Advertisement
header ad
XeeTimesXeeTimes
އިހުމާލުން ގޮހޮރު ބުރިކުރަން ޖެހުނު މީހާގެ އިތުރު އޮޕަރޭޝަނެއް ކުރަންޖެހޭ! ސިއްޙަތު

އިހުމާލުން ގޮހޮރު ބުރިކުރަން ޖެހުނު މީހާގެ އިތުރު އޮޕަރޭޝަނެއް ކުރަންޖެހޭ!

މިއީ ކޮންފަދަ ބޮޑު އިހުމާލެއްތޯއެވެ. ފުވައްމުލަކު ހޮސްޕިޓަލުން އައިޝާ (އަސްލު ނަމެއް ނޫން) ސިޒޭރިއަން ހެދީ މިއަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގައެވެ. އައިޝާ އަކީ 3 ކުދިންގެ މަންމައެކެވެ. ކުޑަ ދަރިފުޅަށް މިމަހުގެ 24 ވަނަ ދުވަހު 3 މަސް ފުރޭއިރު ދެން ހުރީ މިމަހުގައި 2 އަހަރު ފުރޭ ކުއްޖަކާއި 5 އަހަރުގެ ކުއްޖެކެވެ. 3 ކުދިން ވެސް މިވަގުތު ދިރިއުޅެމުންދަނީ ލޯބިވާ މަންމައާއި ވަކިން އާއިލާގެ މެންބަރުންނާއި އެކުގައި މާލޭގައެވެ.

ތުއްތު ތުއްތު ދަރިފުޅަށް މަންމަގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވާ ވަގުތު އެ މަންމަ މިވަނީ ބޮޑު އޮޕަރޭޝަނަކަށްފަހު އެޑްމިޓްކުރެވިފައެވެ. ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއްވެސް އަދި ބުނަން ނޭނގެއެވެ. އޭނާގެ ފިރިމީހާ 'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން ވަނީ އަންހެނުންނަށް ފުވައްމުލަކު ހޮސްޕިޓަލުން ދިމާވި އިހާނެތިގޮތުގެ ތަފްސީލް ކިޔައިދީފައެވެ.

މިއީ އުމުރުން 29 އަހަރުގެ އައިޝާ ސިޒޭރިއަން ހެދި ތިންވަނަ ފަހަރެވެ. އެހެންފަހަރުތަކާއި ޚިލާފަށް މިފަހަރު ދިޔައީ ބަނޑުގެ އެއްފަޅިއަށް ވަރަށްބޮޑަށް ތަދުވަމުންނެވެ.  

Article - in content
Advertisement

" އެއްޗެއް ކާއިރަށް ވަރަށް ތަދުވޭ. އަދި ދޭތެރެއަކުން ތަދު ބޮޑުވޭ. ފުވައްމުލަކު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަމުން އައީ. ސްކޭންކޮށްފަވެސް ބުނީ ރަނގަޅުކަމަށް. އެހެންނަމަވެސް ސިޒޭރިއަން ހެދިތަނުން ތަންކޮޅެއް ދުޅަވެފައިންކަމަށް ބުނީ. އެންޓިބައޮޓިކް ދިނީ" ފިރިމީހާ ކިޔައިދިނެވެ.

ވޭތުވެދިޔަ 2 މަހެއްހާ ދުވަހު އުޅެންޖެހުނީ ބޮޑު ވޭނެއްގައެވެ. އެންމެފަހުން 2 މަސްވީއިރު ކެތްނުވާ ވަރަށް ތަދު ބޮޑުވީއެވެ. އެހާހިސާބުން އަނެއްކާވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ހުރި އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް ބަލިމީހާ ދެއްކިއެވެ. އޮޕަރޭޝަން ޑޮކްޓަރަށް ދައްކަން ބުނެގެން އެ ޑޮކްޓަރަށް ދެއްކުމުން ބުނީ ވީހާ އަވަހަކަށް ސީޓީސްކޭން ހެދުމަށް އައްޑޫސިޓީ ނުވަތަ މާލެއަށް ދިއުމަށެވެ.

" މި ޖުލައިމަހުގެ 5 ވަނަ ދުވަހު މާލެ އައިސް އައިޖީއެމްއެޗް އަށް ދެއްކުމުން ސީޓީ ސްކޭން ހަދާފައި ބުނީ ގޮހޮރުގެ ތަންކޮޅެއް ކަފައިގެން ގޮސްފައި ހުރިކަމަށް. ސީދާ ވާގޮތެއް އެނގޭނީ ހުޅުވާލާފަ ބެލީމައޭ ބުނި. އެއިރުވެސް ވަރަށްގަދައަށް ހޮޑުލާ. އެންޓިބައޮޓިކް ދިނީ. ބުނި ފާރުހުރިއްޔާ ބޭސް ބޭނުންކުރީމަ ރަނގަޅުވާނެކަމަށް. އެކަމަކު ރަނގަޅުނުވީމަ ސްކޭން ކޮށްފައި ބުނީ ގޮހޮރު ހަލާކުވެފައިހުރިކަމަށް. ބުދަ ދުވަހުގެރޭ އޮޕަރޭޝަންކޮށްފައި ބެލިއިރު ގޮހޮރުގައި ބެންޑޭޖް ފޮތިގަނޑެއް އޮތް ވާހަކަބުނި. ވަރަށްބޮޑު އެފޮތިގަނޑު. ގޮހޮރުގައި ތައްލަވައިގެންގޮސް ގޮހޮރު ހަލާކުވެފަހުރީ" ފިރިމީހާ މައުލޫމާތުދިނެވެ.

އޮޕަރޭޝަންކޮށްފައި ނެގި ބެންޑޭޖް ފޮތިގަނޑު އަދި ގޮހޮރުން ބުރިކުރިބައި

އޮޕަރޭޝަނަށްފަހު ފުރަތަމަ ފަރުވާދިނީ އައިސީޔޫގައެވެ. އެހެންނަމަވެސް މިހާރުވަނީ ވޯޑަށް ބަދަލުކޮށްފައެވެ.

" ގޮހޮރުގެ ހަލާކުވިބައި ކަޑާފަވީ. ގޮހޮރުގެ ބައެއް މިހާރު ހުރީ ބަނޑުން ބޭރަށް ނެރެފަ. ދެން ބޭގެއް ގުޅާފަހުރީ. އަދި  ގޮހޮރުން އެ ބޭރުކުރި ބައި އަނެއްކާ ބަނޑުތެރެއަށް ލުމަށް 2މަސް ނުވަތަ 3މަސް ވެސް ވެދާނެކަމަށް ބުނީ. އެ އޮޕަރޭޝަން ކުރެވޭނެ ސީދާ ތާރީޚެއް ނޭނގެނީ އެކި މީހުންނަށް ދިމާވަނީ އެކިގޮތް. އަދި ގެއަށް ފޮނުވާލާނެ ދުވަހެއް ނޭނގޭ" އޭނާގެ ފިރިމީހާ ތަފްސީލްކޮށް ކިޔައިދެމުން ބުންޏެވެ.

އައިޝާ އަށް މިހާރު ކުޑަކޮށް ވާހަކަދެއްކެއެވެ. އެކަމަކު އެއްވެސް އެއްޗެއް އަދި ކާން ނުދޭއިރު މިދިމާވި ހިތްދަތި ހާލަތުން އާންމު ދިރިއުޅުމެއް އުޅެވޭނެ ދުވަހެއް ބުނަން ނޭނގެއެވެ. ސިއްޙީ އެހީތެރިންގެ އިހުމާލުން މިދިމާވީ މުޅިއުމުރަށް ދިގުދެމިގެންދާފަދަ ހިތްދަތިކަމެކެވެ. ވޭނެކެވެ. ހަމައެކަނި ޑޮކްޓަރު ވަޒީފާއިން ވަކިކުރުމުން މިކަމަށް ހައްލެއް ނުލިބޭނެއެވެ. މާދަމާ މިފަދަ ގޮތެއް މެދުވެރިވާނީ މިފަދަ އެހެން މަންމައަކަށް ނޫންކަމެއް ނޭނގެއެވެ.

ބޮޑެތި އިހުމާލުތައްވަމުންދާ ޑޮކްޓަރުންގެ ތަޢުލީމީ ފެންވަރާއިމެދު ސުވާލުއުފެދެއެވެ. މިފަހަރުވެސް މިއިހުމާލުވީ އެހެން ގައުމެއްގެ ޑޮކްޓަރެކެވެ. ދިވެހިރާއްޖެއަށް ޑޮކްޓަރުން ގެންނައިރު އެމީހުންގެ ފެންވަރު ޔަގީންކުރަނީ ކޮންގޮތަކަށްތޯ މިއީ މިއަދު އެނގެންޖެހޭ ކަމެކެވެ. އިހުމާލަކަށްފަހު އިހުމާލެއް ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރުގެ ސަބަބުން ދިމާވަމުންދިޔަ ކަމަށް އެރަށުގެ ރައްޔިތުން ބުނަމުންދިޔައިރު، އެމައްސަލަ ބެލުމަށްފަހު އަވަހަށް ފިޔަވަޅު ނެއެޅުނީ ކީއްވެގެންތޯއެވެ؟

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން ރޭގެވަގުތެއްގައި ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ. " ހޮސްޕިޓަލުގައި މަސައްކަތްކުރާ އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ ފަރާތުން މާބަނޑުމީހުންނާއި ދަރިންގެ ފުރާނަޔަށް ގެއްލުންވާފަދަ ބައެއް ހާދިސާތައް ހިނގަމުންދާކަމުގެ ޝަކުވާ ލިބުމާއި ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު މި ކައުންސިލްގެ ކުއްލި ޖަލްސާއެއް ބޭއްވުމަށްފަހު ނިންމާފައިވަނީ ހޮސްޕިޓަލުން ހައްލުވާން ހުރިކަމެއްނަމަ މަޝްވަރާކޮށް ހައްލުކުރުމަށް. އަދި ހޮސްޕިޓަލުން ހައްލު ނުކުރެވޭ ކަންތައްތައް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހައްލުކުރުމަށް"

ކުއްލި ޖަލްސާއެއްގައި ސިޓީކައުންސިލުން 12 ވަނަ ދުވަހު މަޝްވަރާކުރިއަސް މިކަމާއިގުޅޭގޮތުން ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވަނީ 15 ވަނަ ދުވަހުގައި ކަމަށް ވަނީ އެބަޔާނުގައި ބުނެފައެވެ.

" އަންހެނުންގެ ޑޮކްޓަރާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަކީ ކަންބޮޑުވާންޖެހޭވަރުގެ ވާހަކަތަކެއް ކަމާއި، އަދި ފާއިތުވި ދެމަސް ދުވަހުގެތެރޭގައި ކުރި ސިޒޭރިއަން އޮޕަރޭޝަންތަކުގެތެރެއިން ތިން ކޭސް އެއް ވަނީ މައްސަލަތަކެއް ދިމާވެ މާލެ ފޮނުވާލެވިފައިކަން އެނގުނު. މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަންހެނުންގެ ޑޮކްޓަރު ވަގުތުން ވަގުތަށް މަސައްކަތުން އެކަހެރިކުރުމަށް މިކައުންސިލުން ވަނީ ހެލްތް މިނިސްޓްރީއަށާއި ހޮސްޕިޓަލުގެ މެނޭޖްމަންޓުގައި އެދިފައި. އަދި އެހެން ޑޮކްޓަރަކު ހަމަޖައްސައި ދިނުމަށް ހެލްތްމިނިސްޓްރީއަށް ދަންނަވާފައިވާއިރު މިކަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެވިފައި" ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.

އޮޕަރޭޝަން ކޮށްފައި ނަގާފައިވާ ބެންޑޭޖް ފޮތިގަނޑު

ފާއިތުވި ދެމަހެއްހާ ދުވަހު ދިމާވެފައިވާ ހާދިސާތަކަކީ އެކަމުގެ ސަބަބުން މައިމީހާއާއި ދަރިފުޅުގެ ފުރާނައަށް ނުރައްކާތެރިކަން ލިބިދާނެފަދަ ކަންތައްތަކަށްވީހިނދު މިއީ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއް ކަމަށް ބަޔާނުގައި ތަކުރާރުކޮށް ފާހަގަކޮށްފައިވާއިރު، ކައުންސިލްގެ ކުއްލި ޖަލްސާއެއްގައި މިމަހުގެ 12ވަނަ ދުވަހު މިކަމާއިގުޅޭގޮތުން މަޝްވަރާކުރެވި ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ބައްދަލުކުރުން 3 ދުވަހަށް ލަސްވުން މިއީ ކަންބޮޑުވުމެކެވެ. އިހުމާލުވާ މިފަދަ ޑޮކްޓަރުންނާއި މެދު ފިޔަވަޅު ނޭޅި ފާއިތުވާ ކޮންމެ ވަގުތަކީ އެހެން ބަލިމީހަކަށް އޮތް ނުރައްކަލެކެވެ.

އިހުމާލަކަށް ތުހުމަތުކުރެވޭ ވަގުތުން ފެށިގެން އެމައްސަލައެއް ބަލާ ނިމެންދެން އިހުމާލުވާމީހަކު ވަގުތުން ވަގުތަށް ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކުރެވެން ޖެހޭނެއެވެ. މިދެކެވެނީ އާދައިގެ އޮފީހެއްގައި މަސައްކަތްކުރާ މީހެއްގެ ވާހަކައެއް ނޫނެވެ. ޑޮކްޓަރެއްގެ ވާހަކައެވެ. ސިއްޙީ ޚިދުމަތް ފޯރުކޮށްދޭންހުރި މީހެއްގެ ވާހަކައެވެ. މިފަދަބޮޑު އިހުމާލުތަކެއް ފުވައްމުލަކު ހޮސްޕިޓަލުން ފެންމަތިވެގެން އުޅޭއިރު އެހޮސްޕިޓަލުން ބަޔާނެއްވެސް މިއަދު ހެނދުނާއި ހަމައަށް އާންމުކޮށްފައިނުވެއެވެ. ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދޭންޖެހެއެވެ. ފުވައްމުލަކު ހޮސްޕިޓަލަށް ޒީޓައިމްސް އިން ގުޅުމުން ވެސް ވަނީ މިމައްސަލައާއި ގުޅޭގޮތުން ބަޔާނެއް ނުނެރޭކަމަށް ބުނެފައެވެ. އިތުރު މަޢުލޫމާތު ދެއްވާނީ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސަޢީދު ކަމަށް ބުނެފައިވާއިރު، ސަޢީދު ފޯން ނުނަންގަވާތީ ހޮސްޕިޓަލުގެ ރަސްމީބަހެއް ލިބޭގޮތްވަނީ ނުވެފައެވެ.

ނޯޓް: މި ރިޕޯޓުގައި ބަލިމީހާއާއި އޭނާގެ ފިރިމީހާގެ ނަން ނުހިމެނީ އާއިލާގެ އެދުމުގެމަތިންނެވެ. 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

އާާމިނަތު 19ޖުލައި2021

އަޅުގަނޑު 2019 ގަ ދަރިފުޅު ނަގަން igmh އިން ސިޒޭރިއަން ހެދިން. 8 ދުވަސް ވީ އިރުވެސް އަޅުގަނޑުގެ ހާލަތު ވަރަށް ގޯސް. ބަނޑަށް ވަރަށް ތަދުވި. އަދި މުޅި މީހާ އޮތީ ދުޅަވެފަ. ދެ ފަހަރަށް ސިޓީ ސްކޭން ހެދި. ނަމަވެސް ޑޮކްޓަރުންނަށް ވާގޮތެއް ނޭނގޭ. އެންމެ ފަހުން އަޅުގަނޑު ހޮވައިގެން ފިރިމީހާ ދިޔައީ އިންޑިޔާ އަށް. އެންމެ 8 ދުވަސް ވީ ކުޑަ ދަރިފުޅު ރަށަށް ފޮނުވާލާފަ. އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުން ސިޓީ ސްކޭން ހެދުމަށްފަހު ވަގުތުން ވެއްދީ އޮޕަރޭޝަން އަށް. އޮޕަރޭޝަނަށްފަހު ޑޮކްޓަރުން މައުލޫމާތު ދިނީ ދަރިފުޅު ނަގަން ހެދި ސިޒޭރިއަން ގަ ގޮހޮރު ފަޅައިގެން ގޮސް ބަނޑު ތެރެއަށް ނަޖިސްލީކުވެ ގޮހޮރުން ބައެއް ނަގަން ޖެހުނީ ކަމަށް. އަދި މިކަމުގެ ސަބަބުން ގޮހޮރުން ބައެއް ބަނޑުން ބޭރަށްވެސް ނެރެން ޖެހުނު. އަދި ބޭގެއްވެސް އަޅުވަން ޖެހުނު. މި ވޭނުގަ 1 އަހަރާ 7 މަސް އަޅުގަނޑު ހޭދަ ކުރިން. އިރާދަ ކުރެއްވީތީ މިހާރު އަޅުގަނޑު މިވަނީ އަނެއްކާވެސް އިތުރު އޮޕަރޭޝަނެއް ކޮށް ގޮހޮރުން ނެރުނު ބައި އެތެރެއަށް ލެވިފަ. މިހާރު ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު. އަޅުގަނޑުގެ ދުޢާ އަކީ މި ކުއްޖާއަށް ވެސް ކެއްތެރިކަން ދެއްވާ މި ކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުން. އާމީން 6

Annaonyymus 18ޖުލައި2021

Alhugadakeevx naruheh.operation theatre gavx work khfa huri..vrh ragalhah ceserian ga kanthah dhaagoiegey..knme surgery eh feshumuge kurin operation ga beynun kuraa hurihaa count kh record kureveyne..bandage fothivx count kuraane. Operation nimmaalumah fahuvx hurihaa ehchh hama tho count kuraane..mihn hadhanee olhumakunvx patient ge hashigadu thereah ehchh dhookhlevifa vedhaanethee..mi count kurumuge masahkai kuraanee edhuvahaku ekamah kada alhaafa hunna naruheh..meega vanee hama ekani dr ge ihumaaleh noon..evaguthu theatre ga thibi emmehaa muvahzafunge ihumaalu vee..assistant khdheyn hunna scrub nurse ahvx egenvaane eyna ethereah lehvi bandage nerevijje kan noonee nunere veykan..mee emmenge ihumaalu..dr ekanyyeh noon 6

ހަސީ 18ޖުލައި2021

ދެން ފޮނުވާލާނީ އެހެން ރަށަކައް ސަރުކާރުގެ ބޮޑެތިމީހުންގެ އާއިލާ ތަކަށް ފަރުވާ ކުރަނީ ރާއްޖޭން ބޭރަށް ފޮނުވައިގެން 2

Nnnnn 18ޖުލައި2021

Dr kuriyas ethaa assist kuran thibi bayakah ves engeyne dww… Sirru kurevigen nuvaane balimeeha ah gellumeh vaa kamehga 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —