May 16, 2026 01:50
Advertisement

-Advertisement-

ޕްރޮސްޓޭޓް ސާޖަރީއަށް ޒަމާނީ އިންގިލާބެއް!

ޕްރޮސްޓޭޓް ބޮޑުވުމަކީ އުމުރުން ދުވަސްވަމުންދާ ފިރިހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރެއިން އެންމެ އާންމު އެއް މައްސަލައެވެ. ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން 40 އަހަރުން މަތީގެ ކޮންމެ ހަތަރު ފިރިހެނަކުން އެކަކަށް މި ބަލީގެ ނުރައްކާ އޮތްއިރު، ރާއްޖޭގައި ވެސް އުމުރުން 50 އަހަރަށްވުރެ މަތިވުމުން މި ބަލީގެ އަލާމާތްތައް ފެންނަ މިންވަރު އިތުރުވެފައިއެވެ.

​ރިޒޫމް ވޯޓާ ވޭޕާރ ތެރަޕީއަކީ ޕްރޮސްޓޭޓް ބޮޑުވުމުގެ ސަބަބުން ކުޑަކަމުދާ ނިޒާމަށް ދިމާވާ އުނދަގޫތަކަށް ދެވޭ އެންމެ ޒަމާނީ އެއް ފަރުވާއެވެ. މި ފަރުވާގައި ބޭނުންކުރަނީ ގުދުރަތީ ފެން އާވިއެވެ. ކުޑަކަމުދާ ހޮޅީގެ ތެރެއިން ޕްރޮސްޓޭޓްގެ ބޮޑުވެފައިވާ ސަރަހައްދަށް މި އާވި ފޮނުވާލުމުން، އެ އާވީގައި ހުންނަ ހަކަތަ ސެލްތަކުގެ ތެރެއަށް ފެތުރި، ބޮޑުވެފައިވާ ޓިޝޫތައް ނައްތާލައެވެ. މިއީ އެއްވެސް ކަފާލުމެއް ނުވަތަ ބޮޑު އޮޕަރޭޝަނެއް ނެތް، ގާތްގަނޑަކަށް 10 މިނެޓުގެ ތެރޭގައި ނިންމާލެވޭ ކުޑަ ޕްރޮސީޖަރެކެވެ. އެހެންނަމަވެސް ބަލިމީހާއަށް އެންމެ ރަނގަޅީ ކޮންފަރުވާއެއްކަން ނިންމާނީ ޑޮކްޓަރެވެ. 

​މި ފަރުވާގެ އެންމެ ބޮޑު އެއް ފައިދާއަކީ ބައެއް އެހެން ފަރުވާތަކާއި ޚިލާފަށް ޖިންސީ ދުޅަހެޔޮކަމަށް އެއްވެސް ބަދަލެއް ނައިސް، ޕްރޮސްޓޭޓްގެ އުނދަގޫތަކުން ސަލާމަތްވުމެވެ. ގިނަ ފަހަރަށް ބަލިމީހާ ހޮސްޕިޓަލުގައި އެޑްމިޓްވާކަށްވެސް ނުޖެހެއެވެ. ފަރުވާއަށްފަހު މަދު ދުވަސްކޮޅަކަށް ކެތީޓަރެއް ބޭނުންކުރަން ޖެހުނު ނަމަވެސް، ގާތްގަނޑަކަށް ދެ ހަފްތާގެ ތެރޭގައި ނަތީޖާ ފެންނަން ފަށައި، ތިން މަސް ތެރޭގައި ފުރިހަމަ ލުޔެއް ލިބިގެންދެއެވެ.

Advertisement

ޕްރޮސްޓޭޓް ބަލީގެ ​އެހެނިހެން ފަރުވާތަކާއި ސައިޑް އިފެކްޓްސް

​ޕްރޮސްޓޭޓް ބޮޑުވުމަށް ދެވޭ އެހެން ފަރުވާތަކުގެ ތެރޭގައި އެންމެ އާންމު ފަރުވާއަކީ ޓާރޕް ނަމަކަށް ކިޔާ ފަރުވާއެވެ. މިއީ ކަރަންޓު ނުވަތަ ލޭޒަރ ބޭނުންކޮށްގެން ޕްރޮސްޓޭޓްގެ ބައެއް ކޮށާލައިގެން ކުރާ ސާޖަރީއެކެވެ. މީގެ އިތުރުން ޕީ.އޭ.އީ އަކީ ޕްރޮސްޓޭޓަށް ލޭ ފޮނުވައިދޭ ހޮޅިތައް ބަންދުކޮށްގެން ދޭ ފަރުވާއެކެވެ. އަދި އާ ފަރުވާތަކުގެ ތެރޭގައި، ޔޫރޯ ލިފްޓް (ޕްރޮސްޓޭޓް ޓިޝޫތައް ދެ ފަރާތަށް ދަމާ ހިފެހެއްޓުން) އަދި އެކުއަބަލޭޝަން (ފެނުގެ ޕްރެޝަރު ބޭނުންކޮށްގެން ޓިޝޫ ނައްތާލުން) ހިމެނެއެވެ.

​މި ފަރުވާތަކުގެ ސައިޑް އިފެކްޓްތަކަށް ބަލާއިރު، ޓާރޕް ފަދަ ސާޖަރީތަކުގައި "ރެޓްރޯގްރޭޑް އިޖެކިއުލޭޝަން" ( މަނި ބޭރުނުވުން) ދިމާވުމުގެ ފުރުސަތު %50 އަށްވުރެ ބޮޑެވެ. ނަމަވެސް ރިޒޫމްގައި މި ފުރުސަތު އުޅެނީ %1 އަށްވުރެ ދަށުގައެވެ. ޕީ.އޭ.އީ ފަދަ ފަރުވާތަކުގައި ބައެއް ފަހަރު އިންފެކްޝަން އުފެދުމާއި، އުނަގަނޑުގައި ރިހުން ފަދަ ކަންކަން ދިމާވެއެވެ. އަދި ބައެއް ބޮޑެތި ސާޖަރީތަކަށްފަހު ލޭއައުމާއި، ގިނަ ދުވަހު ހޮސްޕިޓަލުގައި މަޑުކުރަން ޖެހުން ފަދަ ދަތިތައް ކުރިމަތިވާތަންވެސް އާދެއެވެ.

​ތާރީޚާއި އޭޝިއާގެ މާކެޓް

​ރިޒޫމް ތެރަޕީއަކީ ބޮސްޓަން ސައިންޓިފިކް ކުންފުނިން އުފައްދާފައިވާ ޓެކްނޮލޮޖީއެކެވެ. އަދި އެމެރިކާގެ އެފް.ޑީ.އޭ އިން 2015 ވަނަ އަހަރު ހުއްދަ ދީފައިވާ ފަރުވާއެކެވެ.  އޭޝިއާގެ ގައުމުތަކަށް މި ފަރުވާ ތައާރަފްވާން ފެށީ 2018 ހިސާބުގައެވެ. ސިންގަޕޫރު، އިންޑިއާ، އަދި ހޮންކޮންގް ފަދަ ގައުމުތަކުގައި މިހާރު މި ފަރުވާ ވަރަށް ބޮޑަށް ކުރިއަރާފައިވާއިރު، މިއީ އޮޕަރޭޝަނާ ނުލައި ފަރުވާ ހޯދަން ބޭނުންވާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ފަރުވާއެކެވެ.

​ޑޮކްޓަރުންގެ ބަސް

މި ފަރުވާއާ ގުޅޭގޮތުން ދުނިޔޭގެ މަޝްހޫރު ޔޫރޮލޮޖިސްޓުން ދެއްވާފައިވާ ބައެއް މުހިންމު ބަޔާންތަކަށް ބަލާލާނަމެވެ.

ޔޫކޭގެ ޔޫރޮލޮޖިސްޓު ކޮންސަލްޓަންޓެއް ކަމަށްވާ ޑރ. ޖޭސް ކަލްސީ ބުނެފައިވަނީ، ​"ރިޒޫމް ފަރުވާއަކީ ޕްރޮސްޓޭޓް ބޮޑުވުމުގެ މައްސަލައަށް އޮތް ވަރަށް ފުރިހަމަ ހައްލެކެވެ. މީގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޖިންސީ ގާބިލުކަމަށް ބުރޫނާރާ ގޮތަށް ކުޑަކަމުދާ ނިޒާމުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވުމެވެ. މިއީ ރައްކާތެރި އަދި އަވަސް ފަރުވާއެކެވެ."

ލަންޑަން އިމްޕީރިއަލް ކޮލެޖުގެ ޔޫރޮލޮޖީ ޗެއާ، ޕުރޮފެސާ ހާޝިމުއްދީން އަޙްމަދް ފާހަގަކޮށްލާގޮތުގައި، ​"މި ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެންނަށް މިހާރު ހޮސްޕިޓަލުގައި ބަލިމީހާ ބާއްވައިގެން ބޮޑެތި އޮޕަރޭޝަންތައް ކުރުމުގެ ބަދަލުގައި، ވަރަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ފަރުވާ ނިންމާލެވެއެވެ. މިއީ ހޭނައްތަން ނުޖެހި ކުރެވޭ ކަމަކަށް ވާތީ، އުމުރުން ދުވަސްވީ މީހުންނަށް މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ."

ޔުނިވަސިޓީ އޮފް މޮންޓްރިއާލްގެ އެސޯސިއޭޓް ޕްރޮފެސާ ޑރ. ކެވިން ޒޯންގެ ބަހަކީ، ​"ރިޒޫމް އަކީ 'ގޭމް ޗޭންޖަރ' އެކެވެ. މީގެ ކުރިން ބަލިމީހުންނަށް ޖެހެނީ ބޭސް ބޭނުންކުރުން ނުވަތަ ބޮޑު ސާޖަރީއަކާ ދެމެދު ގޮތެއް ނިންމާށެވެ. ނަމަވެސް މިހާރު މި ދެމެދުގައި އޮތް އެންމެ ފުރިހަމަ އިޚްތިޔާރަކީ މިއީއެވެ. ފެން އާވި ބޭނުންކޮށްގެން ޕްރޮސްޓޭޓްގެ ބޮޑުވެފައިވާ ބައި ހިއްކާލުމަކީ ގުދުރަތީ ގޮތުން ދެވޭ ވަރަށް ކާމިޔާބު ފަރުވާއެކެވެ."

​ރާއްޖޭގެ ހާލަތު

ރާއްޖޭގައި މި ބައްޔަށް ދެވޭ ފަރުވާތަކުގެ ތެރޭގައި އެންމެ ފުރަތަމަ މަރުހަލާގައި ބޭސް ބޭނުންކުރުން ހިމެނޭއިރު، ބޮޑެތި އޮޕަރޭޝަންތައް ކަމަށްވާ ޓާރޕް އާއި ލޭޒަރ ސާޖަރީ ފަދަ ޚިދުމަތްތައް އައި.ޖީ.އެމް.އެޗް، އޭ.ޑީ.ކޭ އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާރު ލިބެން ހުރެއެވެ.

ރިޒޫމް ވޯޓަރ ވޭޕަރ ތެރަޕީ އަކީ ރާއްޖޭގައި އަދި ދެވޭފަރުވާއަކަށް ނުވިނަމަވެސް، މިއީ ބޭރުގެ ގައުމުތަކުގައި ބޮޑު އޮޕަރޭޝަނަކާ ނުލައި ފަރުވާ ހޯދަން ބޭނުންވާ ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ ފަރުވާއެކެވެ. އަދި މިފަރުވާއަކީ އާސަންދައިގެ އެހީ ލިބޭ ފަރުވާތަކުގެ ލިސްޓުގައި އަދި ހިމެނޭ ފަރުވާއެއް ނޫންކަމުގައި ވީނަމަވެސް، ޑޮކްޓަރެއްގެ ލަފާގެ މަތިން މިފަރުވާއަށް ރާއްޖެއިން ބޭރަށްދާ ބަލި މީހުންނަށާއި އެހީތެރިޔަކަށް ދެކޮޅު ޓިކެޓު ކަވަރު ކޮށްދޭކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ނިންމާލަމުން ދަންނަވާނީ، ރިޒޫމް ވޯޓަރ ވޭޕަރ ތެރަޕީ ފަދަ އާ ފަރުވާތަކުގެ ސަބަބުން، ބޮޑެތި އޮޕަރޭޝަންތަކާއި އޭގެ ސައިޑް އިފެކްޓްތަކަށް އޮތް ބިރުވެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ސިއްހީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ބަލީގެ އަލާމާތްތައް ފެންނަން ފެށުމާއެކު ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ، އެންމެ އެކަށީގެންވާ ފަރުވާ އިޚްތިޔާރުކޮށް، ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއްގައި ދެމިހުރުމަށް އޮތް އެންމެ ކުރު މަގެވެ. އުންމީދަކީ މި މައުލޫމާތުގެ ސަބަބުން މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުވެ، ފަރުވާ ހޯދުމުގައި ބަލިމީހުންނަށް އިތުރު ހިތްވަރަކަށް ވެގެންދިއުމެވެ.

މައުލޫމާތު: ބޮސްޓަން ސައިންޓިފިކް، ރިސަރޗް ގޭޓް، މޯލްޑިވްސް ހެލްތް ސްޓެޓިސްޓިކްސް، ޓޮޕް ޑޮކްޓަރ ޔޫކޭ، ދަ ޔޫރޮލޮޖީ ފައުންޑޭޝަން

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް