ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކު ފަހުމުނާމާތަކެއްގައި ސޮއިކޮއްފިއެވެ.

އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓްގެ ނަމުގައި ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ކަމާގުޅޭ މުއައްސަސާތަކުގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ.

"މި ފަހުމުނާމާތަކުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އެއަރޕޯޓުން ވެފައިވާ ތައްޔާރީތައް އިތުރަށް ހަރުދަނާވެގެންދާނެ. ރާއްޖޭގެ މައި އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މި ކުންފުނިން ދެކެން". އެމްއޭސީއެލްއިން މައުލޫމާތުދީފައިވެއެވެ.
މި ފަހުމުނާމާތަކުގެ ދަށުން އެމްއޭސީއެލް އާއި އެހެނިހެން އިދާރާތަކާ ދެމެދު ރަސްމީ އޮނިގަނޑެއްގެ ތެރެއިން ރަސްމީކޮށް އެއްބާރުލުން ދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ކޮންމެ މުއައްސަސާއެއްގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި، ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ހިންގުން ހިމެނެއެވެ.

މި ފަހުމުނާމާގައި ސޮއި ކުރެއްވި އެންމެހާ އިދާރާތަކަށް އެމްއޭސީއެލްއިން ވަނީ ޝުކުރު އަދާކޮށްފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.













