ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ (އެސްއެމްޔޫ) އާއެކު މުވައްޒަފުންގެ ލީޑަރޝިޕް ތަރައްޤީކުރުމާއި ޕްރޮފެޝަނަލް އެޑިއުކޭޝަން އަދި ގާބިލުކަން އިތުރުކުރުމުގެ ބޭނުމުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އެކެޑަމީއާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެއެވެ. ބީއެމްއެލް އެކެޑަމީ އަކީ ބޭންކުގެ މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އުފައްދާފައިވާ އެކެޑަމީއެކެވެ.

" ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތައްޔާރުކުރެވޭ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމާއި ހިންގުމުގައި އެސްއެމްޔޫއިން އެހީތެރިކަން ފޯރުކޮށްދޭނެ. އަދި ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ތެރެއިން ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރެވޭނެ. މީގެ ސަބަބުން، ފެންވަރު ރަނގަޅު ތަމްރީނު ފުރުސަތުތައް ފުޅާކުރުމަށާއި މެދުނުކެނޑި ފަންނީ ކުރިއެރުން ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ބީއެމްއެލް އެކަޑަމީއިން ކުރާ މަސައްކަތްތައް އިތުރަށް ތަރައްގީވެގެންދާނެ". ބީއެމްއެލްއިން މައުލޫމާތުދީފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި ޕާޓްނަރޝިޕުގެ ސަބަބުން ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތް ހާމަވެގެންދާކަމަށެވެ.
" ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އިގްތިސާދު ބައްޓަންކުރުމުގައި އަޅުގަނޑުމެން މުހިންމު ދައުރެއް އަދާކުރަން. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، އަޅުގަނޑުމެން މި ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސްޓްރަކްޗަރޑް ތައުލީމީ ޕްރޮގްރާމްތަކެއް. މިއާއެކު އަޅުގަނޑުމެންގެ އިގްތިސާދުގެ ލީޑަރުންގެ ގޮތުގައި މުސްތަގުބަލުގައި ތިބޭނެ ފަރާތްތައް ބާރުވެރިކުރެވިގެން މި ދަނީ." ޝަރީފް ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރު ބީއެމްއެލްގެ 40 މުވައްޒަފަކު ވަނީ އެސްއެމްޔޫގެ ލީޑަރޝިޕް ޕްރޮގްރާމްތައް ނިންމާފައެވެ. މީގެތެރެއިން ސީނިއަރ 20 މުވައްޒަފަކު އެސްއެމްޔޫއިން ދޭ 'އެގްޒެކެޓިވް ސެޓިފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައިވާއިރު، އިތުރު 20 މުވައްޒަފަކު ވަނީ އެސްއެމްޔޫއިން ހިންގި ސެޓިފިކެޓް ޕްރޮގްރާމެއް ނިންމުމަށްފަހު ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް 'ސެޓިފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައެވެ. އެސްއެމްޔޫ އާއި ބީއެމްއެލް އެކެޑެމީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާއިރު، މިފަދަ އިތުރު ތަމްރީނުތައް ދަނީ ހިންގަމުންނެވެ.
މުވައްޒަފުން ހުނަރު ތަރައްގީކުރުމަށާއި މުޅި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް ބީއެމްއެލްއިން ދަނީ މަސައްކަތްކުރަމުންނެވެ. މިއީ ބޭންކުން ގެންނަމުން އަންނަ ހެޔޮ ބަދަލުތަކަށާއި، ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެކެވެ.













