April 23, 2026 21:24
Advertisement

-Advertisement-

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްދުވަހަކު ބޭއްވުމާއިމެދު ފެންނަނީ ކިހިނެއް؟

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ވޯޓުލާ މީހުންގެ އަދަދު އިތުރުވެ ޚަރަދު ކުޑަވާނެކަމެއްކަމަށް ބައެއް ފަރާތްތަކުން ބުނާއިރު މިއީ ކުރަން ހެޔޮވާވަރުކަމެއް ނޫންނަކަމަށް ބުނާ މީހުންވެސް އެބައުޅެއެވެ.

ބޮޑު 2 އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ގޮތް ނިންމުން އޮތީ އަންނަ އޭޕްރީލްމަހު 4 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު 2026 ގައެވެ.

ދެއިންތިޚާބު އެއްކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްއުސްތާޛު އަލީ ހުސައިން ވިދާޅުވީ މި ރާއްޖޭގެ ސިޔާސީ ހަގީގަތަށް ބަލާއިރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކަށް ހޮވަނީ ޤައުމު ހިންގަންކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރާ ގޮތް ބެލުމަށްޓަކައި އެކަން ކަށަވަރުކުރަން ހޮވާ ބައެއް ކަމަށެވެ. އެހެންވުމުން ބަރުލަމާނީ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކުރާ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.  

Advertisement

" އޭސީސީއެއް ފަންކްޝަނެއް ނުކުރޭ. ޕޮލިހުންވެސް އެކަށީގެންވާގޮތެއްގައި އަދުލުއިންސާފު ހޯދުމަށް މަސައްކަތްނުކުރޭ. ވެރިކަންކުރާ ފަރާތަށް މަޖިލީސް ލިބުނީމަ މުޅި ޖުޑިޝަރީ އެއޮތީ ހައިޖެކްވެފައި. ހަމައެކަނި ދިވެހިރާއްޖޭގައި އޮތް ބެކަމް ސިސްޓަމަކީ ދިވެހި ރައްޔިތުން. ހަމައެކަނި ލާސްޓް ލައިން އޮފް ޑިފެންސަކީ ދިވެހިރައްޔިތުން. ދިވެހި ރައްޔިތުންނަށް 5 އަހަރު ތެރޭގައި ވޯޓުލާން ފުރުސަތު ގިނަކުރަންވީ. މަދެއް ނޫން ކުރަންވީ. އަޅުގަނޑަށް މައްސަލައެއް ނެތް ދިވެހިރާއްޖޭގައި ވެރިކަންކުރި ހުރިހާ ރައީސުން އެއްބަސްވިއަސް، ހުރިހާ އޭޖީން އެއްބަސްވިއަސް އަޅުގަނޑު ދެކޭގޮތުގައި މި ދެއިންތިޚާބު އެއްކުރުމަކީ އަޅުގަނޑުމެންގެ ލާސްޓް ލައިން އޮފް ޑިފެންސް ފޫދުއްވާލުން. އަޅުގަނޑުމެންގެ ބެކަމް ސިސްޓަމް ފުނޑާލުން". އަލީ ހުސައިން ވިދާޅުވިއެވެ.

ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ދިޔާނާ ސައީދު ވިދާޅުވީ ދެއިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރާނެ މަޖިލީހެއް ލިބިގެންދާނެ ކަމަށެވެ. އެހެންނަމަވެސް ސަރުކާރަށް ސުޕަމެޖޯރިޓީ ލިބުމުން މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

" ބޮޑެތި ދުސްތޫރީ މަންފާތަކެއް ލިބެން އޮތީމަ. ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މަޖިލީހެއް ލިބިގަނެވުމުގެ ފުރުސަތު އެބައޮތޭ މި ބަދަލުން. ވޭތުވެދިޔަ ދެދައުރާއިއެއްކޮށް މިހިނގާ ދައުރުގައި އަޅުގަނޑުމެންނަށް ލިބިފައި މިއޮތީ ސުޕަމެޖޯރިޓީ މަޖިލީހެއް. ސަރުކާރުގެ ރޫލިން ޕާޓީގެ މުތުލަގު ބާރު އޮންނަ މަޖިލީހެއް. ސުޕަމެޖޯރިޓީ ލިބުމުން ސަރުކާރު ޖަވާބުދާރީ ކުރުމަށް ފަހަތަށް އެބަޖެހޭ. އެއީ ސަރުކާރާއި މަޖިލީހާއި މިއޮންނަނީ ވަރަށްބޮޑަށް މަސްހުނިވެފައި. ޤާނޫނު އަސާސީއިން ގެންނަން ބޭނުންވި ބަދަލު ބާރުތައް ވަކިކުރުން ލިބިނުގަނެވޭ. ރައީސަކު ހޮވިފައި ދެން އެރައީސެއްގެ މުއްދަތުގައި މަޖިލީސް ހޮވަން ނުކުތީމަ ވާގޮތަކީ ސަރުކާރުގެ ހުރިހާ ބާރު ދައުލަތުގެ ހުރިހާ ބާރަކާއި އެއްކޮށް މި ވަޑައިގަންނަވަނީ. އެހެންވީމަ އެނުފޫޒަށް ރައްޔިތުން ލެބެވޭ.". ދިޔާނާ ވިދާޅުވިއެވެ.

ދެއިންތިޚާބު އެއްކުރުމާއި ގުޅޭގޮތުން ކުރީގެ އިކޮނިމިކް މިނިސްޓަރ އަދި މާލީ ދާއިރާގެ ތަޖުރިބާކާރެއްކަމުގައިވާ އަހުމަދު މުހައްމަދު ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލައިފިނަމަ ސަލާމަތް ކުރެވޭނީ މުޅި ޖުމްލަ ދެ އިންތިޚާބަށް ޚަރަދުވާ ފައިސާއިން 4 ބައިކުޅަ އެއްބައި ކަމަށެވެ.

" އިޤްތިސާދީ ގޮތުން ސަލާމަތްކުރެވޭ ބޮޑު ޚަރަދެއް އެބައޮތްކަމަށް ވިދާޅުވާ ވާހަކައަކީ ބުހުތާނު ދޮގެއް. ހިސާބުތަކުން ފެންނަން އޮތީ އެގޮތަށް. ވޯޓު ދިނުމުގައި އަސްލު ވިސްނަންޖެހެނީ މީގައިން ކުރަނީ ކޮން މަންފާއެއްތޯ. ދެއިންތިޚާބު އެއްކޮށްލީމަ މަންފާކުރަނީ ދިވެހި ރައްޔިތުންނަކަށް ނޫން. މަންފާކުރަނީ ސިޔާސީންނަށް. ދެއިންތިޚާބު އެއްކޮށްލީމަ ވާގޮތަކީ ސިޔާސީން ރައްޔިތުންކައިރިއަށް ގޮސް ޚަރަދުކުރަންޖެހޭ މިންވަރު އުނިވެގެންދަނީ". އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އިންތިޚާބު މަދުވުމަކީ އޭގެ އަސަރު ޑިމްކޮރަސީއަށް ކުރާނެ ކަމެއް ނޫންކަމަށެވެ.

" ސުވާލަކީ މީގެ ދުސްތޫރީ މައްސަލައެއް އެބައޮތްހޭ. ޤާނޫނީ މައްސަލައެއް އެބައޮތްހޭ. ދެއިންތިޚާބު އެއްކުރުމަށް ޤާނޫނީ މައްސަލައެއް އަދި ނުފެނޭ. ދިވެހިރާއްޖެ އެބަކަނޑައަޅަންޖެހޭ ކުރިއަށްދާނެ މަގެއް". އާޒިމާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ގޮތް ނިމިގެންދާނީ ރައްޔިތުން ވޯޓުދޭގޮތަކުންނެވެ. ވިސްނާފަ ފެންނަ އެންމެ ރަނގަޅުގޮތަކަށް ވޯޓު ދިނުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވެއެވެ.  

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް