ކޮންމެ އިންސާނަކުވެސް އެދެނީ އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމަކަށެވެ. ނަމަވެސް، ގިނަ ފަހަރަށް އަޅުގަނޑުމެންގެ އުފާވެރިކަމަށް ހުރަސްއަޅާ އެންމެ ބޮޑު އެއް ކަމަކީ ދިމާވާ ކޮންމެ ކަމެއް "ޒާތީ" ކަމެއްގެ ގޮތުގައި ނަގައި، އެކަންކަމާ މެދު މާބޮޑަށް ފިކުރު ކުރުމެވެ. ކަންކަމާ މެދު ޒާތީ ގޮތުން ނުވިސްނައި، ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ސަމާލުކަން ދޭންޖެހޭ ފަސް ކަމެއް ތިރީގައި ބަޔާންކޮށްލަމެވެ.
އެހެން މީހުންގެ ބަހާއި އަމަލަކީ އެމީހުންގެ އަމިއްލަ މައްސަލައެއްކަން ގަބޫލުކުރުން
މީހަކު ތިބާއާ ދިމާލަށް ބުނާ ބަހެއް ނުވަތަ ކުރާ ނޭދެވޭ އަމަލަކީ ގިނަ ފަހަރަށް އެމީހެއްގެ ކިބައިގައި ހުރި އުނިކަމެއްގެ ސަބަބުން ކުރާ ކަމެކެވެ. އެއީ ތިބާގެ އުނިކަމެއް ނޫނެވެ. އެހެން މީހުންގެ ރުޅިވެރިކަމާއި ނޭދެވޭ ސިފަތަކަކީ އެމީހުންގެ އަމިއްލަ ނަފްސާ ގުޅިފައިވާ ކަންކަން ކަމުގައި ދެކިގެން، އެއީ ތިބާއާ ގުޅުންހުރި "ޒާތީ" ކަމެއް ނޫންކަން ގަބޫލުކުރުމަކީ ނަފްސާނީ ހަމަޖެހުމަށް ލިބޭ ބޮޑު ބާރެކެވެ.
ހުރިހާ ކަމެއް ކޮންޓްރޯލް ނުކުރެވޭނެކަން ދަނެގަތުން
ދިރިއުޅުމުގައި ދިމާވާ ކޮންމެ ހާދިސާއަކީ އަޅުގަނޑުމެން ބޭނުންވާ ގޮތަށް ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެން މީހުންގެ ވިސްނުމާއި، އިހުސާސްތަކާއި، އަމަލުތައް ކޮންޓްރޯލް ކުރުމަކީ ތިބާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ތިބާގެ އިޚްތިޔާރުން ބޭރުގައިވާ ކަންކަމާ މެދު ޒާތީ ގޮތުން ވިސްނައި ދެރަވުމުގެ ބަދަލުގައި، އެކަންކަން ދޫކޮށްލަން ދަސްކުރުމަކީ އުފާވެރިކަމުގެ ތަޅުދަނޑިއެވެ.
ކަންކަމުގެ ތެރެއަށް މާބޮޑަށް ވަދެގަތުން ހުއްޓާލުން
ކޮންމެ ކަމަކީ ތިބާއަށް އަމާޒުކޮށްގެން ހިނގާ ކަމެއް ކަމަށް ހީކުރުމަކީ ކަންބޮޑުވުން އިތުރުވާ ކަމެކެވެ. މީހަކު މޫނު ކަޅުކޮށްލައިގެން ހުރީ ތިބާދެކެ ރުޅިއައިސްގެން ކަމަށް ނުވަތަ މީހަކު މެސެޖަކަށް ޖަވާބު ނުދިނީ ގަސްތުގައި ތިބާ ބާކީކޮށްލަން ކަމަށް ނިންމުމުގެ ބަދަލުގައި، އެމީހަކަށް ދިމާވެފައިވާ އެހެން ކަމެއް އޮވެދާނެކަމަށް ވިސްނުން ބަދަލުކޮށްލާށެވެ.
ފާޑުކިޔުންތަކުން އުނގެނުމަށް ފުރުސަތު ހުޅުވާލުން
މީހަކު ފާޑެއް ކިޔައިފިނަމަ، އެއީ ތިބާގެ އަގު ވައްޓާލަން ކުރި ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއިން ރަނގަޅު ކުރެވޭނެ ކަމެއް އޮތްތޯ ބަލާށެވެ. ޒާތީ ގޮތުން ކަންކަމާ ނުވިސްނާ މީހުން ފާޑުކިޔުންތަކަށް ރައްދު ދޭނީ ރުޅިވެރިކަމާއެކުގައެއް ނޫނެވެ. ނަމަވެސް އެއީ ތިމާގެ ކުރިއެރުމަށް ލިބުނު ފުރުސަތެއް ކަމުގައި ދެކިގެންނެވެ.
އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކުރުން
ތިބާގެ އަމިއްލަ ނަފްސުގެ އަގާއި ގަދަރު އެހެން މީހުންގެ ބަސްތަކަށް ދޫކޮށްނުލާށެވެ. ތިމާއަކީ ކާކުކަމާއި، ތިމާގެ ގާބިލުކަން ހުރި މިންވަރު އަމިއްލައަށް ދަންނަ ނަމަ، އެހެން މީހުން ކިޔާ އެއްޗަކުން ނުވަތަ ކުރާ ކަމަކުން ތިބާގެ ދިރިއުޅުމުގެ އުފާވެރިކަމަކަށް އަސަރެއް ނުކުރާނެއެވެ.
ޚުލާސާކޮށް ދަންނަވާނަމަ، ދިރިއުޅުމުގައި ދިމާވާ ކަންކަމާ ޒާތީ ގޮތުން ނުވިސްނުމަކީ ނަފްސާނީ ގޮތުން ލިބޭ މިނިވަންކަމެކެވެ. މި ސިފަ އަށަގަންނުވައިފިނަމަ، ކޮންމެ ފަދަ އޮއިވަރެއްގައިވެސް ހަމަޖެހިގެން ދިރިއުޅުމުގެ ގާބިލުކަން ތިބާއަށް ލިބިގެންދާނެއެވެ.
އެޑިޓަރުގެ ނޯޓް: މިއީ ސޯޝަލް އިމޯޝަނަލް އިންޓެލިޖެންސް ކޯޗެއް އަދި ގައިޑަންސް އެންޑް ކައުންސެލަރ އެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަމާ އިބްރާހީމް ދީދީ "ޒީޓައިމްސް" އަށް ހަދިޔާ ކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގެ ބޭނުމަކީ ކިޔުންތެރިންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ހަރުދަނާ ބަދަހި ގުޅުންތަކެއް ދެމެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކުރުމެވެ.













