June 6, 2026 13:23
Advertisement

-Advertisement-

ފޮޓޯ ކްރެޑިޓް: އެންސީ ނިވްސް ލައިން

ޑރ. ޝާފިޔާގެ ގަލަމުން: ކުދިން ސޯޝަލް މީޑިއާއަށް ދެވިހިފުމާއި ކިޔެވުމުގެ ފެންވަރާއި ހުރި ގުޅުން

ކޮލަމް ތަޢާރަފް

"ޑރ. ޝާފިޔާގެ ގަލަމުން" މި ކޮލަމަކީ ކޮންމެ ހަފުތާއަކުވެސް، ބެލެނިވެރިންނާއި މުދައްރިސުންނަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޚާއްޞަކުރެވިފައިވާ ކޮލަމެކެވެ. މި ސިލްސިލާގެ ތެރެއިން، ތަޢުލީމީ އަދި ތަރުބަވީ ދާއިރާތަކުން ހެދިފައިވާ އިތުބާރުހުރި ޢިލްމީ ދިރާސާތަކުގެ އަލީގައި، ކުދިންގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަށް އަލިއަޅުވާލެވޭނެއެވެ.

މި ކޮލަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މަޢުލޫމާތު ހިއްސާކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދިރާސާތަކުގެ ހޯދުންތަކަށް ބިނާކޮށް، ދަރިންގެ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ތެރެއިން އިޞްލާހުކުރެވިދާނެ ކަންކަމާއި، ޢަމަލީ ގޮތުން ކުރެވިދާނެ ކަންކަމާ މެދު ބެލެނިވެރިންނާއި މުދައްރިސުން ހޭލުންތެރިކުރުވުމެވެ. އަޅުގަނޑުގެ އުއްމީދަކީ، މި ކޮލަމަކީ ސްކޫލް ޢުމުރުފުރައިގެ ކުދިން ދުޅަހެޔޮ، ފަންނުވެރި، އަދި އަޚްލާޤީ ގޮތުން ފުރިހަމަ ޖީލެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނަށް ލިބިގެންދާ ބޭނުންތެރި "ޢިލްމީ މަންސައަކަށް" ވެގެންދިއުމެވެ.

Advertisement

ޒަމާނީ ޓެކްނޮލޮޖީއާއި މުވާޞަލާތީ ވަސީލަތްތަކުގެ ސަބަބުން ދުނިޔެ ބަދަލުވަމުންދާ ހަލުވި ދުވެލީގައި، ސޯޝަލް މީޑިއާ އާއި މެސެޖިން އެޕްލިކޭޝަންތައް ވެފައިވަނީ ފުރާވަރުގެ ކުދިންގެ ދިރިއުޅުމުގެ ބައިތަކެއްގެ ގޮތުގައެވެ. ނަމަވެސް، މި ވަސީލަތްތަކުގެ ނޭދެވޭ އަސަރު ދަރިންގެ ނަފްސާނީ އަދި ތަޢުލީމީ ދާއިރާއަށް ކުރަން ފެށުމުން، މިއީ މިއަދު ދުނިޔޭގެ ފެންވަރުގައި ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފައެވެ. މިގޮތުން، ދާދިފަހުން އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ނުވަތަ ވަކި އުމުރެއް ކަނޑައަޅާ ގާނޫނުތައް ހަދަން ވަނީ ފަށައިފައެވެ. ހަމަ މިބީދައިން ދިވެހިރާއްޖޭގެ ޚަބަރުތަކުގެ ފަލަސުރުޚީތަކުންނާއި ސިޔާސަތު ކަނޑައަޅާ މަސްރަޙުތަކުގައި ވެސް ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި މި އުމުރުގެ އިންތަކާއި މިންތައް ކަނޑައެޅުމަށް ދަނީ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވެމުންނެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާގެ ކަންކަން ބޮއްސުންލައިގެން ދާހަލުވި މިނަށް ބަލާއިރު ނުހަނު ހައްސާސީ، އަދި އެހާމެ ބޭނުންތެރި މައުޟޫޢެކެވެ.

ފޮޓޯ ކްރެޑިޓް: ދަ ހެޑް ޓީޗަރ

ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގައި އިންޓަނެޓާއި ފޯނުގެ ޚިދުމަތް އާންމުވެފައިވާ މިންވަރުން، ފުރާވަރުގެ ގިނަ ކުދިންތަކެއް ވަނީ ސޯޝަލް މީޑިއާގެ ނުރައްކާތެރި ދެވިހިފުމުގެ (addictive use) ޝިކާރައަކަށް ވެފައެވެ. މިއީ ހަމައެކަނި މުނިފޫހިފިލުވުމެއް ނޫން ކަމުގައި ވިޔަސް ކަމަކީ ކުދިންގެ ނިދުމުގެ އާދަތަކަށާއި، ސިކުނޑީގެ ދުޅަހެޔޮކަމަށް ބުރޫއަރުވާ، ކިޔެވުމުގެ ފެންވަރު ދަށްކުރުވާ މައިގަނޑު ސަބަބެކެވެ. މި މައްސަލައިގެ ސައިންޓިފިކް ހަގީގަތްތައް ދެނެގަތުމަށްޓަކައި، ފުރާވަރުގެ ކުދިންގެ ދިރިއުޅުމުގެ އާދަތަކަށް ބިނާކޮށް ހަދާފައިވާ "އީޓިން ހެލްތީ އެންޑް ޑެއިލީ ލައިފް އެކްޓިވިޓީސް" (EHDLA) މި ދިރާސާގެ ހޯދުންތަކަށް ބަލާލުން މުހިންމެވެ. މި ދިރާސާ ހަދާފައިވަނީ ސްޕެއިންގައެވެ. ދިރާސާގެ މަޢުލޫމާތު އެއްކުރެވިފައިވަނީ 2021-2022 ވަނަ ދިރާސީ އަހަރު ސްޕެއިންގެ ވެލޭ ޑި ރިކޯޓޭގެ ތިން ސެކަންޑަރީ ސްކޫލަކުން ފުރާވަރު ޢުމުރުފުރައިގެ ކުދިން ބައިވެރިކޮށްގެންނެވެ. މި ދިރާސާގައި އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ 583 ކުދިން ހިމަނާފައިވެއެވެ. މިގޮތުން ކުއެސްޗަނިއަރ މެދުވެރިކޮށް އެކުދިން އަމިއްލައަށް ދީފައިވާ މައުލޫމާތު ބޭނުންކޮށްގެން ދިރާސާގައި ބަލާފައިވަނީ ސޯޝަލް މީޑިއާ އާއި މެސެޖިން އެޕްތައް ބޭނުންކުރާ މިންވަރެވެ. ހަމަ މި ބީދައިން އެކުދިންގެ ސޯޝަލް މީޑިއާ ބޭނުންކުރުމާ އަދި ކިޔެވުމުގެ ފެންވަރާ ގުޅުން ހުރި މިންވަރު ވެސް އިތުރަށް ބެލިފައިވެއެވެ. ދިރާސާގައި ކިޔެވުމުގެ ފެންވަރު ބެލީ ސްކޫލްގެ ރެކޯޑްތަކުން ލިބުނު ގްރޭޑް ޕޮއިންޓް އެވްރެޖް (GPA) އަދި ވަކިވަކި މާއްދާތަކުން ލިބުނު މާކްސްތަކަށް ބަލައިގެންނެވެ. މި ދިރާސާގެ ބޭނުމަކީ ސްޕެއިންގެ ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ އާއި މެސެޖިން އެޕްތައް ބޭނުންކުރުމާއި، އެއަށް ދެވިހިފާފައިވާ މިންވަރާއި (addictive behaviors)، އަދި އެކުދިންގެ ކިޔެވުމުގެ ނަތީޖާއާ ދެމެދު ހުރި ގުޅުންތައް ދެނެގަތުމެވެ.

މި ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި:

  • މި ދިރާސާގައި ބައިވެރިވީ ގިނައިން އަންހެން ކުދިންނެވެ. އެއީ ގާތްގަނޑަކަށް 57% އެވެ. އަދި ބައިވެރިވި ކުދިންގެ އެވްރެޖް އުމުރަކީ 14 އަހަރެވެ.
  • ދިރާސާގައި ބައިވެރިވި ފުރާވަރުގެ ކުދިންގެ މެދުގައި އެންމެ އާންމުކޮށް އަދި އެންމެ ގިނައިން ބޭނުންކުރާ ދެ ޕްލެޓްފޯމަކީ ޓިކްޓޮކް (TikTok) އަދި ވަޓްސްއެޕް (WhatsApp) އެވެ.
  • ހަމައެކަނި ސޯޝަލް މީޑިއާ ބޭނުންކޮށްލުމަކުން (ނުވަތަ އެޕްތަކަށް ވަދެލުމަކުން) ކުދިން ގްރޭޑްތައް ޖުމްލަކޮށް ދަށް ކަމެއް ދިރާސާއިން ހާމައެއް ނުވެއެވެ. ނަމަވެސް ކިޔެވުން ދަށްވުމަށް ގުޅެނީ ސީދާ ސޯޝަލް މީޑިއާއަށް ދެވިހިފުން ކަމުގައި ދިރާސާއިން ދައްކައެވެ. ޚާއްޞަކޮށް ފޯނާ ދުރަށް ނުދެވި، އަބަދު ނޮޓިފިކޭޝަންތަކަށް ސަމާލުކަންދީ، ބަލާ ހިތްވުން ފަދަ އާދަތައް ހުންނަ ކުދިންގެ ކިޔެވުމުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ދިރާސާއިން ސާފުކޮށް ކަށަވަރުކޮށްދެއެވެ. ޖުމްލަ ގޮތެއްގައި ބުނާނަމަ، މައްސަލައަކީ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމެއް ނޫނެވެ. މައްސަލައަކީ އެ އެޕްތަކުގެ ކޮންޓްރޯލް ކުދިންގެ އަތުން ނެއްޓި، އޭގެއަށް ދެވިހިފުމެވެ.
ފޮޓޯ ކްރެޑިޓް: އެޑިޔުޓޯޕިއާ

އާންމުކޮށް ސޯޝަލް މީޑިއާ ބޭނުންކުރުމާއި ކުދިންގެ ޖީ.ޕީ.އޭ (GPA) އާ ދެމެދު މުހިންމު ގުޅުމެއް ނެތް ނަމަވެސް، ސޯޝަލް މީޑިއާއަށް ދެވިހިފުމުގެ ސަބަބުން ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ސާފުކޮށް ފެންނަން އެބަހުއްޓެވެ. މި ހޯދުންތަކުން އެނގެނީ، ސޯޝަލް މީޑިއާގެ ނުރަނގަޅު ނުވަތަ ދެވިހިފާ ފަދަ އާދަތަކަށް ހައްލު ހޯދައިދޭނެ ތަޢުލީމީ ޕްރޮގްރާމްތަކެއް ބޭނުންވާ ކަމެވެ. މިއީ ކުދިން އަމިއްލައަށް ކަންކަން ކޮންޓްރޯލްކުރުމާއި (self-regulation) ޑިޖިޓަލް ވަސީލަތްތައް ދުޅަހެޔޮ ގޮތުގައި ބޭނުންކުރުމުގެ އާދަ އަށަގެންނެވުން މުހިންމެވެ.

މިދިރާސާގައި ބަލާފައިވަނީ ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމްތަކުން ފުރާވަރުގެ ކުދިންގެ ތައުލީމަށް ކުރާ އަސަރުތަކާއި، ދެވިހިފުމުގެ ސަބަބުން ނިދުމަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ. އަދި ރާއްޖޭގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، މި ނުރައްކަލުން ކުދިން ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ބަހުސްކުރުން މުހިންމެވެ. މި ދިރާސާގެ ހޯދުންތަކަށް ބަލައި، ސޯޝަލް މީޑިއާގެ ނުރައްކާތެރި ދެވިހިފުމުން ކުދިން ސަލާމަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ މާހައުލުގައި ސަރުކާރަށާއި، ސްކޫލްތަކަށް އަދި ބެލެނިވެރިންނަށް ކުރެވިދާނެ މުހިންމު ކަންތައްތަކެއް ތިރީގައި މިވަނީއެވެ:

  1. ޑިޖިޓަލް ހޭލުންތެރިކަން މާއްދާއެއްގެ ގޮތުގައި ހިމެނުން: ސޯޝަލް އެޕްލިކޭޝަންތައް ބޭނުންކުރާނެ ރަނގަޅު ގޮތްތަކާއި، އަމިއްލަ ނަފްސު ކޮންޓްރޯލްކުރާނެ ގޮތް (self-regulation) ދަސްކޮށްދޭ "ޑިޖިޓަލް ލިޓްރަސީ" ބައިތައް ސްކޫލްތަކުގައި ކުރިއަށްގެންދިއުން.
  2. ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ގާނޫނީ ޢުމުރު ކަނޑައެޅުން: އޮސްޓްރޭލިއާ ފަދަ ގައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގައިވެސް ކުދިން ސޯޝަލް މީޑިއާ އެކައުންޓްތައް ހަދާއިރު އުމުރު ކަށަވަރުކުރެވޭނެ (age verification) ހަރުދަނާ އުސޫލުތަކެއް ކަމާބެހޭ ވުޒާރާތަކުން ގާއިމްކުރުން.
  3. ނޯ-ފޯން ޒޯން" އަދި "ނޯ-ފޯން ޓައިމް" ފަދަ އުސޫލުތައް ތައާރަފްކުރުން: ސްކޫލް ގަޑިތަކުގައާއި ރޭގަނޑު ނިދާ ވަގުތުތަކުގައި ފޯނު ބޭނުންނުކުރެވޭނެ ގޮތަށް ގޭގައާއި ސްކޫލްތަކުގައި ސިޔާސަތުތައް ހަރުދަނާކުރުން. މީގެ ސަބަބުން ކުދިންނަށް ފުރިހަމަ ނިދި ލިބި، ކްލާހުގައި ސަމާލުކަންދޭން ފަސޭހަވާނެއެވެ. މިކަމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ވެސް ހަދާފައިވާ ދިރާސާއަކުން ހާމަވެފައި ސަމާލުކަން ދޭން ޖެހޭ މުހިންމު ކަމެކެވެ.
  4. ބެލެނިވެރިންނަށް ޕޭރެންޓަލް ކޮންޓްރޯލް އެޕްތައް ދަސްކޮށްދިނުން: ކުދިން ފޯނުގައި ހޭދަކުރާ ވަގުތު (Screen Time) ބެލެނިވެރިންނަށް މޮނިޓަރ ކުރެވޭނެ ފަދަ އެޕްލިކޭޝަންތައް (މިސާލަކަށް Google Family Link ނުވަތަ Apple Screen Time) ބޭނުންކުރާނެ ގޮތުގެ ވާރކްޝޮޕްތައް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް ބޭއްވުން.
  5. އިތުރު ހަރަކާތްތަކަށް ފުރުސަތު ހުޅުވާލުން: ކުދިން ފޫހިވެގެން ފޯނަށް ދޭ ސަމާލުކަން ކުޑަކުރުމަށްޓަކައި ރަށްރަށުގައި ކުޅިވަރާއި، ދިވެހި ފަންނުވެރިކަމާއި، ޒުވާނުންގެ މަރުކަޒުތަކުގެ ހަރަކާތްތައް އިތުރުކޮށް، ފޯނާ ދުރުގައި ދުޅަހެޔޮ މާހައުލެއް ބިނާކޮށްދިނުން.
ފޮޓޯ ކްރެޑިޓް: ސޯސިނޭޓަރ

ދިރާސާގެ ހޯދުންތަކުން އަޅުގަނޑުމެންނަށް ފާހަގަކޮށްދެނީ ނުހަނު މުހިންމު ފިލާވަޅެކެވެ. ސޯޝަލް މީޑިއާއަކީ އަމިއްލަ ޒާތުގައި "ވިހައެއް" ނޫނެވެ. މައްސަލައަކަށް ވަނީ އޭގެ ބޭނުން ހަމަބުއްދީގެ އިމުން ބޭރުވެ، ދެވިހިފުމަކަށް ބަދަލުވާ ހިސާބުންނެވެ. ފުރާވަރުގެ ކުދިންގެ އަތަށް ސްމާޓްފޯނެއް ދިނުމަކީ، އެއްވެސް ތަމްރީނެއް ނެތް ކުއްޖެއްގެ އަތަށް އަގުބޮޑު ކާރެއްގެ ބާރު ދިނުން ފަދަ ކަމެކެވެ. ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އެއިން ކުރާ ދަތުރު ނިމޭނީ ނުރައްކާތެރި އެކްސިޑެންޓަކުންނެވެ. އޮސްޓްރޭލިއާ ފަދަ ގައުމުތަކުން މިއަދު ގާނޫނީ ހުރަސްތައް އަޅަން މަޖުބޫރުވީ މި ސަބަބާހުރެއެވެ. އަދި ދިވެހިރާއްޖޭގައިވެސް މި ވާހަކަ ދެކެވެން ފެށީ ހަމަ މި ބިރުވެރިކަން އަޅުގަނޑުމެންގެ ސިޓިންގ ރޫމްތަކާ ހަމައަށް ފޯރުމުންނެވެ.

ރާއްޖޭގެ މާހައުލަށް ބަލާއިރު، މިއީ ހަމައެކަނި "ފޯނު މަނާކޮށްގެން" ނުވަތަ "އިންޓަނެޓް ކަނޑާލައިގެން" ހައްލުވާނެ ކަމެއް ނޫނެވެ. ޒަމާނީ ދުނިޔެއާ ކުދިން ވަކިކޮށް ބޭތިއްބުމަކީ ކުރެވޭނެ ކަމެއްވެސް ނޫނެވެ. އަޅުގަނޑުމެން ބޭނުންވަނީ ހޭލުންތެރި، އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން ދަންނަ (self-regulated) ޖީލެކެވެ. ސްކޫލްތަކުގެ މަންހަޖުގެ ތެރެއިން ޑިޖިޓަލް ދުޅަހެޔޮކަން ދަސްކޮށްދިނުމާއި، ބެލެނިވެރިންގެ ފާރަވެރިކަން އިތުރުކުރުމާއި، އަދި ސަރުކާރުގެ ފެންވަރުގައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅުމަކީ މިއަދު މަޑުޖައްސާލެވެން ނެތް ކަމެކެވެ.

ޒަމާނީ ޓެކްނޮލޮޖީގެ ފައިދާ ބަލައިގަންނަމުން، އޭގެ ނުރައްކާތެރި ދެވިހިފުމުގެ ޝިކާރައަކަށް އަޅުގަނޑުމެންގެ ދަރިން ވިޔަނުދީ ސަލާމަތްކުރެވޭނީ، މުޅި މުޖުތަމައު އެކުގައި އަތްގުޅާލައިގެންނެވެ. ފޯނުގެ ސްކްރީނަށް ގެއްލިފައި ތިބޭ ތިބުން ބަދަލުކޮށް، ފޮތްތަކާއި، ކުޅިވަރާއި، އާއިލީ ގުޅުންތަކުގެ ދިރުން ފުރާވަރުގެ ކުދިންގެ ހަޔާތަށް އަލުން ގެނެސްދިނުމަކީ މިއަދުގެ ސަލާމަތެވެ. އަޅުގަނޑުމެން ކުދި ޖީލުތަކުގެ މުސްތަޤްބަލް އޮތީ އަޅުގަނޑުމެން މިއަދު އަޅާ ފިޔަވަޅެއްގެ މައްޗަށެވެ.

ހަވާލާދޭ ފަރާތްތައް:

Aquino-Blanco, A., Quiroz-Cárdenas, F., Montenegro-Espinosa, J. A., Martín-Calvo, N., Yañéz-Sepúlveda, R., Gutiérrez-Espinoza, H., ... & Jiménez-López, E. (2025). Social networks, messaging apps, addictive use, and academic performance in adolescents: findings from the EHDLA study. Italian Journal of Pediatrics52(1), 20. 10.1186/s13052-025-02180-8

(މިއީ ސޯޝަލް މީޑިއާއަށް ދެވިހިފުމާއި ކިޔެވުން ދަށްވުމާ ހުރި ސީދާ ގުޅުން ހާމަކޮށްދޭ މައިގަނޑުދިރާސާއެވެ.)

Australian Government Legislation (2024-2026): Social Media Minimum Age Law. (އޮސްޓްރޭލިއާއިން ފާސްކުރި ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެންމެ ދަށް އުމުރުގެ ގާނޫނާ ގުޅޭ ރިފަރެންސް.) link: https://www.aph.gov.au/Parliamentary_Business/Bills_Legislation/Bills_Search_Results/Result?bId=r7284

އެޑިޓަރުގެ ނޯޓް: ޑރ. އާމިނަތު ޝާފިޔާ އާދަމް އަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީންއެވެ. 2015 ވަނަ އަހަރު ވަނީ ނިއުޒީލޭންޑުގެ ޔުނިވަރސިޓީ އޮފް ވައިކާޓޯގެ ސްކޮލަޝިޕެއްގައި ޑޮކްޓޮރަލް ޑިގްރީ ހާސިލު ކުރައްވާފައެވެ. ޑރ. ޝާފިޔާގެ ދީރާސީ ކަރުދާސްތަކުގެ ދާއިރާތަކުގެ ތެރޭގައި ތަޢުލީމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން، ޓީޗަރ ޕޯޓްފޯލިއޯ، ސްކޫލް ލީޑަރޝިޕް، އޮންލައިން ސްޓޫޑެންޓް އެންގޭޖްމަންޓް، ޕްލޭ-ބޭސްޑް ޕެޑަގޮޖީ، އަދި މިނޫންވެސް ތަޢުލީމީ ދާއިރާއާ ގުޅޭ ތަފާތު ދިރާސާތައް ފާހަގަކުރެވެއެވެ. ޑރ ޝާފިޔާ އަކީ ދިވެހިރާއްޖޭގައި ދިރާސީ މަސައްކަތްތައް ފުޅާކޮށް، ދިރާސީ ސަގާފަތެއް އުފެއްދުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރައްވާ ޢިލްމުވެރިއެކެވެ. ތަފާތު ގިނަދާއިރާތަކާއި ގުޅޭ 30 އަށްވުރެ ގިނަ ޢިލްމީ ކަރުދާސް އެކަޑަމިކް ޖާރނަލްތަކުގައި ޝާއިޢުކުރައްވާފައިވެއެވެ. ޑރ ޝާފިޔާ އަކީ މުޖުތަމަޢަށް ފައިދާވަނިވި ގިނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވާ ދިވެހި މުޖުމަޢުގެ ޢިލްމީ ހިއްސާދާރެކެވެ. 

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް