ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ކުދިން ބަނޑުހައިވެގެން ކާއެއްޗަކަށް އާދޭސްކުރާއިރު، ހާސްކަމާއެކު އަވަހަށް ދެވޭ ފޮނި އެއްޗަކުން ދެން ފެށެނީ މާ އުނދަގޫ "ޝުގާރ ރަޝް" އަކާއި އެއަށްފަހު "ޝުގަރ ކްރޭޝް" ވެގެންދާ ހާލަތެކެވެ. މީގެ އިތުރުން، ބޮޑުވަމުން އަންނަ ތުއްތު ކުދިންނަށް ކޮންމެ ދުވަހަކު ބޭނުންވާ ވަރަށް ޕްރޮޓީން ދިނުމަކީ މަންމައިންނަށް އޮންނަ ބޮޑު ގޮންޖެހުމެކެވެ. މަހާއި ބިސް ކާންދޭން އުޅުމުން ބައެއް ކުދިން ނުކާންއުޅެ، މަންމަ ހާސްކަމެއްގެ ތެރެއަށް ވައްޓާލައެވެ. އަނެއްކޮޅުން، އަމިއްލައަށް ބަރުދަން ލުއިކުރަން އުޅޭ މީހާއަށްވެސް ހަވީރުވާން ފެށުމުން ފޮނި އެއްޗަކަށް ހިތް ކެތްނުކުރެވި، އަމިއްލަ ނަފްސާއެކު ބޮޑު ހަނގުރާމައެއް ކުރަންޖެހެއެވެ.

މި ހުރިހާ ތަކްލީފެއްގެ ހައްލަކީ މިއީއެވެ! އާދައިގެ ފުށުގެ ބަދަލުގައި އޯޓްސް އަދި ބަދަން ބޭނުންކޮށްގެން ތައްޔާރުކުރާ މި "ޗޮކްލެޓް ބްލިސް ޕޭންކޭކް" އަކީ ކުދިންގެ ހަކުރު މައްޗަށް ދިޔަނުދީ، އެ ބޭނުންވާ ޕްރޮޓީން ސިއްރުން ހަށިގަނޑަށް ލިއްބައިދޭނެ މީރު ހަދިޔާއެކެވެ. އަދި ބޮޑެތިމީހުންނަށް، އެއްވެސް ކުށްވެރިކަމެއް ނެތް ހިތްހަމަޖެހުން ގެނެސްދޭނެ، ޕްރޮޓީންއިން ފުރިގެންވާ "ކޮމްފޯޓް ފުޑް" އެކެވެ.
ތައްޔާރުކުރުމަށް ހޭދަވާނީ 5 ވަރަކަށް މިނެޓް
ކައްކަން ހޭދަވަނީ 10 މިނެޓް
ލިބޭ މިންވަރު: ގާތްގަނޑަކަށް 11 ކުދި ޕޭންކޭކް
ބޭނުންވާ ތަކެތި:
1.5 ޖޯޑު ރޯލްޑް އޯޓްސް
7 އަލްމަންޑް ބަދަން
3 ބޮޑު ބިސް
3 މޭޒުމަތީ ސަމްސާ ބަޓަރު
2 ޕެކެޓް ސްޓީވިއާ ސުވީޓްނާ
3 ސައިސަމްސާ ބްރައުން ޝުގަރ
½ ޖޯޑު ގްރީކް ޔޯގަޓް
1 ޖޯޑު ޑާކް ޗޮކްލެޓް ޗަންކްސް
1 ސައިސަމްސާ ބޭކިންގ ޕައުޑަރ
¼ ސައިސަމްސާ ލޮނު
ޕްރޮޓީން ޕައުޑާރ (އިޚްތިޔާރީ އެއްޗެއް)

ތައްޔާރުކުރާނެ ގޮތް
1- ފުރަތަމަ އޯޓްސް އަދި އަލްމަންޑް ބްލެންޑަރުން ފުށަށް ބަދަލުވަންދެން މުގުރާލާށެވެ.
2- ބޮޑު ތައްޓެއްގައި މުގުރި ފުށް، ބޭކިންގ ޕައުޑަރ، އަދި ލޮނުކޮޅު އެއްކޮށްލާށެވެ.
3- އެހެން ތައްޓެއްގައި ބިސް، ސްޓީވިއާ، ބަޓަރު މެލްޓް ކޮށްފައި، ބްރައުން ޝުގަރ އަދި ޔޯގަޓު އެކީގައި މިކްސް ކޮށްލުމަށްފަހު އޯޓްސް އާއި ބަދަން ފުށުގެ ތެރެއަށް އަޅައި، މަޑުމަޑުން އެއްކޮށްލުމަށްފަހު 2-3 މިނިޓް ވަންދެން ބަހައްޓާލާށެވެ. އެއަށްފަހު ޑާކް ޗޮކްލެޓް ކޮޅު އަޅާލާށެވެ.
4- ނޮން-ސްޓިކް ތަވައެއްގައި، މަޑު ގިނީގައި، 1/4 ޖޯޑުގެ މިންގަނޑަކުން އޮއްސަމުން ދާށެވެ. ކޮންމެ ފަރާތެއް 2 މިނެޓް ވަންދެން ނުވަތަ ޕޭންކޭކް މަތިން ކުދި ބޮކިތަކެއް އަރަން ފެށުމުން އެ ފުށުން ޖަހާލައި، ރަން މުށިކުލަ އަރަންދެން ފިހެލާށެވެ. ގޭތެރޭގައި ހިފާލާ މީރު ވަހުން އެންމެން ބަދިގެއަށް ޖަމާވާނެއެވެ!
ޓިޕްސް: ފުށްގަނޑު 2-3 މިނެޓް ބެހެއްޓުމުން އޯޓްސްއިން ދިޔާ މިކްސްގަނޑު ދަމައިގަނެ، ފުށްގަނޑު އޮލަވެ، "ފްލަފީ" ވާނެއެވެ. މާބޮޑަށް އޮލަ ވެއްޖެނަމަ ކުޑަ ކިރުފޮދެއް އަޅާލެވިދާނެއެވެ.

މުހިންމު ނުކުތާތައް
- ސްޓީވިއާ ސްވީޓްނާ (Stevia Sweetener) ނެތް ނަމަ ނުވަތަ ލިބެން ނުހުންނަ ނަމަ މާމުއި ނުވަތަ ކަދުރު ނުވަތަ ދޮންކޭލުންވެސް ފޮނި ރަހަ ގެނެވޭނެއެވެ.
- މުޅި ފުއްގަނޑަށް ބްރައުން ޝުގާގެ 3 ސައިސަމުސާ އަޅައިގެން ކުދިންނަށް ހަކުރުގެ އަސަރުކޮށް ޝުގާ ރަޝް އެއް އައިސްދާނެބާއެވެ. ޖަވާބަކީ މި 3 ސަމްސާ 11 ޕޭންކޭކަށް ބަހާލުމުން ކޮންމެ ޕޭންކޭކަކަށް ޖެހެނީ އެންމެ 3 ނުވަތަ 4 ގްރާމްގެ ހަކުރެވެ. މިއީ ދުވާލަކަށް ކުދިންނަށް ދޭން އެދެވޭ މިންވަރުގެ ވަރަކަށް ކުޑަ އިންސައްތައެކެވެ.
- ޕްރޮޓީން ޕައުޑާރ އަޅާނަމަ އެ އަޅާނީ ދިޔާ މިކްސްޗާ ފުށުގެ ބަޔަށް އެޅުމުގެ ކުރިންނެވެ
ނިއުޓްރީޝަންގެ މިންގަނޑުތައް (1 ޕޭންކޭކުގެ)
ހަކަތަ: 116ގ ކެލޮރީސް
ޕްރޮޓީން: 3.5ގ
ކާބޯހައިޑްރޭޓް: 12.5ގ
ހެލްތީ ފެޓްސް: 5.3ގ
އެޑެޑް ޝުގާސް: 3ގ
ކުޑަކުއްޖަކު އެއްފަހަރާ 2 ޕޭންކޭކް ކާލުމުންވެސް އެ ލިބުނީ 7 ގްރާމްގެ ޕްރޮޓީނެވެ. ތުއްތުކުދިން ބޮއެއުޅޭ 180 މިލިލީޓަރުގެ ކިރު ތައްޓެއްގައި ހިމެނެނީ 4 ގްރާމްގެ ޕްރޮޓީނެވެ. އަދި މިޕޭންކޭކްތަކުގައި ހިމެނޭ ކާބޯހައިޑްރޭޓްގެ މިންވަރު މިނަގަނީ މައިގަނޑުކޮށް އޯޓްސް އިންނެވެ. މިއީ ހަށިގަނޑަށް އެއްވަރެއްގައި ހަކަތަ ލިއްބައިދޭ ފައިދާހުރި ކާބޯހައިޑްރޭޓްސްގެ ބާވަތްތަކެވެ.
މިއީ "ޝުގާ ކްރޭޝް" އެއްގައި މަންމަމެން ވަރުބަލި ކޮށްލުމުގެ ބަދަލުގައި ކުދިން މީރުކޮށް މި ކާން ތިބޭ ވަގުތު، މަންމައަށްވެސް ހަމަޖެހިލައިގެން ކޮފީތައްޓެއް ބޯލާނެ ވަގުތުކޮޅެއް ލިބިގެންދާނެ ފަދަ މީރު ރެސިޕީއެކެވެ. އަދި ސިއްހަތަށް ބަލާ މީހުންނަށް، މިއީ އެއްވެސް "ގިލްޓެއް" ނެތް ގޮތުގައި ފޮނި އެއްޗަކަށް ހުންނަ ކެތްމަދުވުން ފިލުވާލަދޭނެ ސިއްރެކެވެ. މިއީ ހަމަ ހަގީގަތުގައިވެސް އުފާވެރިކަމުން ފުރިގެންވާ "ބްލިސް އިން އަ ޑެޒާޓް" އެކެވެ!













