June 29, 2026 01:36
Advertisement

-Advertisement-

ލަހުން ނިދުމުގެ ނުރައްކާ: ފުރިހަމަ ނިދި ނުލިބުމަކީ ސިކުނޑިއަށް ދެވޭ ބޮޑު އަދަބެއް

ދުވާލުގެ ބުރަ މަސައްކަތްތަކާއި، ކިޔެވުމުގެ ގަޑިތަކަށްފަހު، އަމިއްލަ ނަފްސަށް ހުސްވަގުތުކޮޅެއް ހޯދުމަކީ ކޮންމެ ޒުވާނަކުވެސް އެދޭނެ ކަމެކެވެ. ނަމަވެސް، މި ހުސްވަގުތުކޮޅު ހޯދުމަށްޓަކައި ދަންވަރުގެ ފުރިހަމަ ނިދި ގުރުބާންކޮށް، ފޯނުގެ ފަނޑު އަލިކަމުގެ ތެރެއަށް ގެނބިފައި ތިބުން މިވަނީ ބޮޑު އާދައަކަށް ވެފައެވެ. ނަފްސާނީ އިލްމުވެރިން މިއަށް ކިޔަނީ "ރިވެންޖް ބެޑްޓައިމް ޕްރޮކްރަސްޓިނޭޝަން" ނުވަތަ ދުވާލު އަމިއްލަ ކަމެއް ކޮށްލަން ވަގުތެއް ނުލިބުމުގެ ބަދަލުހިފުމެއްގެ ގޮތުން ރޭގަނޑު ނިދި ފަސްކުރުމެވެ. މިގޮތަށް ކަނު އަނދިރީގައި ސްކްރީންތަކަށް ބަލަހައްޓައިގެން ހޭލާ ހުންނަ ހުރުމަކީ ހަމައެކަނި ހެނދުނު ހޭލާއިރު ވަރުބަލިކަން އިހުސާސްކޮށްދޭ ކަމެއް ނޫނެވެ. މިއީ މުޅި ހަށިގަނޑުގެ ބަޔޮލޮޖީ ނުވަތަ ދިރުމުގެ ނިޒާމުގެ ބިންގާ ގުޑުވާލާ، ހަށިގަނޑަށް ދެވޭ ހިމޭން އަދަބެކެވެ.

​ސިކުނޑިއަކީ ނިދާ ވަގުތުގައި އޭގެ މަސައްކަތް ހުއްޓާލާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، ހަށިގަނޑު ނިދާހިނދުން ފެށިގެން ސިކުނޑި އޭގެ "ނައިޓް ޝިފްޓް" ނުވަތަ ރޭގަނޑުގެ ސާފުކުރުމުގެ މުހިންމު މަސައްކަތް ފަށައެވެ. މިގޮތުން ސިކުނޑީގައިވާ "ގްލިމްފެޓިކް ސިސްޓަމް" އަކީ ދުވާލު މުޅި ހަށިގަނޑު ހަރަކާތްތެރިވިއިރު ސިކުނޑީގެ ސެލްތަކުގެ މެދުގައި އުފެދިފައިވާ ވިހަ މާއްދާތައް ދޮވެ ސާފުކުރާ، ހީވާގި ޖެނިޓަރެއް ފަދަ ނިޒާމެކެވެ. ޒުވާނުން ޓިކްޓޮކް ނުވަތަ އިންސްޓަގްރާމް ސްކްރޯލް ކުރަން ތިބޭއިރު، ނުވަތަ ނެޓްފްލިކްސް ގައްޔާއި ސީރީޒްތައް ބަލާއިރު ނޭނގި ނަމަވެސް މި ކުރެވޭ ކަމަކީ އެ ސާފުކުރާ ކުރޫއަށް ހުރަސްއަޅައި ބޭރުކޮށްލުމެވެ. ނަތީޖާއެއްގެ ގޮތުން، ހެނދުނު ހޭލާއިރު ސިކުނޑި ހުންނަނީ ނުސާފުވެ، ނިދީގެ ވަގުތުގައި ބޭރުކޮށްލަންޖެހޭ ވިހަ މާއްދާތަކާއި ބޭކާރު ކުނިތަކުން ތަޣައްޔަރުވެފައެވެ.

​ދާދިފަހުން ކުރެވުނު ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި، މިގޮތަށް ނިދި މަދުވުމުން ސިކުނޑީގައި "އެމިލޮއިޑް-ބީޓާ" ކިޔާ ނުރައްކާތެރި ޕްރޮޓީނެއް ޖަމާވެއެވެ. މި ޕްރޮޓީންއަކީ އުމުރުން ދުވަސްވާ ވަރަކަށް ހަނދާންނެތޭ ބަލި ނުވަތަ އަލްޒައިމާސް އަށް މަގުފަހިކުރުވާ މައިގަނޑު ވިހައެވެ. އެހެންކަމުން އެންމެ ރެއެއްގެ ނިދިންވެސް ސިކުނޑި މަޙްރޫމް ކޮށްލުމަކީ ސިކުނޑިއަށް ދެވިގެންދާ ނާއިންސާފުވެރި އަދަބެކެވެ.

Advertisement

​ވިސްނުމުގެ ކުޅެދުންތެރިކަމަށް އަންނަ ބަދަލު

​މިގޮތަށް ސިކުނޑި ތަޣައްޔަރުވުމުގެ އަސަރު އެންމެ ފުރަތަމަވެސް ފެންނަން ފަށަނީ ތިމާގެ ވިސްނުމާއި ހަނދާނުންނެވެ. ދުވާލު ދަސްކުރާ މަޢުލޫމާތުތަކާއި ތަޖުރިބާތައް ސިކުނޑީގައި ރައްކާތެރިކޮށް، "ލޯންގް-ޓާމް މެމޮރީ" ނުވަތަ ދާއިމީ ހަނދާނަށް ބަދަލުކޮށް ގާއިމުކޮށްދެނީ ނިދީގެ ފުން މަރުހަލާތަކުގައެވެ. ދަންވަރު ސްކްރީންތަކުގެތެރޭ ހޭލާ ތިބުމުގެ ސަބަބުން ސިކުނޑިއަށް އެ މަޢުލޫމާތުތައް ރައްކާ ކުރުމުގެ ފުރުސަތެއް ނުލިބެއެވެ.

​ޖެހިގެން އަންނަ ދުވަހު އޮފީހުގައި މުހިންމު ނިންމުންތައް ނިންމުމަށާއި، ދަރިވަރުން ކުލާސްތަކުގައި ސަމާލުކަން ދިނުމަށާއި، ކަންކަން އަވަހަށް ހަނދާން ބެހެއްޓުމަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހެނީ މިހެންވެގެންނެވެ. ސިކުނޑި މަސައްކަތް ކުރަމުންދާނީ ދުންގަނޑެއްގެ ތެރޭގައި އުޅޭ ފަދަ ފުސްކަމަކާއެކުގައެވެ.

​ނޫ އައްޔާއި ހަށިގަނޑުގެ އިންޓާނަލް ކްލޮކް

​ސިކުނޑީގެ މި މަސައްކަތްތަކަށް ހުރަސްއަޅާ އެންމެ ބޮޑު ހަތުރަކީ އަހަރެމެންގެ އަތުގައި އޮންނަ ފޯނެވެ. ފޯނުތަކާއި ޓެބްލެޓްތަކުގެ ސްކްރީނުން ފޮނުވައިދޭ "ބްލޫ ލައިޓް" ނުވަތަ ނޫ އަލި، ހަށިގަނޑަށް ސިގްނަލް ދެނީ އެއީ ދުވާލުގެ އިރުގެ އަލިކަމަށެވެ. މި މަކަރުވެރި އޮޅުވާލުމުގެ ސަބަބުން ސިކުނޑީގައިވާ "ޕައިނިއަލް ގްލޭންޑް" އިން ނިދި ހޯދުމަށް އެހީތެރިވެދޭ ހޯމޯން ކަމަށްވާ "މެލަޓޮނިން" އުފެއްދުން މުޅިން ހުއްޓުވައެވެ.

ދަންވަރު 2 ނުވަތަ 3 ޖަހާއިރު ފޯނު ނިވާލި ކަމުގައި ވިޔަސް، ހަށިގަނޑުގެ އެތެރޭގެ ބަޔޮލޮޖިކަލް ގަޑި ހުންނަނީ މުޅިން ސިކުނޑި އަނބުރާލާފައެވެ. މީގެ ސަބަބުން ލިބޭ ނިންޖަކީ ފުރިހަމަ އަދި ފުން ނިންޖަކަށް ނުވާތީ، ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ މަރާމާތު ނުކުރެވި، އާ ދުވަހަކަށް ހޭލަންޖެހެނީ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތް ފަދަ ވަރުބަލިކަމަކާއެކުގައެވެ.

​ނަފްސާނީ ދުޅަހެޔޮކަމާއި އިޙްސާސްތައް ކޮންޓްރޯލްކުރަން ހުރަސްއެޅުން

​ނިދި މަދުވުމުން ދެން ރެނދުލާން ފަށަނީ ތިމާގެ މިޒާޖާއި ނަފްސާނީ ދުޅަހެޔޮކަމުގައެވެ. ނިދި މަދުވުމަކީ ހަމައެކަނި ރުޅިގަދަވާ ކަމެއް ނޫނެވެ. މިއީ ސިކުނޑީގެ ބައިތަކުގެ މެދުގައިވާ ގުޅުން ކަނޑާލާ ކަމެކެވެ. ސިކުނޑީގެ އިހުސާސްތައް ކޮންޓްރޯލްކުރާ "އެމިގްޑަލާ" (އިހުސާސްތަކުގެ އެކްސެލަރޭޓަރު) އާއި، ބުއްދިވެރި ނިންމުންތައް ނިންމާ "ޕްރީފްރޮންޓަލް ކޯޓެކްސް" (އިހުސާސްތަކުގެ ބްރޭކް) އާ ދެމެދު އޮންނަ މުވާޞަލާތު ނިދިމަދުވުމުން މުޅިން ބަލިކަށިވެގެންދެއެވެ.

​މަޝްހޫރު ނިއުރޯސައިންޓިސްޓް ޑރ. މެތިއު ވޯކާގެ ދިރާސާއަކާ ބެހޭގޮތުން ހިއްސާކޮށްފައިވެއެވެ:

​"ނިދި މަދުވުމުގެ ސަބަބުން، ސިކުނޑީގެ އިހުސާސްތައް އުފައްދާ މައި މަރުކަޒު (އެމިގްޑަލާ) ގެ ހަރަކާތްތެރިކަން 60 އިންސައްތައަށް އިތުރުވެގެންދެއެވެ. މީގެ ސަބަބުން އިންސާނާ އާދަޔާ ޚިލާފަށް އިހުސާސްތަށް ކުއްލިއަކަށް ކޮންޓްރޯލުން ނެއްޓި، ޖަޒުބާތީވާ ގޮތްވެއެވެ."

​މިއީ ޒުވާނުންނަށް ކުދިކުދި ކަންކަމާ މާޔޫސްވެ، ކިޔަވާ މާހައުލުގައްޔާއި އޮފީހުގައި އެންޒައިޓީ އާއި ޑިޕްރެޝަނަށް މަގުފަހިވާ މައިގަނޑު އެއް ސަބަބު ކަމަށްވެސް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ބްރޭކް ކެނޑިފައިވާ ކާރެއް ފަދައިން، ކުޑަކުޑަ ކަމަކުންވެސް މުޅި މީހާގެ ޖަޒުބާތުތައް ކޮންޓްރޯލުން ނެއްޓިގެންދެއެވެ.

ނިންމާލަމުން، މި މުހިންމު ކަމުގެ މައްޗަށް އިސްލާމްދީނުގެ ރިވެތި އުޞޫލުތަކާއި އިރުޝާދުތަކަށް ނަޒަރު ހިންގާލަން ނުހަނު ބޭނުމެވެ. އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ރޭގަނޑު އަވަހަށް ނިދައި، ފަތިހުގެ ބަރަކާތްތެރި ވަގުތަށް ހޭލުމަށެވެ. މާތް ރަސޫލާ ﷺ ގެ ސުންނަތުން އެނގޭ ގޮތުގައި، ފަތިހުގެ ވަގުތަކީ މުޅި އުންމަތަށް ބަރަކާތްލައްވާފައިވާ ވަގުތެއްކަމާއި، ޢިޝާ ނަމާދަށްފަހު ބޭކާރު ވާހަކަދައްކައި ހޭލާ އުޅުން އެކަލޭގެފާނު ނުރުހުންތެރިވެވަޑައިގަންނަވައެވެ. ނަމަވެސް، ދަންވަރު ފޯނާ ކުޅެން ތިބުމުގެ އާދައިގެ ސަބަބުން އަހަރެމެންނަށް މި ގެއްލިގެންދަނީ މިދެންނެވި މުހިންމު ފަތިސް ނަމާދުގެ ބަރަކާތާއި ހެނދުނުގެ ދިރުމެވެ.

​އަމިއްލަ ނަފްސަށް ހުސްވަގުތު ހޯދުމަކީ މުހިންމު ކަމެއް ނަމަވެސް، އެއީ ތިމާގެ ސިކުނޑީގެ ދުޅަހެޔޮކަމާއި ދީނީ ވާޖިބުތައް ގުރުބާންކޮށްލާފައި ކުރާ ވަގުތީ އުފަލަކަށް ހަދާނުލަމާ ހިނގާށެވެ. ފޯނު ނިވާލާފައި އަވަހަށް ނިދުމަކީ ސިކުނޑިއަށް ދެވޭ އެންމެ ބޮޑު ހަދިޔާއެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށްޓަކައި މިއަދު އެޅޭނެ އެންމެ ބުއްދިވެރި އެއް ފިޔަވަޅެވެ.

މައުލޫމާތު: ދަ މެޓް ވަލްކަރ ޕޮޑްކާސްޓް، ޕްރޮސީޑިންގ އޮފް ދަ ނެޝަނަލް އެކަޑަމީ، ދަ ހިޔުމަން އިމޯޝަނަލް ބްރެއިން ވިތައުޓް ސްލީޕް އަ ޕްރިފްރޮންޓަލް އެމިގްޑާލާ ޑިސްކަނެކްޓް، ދަ ގްލިމްޕަޓިކް ސިސްޓަމް

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް