އަތުގައި އަޅާ ސްމާޓް ވޮޗްގެ ސްކްރީނުން ކަމުގައި ވިޔަސް ނުވަތަ ފޯނުގެ ނޮޓިފިކޭޝަނުން ކަމުގައި ވިޔަސް، "10،000" މި ޢަދަދަކީ މިއަދު އަހަރެމެންގެ ދިރިއުޅުމުގެ އެންމެ ގާތް އެކުވެރިޔާއަށް ވެފަައިވާ ޢަދަދެކެވެ. ކޮންމެ ދުވަހަކު މި ޢަދަދަށް ވާސިލުވުމަށްޓަކައި އެތައް ބަޔަކު ހިނގާ، ދުވެ، އަދި އަމިއްލަ ނަފުސަށް ޗެލެންޖުކުރެއެވެ. އެކަމަކު، މި ޢަދަދުގެ ފަހަތުގައި ވަނީ ކޮން ކަހަލަ ޙަޤީޤަތެއް ހެއްޔެވެ؟ މިއީ ހަމަ ޙަޤީޤަތުގައިވެސް ސައިންސްވެރިން ކަނޑައަޅާފައިވާ ލާޒިމު މިންގަނޑެއް ހެއްޔެވެ؟

މި ވާހަކައިގެ ފެށުން ގުޅިފައިވަނީ މީގެ އަހަރުތަކެއް ކުރިން، 1964 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ޓޯކިޔޯ އޮލިމްޕިކްސްގެ ކުރިން ފެށުނު ވަރަށް ކާމިޔާބު މާކެޓިން ކެމްޕޭނަކާއެވެ. އޭރު މި ޢަދަދު ޚިޔާރުކުރެވުނީ، ޖަޕާނު ބަހުން 10،000 ދައްކުވައިދޭ އަކުރު ސިފަވަނީ ހިނގާފައިދާ މީހެއްގެ ސިފައިގައި ކަމަށްވާތީ، ވިޔަފާރީގެ ބޭނުމަކަށެވެ. އެއްވެސް ޢިލްމީ އަދި ސައިންޓިފީކް ހެއްކެއް ނެތި ފެށުނު މި ކެމްޕޭނުގެ ސަބަބުން، މި ޢަދަދު ފަހުން ވެގެންދިޔައީ މުޅި ދުނިޔެ ޤަބޫލުކުރި ފިޔަވަޅު ގުނުމުގެ މިންގަނޑަކަށެވެ. ނަމަވެސް، މިއީ އެންމެންގެ ހަށިގަނޑަށް އެއްވަރަކަށް ފެތެންޖެހޭ މަޖުބޫރު އުޞޫލެއް ނޫންކަން ދެނެގަންނަންޖެހެއެވެ. ފިޔަވަޅު ގުނުމުގެ ދަތުރު ފަށާއިރު އެންމެ ބުއްދިވެރިގޮތަކީ ތިމާގެ ޤާބިލުކަމަށް ބަލައިގެން، ކުޑަ މިންވަރަކުން ފަށައި ދުވަހެއް ދުވަހަކަށް މަޑުމަޑުން އިތުރުކުރަމުން ދިއުމެވެ.
މާކެޓިން ކެމްޕޭނަކުން އުފެދުނު މި ޢަދަދަކީ ފަހުން ސައިންސާއި ބޭސްވެރިކަމުން އެންމެ ފުރިހަމައަށް ސާބިތުކޮށްދިން ރަނގަޅު މިންވަރެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު ގާތްގަނޑަކަށް 9,800 ފިޔަވަޅު އެޅުމަކީ ސިކުނޑި ބަލިކަށިވުމުގެ ނުރައްކާ %50 ކުޑަކޮށްދޭ މިންވަރެކެވެ. އަދި ޤުދުރަތީ ވެއްޓެއްގައި މި ވަރުގެ ހިނގާލުމެއް ފުރިހަމަކުރުމަކީ ހާސްކަމާއި ނަފްސާނީ ނުތަނަވަސްކަން ފިލުވައިދީ، ހުޅުހުޅުގައި ރިއްސާ ބަލި (arthritis) ހުންނަ މީހުންނަށް ކަކުލާއި ހުޅުތަކަށް ލިބޭ ވޭން ލުއިކޮށްދޭ ކަމެކެވެ.
ފާހަގަކޮށްލެވޭ ތަފާތު އެއްކަމަކީ، ކައި ނިމިގެން 5 މިނިޓާއި 10 މިނިޓުގެ މިންވަރަކަށް، އެހާބާރު ނޫން ހިނގުމެއްގައި ހިނގާލުމަކީ ހަޖަމުކުރުމުގެ ކަންކަން ފަސޭހަކޮށްދީ، ލޮޑުކަމާއި ކަންނެތްކަމުން ތިމާ ދުރުކޮށްދޭނެ ކަމެއްކަމެވެ. މިވަގުތުކޮޅުގައި ގާތްގަނޑަކަށް 500 އާއި 1000 ފިޔަވަޅުގެ މިންވަރަކަށް ހިނގޭނެކަމަށް ބެލެވެއެވެ. ދުވާލު ކޮންމެ ކެއުމަކަށްފަހު މި ޢަމަލު ތަކުރާރުކޮށް ކުރާނަމަ، ދުވަހުގެ ޓާގެޓް ފިޔަވަޅުގެ ޢަދަދާއި ވާސިލްވުމަށް އެހީވެ، ކަންކަމަށް ދެވޭ ސަމާލުކަމާއި މޫޑު ރަނގަޅުކޮށްދޭކަމަށް މިކަމުގެ މާހިރުން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ޖާމާ އިންޓަރނަލް މެޑިސިން އަދި ޖާމާ ނިއުރޮލޮޖީ ފަދަ މަޝްހޫރު ޖާނަލްތަކުގައި ޝާއިޢުކޮށްފައިވާ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި، ދުވާލަކު 10,000 ފިޔަވަޅު އެޅުމަކީ ކުއްލި ސްޓްރޯކްގެ ނުރައްކާ ކުޑަކޮށް، ހިތުގެ ބަލިތަކާއި، ބައެއް ވައްތަރުގެ ކެންސަރާއި، ސްޓްރޯކާއި، ހާޓް އެޓޭކް ފަދަ ނުރައްކާތަކުން ދުރުކޮށްދޭ މުހިންމު އައްސޭރިއެކެވެ. މިއީ ސިކުނޑިއަށް ބޭނުންވާ ތާޒާކަން ގެނެސްދީ، އުފެއްދުންތެރި ޚިޔާލުތައް ބިނާކުރުމަށްވެސް ބޮޑުބާރަކަށް ވެގެންދާ ކަމެއްކަން މި ދިރާސާތަކުގައި އަލިއަޅުވާލާފައިވެއެވެ.
ނަމަވެސް، ފިޓްނަސް ލަނޑުދަނޑިތައް ކަނޑައެޅުމުގައި އެންމެންނަށް އެއް އުޞޫލެއް ނުހިނގާނެތާއެވެ. ކުޑަކުދިން ޤުދުރަތީގޮތުން ހަރަކާތްތެރިވާ މިންވަރު ބޮޑުކަމުން، އެ ކުދިން ޢާންމުކޮށް ދުވާލަކު 10,000 އާއި 16,000 އާ ދެމެދުގެ ފިޔަވަޅު އަޅާކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ބޮޑެތި މީހުންގެ ތެރެއިން ފިރިހެނުން ޢާންމުކޮށް ދުވާލަކު 5,340 ފިޔަވަޅު އަޅާއިރު، އަންހެނުންނަށް އުޅެވެނީ ގާތްގަނޑަކަށް 4,912 ފިޔަވަޅުގައެވެ. މީގެ މާނައަކީ 10,000 ފިޔަވަޅަށް ދިއުމަކީ މިހާރު ހިނގާ މިންވަރު ދެގުނަ ކުރުމެވެ. ޢުމުރުން ދުވަސްވީ މީހުންގެ ކަންކަން މިއާ ޚިލާފެވެ. 60 އަހަރުން މަތީގެ މީހުންނަށް ދުވާލަކު 6,000 އާއި 8,000 ފިޔަވަޅާ ހަމައިން ޞިއްޙީ ފައިދާގެ އެންމެ މަތީ ދަރަޖައަށް ވާސިލުވެވެއެވެ. ވީމާ، މިއީ އެއްވެސް ޙާލެއްގައި ފާސް ނުވަތަ ފެއިލްވާ އިމްތިޙާނެއް ނޫނެވެ. މުހިންމީ، ތިމާގެ ހަށިގަނޑުގެ ޤާބިލުކަމަށް ބަލައި، ކުޑަ މިންވަރަކުން ފަށައި، މަޑުމަޑުން އަމާޒު މައްޗަށް ޖެއްސުމެވެ.
ތިމާގެ އަމިއްލަ ނަފްސާއި އެކަށޭނަ ފިޔަވަޅުތަކުގެ ޓާގެޓެއް ހޯދުމަކީ މިހާރު މާ އުނދަގޫކަމެއްނޫނެވެ. ޗެޓްޖީޕީޓީ ނުވަތަ ޖެމިނައި ފަދަ އޭއައި އެޕެއްގައި ޢުމުރާއި، ބަރުދަނާއި، އިސްކޮޅު އަދި ބަރުދަން ލުއިކުރުން ނުވަތަ ކޮލެސްޓްރޯލް ކޮންޓްރޯލްކުރުން ފަދަ ޓާގެޓެއް ޙިއްސާކޮށްލުމުން އެމީހަކަށް އެންމެ އެކަށީގެންވާ ފިޔަވަޅުތަކުގެ މިންގަނޑެއް ޙިއްސާކޮށްލައެވެ. މި މިންގަނޑަކީ ބޭނުންނަމަ، ފިޓްނެސް އިންސްޓްރަކްޓަރަކާއި ވާހަކަދައްކަލައިގެންވެސް ހޯދިދާނެ މިންގަޑެކެވެ.
މި ހުރިހާ ކަމެއް ތަންފީޒުކުރުމަށްޓަކައި 10,000 ފިޔަވަޅަކީ ކިހާ ދުރެއް ހެއްޔެވެ؟ މިއީ މީހާގެ ފިޔަވަޅުގެ ދިގުމިނަށް ބަލައިފައި ގާތްގަނޑަކަށް 5 މޭލު (8 ކިލޯމީޓަރު) ގެ ދަތުރެކެވެ. މިއީ ހުއްޓާނުލައި ހިނގާނަމަ ގާތްގަނޑަކަށް 1 ގަޑިއާއި 40 މިނެޓުގެ ވަގުތު ހޭދަވާނެ ކަމެކެވެ.
ހަމައެއާއެކު، މިއީ ހަށިގަނޑުގައި ހުންނަ އިތުރު ސަރުބީ އާއި ކެލޮރީ ދަށްކޮށްލައި ބަރުދަން ލުއިކުރުމަށް ވަރަށް ބޮޑަށް އެހީވެދޭ ކަމެކެވެ. އެކިމީހުންގެ ބަރުދަނަށް ބަލާއިރު ކެލޮރީ އަނދާ މިންވަރު ތަފާތުވެއެވެ. 10 ހާސް ފިޔަވަޅުން، 54.4 ކިލޯގެ މީހަކު ގާތްގަނޑަކަށް 250-300 ކެލޮރީ އަންދާއިރު، 70.3 ކިލޯގެ މީހަކު 350-400 ކެލޮރީ އަދި 83.9 ކިލޯގެ މީހަކު 400-450 ކެލޮރީ އަންދައެވެ. މިއީ ޒަމާނީ ސްމާޓްފޯނުތަކާއި، ސްމާޓް ވޮޗްތަކާއި، އަދި ޕެޑޯމީޓަރުގެ އެހީގައި ވަރަށް ފަސޭހައިން މޮނިޓަރ ކުރެވޭނެ ކަންކަމެވެ.

ހިނގުމަކީ އިންސާނާގެ ދިރިއުޅުމަށް އެންމެ ފަސޭހައިން ގެނެވޭނެ އެންމެ ފައިދާހުރި، އަދި އެއްވެސް ޚަރަދެއް ނުހިނގާ ކަސްރަތެއްކަން ފާހަގަކޮށްލަމެވެ. މިއަށް އެއްވެސް ފީއެއް ނުވަތަ ޚާއްޞަ ސާމާނެއް ބޭނުމެއް ނުވެއެވެ. ކޮންމެ ތަނެއްގައި، ކޮންމެ ވަގުތެއްގައި، ކޮންމެ ޢުމުރެއްގެ މީހަކަށްވެސް މިއީ ކުރެވޭނެ ކަމެކެވެ. ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ފިޔަވަޅުތައް އިތުރުކުރުމަކީ އުނދަގޫ ކަމެއް ނޫންކަން މި ދިވެހި މުޖުތަމަޢުގެ އެތަށް ބަޔަކުވަނީ ސާބިތުކޮށްދީފައެވެ.
ފަތިހު ފަތިސް ނަމާދަށްފަހު ނިދަން ނޯވެ ހިނގާލަން ދިޔުމާއި، ނުވަތަ ހަވީރުގެ ފިނީގައި ދަރިންނާއި އެކު ޕާކަށްގޮސް ހިނގާލުމާއި، ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުމާއި، ގޭގައި ވޯކިންގ ޕެޑާއި ޓްރެޑްމިލް ބޭނުންކުރުމަކީ މިކަމަށް އެކިއެކި މީހުންގެ ފަރާތުން ފެނިފައިވާ ތަފާތު އުކުޅުތަކެވެ. މީގެއިތުރުން، ސައިކަލު ދުރުގައި ބަހައްޓާފައި ތަންތަނަށް ހިނގާފައި ދިއުމާއި، ކައިރި ފިހާރަތަކާއި މިސްކިތްތަކަށް ހިނގާފައި ދިޔުމާއި، އެކުވެރިންނާއެކު ފިޔަވަޅު ގުނުމުގެ މުބާރާތެއް ފަށައިގެން ކުރިއަށްދިއުމަކީ މި ކަސްރަތު ކުރުން މަޖާ ކަމަކަށް ހަދައިދޭނެ ކަންކަމެވެ.
އެންމެ ފަހުން ބުނަން އޮތް ވާހަކައަކީ، ފުރަތަމަކޮޅު 10,000 ފިޔަވަޅަށް ވާސިލުވުން އުނދަގޫވެ، ހަށިގަނޑަށް ތަދެއް ވެއްޖެނަމަ ހުއްޓައިލުމުގެ ބަދަލުގައި އަރާމުކޮށް، އަމިއްލަ ޤާބިލުކަމަށް ބަލައިގެން އަމާޒު ބަދަލުކުރާށެވެ. އެންމެ މުހިންމު ކަމަކީ ހުއްޓާނުލައި ކުރިއަށްދިއުމެވެ. ކުދިކުދި ފިޔަވަޅުތަކަކުން ފަށައިގެން ފައިނަލް ޓާގެޓަށް ވާޞިލްވުމަށާއި ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް މިއީ އަސްލުވެސް އަޅާލެވޭނެ ވަރަށް ފުރިހަމަ ފިޔަވަޅެއްނޫންތޯއެވެ.
މަސްދަރު: ނަފީލްޑް ހެލްތް، ނެޝަނަލް ހެލްތް ސަރވިސް، ދަ ބީއެމްޖޭ









