April 23, 2026 19:51
Advertisement

-Advertisement-

ވޯޓަކީ ސިއްރެއް، ވޯޓު ދޭންވީ އަމިއްލައަށް ބޭނުންވާ މީހަކަށް!

އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނަގާ އާންމު ވޯޓާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފޯރި މިވަނީ ވަރަށް ގަދަވެފައެވެ. މިދުވަސްވަރު ފޯނު އިންތިހާއަށް ބިޒީއެވެ. ނުދަންނަ އެތައްބައެއްގެ ފޯނުކޯލު އަންނަވަރު އިންތިހާއަށް ގިނައެވެ.

މަގުމަތިން ފެނުނަސް ވޯޓު ދޭނަންތޯ އަދި ދޭނީ ކާކަށްތޯ އަހާ މީހުން މަދެއް ނޫނެވެ. އާ ޤާނޫނު އަސާސީ އެކުލަވާލެވި ސިޔާސީ ޕާޓީތައް ވުޖޫދަށް އައިފަހުން ސިޔާސީ ވާދަވެރިކަން އިންތިހާއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ހައްޤު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ. މި ފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެއެވެ.

Advertisement

ސިއްރު ވޯޓެކޭ ބުނެފައިވީކަމުގައިވިއަސް ބައެއް ފަހަރަށް ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ މަންޒަރު ފެނެއެވެ. މީގެތެރޭގައި އާއިލާއާއި ޕާޓީތަކުގެ ނުފޫޒުގަދަ މެންބަރުންގެ ފަރާތުންވެސް މިމަންޒަރު ފެނިފައިވެއެވެ. ވޯޓާއި ދިމާކޮށް ބޮޑެތި އަދަދުތަކުން ރުފިޔާ ބަހަމުންދާ ވާހަކައަކީ އެންމެން ދަންނަ 'ސިއްރަކަށް' ވަނީ ވެފައެވެ. އަދި ބޭނުންޖެހިފައިވާ މީހުންނަށް އެމީހުންގެ ވޯޓު ދިނުމަށް ޝަރުތުކޮށް ބުނާހާ ކަންތައްތަކެއް ކޮށްދޭ މަންޒަރުވެސް ފެނިފައިވެއެވެ.

ވޯޓަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްޤެކެވެ. އެއީ ގަނެވިއްކާ މުދަލެއް ނޫނެވެ. ވޯޓު ލާންވީ އެމީހަކަށް ފެންނަ އެންމެ ރަނގަޅު ކެންޑިޑޭޓަކަށެވެ. ބަޔަކު ބުނީތީ ބުނި މީހަކަށް ވޯޓުދިނުމުގެ ބަދަލުގައި އަމިއްލައަށް ހޯދާ ބެލުމަށްފަހު އިޚްލާސްތެރިކަމާއެކު ފަރުދީ ޒިންމާ އަދާކުރުން ރަނގަޅުވާނެއެވެ.

އިންތިޚާބުގެ ވާދަވެރިކަން ވަރަށް ބޮޑުވެފައިވާއިރު ތަފާތު ފިކުރުތަކަށް އިހްތިރާމްކުރަން ޖެހެއެވެ. ވޯޓު ދޭނީ ކާކަށްކަން ކޮންމެހެން އެހެންމީހުންނަށް އަންގާކަށް ނުޖެހެއެވެ. މަސްލަހަތަށްޓަކައި ބުނަންނުޖެހޭ ވާހަކަތައްވެސް ހުންނާނެއެވެ.

ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ވީހާވެސް ގިނަބަޔަކު ނުކުމެ އެމީހަކަށް ފެންނަ އެންމެ ރަނގަޅުގޮތަކަށް ވޯޓުދޭން އިސްކަންދިނުން ވަރަށް މުހިންމެވެ. ވޯޓަކީ ފަރުދީ ޒިންމާއެއްކަން ހަނދާންކޮށް މުސްތަގުބަލަށް ވިސްނައި ޤާނޫނުއަސާސީއިން ލިބިފައިވާ ހައްޤުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ ވޯޓުދޭށެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް