މިއީ ހިތްހަމަޖެހުމެއް

ދެއްވާ މެސެޖު

"އަޅުގަނޑަށް ދިރިއުޅުމުގައި ދަސްވީ، ކޮންމެ އުދަގުލަކަށްފަހު ފަސޭހަކަމެއް އަންނާނެކަން، އުދަގުލަށް ކެތްތެރިވެގެން ކާމިޔާބު ލިބޭނެކަން، ކާމިޔާބީއަކީ ހިތްވަރާއެކު މަސައްކަތް ކުރާ މީހާގެ ޙައްގެއްކަން".

"އެންމެ ފައިދާކުރާ ޢިލްމަކީ ދީނީ ޢިލްމު، އެދުވަހު އަޅުގަނޑަށް ދީނީ ޢިލްމު ޙާޞިލް ކުރެވުނީތީ، މިއަދު އަޅުގަނޑަށް އެހެން މީހުން ދީނީ ގޮތުން ހޭލުންތެރި މިކުރެވެނީ، ކޯސް ކެންސަލް ކުރުމުންވެސް ހިތްވަރުލާފައި ދީނީ ރޮނގުން ކިޔެވުނީމާ، މިއަދު އެކަމުގެ މަންފާ މިކުރަނީ".

"މުޖުތަމައަށް ދޭން ބޭނުންވާ މެސެޖަކީ ކޮންމެ މީހަކީވެސް ހެޔޮކަންކަމަށް އަމުރު ކުރާ، ނުބައިކަންކަން ނަހީކުރާ މީހަކަށް ވާށޭ. އެއީ ހަމައެކަނި ދީނީ ޢިލްމުވެރިން ކުރަންޖެހޭ ކަމެއް ނޫނޭ. މުޖުތަމަޢު ރަނގަޅު ކުރެވޭނީ އެންމެން އެކުވެގެންނޭ. ހެޔޮގޮތުގައި އުޅެން އެކަކު އަނެކަކަށް އެހީވާން އެބަޖެހޭ". ސާމިޔާ ދެއްވާނީ ކޮން މެސެޖެއްތޯ 'ޒީޓައިމްސް' އިން ދެންނެވުމުން ދެއްވީ މި މެސެޖުތަކެވެ.

ކައިވެނި ހަފްލާއެއްގައި ސާމިޔާ އޭނާގެ އާއިލާގެ މެންބަރުންނާއެކު

ނިންމުން

ސާމިޔާ ވިދާޅުވިގޮތުގައި އުމުރުން 10 އަހަރުގައި މާލެ އައިސް އެކި ގޭގޭގައި އުޅުނުގޮތް ހަނދާން އެބަހުއްޓެވެ. ވަރަށް ރަނގަޅު މީހުންނާވެސް ވަނީ ދިމާވެފައެވެ. ސާމިޔާ މަސައްކަތް ކުރެއްވީ ތައުލީމު ހާސިލުކުރުމަށް ދިމާވި ގޮންޖެހުން އާއިލާގެ އިތުރު މެންބަރަކަށް ކުރިމަތިވިޔަ ނުދިނުމަށެވެ.

"އަޅުގަނޑުގެ ހަގަށް ތިބި 5 ކޮއްކޮއިންނަށް ކިޔަވައިދިނީ އަޅުގަނޑު ކައިރީގައި ބައިތިއްބައިގެން. އަދި އެމީހުންގެ ދަރިންނަށް ވެސް އަޅުގަނޑު ކިޔަވައިދިނިން، މިހާރުވެސް އަޅުގަނޑު ކައިރީގައި ބައެއް ކުދިން ކިޔަވަމުން އެބަދޭ" އުފަލާއެކު ސާމިޔާ ވިދާޅުވިއެވެ. 

އުފަން ދެކުދިންނާ މުޅި އާއިލާއަށް މަތީ ތައުލީމު ހާސިލުކޮށްދިނުމުގައި ފިރިމީހާގެ އެހީތެރިކަމާއެކު ސާމިޔާގެ ޒިންމާވެސް އަދާކުރެވިއްޖެއެވެ. އަދި އެތައް ދަރިވަރުންނަށް އިލްމު އުނގަންނައި ދެވިއްޖެއެވެ. ދީނީ ގޮތުން ހޭލުންތެރި ކުރުމަށް ކުރައްވާ މަސައްކަތުގައި 'ޒީޓައިމްސް' އިން އެދެނީ ސާމިޔާ އަށް އިތުރު ކާމިޔާބީއަށެވެ.

+1
0
+1
25
+1
3
+1
3
+1
0
+1
0
+1
0

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

  1. ހާދަ ޙާލުގަ މާލެ އައިސް މީހުން ކިޔަވާފަ އެބަހުއްޓެވެ. ސާމިޔާ ތަޢުލީމް ޙާސިލް ކުރެއްވުމަށް ކުރެއްވި މަސައްކަތަކީ ޖިހާދެއް ކުރުން. ވަރަށް ހިތްވަރު ގަދަ ބޭފުޅެއް. ކާމިޔާބީއަށް އެދެން.

    34
  2. ހަނދާންވަނީ ދަތުރު ފަތުރު ކުރަން އުނދަގޫ ނޫނު އިރުވައިތޮށިން މާފަރު ބޯޓުގައި ކުރި ދަތުރެއް މަތިން

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް