ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢުގައި ހިމެނިގެން ހުޅުމާލޭގައި ތަރައްޤީކުރާ 1224 ހައުސިންގް ޔުނިޓު ގާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ހައުސިން ޔުނިޓު މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ. މިރަސްމިއްޔާތު ކުރިއަށްގެންދިޔައީ، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓުގައެވެ.
ބީ.އެމް.އެލްގެ 1224 ހައުސިން ޔުނިޓް ހިމެނޭ އެފޯޑަބަލް ހައުސިންގް މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބް، އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާގެ އިތުރުން ބީ.އެމް.އެލްއާއި ސީ.އެމް.ސީގެ އިސް އޮފިޝަލުންނެވެ. ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
މި ހައުސިންގ ޔުނިޓުތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމާލެވޭނެކަމަށް ބީއެމްއެލްއިން ވަނީ މައުލޫމާތު ދީފައެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި 3،000 އަށްވުރެ ގިނަ ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.












