July 7, 2026 00:28
Advertisement

-Advertisement-

މަލްޝާ: ކުޑަ ދެކުދިންގެ ޒިންމާ އަދާކުރަމުން މާސްޓަރސްގައި ރަނގަޅު ނަތީޖާއަކާއި ހަމައަށް ވާސިލުވިގޮތް!

އުމުރުން 29 އަހަރުގެ މަލްޝާ ޝަރީފް ގިނަ ބަޔަކަށް އެނގެނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ސޯޝަލް މީޑިއާ ޓީމުގެ އެއް ތަނބުގެ ގޮތުގައެވެ. އަޅުގަނޑުގެ މި ރިޕޯޓުގައި ބަލާލަން ބޭނުންވަނީ މަލްޝާގެ ސިޔާސީ ވިސްނުމަކަށް ނުވަތަ ސޯޝަލް މީޑިއާގެ ހަރަކާތްތަކަށް ނޫނެވެ. އަޅުގަނޑަށް މަލްޝާ ފާހަގަވެފައިވަނީ ވަޒީފާ އަދާކުރަމުން ކުޑަކުޑަ ދެކުދިންނާއި އާއިލާގެ ޒިންމާ އަދާކުރަމުން ކިޔެވުމުން ރަނގަޅު ނަތީޖާ ހޯދި ދަރިވަރެއްގެ ގޮތުގައެވެ.

ބެޗްލަރސް އޮފް އާޓްސް ވިތް ބިޒްނަސް މެނޭޖްމަންޓް، މާރކެޓިންގ ދާއިރާއިން ޑިގްރީ ފުރިހަމަކުރީ 2018 ވަނަ އަހަރުގައެވެ. އެއަށްފަހު 2025 ވަނަ އަހަރު ޓެއިލަރސް ޔުނިވާސިޓީގެ މާސްޓަރސް އޮފް ކޮމިއުނިކޭޝަން ޕްރޮގްރާމް ފުރިހަމަކުރީ ވިލާ ކޮލެޖްއިންނެވެ.

މަލްޝާ 2 ކުދިންނާއި ފިރިމީހާއާއެކު

" މާސްޓަރސް ފެށިއިރު ކުދިންގެ އުމުރަކީ 3 އަހަރާއި 5 އަހަރު. ޑިގްރީ ހެދިއިރު ހުޅުމާލެއިން މާލެއަށް ފެރީގައި ދާންޖެހުމުން ވަރަށް އުނދަގޫވި. އެއިރު އަދި ބްރިޖެއް ނެތް. އެކަމަކު މާސްޓަރސްގައި ފަސޭހަ. ފިރިމީހާ އާއި މަންމަގެ އެހީތެރިކަން ލިބުމުން ރަނގަޅު ނަތީޖާއެއް ހޯދުނީ. އަޅުގަނޑު އަބަދުވެސް ބަލަނީ ނިދާގަޑިއާއި ހަފްތާ ބަންދު ދުވަސްތައް ކުދިންނާއެކު ރަނގަޅަށް ވަގުތު ހޭދަކުރުމަށް. އެއީ ސްކޫލު ހުޅުވިފައި ހުންނަ ދުވަސްތަކުގައި އެކުދިންވެސް ބިޒީވާތީ".

Advertisement

މާސްޓަރސް އިން މަލްޝާ އަށް ވަނީ ޑީންސް އެވޯޑު ލިބިފައެވެ. އެކަމަކު މިއީ ކުރިން އުންމީދު ކުރި އެވޯޑެއް ނޫންކަމަށް ވަނީ ބުނެފައެވެ.

" ކުދިންނާއި ވަޒީފާގެ ސަބަބުން ބައެއްފަހަރު ބޭނުންވާވަރަށް ވަގުތު ނުދެވި ދިޔައީ ކިޔެވުމަށް. އެކަމަކު މާސްޓަރސް ޕްރޮގްރާމަކީ 1 އަހަރުގެ ޕްރޮގްރާމަކަށްވުމުން ހިތްވަރާއެކު މަސައްކަތްކުރީ. ބައެއްފަހަރަށް އެންމެ ފަހުވަގުތު ނިންމާލެވެނީ އެސައިންމެންޓް. އެކަމަކު ރަނގަޅު ނަތީޖާއަކާއި ހަމައަށް ވާސިލުވުމަށް ވަޒީފާގެ ތަޖުރިބާ މުހިންމު ދައުރެއް އަދާކުރި. ކޮމިއުނިކޭޝަން ދާއިރާވީމަ ވަރަށް ފަސޭހަވި".

ޑީންސް އެވޯޑު ލިބުނު ހަފްލާ

މަލްޝާ ފާހަގަކުރިގޮތުގައި ވަޒީފާ އަދާކުރާއިރު އެ ދާއިރާއެއްގެ ތަޢުލީމު އުނގެނުމަކީ ވަރަށް މުހިންމު ކަމެކެވެ.

" ތަޖުރިބާވެސް ވަރަށް މުހިންމު ތަޢުލީމާއި އެއްވަރަށް. ހަމަ އެނގުމާއި ނޭނގުމުގެ ތަފާތު އޮންނަނީ. ތަޢުލީމާއި ތަޖުރިބާ އެއްވީމަ އަސްލު ވަރަށް ރަނގަޅަށް މަސައްކަތްކުރެވޭ. އަޅުގަނޑުގެ އުމުރުން 18 އަހަރުން ފެށިގެން ވަޒީފާ އަދާކުރަމުން ކިޔަވަމުން މިއަންނަނީ. އެހެންވުމުން ތަޖުރިބާއާއެކު ކިޔެވުން ކުރިއަށްގެންދިއުން އެއީ އަޅުގަނޑަށް ލިބުނު އެޑްވާންޓޭޖެއް. ދުނިޔެއަށް އަސްލު ލޯ ހުޅުވެނީ ރަނގަޅަށް ކިޔެވީމަ".

ޒުވާން އުމުރުގައި އާއިލާގެ ޒިންމާ އަދާކުރަމުން ތަޢުލީމު ހާސިލުކުރަން ބޭނުންވާ މަންމައިން ވަރަށް ގިނައެވެ. އެފަދަ މަންމައިންނަށް މަލްޝާ ވަނީ ޚާއްސަ މެސެޖެއް ދީފައެވެ.

" ތިމާގެ ހުވަފެން ހާސިލުކުރުމަށް އަވަހަށް މަސައްކަތް ފަށާށޭ ބުނާނީ. ފަށާއިރު އުނދަގޫވެދާނެ. އެކަމަކު ބޭނުންވާ ތަޢުލީމު އުނގެނުނީމަ އެލިބޭ ހިތްހަމަޖެހުން ބޮޑުވާނެ. އެކަމަކު އެހީތެރިވާނެ ބަޔަކު ތިބުން ވަރަށް މުހިންމު. އަޅުގަނޑަށްވެސް މަންމައާއި ފިރިމީހާގެ އެހީތެރިކަން ނުލިބުނުނަމަ ނުކިޔެވުނީސް. މަންމައެއްގެ ޒިންމާ އަދާކުރަމުން އަމިއްލަ ހުވަފެންތަކުގައި ކުލަޖައްސަން މަސައްކަތްކުރެވިދާނެ".

މަލްޝާ ދެކޭގޮތުގައި ވަޒީފާގެ މާހައުލުވިއަސް ތަޢުލީމު އުނގެނުންވިއަސް ކުރާ ކޮންމެ ކަމެއް ކުރަންވާނީ ކުރާހިތުންނެވެ.

" ހުޅުމާލޭގައި ދިރިއުޅޭތީ އަބަދުވެސް ބޭނުންވޭ ހުޅުމާލެއަށް ކޮންޓްރިބިއުޓް ކުރަން. އެޗްޑީސީ އަކީ ހުޅުމާލޭގެ ތަނބު. އެހެންވެ މިއީ ހަމަ ޑްރީމް ޖޮބް. ބޭނުންވަނީ އާކަންކަން ކުރަން. އަބަދުވެސް މަސައްކަތުގެ މާހައުލުގައި ކުރިއަށްވުރެ ރަނގަޅަށް މަސައްކަތްކުރެވޭތޯ ބަލަނީ. އެންމެ ބޭނުންވަނީ އެހެން މީހުންނަށް ރަނގަޅު ލީޑަރަކަށް ވާން. އެކުގައި އުޅޭ މުވައްޒަފުންނަށް ނަމޫނާއަކަށް ވާން. އިންސާފުވެރިކޮށް ކަންތައް ކުރަން". އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ މަލްޝާ ފާހަގަކުރިއެވެ. 

މަލްޝާގެ އިންޓަވިއު ނިންމާލަމުން ވަނީ މުޖުތަމަޢުގެ ބައެއް މީހުން މަލްޝާ އާއި މެދު ދެކޭގޮތާއިމެދު ޚިޔާލު ފާޅުކޮށްފައެވެ.

" ހަގީގަތް ނޭނގިތިބެ ބައެއް މީހުން ބުނާނެ 'ނުކިޔަވާ ހުރި'. އެކަމަކު އަޅުގަނޑު މިހާހިސާބަށް އައުމަށް ކުރި ބުރަމަސައްކަތް އެފަދަ މީހުންނަށް އިހުސާސް ނުވޭ. އަޅުގަނޑަކީ އާދައިގެ ރައްޔިތެއް. ވަޒީފާ އަދާކުރަމުން ޑިގްރީ ފުރިހަމަކޮށް މާސްޓަރސް ނިންމުމަށްފަހު މިހާހިސާބަށް މިއާދެވުނީ. އަޅުގަނޑު ހިތްހަމަޖެހޭ މިއަދު މިހިސާބަށް އާދެވުނީމަ. އަޅުގަނޑު ރަނގަޅަށް ދަންނަ މީހުންނަށް އެނގޭނެ އަޅުގަނޑުގެ 'ޖަރނީ'. ނޭނގޭ މީހުން އެ ކޮމެންޓު ކުރަނީ ހަމައެކަނި ސޯޝަލް މީޑިއާއަށް ބެލުމަށްފަހު".

ހާސިލުކުރަން ބޭނުންވާ ނަތީޖާ ހޯދުމަށް ފަސްނުޖެހި، ކުރާހިތުން، ހިތްވަރާއެކު، މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެކަން އެއީ މަލްޝާގެ ތަޢުލީމީ ހަޔާތުން ލިބުނު ފިލާވަޅެވެ.

+1
1
+1
1
+1
8
+1
1
+1
0
+1
1
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް