އަނބުޅައަކީ އަނބަށްވުރެ ކުދި އަނބާއި ވައްތަރުގޮތަކަށް ހުންނަ ހުތްމޭވާއެކެވެ. ދޮންވީމަ ލާނީ ހުތްފޮނި ރަހައެކެވެ. އާންމުކޮށް ހޫނުސަރަހައްދުގައި ހެދޭ މިގަހުގައި ގިނައަދަދަކަށް އަނބުޅަ ނުކުމެއެވެ. މިއީ ދިވެހިރާއްޖޭގައި ވެސް ބައެއް ރަށްރަށުގައި ހައްދަމުން އަންނަ ގަހެކެވެ.

ތޮށިމަށައިގެން ކެއުމަށް ބޭނުންކުރާ އަނބުޅައިގެ އޮށުގެ ވަށައިގެން ނަރުތަކެއް ހުރެއެވެ. އަސާރަ އެޅުމަށްވެސް ބައެއް ގައުމުތަކުގައި އަނބުޅަ ބޭނުންކުރެއެވެ.

އަނބުޅަ ފެހިކުލައަށް ހުންނައިރު ވަރަށް ހުތްރަހަގަދަވާނެއެވެ. ރީނދޫ ނުވަތަ އޮރެންޖުކުލައަށް ތޮށި ބަދަލުވުމުން މީރު ހުތްފޮނިރަހައެއް ދޭނެއެވެ.
އަނބުޅައިން ލިބޭ ފައިދާތައް:
ފައިބަރު ގިނަ މޭވާއެއް: ފައިބަރުގެ މާއްދާ ގިނައިން ހިމެނިފައިވާތީ އަނބުޅަ ކެއުމުގައި ބޭނުންކުރުމުން ބަނޑުހިކުމުން ސަލާމަތްކޮށްދެއެވެ.

ވިޓަމިން ސީ: އަނބުޅައަކީ ވިޓަމިންސީ ހިމެނޭ މޭވާއެކެވެ. ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް ކެއުމުގައި އަނބުޅަ ބޭނުންކުރެވިދާނެއެވެ. ތަޖުރިބާކާރުން ފާހަގަކުރާގޮތުގައި އެންމެ އަނބުޅައެއްގައި މީހަކަށް ދުވާލަކަށް ބޭނުންވާ ވިޓަމިން ސީގެ ½ ހިމެނެއެވެ.
ކެލޮރީ: މިއީ ކެލޮރީ މަދުން ހިމެނޭ މޭވާއެކެވެ. އެހެންވުމުން ހަށިގަނޑު އެއްވަރެއްގައި ފަލަނުވެ ހުރުމަށް ބޭނުންވާ މީހުންވެސް ކެއުމުގައި ބޭނުންކުރަން ރަނގަޅު މޭވާއެކެވެ.













