May 21, 2024 02:03
Advertisement

-Advertisement-

ލޯފަން މީހަކަށް ވިޔަސް ޤުރުއާން ހިތުދަސްކުރުމުގައި ހިތްވަރާއެކު ކުރިއަށް

ކީރިތި ޤުރުއާން ހިތުދަސް ކުރުމަކީ އަބަދުވެސް ކުރާހިތްވާ ކަމެއްކަމަށް ބ. އޭދަފުށީ އުމުރުން 58 އަހަރުގެ ޝަހީދާ ޔަހްޔާ ވަނީ ބުނެފައެވެ. ޝަހީދާ އަކީ ލޯފަން މީހެއް ކަމުގައިވީނަމަވެސް އާދައިގެ އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ މީހެކެވެ. މަންމަ އާއި ބައްޕަ ނިޔާވުމަށްފަހު އުފަން ރަށުގައި ދިރިއުޅެނީ ޝަހީދާގެ ދައްތަ ކައިރީގައެވެ. ތިރީގައި މިވަނީ އޭދަފުއްޓަށް ކުރި ދަތުރުގައި 'ޒީޓައިމްސް' އަށް ޝަހީދާ ދިން މައުލޫމާތެވެ.

ޝަހީދާ އެންމެ ފުރަތަމަ ޤުރުއާން ހިތުދަސް ކުރަން ފަށައިފައި ވަނީ، ލޯފަން މީހުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ ޖަމްއިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދަން ފެށި މަސައްކަތުގައި 2010 ވަނަ އަހަރު ގައެވެ. އޭރު އެ ޖަމްއިއްޔާގެ ރައީސް މުހައްމަދު މާޒިން އިސްނަގައިގެން ފެށި މަސައްކަތް ވަރަށް ކާމިޔާބު ކަމަށް ޝަހީދާ ފާހަގަކުރިއެވެ. މިޖަމްއިއްޔާގެ މިހާރުގެ ރައީސް އަލީ ޝަމީމު ވެސް މިކަމުގައި އެހީތެރިވެދޭ ކަމަށް ވަނީ ބުނެފައެވެ.

ލޯފަން މީހުންނަށް ޚާއްސަ ޖަމްއިއްޔާ އަކީ 120 ވަރަކަށް މީހުން ހިމެނޭ ޖަމްއިއްޔާއެއްކަމަށާއި މިޖަމްއިއްޔާގެ އެންމެންނަކީވެސް ވަރަށް އެކުވެރި އެކަކު އަނެކަކަށް އެހީތެރިވާ މީހުން ކަމުގައި ޝަހީދާ ފާހަގަކުރިއެވެ. ޖަމްއިއްޔާއިން ހިންގާ ހިތުދަސް ކުރުމުގެ ކްލާސްތައް އޮންނަނީ ހެނދުނު 5.30 އިން 7.15 އަށެވެ. ކިޔަވައިދެނީ އަބްދުއްރަޝީދު މުހައްމަދެވެ. 

Advertisement
ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ދަރިވަރުންނަށް ޚާއްސަ ކޮށްފައިވާ ޤުރުއާން ހިތުދަސްކުރުމުގެ ކޯހުގެ ބައިވެރިންނަށް ދޭ ލެޕްޓޮޕާއި ހަވާލުވަނީ

ޝަހީދާ އަކީ ލެވެލް 4 އާއި ހަމައަށް ކިޔަވާނިމި އިތުރަށް ކިޔަވަމުން އަންނަ މީހެކެވެ. ޤުރުއާން ހިތުދަސް ކުރުމުގައި އެންމެ އުދަގޫ ކަމަކަށް ދިމާވީ އަވަހަށް ހަނދާން ނެތުން ކަމަށް ފާހަގަކުރިއެވެ. 'ބްރެއިލް ކޯސް' ހަދާފައިވާ ޝަހީދާ އަކީ އިނގިލި ޖައްސައިގެން ކިޔަވަން ފަރިތަ މީހެކެވެ. އަޑުއަހައިގެން ޤުރުއާން ދަސްކުރި ނަމަވެސް އެންމެ ފުރަތަމަ ޤުރުއާން ދަސްކުރީ އިނގިލި ޖައްސައިގެންނެވެ. މީގެ އިތުރުން ޝަހީދާ އަކީ އިސްލާމިކް ޔުނިވަރސިޓީ އިން ހިންގާ ޤުރުއާން ހިތުދަސް ކުރުމުގެ ކޯހުގައި ކިޔަވަމުން އަންނަ މީހެކެވެ.

" 12 ފޮތް ހިތުދަސްކޮށްފައިވާއިރު ޝަހީދާ އެންމެ އުފާވަނީ އެހާ ބޮޑު އުދަގުލަކާ ނުލައި ކިޔަން އެނގޭތީ. މިކޯހުގެ މުއްދަތަކީ 4 ވަރަކަށް އަހަރު. ކޯހުގެ 2 އަހަރު ނިމިފައިވާއިރު ބާކީ އަދި 2 އަހަރު އެބައޮތް. ޝަހީދާގެ އުއްމީދަކީ ބާކީ އޮތް 2 އަހަރު ދުވަހުގެ ތެރޭގައި މުޅި ހަތިމް ހިތުދަސްކޮށް ހާފިޒާއަކަށް ވުން".

މާލެ ދިއުމުން ލޯފަން މީހުންގެ ޖަމްއިއްޔާގެ މެންބަރުން އެއްކޮށް ބައްދަލުވެ އެއްސުފުރާ މަތިން ސައިބޮއިހަދާ ކަމުގައި އުފަލާއެކު ޝަހީދާ ފާގަހަކުރިއެވެ. އެންމެން އެއްކޮށް ދިމާވުމުން ވަރަށް އުފާވާކަމަށާއި މާލެ ދެވޭ ކޮންމެ ފަހަރަކު އެބައްދަލުވުމަށް އިންތިޒާރުކުރެވޭ ކަމަށްވެސް ވަނީ ބުނެފައެވެ. އެންމެން އެއްކޮށް ގުޅައިގެން ވާހަކަ ދެއްކުމުގެ އިތުރަށް 'ގްރޫޕް ސްޓަޑީ' ކުރިއަށްގެންދާ ކަމުގައި ވަނީ ބުނެފައެވެ.

ޤުރުއާން ހިތުދަސްކުރުމުގައި ޝުކުރު އަދާކުރަން ބޭނުންވަނީ އޭނާގެ ދައްތަ ޝަކީލާ ޔަހްޔާ އަށެވެ. މީގެ އިތުރުން ލެވެލް 1،2،3 އަދި 4 ހެދުމުގައި އެންމެ އެހީތެރިވެދިނީ މަރިޔަމް ލަތީފާއެވެ. އޭނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާއިރު ފިރާޝާ އަކީވެސް ޝުކުރުގެ ލިސްޓަށް އިތުރުކޮށްލަން ބޭނުންވާ ނަމެކެވެ. އާއިލާއާއި ކްލާހުގައި ކިޔަވާ އެންމެންނަކީވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ މީހުންނެވެ.

'ޒީޓައިމްސް' އިން އެދެނީ ޝަހީދާ އަށް އަވަސް މުސްތަގުބަލެއްގައި ޤުރުއާން ހިތުދަސް ކުރެވޭނެ މަގުފަހިވެ އިތުރު ކާމިޔާބީ މިންވަރު ކުރެއްވުމެވެ.

+1
1
+1
5
+1
14
+1
6
+1
1
+1
1
+1
2

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. މާޝާ ﷲ. އަހަރެެމެން ފެނުމުގެ ނިއުމަތް ލިބިފައިވާ މީހުން ހުސްވަގުތެް ލިބޭއިރަށް ކޮފީތަކަށް ދިއުމުގެ ބަދަލުގައި މިފަދަ އުޚްރަވީ ހަޔާތަށް ފައިދާކުރަނިވި އަމަލެއް ކުރާނަަމަ ކޮންފަދަ ހެއްޔެވެ.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް