June 16, 2025 22:23
Advertisement

-Advertisement-

ފޮޓޯ: އައި މުސްލިމްގައިޑް.ކޮމް

ވިސްނާ ފިކުރުކުރަމާ، ހަޔާތުގެ ކޮންމެ ވިހި އަހަރެއް ބުނެދެނީ..

ހަޔާތަކީ ހިގަމުން މިދާވަގުތެވެ. ކޮންމެ އިންސާނެއްގެ ވެސް ހަޔާތަކީ ހުއްޓުމެއްނެތި ހިނގަހިނގާ ހުންނަ ވަގުތެވެ. ދުނިޔެ އަށް ނޭވާލީއްސުރެ އެންމެ ފަހުނޭވާ ދޫކޮށްލުމާ ހަމަޔަށް ކޮންމެ މީހެއްގެ ވެސް ހަޔާތް މިދަނީ ހުއްޓުމެއްނެތި ބުރުޖަހަމުންނެވެ. މައިންގެ ބަނޑުގައި ގަރުބަ ގަންނަ ދުވަހުން ފެށިގެން ވަގުތު ވަނީ ފެށިފައެވެ. ކުރާނެ އަދި ކުރަން ހުރި އެތަކެއް ޒިންމާއެއް ލިޔެވި ފަތްފުށްތަކުގައި ފެންނަން ނެތަސް މިހިނދުންފެށިގެން ވަނީ އިންސާނާ އާއި އެކުގައެވެ. އެހެން ކަމުން ދުވަސްތައް ބެހިގެންދަނީ ތަފާތު ޒިންމާތައް ވަކިވެ ހަޔާތުގެ ކޮންމެ ވިހި އަހަރެއްގައި އިންސާނާ އުފުލަންޖެހޭ ތަފާތު ޒިންމާތަކާ އެކުގައެވެ. ވިސްނާ ފިކުރު ކުރާ މީހަކަށް މިކަން ކަމަކީ ވެސް ދިރިއުޅުން ތަރުތީބު ކޮށްލުމަށް ނުވަތަ ހަޔާތުގެ ކަސިޔާރު ވަމުންދާ ދުވަސްތައް ސީދާ ކޮށްލަދޭނެ ކަންކަމެވެ.

ހަޔާތުގެ ފުރަތަމަ ވިހި އަހަރު ބުނެދިނީ ކޮން ތަޖުރިބާއެއްތޯ ބަލާލާއިރު އެދުވަސްވަރަކީ ތިމާގެ ޒިންމާ އެހެންބަޔަކު އުފުލާ ދުވަސްވަރެކެވެ. އެންމެ ފުރަތަމަ އުފަންވާ ދުވަހުން ފެށިގެން މި ޒިންމާ ނަގަނީ މައިންބަފައިންނެވެ. މައިންބަފައިންގެ ބެލުމުގެ ދަށުން އެންމެހާ ކަންކަން ތަރުތީބުވެގެން އައިސް އަމިއްލަ ދިރިއުޅުމަށް ގިނަ ތަމްރީން ތަކެއް މިދުވަސްވަރު ހޯދަމުން ދެއެވެ. އިލްމު އުނގެނުމާއި، އެކި އެކި ހުނަރުވެރިކަން ދަސްކުރުމާއި، އަދަބު އިހްތިރާމް ކުރުމުގެ ފުރަތަމަ މަރުހަލާ ކުރިއަށް ގެންދަނީ ފުރަތަމަ ވިހިއަހަރުގެ ތެރޭގައިއެވެ. މި ދުވަސްވަރަކީ ތިބާގެ ހުރިހާ ކަމެއް ގާތުން ބަލާނެ ބަޔަކު ތިބޭނެ ދުވަސްވަރެކެވެ. ނަސޭހަތާއި އިރުޝާދު ލިބި ފުރިހަމަ މީހަކަށް މީހާ ބައްޓަންވެގެން ދަނީ ފުރަތަމަ ވިހި އަހަރުގެ ތެރޭގައެވެ. މިދުވަސް ވަރަކީ ގިނަ ކުދީންގެ މަދަރުސީ ހަޔާތާއި، މަތީތައުލީމްގެ ވެސް ދުވަސްވަރެވެ. ގިނަ ކުދީން މިދުވަސްވަރު މަސައްކަތް ކުރަމުން ދާނީ އިލްމީހަޔާތުގެ ދުވަސްތައް ގުނުމުގައެވެ. މުޅީންހެން މިދުވަސްވަރު އޮންނަނީ ކަންކަން އުނގެނި ދަސްކުރުމުގެ މަރުހަލާއެވެ.

ދެންއޮތީ ހަޔާތުގެ ދެވަނަ ވިހިއަހަރެވެ. މިދުވަސްވަރަކީ ހަޔާތުގެ ވަރަށް މުހިންމު ދުވަސްވަރެކެވެ. މިދުވަސް ވަރަކީ ގިނަކުދީން ޒަވާޖީ ހަޔާތް ފަށާ ކުރިން ދަސްކުރެވުނު ކަންކަން ތިމާމެންގެ ދަރީންނަށް ދަސްކޮށްދިނުމުގެ ދުވަސްވަރެވެ. ވިހިއަހަރުގެ ކުރީން ތިމާގެ ޒިންމާ ނަގަމުން އައީ މަންމަ އާއި ބައްޕައެވެ. ނަމަވެސް މިއަދު ދަރީން ލިބި ހަމަ އެފަދައިން ތިމާގެ ދަރީން ބަލަހައްޓާ އިސްވެ ބަޔާން ކުރެވުނު ހުރިހާ ކަމެއް ދަރީންނަށް ދަސްކޮށްދޭން ވަގުތުތައް ހުސް ކުރަންޖެހެއެވެ. ހަމަ އެއާއެކު ޤައުމުގެ ހިންގުމާއި، އިސްވެ ބަސްކިޔުމާއި، އަންނަން އޮތް ޖީލު ތަކަށް ފަހިވާނެހެން މުސްތަޤްބަލް އާރާސްތު ކުރުމުގެ ޒިންމާ އަކީ މިދުވަސްވަރުގެ ޒިންމާ އެކެވެ. ޤައުމުގެ ކަންކަން ހަމަ މަގަށް އަޅުވާ އުޖާލާ ރީތި ކުލަތަކުން ޖަރީ ވާނެހެން ތިމާގެ ހިޔާލާއި ފިކުރު ހިންގަން ޖެހެނީ މިދުވަސް ވަރެވެ. އެހެނީ މިއީ ޒުވާން ކަމުގެ ހިތްވަރާއި ޖޯޝުން ފުރިގެންވާ ދުވަސް ވަރެކެވެ. ހަޔާތުގެ ފުރަތަމަ ވިހި އަހަރު ލިބުނު ތައުލީމާއި ތަރުބިއްޔަތުގެ ހުރިހާ ފައިދާއެއް އެހެން މީހުންނަށް ފޯރުކޮށްދިނުމުން މި ދުވަސްވަރު ތަފާތު އައު ތަޖްރިބާތައް ލިބި މީހާ އަކީ ބަސްވިކޭ ހަރުމީހަކަށް މީހާ ވެދެއެވެ. ހަޔާތުގެ މި މުހިންމު ދުވަސްވަރު ތިބާ ވާންޖެހެނީ މުޖުތަމައުގެ މުހިންމު ތަނބަކަށެވެ. މުޅިޖަމާއަތް ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރާނީ މި ދުވަސްވަރު ގުނުމުގެ ތެރޭގައެވެ. އެހެނީ މިދުވަސްވަރު ތިބާވާނީ ޒިންމާދާރު ބެލެނިވެރި އަކަށެވެ. އަންނަން އޮތް ޖީލުތަކަށް ތަމްރީނު ކުރާ ދަރީން ތިބެނީ ތިބާގެ އަތްމަތީގައެވެ. ގައުމީ ވަތަނީ ރޫހް ދަރީންނާއި، ދަރީންގެ ދަރީންގެ ހިތްތަކުގައި އުފަންވާނީ ތިބާގެ އަތްމަތީގައި ތަރުބިއްޔަތު ކުރެވޭ ގޮތަކުންނެވެ. ޖީލަކަށް ފަހު ޖީލެއް މިހެންގޮސް އޮއްސި އަރަމުންދާނެއެވެ. ޒިންމާދާރު ކަމާއި އެކު ހިގަމުން މިދާ ވިހި އަހަރު ބޭނުން ހިފަންޖެހެއެވެ. އަދިހަމަ އެހެންމެ ތިބާގެ ދެން ފެށެން އޮތް ވިހިއަހަރު އެހީތެރިކަމާއި އަޅާލުން ފޯރު ކޮށްދޭނެ ޖަމާއަތެއް އުފެއްދުމަކީ ހިނގަމުން މިދާ ވިހި އަހަރުގެ އެންމެ ފުރިހަމަ އަމާޒު ކަމުގައި ވެދެއެވެ.

Advertisement

ހަޔާތުގެ އެންމެ ފުރިހަމަ ވިހި އަހަރު ނިމުމަށްފަހު ދެންފެށެނީ ތިންވަނަ ވިހިއަހަރެވެ. މިއީ ވެސް ޒިންމާ ކުޑަ ދުވަސްވަރެއްނޫނެވެ. މިއީ ހަޔާތުގެ އެންމެ އާރުލާ ދުވަސްވަރު ވަރެވެ. ގަސްގަނޑު ފީވެ ފަތްފޭބި ކަމުގައިވިޔަސް ގަހުގެ މޫ ގަނޑު ވަނީ ވަރަށް ރަނގަޅަށް ފެތުރި ބިމުގެ އެތަކެއް ސަރަހައްދެއް ފަތަހަ ކޮށްފައެވެ. ގަހުގެ މުލުން ކުރިފަޅާ ރޯވި އެތަކެއް ނިރެއްވާނީ ފޯދިފައެވެ. ހަޔާތުގެ ފުރިހަމަ ވަގުތު ގުރުބާން ކޮށްލީ އައު ނިރުތަކެއް ރޯކޮށް ތާޒާ ކުރުވާފައެވެ. ތިބާ އޮހޮރާލި ދަލުން އެތަކެއް ލީޑަރުންނާއި، ބަތަލުންނާއި، ތަފާތު އެތަކެއް ހުނަރުވެރި މޭސްތިރިން އުފެއްދީމުއެވެ. ނަމަވެސް އަދު ތިބާ ގުނަމުން ދާނީ އެހީތެރި ކަމަށް ބޭނުންވާ ޒަމާނެކެވެ. ކުރީން ކުރެވުނު މަސައްކަތްތައް އެހާމެ ފަސޭހަ ލުއިކޮން ކުރުމަކީ ދަތިކަމަކަށް ވެދާނެއެވެ. އެހެން މީހުންގެ އެހީތެރިކަމާއި އަޅާލުމަކީ މި ފެށުނު ވިހިއަހަރުގެ ވަރަށް ބޮޑަށް ބޭނުންވާނެ ކަމެކެވެ.

މިއީ މުސްކުޅިކަމާއި، ބަލިކަށިކަން ފެށިގެން އަންނަ ދުވަސްވަރެވެ. އެންމެ ފުރަތަމަ ވިހި އަހަރުގެ ތެރޭގައި ބައެއްގެ ބެލުމުގެ ދަށުން ކަންކަން ކުރެވެމުން އައިފަދައިން މިދުވަސް ވަރަކީ ވެސް ހަމަ އެފަދަ ދުވަސްވަރެކެވެ. ކޮންމެ ކަމެއް ކުރުމަށް އެހީތެރިޔަކު ބޭނުން ނުވެދާނެއެވެ. ނަމަވެސް މިދުވަސްވަރު އަނެއްކާވެސް ބައެއްގެ އަތްމައްޗަށް މީހާ ބަރޯސާ ކުރުވައެވެ. އެހެނީ މިއީ އުމުރުން ދުވަސްވީކަން އަންގައިދޭ އެތަކެއް ސިގްނަލެއް ތިމާއަށް ލިބިދޭނެ ދުވަސްވަރެކެވެ. ނަމަވެސް ތިބާ ވަނީ އެތަކެއް ތަޖްރިބާ އެއް ކުރެވިފައިވާ މުއްސަދި ހަޒާނާ އަކަށެވެ. ކަންކަން ކުރުމުގައި ތިބާގެ ތަޖްރިބާ އާއި ހިޔާލު ހޯދުމަށް އެހެން މީހުން ޝައުޤުވެރި ކުރުވައެވެ. ދުނިޔެވީ ތަޖްރިބާއިން ހިނގަމުންދާ ޒަމާނުގެ މަސައްކަތްތަކުގައި ރީތި ކުލަތައް ޖައްސާލަދެއެވެ. މިކަމަކީ މި ދުވަސްވަރު ލިބިގެންދާ ވަރަށް ބޮޑު ޝަރަފުވެރިކަމެކެވެ. މިދުވަސްވަރުގައި ތިބާއަށް އިސްރަށްވެހިންގެ ލަގަބު ލިބި ގައުމުގެ އެންމެ އިއްޒަތާއި ޤަދަރު ލިބިގެންވާ ފަންތި އަށް ތިބާ ވާސިލް ކުރުވައެވެ. ފާއިތުވެ ދިޔަ ވިހިއަހަރުތަކުން ލިބުނު ތަޖުރިބާތަކަކީ ދިރާސާވެރިޔަކު ގެނެސްދޭ ޖަވާބުތަކަށް ވުރެ ބޭނުން ހިފޭނެ ކަންކަމަށް ބައެއްފަހަރު ވެދެއެވެ. އިންސާނާގެ ހަޔާތަކީ އަބަދުވެސް ވަށާޖެހި އެއްޖީލު އަނެއްޖީލަށް ބޭނުން ޖެހިފައިވާ ނިމުމެއްނެތް ކަމެކެވެ. ކޮންމެ އައު ޖީލެއް ތަމްރީނު ކުރުމުގައި އޭގެ ދޮށީ ޖީލުގެ ޒިންމާ ވަރަށްބޮޑެވެ. ހަޤީޤަތަކީ ހަޔާތުގެ ބައިތަށް ބަހާލާއިރު މިވަނީ ކޮންމެ ދުވަސްވަރެއްގައިވެސް ވަކި ޒިންމާ ތަކެއް ބަހާލެވިފައެވެ.

ދުނިޔޭގެ ދުވަސްތައް ހިނގަމުންމިދާ އުސޫލު ބަދަލު ކޮށްލުމަކީ އެއްވެސް އިންސާނަކަށް ވާނޭ ކަމެއްނޫނެވެ. އެހެނީ މިކަންކަމަކީ އިލާހީ ފިތުރަތުގެ ނިންމެވުންތަކެވެ. ވިސްނަންވީ ކަމަކީ ކޮންމެ އިންސާނެއްގެ ވެސް ޒިންމާ އެމީހަކަށް ވީ އެންމެ ރަނގަޅަށް އަދާކުރުމެވެ. ފިކުރު ހިންގަންވީ ހަޔާތުގެ ވަގުތުން އެންމެ ސިކުންތެއްވެސް ބޭކާރު ކޮށް ނުލުމަށެވެ. ހަޔާތުގެ ކަންކަން ހިނގާ އުސޫލާމެދު ފުންކޮށް ވިސްނާ ފިކުރު ކުރުމެވެ. އިންސާނާގެ ހަޔާތް ބައްޓަން ކުރެވިފައި މިވަނީ ކޮންފަދަ ތަރުތީބު ކުރުވަނިވި ގޮތަކަށް ހެއްޔެވެ. ކޮންމެ ވިހި އަހަރެއްގެ ޒިންމާ ތަފާތެވެ. ނަމަވެސް ހަމަ ކޮންމެ ދުވަސްވަރަކީވެސް ޖެހިގެން އަންނަން އޮތްދުވަސް ތަކަށް ފައިދާ ކުރުވާނެ ފަރުވާއެކެވެ. ވީމާ ކޮންމެ ފަރުދަކުވެސް ތިމާގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރުމަކީ އިންސާނިއްޔަތަށް ވެވޭނެ މަތިވެރި ގުރުބާނީ އެއްކަމުގައި ވާނެއެވެ. ކޮންމެ ވިހި އަހަރެއް ބުނެދޭ ފިލާވަޅަކީ މިކަމުގެ ހެއްކެއް ކަމުގައިވާނެއެވެ.  

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް