ގއ. ވިލިނގިލި، އެލީން އަމީނުﷲ އަކީ އެންމެ 4 މަހުގެ އަންހެން ކުއްޖެކެވެ. އެލީންގެ މަންމަ ޠާލިޙާ ނަސީރު ވަނީ ވަރަށް ތަފްސީލުކޮށް 'ޒީޓައިމްސް' އަށް އެލީންގެ ބަލިހާލަތު ކިޔައިދީފައެވެ.
2024 ވަނަ އަހަރު ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު އުފަންވި އެލީން އަކީ ޠާލިޙާގެ ދެމަފިރިންގެ 3 ވަނަ ދަރިފުޅެވެ. ޒުވާން ދެމަފިރިންގެ އުންމީދުތަކާއި ގުޅިފައިވާ މި ލޯބިލޯބި ދަރިފުޅު ތައްޔާރުވަމުން އެދަނީ ހިތުގެ ބޮޑު އޮޕަރޭޝަނަކަށެވެ.

" ބަނޑުގައި އޮތްއިރުވެސް ހެދި ސްކޭންތަކުން ފާހަގައެއް ނުކުރެވޭ ހިތުގެ މައްސަލައެއް އުޅޭކަން. ވިހައިގެން އަންނާނެތާ ތަފާތު ޑޮކްޓަރުން. އެތަނުން އެއް ޑޮކްޓަރަށް ފާހަގަކުރެވިގެން އީސީޖީ ހެދީ. އީސީޖީ ހެދުމަށްފަހު ގެނައިމަ ނަރުސް ކައިރީގައި އެހިން ކިހިނެއްހޭ އީސީޖީ. ރަނގަޅޭ ބުނީމަ ދެން ރަނގަޅުކަމަށް ބެލީ. އެއަށްފަހު އައިޖީއެމްއެޗްއިން ބޭބީ ގެއަށް ދޫކޮށްލިފަހުން ބޭބީގެ މާމަ އަޅުގަނޑުގެ މަންމަ އަށް ފާހަގަވީ ބޭބީގެ ހިތް މާއަވަހަށް ތެޅޭކަން. ވަރަށް ފުންކޮށޭ ނޭވާލަނީ މަންމަ ބުނީ. އެހާހިސާބުން ޑިސްޗާޖް ސަމަރީ ބަލާލިއިރު ލެފްޓް ފޯމް ނުވާކަމަށް ލިޔެފައިވޭ. އައިޖީއެމްއެޗްއިން ޑިސްޗާޖް ކުރިއިރު އިން އެކޯ ހެއްދުމަށް ރިކުއެސްޓް ކޮށްފަ".
އެއިރު ދެއްކި ކުޑަކުދިންގެ ޑޮކްޓަރާއި ހަވާލާދީ އެލީންގެ މަންމަ ބުނީ ފުރަތަމަ މިއީ އެހާބޮޑު ކަމެއްކަމަށް ޑޮކްޓަރުވެސް ހީނުކުރާކަމަށެވެ. ސަބަބަކީ ބޭބީގެ ބޭރުފުށުން މާބޮޑަށް ފާހަގަވާން ނެތުމެވެ.
" ހިތުގެ ވަރަށް ބޮޑު މައްސަލައެއް ހުރިނަމަ ނާރުތައް ނޫފައިގަނެފަ ހުންނާނޭ ޑޮކްޓަރު ބުނީ. އެކަމަކު އެކޯ ހެއްދި ހިސާބުން އެނގުނީ ބޭބީގެ ހާލަތު. ވޭލް ނެތް. އެހެންވެ ކޮންމެ ޗެމްބަރ އެއްގެ ދެމެދުގައި ލޯވަޅެއް ހުންނާނެތާ. ވޭލް ނެތީމަ ހިތުގެ ދެފަޅިއަށް ލޭ އެޅޭނެތާ. ލީކުވުން ކޮންޓްރޯލް ކުރަން ބޭހެއް ދީފަ އެބަހުރި".
އެލީންގެ ހިތުގެ އޮޕަރޭޝަން ނުކުރެވި ލަސްވަނީ ބަރުދަނުގައި ފަސްކިލޯ ހަމަނުވާތީ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
" އަޅުގަނޑުމެން ޑޮކްޓަރާއި ތަފާތު ފަހަރުމަތިން ވާހަކަދެއްކިން. މިހާބޮޑު ކަމެއް ބޭބީގެ ހުރިއިރު އޮޕަރޭޝަން ނުކޮށް ލަސްވާތީ. އެކަމަކު ޑޮކްޓަރު ވިދާޅުވަނީ 5 ކިލޯ ބަރުދަނުގައި ހަމަނުވަނީސް މިހާބޮޑު އޮޕަރޭޝަނެއް ނުކުރެވޭނެކަމަށް. އެއީ އެވަރަށް ބަރުދަން ނެތި އޮޕަރޭޝަން ކުރަންވެއްޖިއްޔާ ފުރާނައަށް ނުރައްކާވުމުގެ ބިރު އޮތުމުން. މިއީ 8 ގަޑިއިރުގެ އޮޕަރޭޝަނެއް. ޑޮކްޓަރު އޯކޭ ދިނީމަ ފުރަން މިއުޅެނީ އިންޑިއާއަށް".
އެލީންގެ އޮޕަރޭޝަން ކުރުމަށް އިންޑިއާ އަށް ދިއުމަށް އާއިލާއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގައެވެ. އާސަންދައިގެ ދަށުން ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ހަމަޖެހުނީ އަމްރިތާ ހޮސްޕިޓަލުން ފަރުވާ ކުރުމަށްކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
" ދަރިފުޅުގެ އޮޕަރޭޝަން ކުރާ ޑޮކްޓަރު މިވަގުތު ބަލަނީ އެސްޓަރ މެޑިސިޓީގައި. އެކޯ ހައްދަން ދާއިރު ވަރަށް ގިނަ ބެލެނިވެރިންނާއި ދިމާވެ މައުލޫމާތު ސާފުކުރިން. އެންމެންވެސް ބުނަނީ އެއް ޑޮކްޓަރެއް. އެއީ ޑރ. ސުނިލް. ނަންބަރު ހޯދައިގެން އެ ޑޮކްޓަރަށް ރިޕޯޓްތައް ފޮނުވައިގެން މަޝްވަރާކޮށްފިން".
އެލީންގެ މަންމަ ޠާލިޙާ މައުލޫމާތު ދިންގޮތުގައި ދަރިފުޅުގެ ކިޑްނީގައި ވެސް މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަވެފައެވެ. މިގޮތުން ބަނޑުގައި އޮތްއިރު 7 މަހުން ހެދި ސްކޭނުން ވައަތް ފަރާތުގެ ކިޑްނީ ދުޅަވެފައި ހުރިކަން ފާހަގަކުރެވުނެވެ.
" ޑޮކްޓަރުން ބުނަނީ އެއިރު ބޭބީ ޔޫރިން ޕާސް ނުކުރާތީކަމަށް. ވިހައިގެން ބަލާނެކަމަށް. ވިހެއުމަށްފަހު ހެދި ސްކޭނުންވެސް ދައްކަނީ ވައަތްފަރާތުގެ ކިޑްނީ ދުޅަވަމުން އަންނަކަން. ޑޮކްޓަރު ބުނީ 1 އަހަރު ވީމަކަމަށް ކިޑްނީއަށް ފަރުވާ ކުރެވޭނީ. މާލެއިން ނޭނގޭ ކޮންކަހަލަ ފްލުއިޑެއްކަމެއް ކިޑްނީގައި އެހެރީ. އަދި އޭގެ ސަބަބުން ކުރާނެ އަސަރެއްވެސް ބުނެދޭކަށް".
އޮޕަރޭޝަން ކުރުމަށް ޚާއްސަ ޑޮކްޓަރު ޗުއްޓީގައި ހުރުމުން އެލީންގެ އާއިލާއިން އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވަނީ އެ ޑޮކްޓަރު ޗުއްޓީ ނިންމާފައި ޑިއުޓީއަށް ނުކުތުމުންނެވެ. ޖޫން 2 ވަނަ ދުވަހު އިންޑިއާގެ ކޮޗިންގައި ހުންނަ އެސްޓަރ މެޑިސިޓީގައި އެލީން އެޑްމިޓް ކުރުމަށް ހަމަޖެހިފައިވާއިރު ހިތުގެ އޮޕަރޭޝަން އެލީންގެ އުމުރުން 6 މަސް ދުވަސް ފުރުމުގެ ކުރިން ކުރަންޖެހެއެވެ.
" އާސަންދައިން ބުނީ އެސްޓަރ މެޑިސިޓީއިން އޮޕަރޭޝަން ކުރާނަމަ ހަމައެކަނި އޮޕަރޭޝަންގެ ޚަރަދު ހަމަޖައްސައިދޭނެކަމަށް. ދެންހުރި ޚަރަދުތައް އަޅުގަނޑުމެން އަމިއްލައަށް ކުރަންޖެހެނީ. އަޅުގަނޑުމެން އަމިއްލައަށް ދައްކަން ޖެހެނީ 6000 ޑޮލަރާއި 8000 ޑޮލަރާއި ދެމެދުގެ މިންވަރެއް. އިންޑިއާގައި ފަރުވާއަށް ހޭދަވާނެ މުއްދަތެއްވެސް ނޭނގޭ. އަދި ކިޑްނީގެ މައްސަލައަށްވެސް ފަރުވާ ކުރަންޖެހޭ. ބޭބީގެ ފައިގައި ބާރެއް ނުހުރޭ.". ޠާލިޙާ ކިޔައިދިނެވެ.
އެލީންއަށް ނޭވާލުމުގައި އުނދަގޫތަކެއް ހުރިކަން ބޭރުފުށުން ފެންނަންވެސް އެބަހުއްޓެވެ. ނޭވާލާއިރު ގަދަކަމުން ނޭވާލާކަހަލަ އިހުސާސެއް ކުރެވެއެވެ. އާއިލާއިން ވަނީ އެލީންގެ ބޭސްފަރުވާ ފުރިހަމަކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
އެލީންގެ ބަލިހާލަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 7968989
އެހީތެރިވުމަށް އެލީންގެ މަންމަ ޠާލިޙާ ނަސީރުގެ ދިވެހި އެކައުންޓް ނަންބަރު: 7730000030895
ޑޮލަރު އެކައުންޓް ނަންބަރު ޠާލިޙާ ނަސީރު 7730000204912
ޒީޓައިމްސް އިން އެދެނީ އެލީންގެ އޮޕަރޭޝަން ކާމިޔާބުވެ އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެވެ.
ނޯޓް: މިއީ ޒީޓައިމްސްއިން ގެނެސްދޭ މިފަދަ އެހީގެ 49 ވަނަ ރިޕޯޓެވެ. އިންސާނިއްޔަތަށްޓަކައި ކުރާ މިމަސައްކަތުގައި ކިޔުންތެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. މިގޮތަށް ލިބޭ އެހީ ޖަމާވަނީ ބަލިމީހާގެ އެކައުންޓަށެވެ. ޝުކުރިއްޔާ!