May 6, 2026 12:25
Advertisement

-Advertisement-

ފިޓުޖެހުމުގެ ބައްޔާއި އެންޒައިޓީއާއި ހުރި ގުޅުން، ބަލިމީހުންނަށް ލޯތްބާއި އަޅާލުން ދެމާ

​ފިޓުޖެހުމުގެ ބަލި ނުވަތަ އެޕިލެޕްސީއަކީ ހަމައެކަނި ސިކުނޑިއަށް އަންނަ ކަރަންޓު ޝޮކެއް ނޫނެވެ. އެއީ ބަލިމީހާގެ މުޅި ދިރިއުޅުމަށާއި، އެމީހެއްގެ އާއިލާގެ ހިތްތަކަށް އަންނަ ލޮޅުމެކެވެ. މި ބަލީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ، ބަލިމީހާ ތަހައްމަލުކުރާ ނުތަނަވަސްކަން ނުވަތަ އެންޒައިޓީއެވެ.

އެންޒައިޓީއަކީ "މިނީ ސީޒަރ" އަކަށް ވެދާނެ ހެއްޔެވެ؟

އާދެ، ބައެއް ހާލަތްތަކުގައި އެންޒައިޓީ އެޓޭކެއް ނުވަތަ ބިރުގަތުމުގެ އިހުސާސަކީ ސީދާ ފިޓުޖެހުމުގެ ބައިތަކެއް ނުވަތަ "ފޯކަލް ސީޒަރ" ތަކަކަށް ވުން އެކަށީގެންވެއެވެ.

Advertisement

​ދިރާސާތަކުން ދައްކާގޮތުގައި ފިޓުޖެހުމުގެ ބަލި ހުންނަ މީހުންނަށް ކުރިމަތިވާ ބައެއް އެންޒައިޓީ އެޓޭކްތަކަކީ ހަގީގަތުގައި "އިކްޓަލް އެންޒައިޓީ" (Ictal Anxiety) އެވެ. މާނައަކީ، އެއްވެސް ބޭރުފުށުގެ ސަބަބަކާ ނުލައި ކުއްލިއަކަށް އިންތިހާއަށް ބިރުގަނެ، ހާސްވަނީ ސިކުނޑީގެ ވަކި ސަރަހައްދެއްގައި (ގިނައިން ޓެމްޕޯރަލް ލޯބްގައި) އުފެދޭ ކުޑަ ސީޒަރއެއްގެ ސަބަބުންނެވެ. ބަލިމީހާއަށް މިއީ އާދައިގެ ހާސްކަމެއް ކަމަށް ހީވި ނަމަވެސް، މިއީ ސިކުނޑީގެ ތެރޭގައި ހިނގާ ކަރަންޓު "ޝޯޓެއްގެ" ނަތީޖާއެވެ.

​އެންޒައިޓީ ކުރިމަތިވަނީ ކީއްވެ؟

​ފިޓްޖެހުމުގެ ބަލީގެ ސަބަބުން ހާސްކަން އިތުރުވަނީ ހަމައެކަނި ނަފްސާނީ ގޮތުންނެއް ނޫނެވެ. މި ބަލީގެ ސަބަބުން ސިކުނޑީގެ ބިރުގަތުމާއި ހިތާމަ ކޮންޓްރޯލްކުރާ ނާރުތަކަށް ސީދާ ބަދަލުތަކެއް އާދެއެވެ. އެހެންކަމުން، ބަލިމީހާ މާބޮޑަށް ހާސްވަނީ އެއީ އެމީހާގެ ނަފްސާނީ ބަލިކަށިކަމަކުން ނޫނެވެ. އެއީ ބަލީގެ ސަބަބުން ސިކުނޑީގައި ހިނގާ މާއްދީ ބަދަލެކެވެ.

ހަނދާންކުރަންޖެހޭ މުހިންމު ހަގީގަތެއް އެބައޮތެވެ. ފިތްޖެހުމުގެ ބަލި ހުންނަ މީހަކަށް ކުރިމަތިވާ މިފަދަ ހާސްކަމަކީ، ހަމައެކަނި ވިސްނުމަކުން ނުވަތަ "ބަޓަނަކަށް" އޮއްބާލައިގެން ނިވާލެވޭނެ އެއްޗެއް ނޫނެވެ. މިއީ އަމިއްލަ އިޚްތިޔާރުން ބޭރުގައި، ސިކުނޑީގެ ތެރޭގައި ހިނގާ ކެމިކަލް ރިއެކްޝަނެކެވެ. އެހެންކަމުން، އެމީހުންނަށް ބޭނުންވަނީ "ހާސްނުވޭ" ބުނުމުގެ ބަދަލުގައި އޯގާތެރި ހިޔާވަހިކަމެވެ.

​ފަރުވާއާއި ދިރާސާތަކުގެ އުންމީދު

​މި ބައްޔަށް މިހާތަނަށް ދާއިމީ ޝިފާއެއް ފެނިފައި ނުވިޔަސް، މިއީ އުންމީދު ކަނޑާލަންޖެހޭ ސަބަބެއް ނޫނެވެ. މިހާރުވެސް 70% މީހުންނަކީ ބޭހުގެ އެހީގައި ފިޓުނުޖެހި، ކިޔަވައި، ވަޒީފާ އަދާކޮށް، އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މީހުންނެވެ.

​​ދިވެހިރާއްޖޭގެ ހާލަތު

ދުނިޔޭގެ ނިސްބަތަށް ބަލާއިރު (1000 މީހުންގެ ތެރެއިން 4 އާއި 10 އާ ދެމެދު) ރާއްޖޭގައިވެސް އެތައް ސަތޭކަ ބަޔަކު މި ބަލި ތަހައްމަލުކުރާނެ ކަމަށް ލަފާކުރެވެއެވެ. މި ބައްޔާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމަށް "އެޕިލެޕްސީ އެސޯސިއޭޝަން އޮފް މޯލްޑިވްސް" ފަދަ ޖަމިއްޔާތަކުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ނިންމުން

​ކޮންމެ މީހަކީވެސް ތަފާތު އިމްތިހާނެއްގައި އުޅޭ މީހެކެވެ. ފިޓުޖެހުމުގެ ބަލި ހުންނަ ކޮންމެ މީހަކީވެސް އެހެން މީހުންނެކޭ އެއްފަދައިން ހުވަފެންތަކެއް ދެކޭ، އުފާވާން ބޭނުންވާނެ މީހުންނެވެ. ބަލިމީހާގެ އަތުގައި ހިފާލާނެ އޯގާތެރި އަތަކާއި، "އަހަރެމެން މިތިބީ ތިބާއާއެކީގައޭ" ބުނެލާ ބަހަކީ ބޭހަކަށްވުރެ ބާރުގަދަ ފަރުވާއެކެވެ.

މިބަލި ތަހަންމަލުކުރާ ބޭފުޅުންނަށް ބުނެލަން އޮތީ، ހިތްވަރު ދޫނުކުރާށެވެ. ބައެއް ރޭރޭ ވަރަށް އަނދިރިވެދާނެއެވެ. ނަމަވެސް ހަނދާންކުރާށެވެ، ކޮންމެ ރެއަކަށްފަހު ފަތިހުގެ އިރު އަރައެވެ. ތިބާގެ ކެތްތެރިކަމަކީ ބަލިމަޑުކަމަށްވުރެ މާ ބާރުގަދަ އެއްޗެކެވެ.

މައުލޫމާތު: އެޕިލެޕްސީ ފައުންޑޭޝަން، ޑަބްލިއުއެޗްއޯ

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް