May 20, 2024 22:55
Advertisement

-Advertisement-

ހައްވަ އާއި ސަމީރާ

ހައްވަ އާއި ސަމީރާ: ސްޓެލްކޯގެ އެންމެ ގިނަ ދުވަސްވީ އަންހެން 2 މުވައްޒަފުންނަށް ލިބުނު ކުރިއެރުން!

1980 ގެ އަހަރުތަކުގަ ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތައް ތަފާތެވެ. އެއިރު އަންހެނުން ގިނައިން ތިބީ ދަރިން ބެލުމަށް ގޭގައެވެ. ޚާއްޞަކޮށް ގިނަ އަދަދެއްގެ ފިރިހެނުން މަސައްކަތް ކުރާ ތަނެއްގައި އަންހެނުން މަސައްކަތް ކުރުން އެއިރު ވާނީ ބޮޑު ގޮންޖެހުމަކަށެވެ. މީހުން ދެކޭ ގޮތްވެސް ތަފާތެވެ.

މަގުމަތިން ދާއިރުވެސް "މިދަނީ އިންޖީނުގޭގައި ވަޒީފާ އަދާކުރާ ކުއްޖެކޭ ގޮވާނީ" އެއީ އެމަންޒަރު ފެންނަ މީހުންނަށްވެސް އާކަމަކަށް ވާތީތާއެވެ. ނޫނީ އެމީހުންވެސް ދިމާކުރަން ބޭނުންވާތީ ކަމަށް ވެދާނެއެވެ.

ސްޓެލްކޯގެ ކުރީގެ އިމާރާތާއި ފަހުގެ އިމާރާތް

އުފާވެރި ފޮނި ހަނދާންތަކަކާއެކު ސްޓެލްކޯގެ ޚިދުމަތުގައި މިވަގުތު ތިބި އެންމެ ގިނަދުވަސްވީ އަންހެން މުވައްޒަފުން ކަމަށްވާ ހައްވާ ޒާހިރާ (ހައްވަ) އަދި ސަމީރާ ޙުސައިން ސްޓެލްކޯގައި އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ވަނީ 'ޒީޓައިމްސް' އާއި ހިއްސާ ކޮށްފައެވެ.

Advertisement

ހައްވަ ސްޓެލްކޯގެ ވަޒީފާ އަށް ދާންފެށީ އުމުރުން އެންމެ 16 އަހަރުގައެވެ. ވަޒީފާގައި ވަނީ 36 އަހަރު ހޭދަވެފައެވެ. އަދި ސަމީރާ ސްޓެލްކޯއަށް ވަޒީފާއަށް ނުކުތީ އުމުރުން 23 އަހަރުގައެވެ.

ހައްވަ (ވ) އާއި ސަމީރާ (މ) އަދި ޒީޓައިމްސްގެ ޗީފް އެޑިޓަރ ޒީނާ ޒާހިރު

ހައްވަގެ ތަޖުރިބާ

ކާތިބެއްގެ މަގާމުން ސަރވިސް މެނޭޖަރއަކަށް

ފުރަތަމަ ވަޒީފާގެ މަސައްކަތް މި ދެކަނބަލުންވެސް ކުރަމުންދިޔައީ ކޮމްޕިއުޓަރަކާއި ނުލާ އަމިއްލައަތުން ލިޔުންތައް ލިޔެގެންނެވެ.

ކުރީގެ ހަނދާންތައް އާކުރަމުން ހައްވަ ކިޔައިދިން ގޮތުގައި ބަޖެޓު ޑިޕާޓްމެންޓްގައި މަސައްކަތް ކުރަން ޖެހުމުން މުސާރަވެސް ލިޔެ އުޅުނީ އަތުންނެވެ.

" އެއިރު ރިޕޯޓްވެސް އަތުން ލިޔެފަ ފޮނުވަނީ. އެއިރާ ބަލާފަ ވަރަށް ކުރިއަރައިފި ދެއްތޯ؟ ކޮމްޕިއުޓަރުން ހުރިހާ މަސައްކަތެއް މިކުރަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން. މަސައްކަތް ވަރަށް ފަސޭހަ".

ފުރަތަމަ ވަޒީފާއަށް ވަންއިރު ހައްވަގެ މުސާރައަކީ އެންމެ 150 ރުފިޔާއެވެ. އެކަމަކު އެދުވަސްވަރު އެއީ ވަރަށް ބޮޑު އެއްޗެއް ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދީގެން ކުންފުނިން ދެއްވި ޚާއްޞަ އިނާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ އަތްޕުޅުން ހައްވަ އަށް ވަނީ ލިބިފައެވެ. މިއީ ވަޒީފާގައި ލިބުނު އެންމެބޮޑު އެއް އުފާކަން ފާހަގަ ކުރިއެވެ.

30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާތީ އަގުވަޒަން ކުރުމުގެގޮތުން ކުންފުނިން 2020 ވަނަ އަހަރު ދެއްވި ޚާއްސަ އިނާމް

ސަމީރާ ދެކޭ ގޮތް

ސްޓެލްކޯގެ ވަޒީފާގައި 33 އަހަރު ހޭދަވެފައިވާ ސަމީރާ ވެސް ފާހަގަކުރީ މިހާރާ އަޅާބަލާއިރު ކުރިން ލިޔެކިޔުމުގެ މަސައްކަތް ކުރުން އުދަގޫ ކަމަށާއި އެގޮތުން ލިޔެކިއުންތައް އަތުން ލިޔަމުން ދިޔަނަމަވެސް އޭގެ ފަހުން ޓައިޕިންގ ކޯސް ހަދައި ޓައިޕްރޭޓަރުން ލިޔެކިއުންތައް ޖަހަން ފުރުސަތު ލިބިގެން ދިޔަކަމަށެވެ. އަދި އެއަށްފަހު ކޮމްޕިއުޓަރުން މަސައްކަތް ކުރަން ފުރުސަތު ލިބުމުގެ ސަބަބުން މަސައްކަތަށް ވަރަށް ބޮޑު ފަސޭހައެއް ލިބިފައިވާކަން ފާހަގަ ކުރިއެވެ.  

ވަޒީފާގައި ސަމީރާއަށް ލިބުނު އެންމެބޮޑު އުފަލަކީ ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ދޭ ޢުމްރާ ދަތުރު ލިބުމެވެ. މާތްﷲ ގެ އިރާދަފުޅާއެކު އަންނަ އަހަރު ރަމަޟާންމަހު ޢުމްރާއަށް ދިއުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ސްޓެލްކޯގެ ޚިދުމަތުގައި 30 އަހަރުވުމުން ސަމީރާ އަށް ހަނދާނީ ފިލާ ދެއްވީ މެނޭޖިންގ ޑައިރެކްޓަރ ޝަރީފު

ދެކަނބަލުންނަށް ވެސް ސްޓެލްކޯގެ ފުލެޓު ލިބުނު

މާލޭގައި ކުއްޔަށް އުޅޭ މީހުންނަށް ލިބޭނެ އެންމެބޮޑު އުފަލަކީ އަމިއްލަ ނަމުގައި ތަނެއް ލިބުމެވެ. މިގޮތުން ހައްވަ އާއި ސަމީރާ އަށްވެސް ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ގޮތުން ހަދާފައިވާ 'ބްލޫރިޖް ރެސިޑެންސް' އިން 3 ކޮޓަރީގެ އެޕާޓްމެންޓް ލިބުމުން ވަރަށް އުފާވިކަން ފާހަގަ ކުރިއެވެ. އަދި ލިބުނު ފްލެޓާ ދޭތެރޭގައި ހިތްހަމަޖެހޭކަން ފާހަގަކޮށް، މިކަމަށްޓަކައި ހިތުގެ ފުންމިނުން ވަނީ ސްޓެލްކޯގެ މެނޭޖްމެންޓަށް ޝުކުރު އަދާކޮށްފައެވެ.

ސަމީރާ އާއި ހައްވަ، ސްޓެލްކޯގެ މަސައްކަތުގައި

ބިރުވެރި ހަނދާންތައް

ސުނާމީގެ ކާރިސާއަކީ ގިނަ ދިވެހިންގެ ހިތުން ފިލައިގެން ނުދާނެ ފަދަ ހިތްދަތި ކާރިސާއެކެވެ. ހައްވަ އާއި ސަމީރާ ވެސް އެދުވަހު މަސައްކަތް ކުރަމުން ދިޔައީ އޮފީހުގައެވެ. އެހެންނަމަވެސް ނަގައިގެން އައި ރާޅާއެކު މުޅި މަގުގައި ފެންބޮޑުވުން މިއީ ބިރުވެރި ހަނދާންތަކެއް ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.

މާލެއަށް ބޮޑު ރާޅެއް އެރި ދުވަހާއި ނޮވެންބަރު 03 މި ދުވަސްތަކަކީވެސް ހަނދާން ނައްތާލަން ދަތި ބިރުވެރި ދުވަސްކަމަށް ފާހަގަކުރިއެވެ.  

ސްޓެލްކޯގައި މަސައްކަތްކުރި ބައެއް މުވައްޒަފުންނާއެކު

އަންހެނަކަށް ވީތީ ކުރިމަތިވި ގޮންޖެހުން

ހައްވަ ކިޔައިދިން ގޮތުގައި ސްޓެލްކޯގެ ވަޒީފާއަށް ފުރަތަމަ ވަންއިރު އެތަނުގައި އުޅެނީ އެންމެ 3 އަންހެނުންނެވެ.

"ފުރަތަމަ މަސައްކަތް ކުރަން ފެށިއިރު ވަރަށް އުދަގޫ. ގިނަ އަދަދެއްގެ ފިރިހެނުންގެ ތެރޭގައި މަސައްކަތް ކުރަން ޖެހުނީމަ. އިންޖީނު ރޫމް ކައިރީގައި އޮފީސްވެސް އިންނާނީ. އެހެންވެ ވަރަށް އަޑުވެސް ގަދަވާނެ". އެކަމަކު އެކީގަ މަސައްކަތް ކުރަމުން އަންނަ މީހުންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުން ދިޔުމަކީ ވަޒީފާގައި ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެކެވެ.

ޒިންމާދާރު ކަމާއެކު ވަޒީފާ އަދާކުރާ ދެކަނބަލުންގެވެސް ވިސްނުން ހުރީ ވަޒީފާގައި އުޅުމަށެވެ. "ވަޒީފާއިން ވަކިވުމަށް އަދި ނުވިސްނަން". ސަބަބަކީ ވަޒީފާގެ މާހައުލަކީ އުފާވެރިކަން ލިބޭ މާހައުލެއް ކަމުން މީހާއަށް އެކަމުގެ ސަބަބުން ތާޒާކަން ލިބި ސިއްހަތު ސަލާމަތުން ހުރުމަށްވެސް މަގުފަހިވެގެންދާ ކަމެއްކަން ފާހަގަ ކުރިއެވެ. 

މީގެއިތުރުން، މި ދެކަނބަލުންނަކީ ގަޑިއަށް އޮފީހަށް ދިއުމަށް ވަރަށް ސަމާލުކަންދޭ ދެމުވައްޒަފުންނެވެ.

"  އިންޝާﷲ ވޭތުވެދިޔަ މުއްދަތުގައި ގަޑިނުޖެހި އޮފީހަށް ހާޒިރުވުމުގެ އިތުރުން ސަލާމެއްވެސް ބުނެފައި ނުވުމަކީ ލިބޭ އެންމެބޮޑު ހިތްހަމަ ޖެހުން. އޭރަކު ޑިޕާޓްމަންޓްގައި ހުންނަވާ އެންމެ އިސް ބޭފުޅާގެ އިތުރުން، އެކީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާތީ ވަޒީފާގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބޭ. އެކަމަށްޓަކައި އެންމެ ބޭފުޅުންނަށް ޝުކުރު އަދާކުރަން". ހައްވަ އަދި ސަމީރާ ފާހަގަކުރިއެވެ.  

ދެކުދިންނާއެކު އާއިލާގެ ޒިންމާ އަދާކުރަމުން ވަޒީފާ އަދާކުރަމުން އަންނަ ހައްވަގެ ދިރިއުޅުމުގެ އެއްބަޔަކީ ވަޒީފާއެވެ. ސަމީރާ ވެސް އިސްކަން ދެނީ ވަޒީފާ ފުރިހަމައަށް އަދާކުރުމުގައި ދެމިހުރުމަށެވެ. 'ޒީޓައިމްސް' އިން އެދެނީ މި ދެކަނބަލުންނަށް ކުރިއެރުން ލިބުމެވެ.

+1
0
+1
24
+1
6
+1
0
+1
4
+1
1
+1
5

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

  1. ސްޓެލްކޯ ގަ އުޅޭނެ ވަރަށް ހިވާގި ކުއްޖެ އެކުޗާގެ ރިފޯޓެއް ނެތައަ ހަސައެހީޔަ ބެނުވާކުދިގެ ރިފޯޓް ހިމެނު ވަރަށް މުހިމު އެކަހަލަ ކުއްޖެ އުޅޭނެ ސްޓެލްކޯ ގަ ވެސް ވަރަށް ރިތި އަހެން ކުއްޖެ އެއި ވަރަށް ކެރޭ ހިވާގި މުއަޒަފެއް އެކުއްޖާ ގެ އިޓަވި ގެނެސް ދީބާ ވަރަށް އަވަހަ ބެނުވޭ އެކުއްޖާ ގެ އިޓަވިޔު؟

    4
    2

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް